މުލަކު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްވެ، ދަނޑު ބޭނުން ނުކުރެވޭތީ ޒުވާނުންނާއި ކައުންސިލުގެ ކަންބޮޑުވުން!
9 އޯގަސްޓު 2026 | އާދީއްތަ 07:03މ. މުލަކު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓި، ޒުވާނުންނަށް ދަނޑު ބޭނުންނުކުރެވޭތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ކައުންސިލުން ތުހުމަތުކުރާ ގޮތުގައި މި މަޝްރޫއު ދިގުލައިގެން ދަނީ ކުންފުނިތަކުގެ މާލީ ގާބިލުކަމަށް ނުބަލައި ސަރުކާރުން މަސައްކަތްތައް ހަވާލުކުރުމުގެ ސަބަބުން. އެހެންކަމުން، ރަށުގެ ކުޅިވަރުގެ ކުރިމަގަށްޓަކައި މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައި

މުލަކު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްވެ، ދަނޑު ބޭނުން ނުކުރެވޭތީ ޒުވާނުންނާއި ކައުންސިލުގެ ކަންބޮޑުވުން! | ރާއްޖެ އެމްވީ
މ. މުލަކު ފުޓުބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ އިތުރުން ލައިޓިންގ ގާއިމުކުރުމުގެ މަސައްކަތް އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާތީ، އެ ރަށު ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މަޝްރޫއަކީ މިހާރު ހިނގަމުންދާ ސަރުކާރުން ފަށާފައިވާ މަޝްރޫއެއް ނަމަވެސް، މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ރަށުގެ ޒުވާނުން ވަނީ ދަނޑު ބޭނުންކުރުމުން މަހުރޫމްވެފަ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން މުލަކު ކައުންސިލުން "ރާއްޖެޓީވީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފުޓުބޯޅަ ދަނޑުގެ މަސައްކަތްތައް ރަސްމީކޮށް އިފްތިތާޙު ކުރީ 2025 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، މަސައްކަތް ފެށި ފަހުން އެދެވޭ ކުރިއެރުމެއް ނުލިބި، މަޝްރޫއު ދިގުލައިގެން ދިއުމަކީ ރަށުގެ ކުޅިވަރުގެ ކުރިމަގަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، މުލަކަކީ ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން ދިރިއުޅޭ ރަށެކެވެ. ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ ކޮންމެ ދުވަހަކީ އެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ދަނޑު ބޭނުން ނުކުރެވޭތީ ޒުވާނުންގެ މެދުގައި ޝަކުވާތަކާއި ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.
މަޝްރޫއުތައް ހުއްޓެން މެދުވެރިވާ ސަބަބުތަކަށް އަލިއަޅުވާލަމުން ކައުންސިލުން ބުނީ، ސަރުކާރުން މަސައްކަތްތައް ހަވާލުކުރާއިރު ބަލަންޖެހޭ މުހިންމު ކަންކަމަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދޭ ކަމަށެވެ.
ވަކިން ހާއްސަކޮށް، މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކުގެ މާލީ ގާބިލުކަމާއި ހާލަތު ރަނގަޅަށް ވަޒަން ނުކޮށް މަޝްރޫއުތައް ހަވާލުކުރުމަކީ، ގިނަ މަސައްކަތްތަކެއް މެދުކެނޑި، ހުއްޓެން މެދުވެރިވާ މައިގަނޑު ސަބަބު ކަމަށް ކައުންސިލުން ތުހުމަތު ކުރެއެވެ.
މުލަކު ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަސްކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މާހައުލެއް ވީހާވެސް އަވަހަކަށް ގާއިމުކޮށްދިނުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.











