Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 16:46
ފުށިދިއްގަރުފަޅު ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އޮތީ 18 ޑިސެމްބަރު 2023 ގައި
ފުށިދިއްގަރުފަޅު ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އޮތީ 18 ޑިސެމްބަރު 2023 ގައި
ރައީސް އޮފީސް
ރަސްމާލެ
ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ
މާސްޓަރ ޕްލޭން އަދި މިހާތަނަށް ހެދިފައި ނުވާ އިރު އެތަނުގައި ހުންނާނެ ކަންތައްތަކާ ބެހޭ ގޮތުން މުއިއްޒު ވަނީ އެތައް ވާހަކަތަކެއް ދައްކަވާފައި
ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ނަގާނެ ކަމަށް ބުނި 8 މަސްދުވަހުގެ ޓާގެޓަށް މަސައްކަތް ކުރިއަށް ނުދިޔަ
ރަސްމާލެ މަޝްރޫޢު އާއެކު 65000 ގޯތި ނުވަތަ ފްލެޓް ތަރައްގީކޮށް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި

ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ ރައީސް މުހައްމަދު މުއިއްޒު ދައްކަވާފައި ވަނީ ތަރައްގީގެ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވީ، ރަސްމާލެ ޑިޒައިން ކޮށް ޑީޓެއިލްޑް މާސްޓަރ ޕްލޭނެއް ތައްޔާރު ކުރުމަށް ކޮންސަލްޓަންޓުން ހޯދުމަށް އިއުލާނު ކުރުމުންނެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހާމަ ކޮށްފައިވާ ގޮތުގައި، މި މަސައްކަތައް ހޮވޭ ކޮންސަލްޓަންޓުން އިޤްތިޞާދީ ގޮތުން ފުދުންތެރި، ތިމާވެއްޓާ ރައްޓެހި އަދި މޫސުމީ ބަދަލުތަކުގެ ދިގު މުއްދަތުގެ ނުރައްކާތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ އޮނިގަނޑު ކަމުގައިވާ "ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް" އަށް ފެތޭ ގޮތުގެ މަތިން ރަސްމާލެ އަށް ޕްލޭނެއް އެކުލަވާލުމުގެ ޒިންމާ އުފުލަންޖެހޭނެއެވެ.

މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސް މުއިއްޒު މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. އެހެން ނަމަވެސް އެ ޓާގެޓަށް މަސައްކަތް ކުރިއަށް ނުދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރަސްމާލެ ތަރައްގީ ކުރުމުގެ މާސްޓަރ ޕްލޭން އަދި މިހާތަނަށް ހެދިފައި ނުވާ އިރު އެތަނުގައި ހުންނާނެ ކަންތައްތަކާ ބެހޭ ގޮތުން މުއިއްޒު ވަނީ އެތައް ވާހަކަތަކެއް ދައްކާފައިކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން މިއީ "އީކޯ ސިޓީ" އެއް ކަމަށާއި، އިންޑިއާ ކަނޑު ސަރަޙައްދުގެ ފުރަތަމަ "ޒީރޯ ކާބަން ސިޓީ" އަށް ވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢު ގައި ހިއްކަމުންދާ މިންވަރަށް ވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، "ރަސްމާލެ" މަޝްރޫޢާ އެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލަ އަށް ޙައްލު ގެނެސްދެއްވާނެ ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްޤީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ޙައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ޙައްލު ލިބޭނެ ކަމެެއް ކަމަށް ފާހަގަ ކުރައްވަމުން މީގެ އިތުރުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށް ވެސް އެފުރުޞަތު ލިބޭނެ ގޮތަށް ކަމުގައި މުއިއްޒު ވިދާޅުވެފައިވެއެވެ.

ރަސްމާލެ އާއި މާލެއާ ދެމެދު ޤާއިމު ކުރާނެ ފެރީގެ ނިޒާމަކީ ވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެކަމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުނދަގޫ ނުވާނެގޮތަށް ރަސްމާލެ އާ އެންމެކައިރީ އޮތް ފަޅުގައި އެއަރ ސްޓްރިޕެއް ޤާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެއާއިއެކު ރަސްމާލެ ވެގެން ދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެ ވެސް މަންޒިލަކަށް ކަމުގައި މުއިއްޒު ވިދާޅުވެފައިވެއެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ހަދާނެ ބަޔަކު ހޯދުމަށް އޮކްޓޯބަރު 4 ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮންސަލްޓަންޓުން ހޮވުމުގެ މަރުޙަލާ ކުރިއަށް ދާނީ "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން" އުޞޫލުގެ މަތިންނެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 14 ގެ ނިޔަލަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނެ ކަމަށް އިއުލާނުގައި ވެއެވެ.

އަދި މި މަސައްކަތައް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅެމުގެ ފުރުސަތު ދެވޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވަނީ މި ސަރުކާރަކީ ވަޢުދެއް ވެއްޖެނަމަ އެވަޢުދެއް ވީގޮތަށް ފުއްދާނެ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ.

ރަސްމާލެ މަޝްރޫއަށް ވަކި މާސްޓަރ ޕްލޭނެއް ހެދުމަށް ސަރުކާރުން ހުޅުވާލާފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްގީގެ ދިގުމުއްދަތުގެ ވަކި ޕްލޭނެއް ހެދުމަށް ވެސް އަމިއްލަ ކުންފުންޏަކަށް ހަވާލު ކޮށްފައެވެ.

- ކޮމެންޓް