ކެނެޑާ އާއި ދިވެހިރާއްޖެއާ ދެމެދު ކޯ-ޝެއަރ އުސޫލުން ދަތުރުތައް ކުރުމަށް ވެސްޓްޖެޓަށް ދީފައިވާ ލައިސަންސްގެ މުއްދަތު ދެ އަހަރަށް އިތުރުކޮށްދީފި
ކެނެޑާގެ ވެސްޓްޖެޓުން ރާއްޖެއަށް ކުރާ ކޯ-ޝެއާ ދަތުރުތަކުގެ ހުއްދަ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކެނެޑިއަން ޓްރާންސްޕޯޓޭޝަން އެޖެންސީން އިތުރުކޮށްދީފިއެވެ. މި ހުއްދައިގެ ދަށުން ވާޖިން އެޓްލާންޓިކާ ގުޅިގެން ލަންޑަން މެދުވެރިކޮށް ކެނެޑާ އާއި ރާއްޖެއާ ދެމެދު އެއް ޓިކެޓެއްގައި ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ލިބިގެންދާނެއެވެ.

ޓޮރޮންޓޯ ޕިއަރސަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސްޓްޖެޓްގެ 737 މަރުކާގެ ބޯޓެއް ފުރައިގެން ދަނީ | ގެޓީ އިމޭޖަސް
ކެނެޑާ އާއި ދިވެހިރާއްޖެއާ ދެމެދު ކޯ-ޝެއަރ އުސޫލުން ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް ވެސްޓްޖެޓަށް ދީފައިވާ ލައިސަންސްގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކޮށްދީފި އެވެ.
ކެނެޑިއަން ޓްރާންސްޕޯޓޭޝަން އެޖެންސީ (ސީ.ޓީ.އޭ) އިން ޖުލައި މަހުގެ 17 ވަނަ ދުވަހު ނެރުނު ނިންމުމުގައިވާ ގޮތުން، ވެސްޓްޖެޓަށް ދީފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު 2027 ވަނަ އަހަރުގެ ޖޫން މަހުގެ 30 ގެ ނިޔަލަށް ކުރިން އޮތް އޮތުން ބަދަލުކޮށް، 2029 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެ އެއާލައިނުން ހުށަހެޅި ހުށަހެޅުން މިހާރު ވަނީ ފާސްކޮށްފަ އެވެ.
މި ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކެނެޑާ އާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާތީ، މި ލައިސަންސަކީ "އެކްސްޓްރާބައިލެޓަރަލް" ނުވަތަ ދެ ގައުމުގެ ދެމެދުގައިވާ ރަސްމީ އެއްބަސްވުމުން ބޭރުން ދޫކޮށްފައިވާ ހުއްދައެކެވެ.
މި ހުއްދައިގެ ދަށުން މަސައްކަތްކުރާނެ ވަކި ކޯ-ޝެއަރ ބައިވެރިއެއްގެ ނަން ސީ.ޓީ.އޭ އިން ހާމަކޮށްފައި ނުވި ނަމަވެސް، ވެސްޓްޖެޓުން މިހާރުވެސް އަންނަނީ ވާޖިން އެޓްލާންޓިކް އެއާލައިނާއެކު ކޯ-ޝެއަރ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ. މިގޮތުން ލަންޑަންގެ ހީތުރޯ އެއާޕޯޓުން މާލެއަށް ވާޖިން އެޓްލާންޓިކުން ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ވެސްޓްޖެޓްގެ ފްލައިޓް ކޯޑެވެ.
މީގެ މާނައަކީ ވެސްޓްޖެޓުން އަމިއްލައަށް ރާއްޖެއަށް ދަތުރުތައް ނުކުރި ނަމަވެސް، އެ އެއާލައިންގެ ކޯޑު ހިމެނޭ އެއް ޓިކެޓެއްގައި ފަސިންޖަރުންނަށް މުޅި ދަތުރު ބުކް ކުރެވޭނެ އެވެ. މިގޮތުން ދަތުރުވެރިންނަށް ޓޮރޮންޓޯގެ ޕިއަރސަން އިންޓަރނޭޝަނަލް އެއާޕޯޓުން (YYZ) ލަންޑަންގެ ހީތުރޯއަށް (LHR) ވެސްޓްޖެޓްގައި ދިއުމަށްފަހު، އެތަނުން ވާޖިން އެޓްލާންޓިކް މެދުވެރިކޮށް މާލެއަށް ދަތުރުކުރެވޭނެ އިންތިޒާމު މި އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދާނެ އެވެ.
ސީ.ޓީ.އޭ އިން ބުނި ގޮތުގައި ވެސްޓްޖެޓަކީ ކެނެޑާގެ ސައްހަ އޭވިއޭޝަން ލިޔެކިޔުންތަކާއި، ކަނޑައެޅިފައިވާ އުސޫލުން އިންޝުއަރެންސް ކަވަރޭޖް ފުރިހަމަވެފައިވާ ކުންފުންޏަކަށް ވާތީ، ލައިސަންސް ދޫކުރުމަށް ބޭނުންވާ ހުރިހާ ޝަރުތުތަކެއް އެ އެއާލައިނުން ވަނީ ފުރިހަަމަ ކޮށްފަ އެވެ.








