ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް އައި ފަހުން، ތިނަދޫގައި ކުރެވިފައި އޮތް ކަމެއް ވިއްޔާ އެއީ އެ ސިޓީގެ ކައުންސިލުން ކޮށްފައިވާ ކަމެއް ކަމަށް، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ކަމަށް ވީ ނަމަވެސް، އެ ސަރުކާރަކުން މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި، ކައުންސިލް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށް، ސަރުކާރަށް ރަނގަޅު ގޮތް ގޮތް ހޯދުމަށް ކަމަށެވެ.
އެހެން ނަމަވެސް، މިހާރުގެ ސަރުކާރުގައި ފޮރުވިފައިވާ އެޖެންޑާއެއް އޮންނަ ކަމަށް ސައުދު ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވައި ސައުދު ވިދާޅުވީ އެ އެޖެންޑާ އަކީ ކަމެއް ނުކުރިޔަސް ސަނާ ކިޔަން ތިބޭ ބަޔަކު ސަރުކާރުން ބޭނުންވުން ކަމަށެވެ.
ސައުދު ވިދާޅުވީ އޭނާ އަކީ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެމްބަރަކަށް ވީ ނަމަވެސް، އެ ސަރުކާރުން ވެސް ތިނަދޫގެ ރައްޔިތުންނަށްޓަަކައި ކަމެއް ނުކުރާ ނަމަ، އެ ވާހަކަ ވެސް ބުނާނެ ކަމަށެވެ. އަދި އެކަން ތިނަދޫގެ ރައްޔިތުން ވެސް ޤަބޫލު ކުރާނެ ކަމުގައި ސައުދު ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް، ސައުދު ވިދާޅުވީ މިހާރުގެ ރައީސް ޑޮކްޓަރު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މެޖޯރިޓީ ހޯދުމަށެވެ. އެހެން ނަަމެވސް މި ސަރުކާރު އައި ފަހުން މިހާތަނަށް ތިނަދޫ ގައި ކޮށްފައި އޮންނާނީ، އެ ސިޓީގެ ކައުންސިލް އިން ކޮށްފައި އޮތް ކަމެއް ކަމަށް ސައުދު ވިދާޅުވެފައިވެ އެވެ.
ސައުދު ވިދާޅުވީ ތިނަދޫގައި ހުންނާނީ ކައުންސިލްގެ މާލިއްޔަތާއި، ކައުންސިލްގެ ހީވާގި މުވައްޒަފުންގެ މަސައްކަތުން ކޮށްފައި ހުރި ކަމެއް ކަމަށެވެ. އެކަމަށް ވެސް ތިނަދޫގެ އެންމެހާ ރައްޔިތުން ހެކި ވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
ހިޑަން އެޖެންޑާއެއް އެބަވޭ ސަރުކާރުގައި. އެ އެޖެންޑާ އަކީ ކަމެއް ނުކުރިޔަސް ސަނާ ކިޔައި، ތިބޭނެ ބަޔަކު އެ ބޭފުޅުން ބޭނުންފުޅު ވާނީ، މަޤާމު ތަކުގައި ތިބެގެން. އަޅުގަނޑަކީ އެމްޑީޕީ އަށް ނިސްބަތްވާ ފަރާތެއް، އެހެނަސް އަޅުގަނޑުމެންގެ ސަރުކާރުން ވެސް ތިނަދޫގެ ރައްޔިތުންނަށްޓަކައި ކަމެއް ނުކުރާ ނަަމަ، ބަސް ބުނާނަން. އެކަން ތިނަދޫ ރައްޔިތުން ޤަބޫލު ކުރާނެ. އެހެނަސް، އަދުގެ ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، ތިނަދޫ އަށް މިހާތަނަށް ކުރި ކަމެއް ވެސް ކޮށްފައި މި އޮތީ، މި ސަރުކާރު އައި ފަހުން ވެސް ކޮށްފައި މި އޮތީ ކައުންސިލް އިން ކުރި ކަމެއް. ތިނަދޫގެ އެންމެހާ ރައްޔިތުން ހެކިވާނެ އެ ކަމަށް. ކައުންސިލްގެ އެންމެހާ ހީވަގި މުވައްޒަފުންނާއި، ކައުންސިލްގެ މާލިއްޔާތުގައި ހުރި ބާރުވެރިކަމުން ކޮށްފައި ހުރި ކަމެއް، ތިނަދޫގައި ކުރެވެމުން މި ދަނީ. އެހެންވީމާ ކަމެއް ނުކުރި ކަމުގައި ވީ ނަމަވެސް، ބަހެއް ނުބުނެ ސަރުކާރަށް އާދެ ލައްބަ ވިދާޅުވެގެން އަތް ޖަހަން ތިބޭނެ ބަޔަކު ސަރުކާރަށް ބޭނުންވޭ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ![]()
މީގެ އިތުރުން ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މަންދޫބުން އިންތިޚާބު ކުރަނީ ސަރުކާރަށް ނޫން ކަމަށެވެ. ރައްޔިތުން އިންތިޚާބު ކުރަނީ ރައްޔިތުންނަށް ޓަަކައި ބަސް ބުނާނެ މަންދޫބުންކަން ފާހަގަ ކުރައްވައި ސައުދު ވިދާޅުވީ، އޭނާ އަކީ ވެސް ރައްޔިތުންނަށްޓަކައި އިންތިޚާބު ކޮށްފައި ހުރި މީހެއް ކަމަށެވެ.
އެކަން ފާހަގަ ކުރައްވައި ސައުދު ވިދާޅުވީ އޭނާ އަށް ވަކި ސަރުކާރެއް ނޯންނާނެ ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް ތިނަދޫ އަށް ކުރަން ޖެހޭ ކަމެއް ނުކޮށްފި ނަމަ، އެންމެ ފުރަތަމަ ތެދުވާނީ އޭނާ ކަމަށެވެ.
ތިނަދޫގެ މިވަގުތު ސިޔާސީ މަސްރަހާއި، އެ ރަށުގެ ރޫހު އޮތް ގޮތަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ތިނަދޫ އިން ސަރުކާރަށް އެންމެ ގޮނޑިއެއް ވެސް ނުލިބޭނެ ކަމަށެވެ. ސަބަަބެއްގެ ގޮތުގައި ސައުދު ވިދާޅުވީ، ތިނަދޫ އިން ސަރުކާރަށް ގޮނޑި ދޭން ޖެހެނީ، ސަރުކާރުން ކޮން ކަމެއް ތިނަދޫ އަށް ކޮށްދީގެންތޯ އެވެ.
ތިނަދޫ ކައުންސިލްގައި މިވަގުތު އެމްޑީޕީގެ މެޖޯރިޓީ އޮތްއިރު، ސައުދު ވިދާޅުވީ ތިނަދޫގައި ކުރަމުން އަންނަ މަސައްކަތަކީ ވަކި ސަރުކާރަކަށް ބަރޯސާ ވެގެން ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށެވެ. ސައުދު ވިދާޅުވީ ކައުންސިލް އިން ކަންކަން ކުރަމުން އަންނަނީ ކައުންސިލްގެ ބާރުވެރި ކަމުން ކަމަށެވެ.
ދާދި ފަހުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސައުދު ސަސްޕެންޑު ވެސް ކޮށްފަ އެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ވަނީ، ތިން މަސް ދުވަހުގެ މުއްދަތަކަށް ސައުދު ސަސްޕެންޑު ކޮށްފަ އެވެ. ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމުން، މިދިޔަ މަހުގެ 25 ވަނަ ދުވަހު ސައުދު ވަނީ އަލުން މަސައްކަތަކަށް ނިކުންނަވައިފަ އެވެ.