ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު މަގާމުގައި ހުންނެވިއިރު ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރެއްވި ތުހުމަތު ހަމީދު ދޮގުކުރައްވައިފި އެވެ.
ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން ނެގި ޚާއްސަ ސަބް ކޮމިޓީގައި މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހަމީދުއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، ފުލުހުންގެ ކޮމިޝަނަރަކަށް ހަމީދު ހުންނެވި ދުވަސްވަރު ސިންގަލް ސޯސްކޮށްގެން ބޮޑީ ކެމެރާ ގަތުމަށް ކުންފުންޏަކަށް 66 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ދީފައިވަނީ ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ މައްސަލައަށް ޝައްކުކުރެވޭ ސަބަބަކީ އެ ތަކެތި ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ ބީލަމަށް ހުޅުވާލުމަށް ފަހު، އެ ބީލަން ބާތިލްކުރުމަށް ފަހު، އެކަމަށް ޝައުގުވެރިވި އެއް ކުންފުންޏަށް ސިންގަލް ސޯސް އުސޫލުން ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތުން ކަމަށެވެ.
މަގާމުން ވަކިވުމަށް ފަހު ހަމީދު އެ ކުންފުނީގެ މަގާމެއް އަދާކުރި ކަމަށާއި އެކަމުގައި ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އޭސީސީން އެކަން އިތުރަށް ބަލާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ މި ތުހުމަތު ތަކަށް ރައްދުދެއްވައި ހަމީދު ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ 2022 ވަނަ އަހަރު ފުލުހުންނަށް އެކްސޯން ކުންފުނިން އުފައްދާ ބޮޑީ ވޯން ކެމެރާއާއި ޓެޒާ ޑިވައިސްތަކެއް ގަނެފައިވަނީ ޒެޓާ ޓެކްނޮލޮޖީސް ކުންފުނިން ކަމަށާއި އެ ޑިވައިސްތަކަކީ، ޒަމާނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް ބޭނުންކުރާ ޑިވައިސްތައް ކަމަށެވެ.
އަދި އެ ޑިވައިސްތައް ގަތްއިރާއި މިހާރު ވެސް، ޒެޓާ ޓެކްނޮލޮޖީސް އަކީ ރާއްޖޭގައި އެކްސޯންގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާ ކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އެ ކުންފުންޏާ އެކު އެއްބަސްވުމަކަށް އައުމަށް ޕްރޮޕޯސަލް ހެދީ، ކަމާ ގުޅުންހުރި އިވެލުއޭޝަންތައް ހެދުމާއި ބީލަމާ ގުޅުންހުރި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.
އަދި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މާލީ ދަތިތަކެއް އޮތް އެ ދުވަސްވަރު، އެ އެއްބަސްވުން ހެދީ ހަތަރު އަހަރުގެ މުއްދަތެއްގައި ފައިސާ ދައްކާ ގޮތަށްކަން ވެސް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އެ ބީލަމުން ނާކާމިޔާބުވި ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހެޅި ކަމަށާއި އެގޮތުން އުސޫލުތަކާ ޚިލާފުވި ކަމަށް ބުނެ ހުށަހެޅި އެ މައްސަލައިގައި ކޮމިޝަނަށް އެފަދަ ކަމެއް ފާހަގަވެފައި ނުވާކަމަށެވެ.
ޒެޓާ ޓެކްނޮލޮޖީސް އިން މަގާމެއް ހުށަހެޅީ މި އަހަރުގެ ކުރީކޮޅު ކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އެ ކުންފުނިން އޭނާ އަށް ވަޒީފާ އެއް ހުށަހެޅީ ނުރޫޒެއްގެ ސަބަބުން ނޫން ކަމަށާއި އެ ހުށަހެޅުން ހުށަހެޅީ އޭނާގެ ތަޖުރިބާއަށް ބަލައިފައި ކަމަށެވެ.
ފުލުހުންގެ މުއައްސަސާގެ ޑިޖިޓަލައިޒޭޝަނަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރައްވަމުން ހަމީދު ވިދާޅުވީ ޒެޓާ ޓެކްނޮލޮޖީސް އިން ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ތަޖުރިބާ ހުރުމުން، ޖެނެރަލް މެނޭޖަރެއްގެ މަގާމު އޭނާއަށް ހުށަހެޅީ ކަމަށެވެ.
ތަންފީޒީ އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރި މީހަކު، ސަރުކާރަށް ޓެކްނޮލޮޖީ ފޯރުކޮށްދޭ ކުންފުންޏަކާ ގުޅުން މަނާކުރާ ގާނޫނެއް ނުވަތަ ގަވައިދެއް ވެސް ނޯންނެ. ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ވެސް، އެފަދަ މީހުން ވަކި މުއްދަތަކަށް ފަހު އަމިއްލަ ކުންފުނިތަކާ ގުޅޭ. އެ މުއްދަތަކީ ހަ މަހާއި ދެ އަހަރާއި ދެމެދުގެ މުއްދަތެއް. އަޅުގަނޑު ރިޓަޔަކުރުމަށް ފަހު އާ ވަޒީފާ އެއް ފެއްޓީ ދޮޅު އަހަރު ފަހުން.
ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު![]()
ހަމީދު ވިދާޅުވީ އެ ތުހުމަތުތައް ކުރަނީ، ފުލުހުންގެ ޚިދުމަތަށް ވުރެ ސިޔާސީ އަދި އަމިއްލަ ބޭނުންތައް އިސްކުރާ ބަޔެއް ކަމަށާއި އެއީ ކޮން ބަޔަކުކަން ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އަދި އޭނާ އަށް ތުހުމަތު ކުރި އެ މައްސަލަ ވީހާވެސް އަވަހަށް ބަލައި، ހަގީގަތް ހާމަކޮށްދިނުމަށް ހަމީދު އެދިވަޑައިގެންފައިވެ އެވެ.
Allegations that I favoured a supplier during my tenure as Commissioner are unfounded. The process was transparent, lawful, and cleared by the ACC. I welcome a full and thorough investigation.
— Mohamed Hameed (@M_Hameedh) October 16, 2025
Here is my statement:https://t.co/LKydNfJfua
ހަމީދުގެ އިތުރުން ނާޒިމް ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުގެ ބޮލުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަޅުވައި ކޮމިޓީގައި ވާހަކަދައްކަވާފައި އެވެ.
އެގޮތުން ދާއޫދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ނާޒިމް ވިދާޅުވީ ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓްތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ، ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
ދާއޫދޫގެ ގާނޫނީ ވަކީލުން ވަނީ ނާޒިމުގެ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.