އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ
2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އެކުލަވާލި ރިޕޯޓުގައި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތްކަން ވަނީ ފާހަގަކޮށްފައެވެ. އިންތިޚާބީ އިދާރީ މަސައްކަތްތައް ރަނގަޅަށް ކުރިއަށްދިޔަ ނަމަވެސް، ވަޒީފާގެ ބިރުދެއްކުމާއި މަޝްރޫއުތައް އިއުލާނުކުރުން ފަދަ ކަންކަމަކީ އިންސާފުވެރި އިންތިޚާބަކަށް ހުރި ހުރަސްތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެހެންކަމުން ކެމްޕޭން ފައިނޭންސް ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމަށާއި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަށް އެ ރިޕޯޓުގައި ވަނީ އިލްތިމާސްކޮށްފައެވެ.


ލޯކަލް ކައުންސިލްގެ އިންތިޚާބާާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ތެރެއިން | އިލެކްޝަންސް ކޮމިޝަން
އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިފަދައިން ބުނީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް މޮނިޓަރ ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ޕްރީ-އިލެކްޝަން އެސެސްމަންޓް" ރިޕޯޓުގަ އެވެ. މި އެސެސްމަންޓަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 15 އިން ނޮވެމްބަރު 31 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ކަމާގުޅޭ ފަރާތްތަކާ އިންޓަވިއުކޮށްގެން އެކުލަވާލާފައިވާ ރިޕޯޓެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންތިޚާބާ ގުޅޭ އިދާރީ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދަނީ ރަނގަޅަށެވެ. އެގޮތުން ޖުމްލަ 149 ރަށެއްގައި އިންތިޚާބީ ދާއިރާތަކުގެ މަސައްކަތް ނިމިފައިވާއިރު، 134 ރަށެއްގެ ގާނޫނީ އަދަދު ކަނޑައަޅައި، 15 ރަށެއްގެ ގާނޫނީ އަދަދު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ. މީގެ އިތުރުން 26 ރަށެއްގެ މެންބަރުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވޭއިރު، 117 ރަށެއްގެ މެންބަރުންގެ އަދަދަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް 25 ރަށެއްގެ މެންބަރުންގެ އަދަދު ވަނީ މަދުވެފަ އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ އިންތިޚާބުގެ އިންސާފުވެރިކަމަށް ހުރި ބައެއް ގޮންޖެހުންތައް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތްކަން ފާހަގަކޮށްފައިވެ އެވެ. ޚާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގެ ބިރުދެއްކުމާއި، އިންތިޚާބާ ދިމާކޮށް މަޝްރޫއުތައް އިއުލާނުކުރުން ފަދަ ކަންކަމަކީ އިންތިޚާބުގެ މިނިވަންކަމަށް ހުރި ހުރަސްތަކެއްގެ ގޮތުގައި ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި އިންތިޚާބީ ރިޝްވަތާއި ވޯޓު ގަތުމުގެ އަމަލުތައް ހިނގާފާނެ ކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފަ އެވެ.
އަންހެނުންގެ ބައިވެރިވުމާ ގުޅޭގޮތުން ރިޕޯޓުގައި ބުނެފައިވަނީ، ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައި އޮތުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް، ސިޔާސީ މައިދާނުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އަދިވެސް ގިނަ ކަމަށެވެ. މީގެ ތެރޭގައި މާލީ ދަތިތަކާއި، އިޖުތިމާއީ ގޮތުން ކުރިމަތިވާ ހުރަސްތަކާއި، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ނިޒާމުތަކުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމުގައި ހުރި ދަތިތައް ހިމެނެ އެވެ. އެހެންކަމުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވާކަން ޓްރާންސްޕޭރަންސީން ފާހަގަކުރެ އެވެ.
އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ބައެއް މުހިންމު އިލްތިމާސްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި އިންތިޚާބީ ޝަކުވާތައް ބެލުމުގެ ނިޒާމު އަވަސްކުރުމާއި، ކެމްޕޭން ފައިނޭންސްގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުން ހިމެނެ އެވެ. އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލްކެޝަންސް ކޮމިޝަނުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފުޅާދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އިރުޝާދު ދީފަ އެވެ.






