މެޑަލް ޖައްސަވަން ވިކްޓިމްގެ ޒާތީ މައުލޫމާތު ވަޒީރަށް ހާމަކުރެއްވޭތޯ؟
އެމްއެންޔޫގެ ދަނާލުގައި ދަރިވަރަކު އަމިއްލައަށް މަރުވި ހާދިސާއާ ގުޅިގެން، އެ ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓާ ދެއްކި ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ. މިނިސްޓަރު މި މައުލޫމާތުތައް ހާމަކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ.


ދާޚިލީ ވަޒީރު އަލީ އިޙްސާން | ރައީސް އޮފީސް
މީހުން ބުނާތީ އަޑު އަހަމެވެ. ލޯބި ވިޔަސް ވާން ވާނީ ހިތަށް ކުޅަދާނަ މިންވަރަކުންނޭ އެވެ. އަދާވަތްތެރި ވިޔަސް ވާން ވާނީ ހިތަށް ކުޅަދާނަ މިންވަރަކުންނޭ އެވެ. ބުނަން ބޭނުމީ މެޑަލް ޖެހިޔަސް، އެކަން ވެސް ކުރަންވާނީ ހިތަށް ކުޅަދާނަ މިންވަރަކުންނެވެ. މެޑަލް ޖައްސަވަން ވެސް ކުރަން ހެޔޮވާ ޒާތުގެ ކަންކަމާއި އެ ނޫން ޒާތުގެ ކަންކަން ހުންނާނެ އެވެ.
މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރުކަމަށް ވާހަކަ ދެކެވޭ ހޯމް މިނިސްޓަރު އަލީ އިހުސާންގެ މިސާލު މިކަމުގައި ނަގަން މި ޖެހުނީ ވަޒީރުގެ ކޮޅު، ކުރިއަރުވޒއި މެޑަލް ޖައްސަވަން ވީމަ މި މަނިކުފާނު އަމަލުކުރައްވާ އުސޫލު ފެނުމުންނެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެކޮމޮޑޭޝަން ބްލޮކް މަޖްދުއްދީން ދަނާލުގައި ދިރިއުޅެމުންދިޔަ ދަރިވަރަކު އަމިއްލައަށް މަރުވުމުގެ ހާދިސާ ވެގެން ދިޔައީ މީޑިއާގެ އިތުރުން އާއްމުން ސިއްސުވާލި ކަމަކަށެވެ. އެ ކުއްލި ސިހުމުން އަރައި ނުގަނެވެނީސް މި ފެނުނީ ކުއްޖާ މަރުވުމުގެ ކުރިން ފުލުހުންގެ ވިކްޓިމް ސަޕޯޓު ޔުނިޓާ ދެއްކި ވާހަކަތައް އެއްވެސް އިމެއް ނެތި ވަޒީރު ހާމަކުރެއްވި މަންޒަރެވެ.
ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ހަތް ފަހަރު އެ ކުއްޖާ، ފުލުހުންގެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ވާހަކަ އާއި ފުލުހުން އޭނާ އަށް މެސެޖު ކުރި ގޮތުގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ.
އިހުސާން ވަނީ ކުއްޖާ މަރުވި މަންޒަރު ފެނުނީ ފުލުހުން ދަނާލަށް ގޮސް ބެލި ބެލުމުން ކަން ހާމަކުރުމުގެ އިތުރުން ކުއްޖާގެ ނަފްސާނީ ހާލަތާއި ގުޅުން ހުރި ނާޒުކު މައުލޫމާތުތައް މީޑިއާ އަށް ބަންޑުންކޮށްލައްވާފަ އެވެ. ނުވިތާކަށް އެ ހާދިސާ ހިނގައި ދިޔަ ސީންގެ ތަފްސީލްތައް ވެސް ވަޒީރު ވަނީ ހާމަކަން ބޮޑުކޮށް ކިޔައިދެއްވާފަ އެވެ.
ދެން ބުނަންވީ މިއީ ހާމަކަން ބޮޑުކަމުގެ މިސާލެއް ކަމަށްތޯ އެވެ. މިއީ އެހެން ކުށަކާއި އެއް ފަދަ ކުރެވޭނެ ކަމެއް ނޫނެވެ. މި ދައްކަނީ ވިކްޓިމް ސަޕޯޓާއި ދަރިވަރަކު އިތުބާރު ހިފޭ ފަދަ މާހައުލެއްގައި ދެއްކި ސިއްރު ވާހަކަތަކެއްގެ ވާހަކަ އެވެ. މިނިސްޓަރަކު މި މައުލޫމާތު ގޮވާ ނެގުމަކީ އަންޕްރޮފެޝަނަލް ކަމެކޭ ބުނެފައި ނިންމާލެވޭކަށް ނެތެވެ.
ދަރިވަރު ވިކްޓިމް ސަޕޯޓާއި ދެއްކި ވާހަކަ އާއި ދަރިވަރު އޭނާގެ އާއިލާ އާއި ދެއްކި ވާހަކަ މީޑިއާ އަށް ހާމަކުރުމަކީ އެއީ ވަޒީރަށް ކޮން ހައިސިއްޔަތަކުން ކުރެވޭ ކަމެއްތޯއެވެ؟ މިހާރު ވެސް ކުށްކުށުގެ ޝިކާރައަކަށް ވާ މީހުންނާއި ނަފްސާނީ ހާލަތު ގޯސްވާ މީހުންނަށް އެންމެ އުނދަނގޫ ކަމަކީ އެހީ އަށް އެދުމެވެ. އެހީ އަށް އެދުމުން އެ މައުލޫމާތު ހާމަ ވުމަކީ މިފަދަ ކަންކަން ތަހައްމަލް ކުރާ މީހާގެ އެންމެ ބޮޑު ބިރު ތެދަކަށް ވާން ދޫކޮށްލުމެވެ.
މިއީ މަރުވި ދަރިވަރުގެ އާއިލާ އާއި ހެޔޮ އެދޭ މީހުންނަށް ކުރި މަލާމާތެއް ނޫންތޯ އެވެ؟ އަދި އަމިއްލަ އަށް މަރުވުމާއި ގުޅުން ހުރި މިފަދަ ވާހަކަތަކެއް ލައިވް ޓީވީގައި ދެއްކުމަކީ ނަފްސާނީ ގޮތުން ނާޒުކުރު ފައްތަރެއްގައި ތިބި މީހުންނަށް ކިހާ ވަރެއްގެ ޓްރިގަރ އަކަށް ވާނެކަން ވަޒީރަށް ވިސްނާ ނުލެވުމަކީ ވަރަށް ލަދުވެތި އަދި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ސިފަ އެކެވެ.
އެކަމަކު މިއީ ވަޒީރު އިހުސާންގެ ފަރާތުން މިފަދަ އަމަލެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި ވެސް ވަޒީރު އަމަލު ކުރެއްވީ ވިކްޓިމް އިތުރަށް ނުރައްކަލަށް ހުށަހެޅޭ ގޮތަށެވެ.
މީގެ އިތުރުން ޖަލުގައި މަރުވާ މީހުންނާއި ގުޅުން ހުރި މައްސަލަތަކުގައި ވެސް މި ފަދަ މޭރުމަކުން ވަޒީރުގެ އަމަލާއި ވާހަކަތައް ބައްޓަން ކުރެއްވި މަންޒަރު އަޅުގަނޑުމެން ދެކެފީމެވެ. ކޮންމެ ފަހަރަކު މި ފެންނަނީ އެއް ޕެޓާންއެކެވެ. ވަޒީރަށް ހުޝާމަދު ކުރައްވަ ބޭފުޅުން ވިދާޅުވަނީ ވަޒީރަކީ ހައްސާސްކަންކަމުގައި ޕްރޮޓޮކޯލް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަަމަށެވެ. އެހެންކަމަށް ވާނަމަ ވިކްޓިމް އިތުރަށް ވިކްޓިމައިޒް ވާ ގޮތަށް، ނުވަތަ ވިކްޓިމްގެ އާއިލާ އަށް ތުރާލަކަށް ވާ ގޮތަށް ކަންކަަން ހާމަ ކުރުމަކީ ކޮން ގައުމެއްގެ ކޮން އުސޫލަކުން ބަލާ އިރު ޕްރޮފެޝަނަލް ކަމެއްތޯއެވެ. ވިކްޓިމްގެ ޒާތީ މައުލޫމާތު ހާމަކުރަން ވަޒީރަށް ހުއްދަ އާއި ހައިސިއްޔަތު ދިނީ ކާކުތޯ އެވެ؟
މީޑިއާ އަކުން ވިކްޓިމްގެ ނަން އަންނަ ގޮތަށް ނުވަތަ އޭނާގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވާހަކަ އެއް ދައްކައިފި ނަމަ އެކަން ނިކަން ބޮޑު މައްސަލަ އަކަށް ވެ އެވެ. އެކަމަކު ވަޒީރު ހަމަ އެ މޭރުމުން ކަންކަން ކުރެއްވީމަ ދެންވީ އަތް ޖަހަންތޯ އެވެ؟






