ބ. އަތޮޅު ގެ ދޮންފަނުގެ ހިމޭން ހިތްފަސޭހަ މާހައުލަށް މިއަދު ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. 400 އެއްހާ މީހުންގެ އާބާދީ އެއް އޮންނަ ސުލްހަވެރި، އަމާން ދޮންފަނުގެ ރައްޔިތުންގެ މާހައުލު މުޅިން ބަދަލުވެއްޖެއެވެ. ރަށަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށް ހިނިތުންވުމާއެކު މެހުމާނުދާރީ އަދާކުރަމުން އަންނަ އެކުވެރި އެ ރަށުގެ ރަށްވެހިންގެ ހިނިތުންވުން ގެއްލި ނުތަނަވަސް ކަމާ ނުރުހުން އެމީހުންގެ މޫނުމައްޗަށް ވެރިވެއްޖެއެވެ. ދިރިއުޅުމަށް ކުރަމުން ދިޔަ މަސައްކަތްތައް އެއްފަރާތްކޮށް އެމީހުންނަށް މިއަދު އޮތީ އިހުތިޖާޖު ކުރުމެވެ. ނުރުހުން ފާޅު ކުރުމެވެ. ރަށުގެ ފަސްގަނޑުގައިވެސް އިހުތިޖާޖެވެ. އޮޑިދޯނިފަހަރުގައި ނުކުމެ ކަނޑުމަތީގައި ވެސް އިހުތިޖާޖެވެ.
ކުއްލި އަކަށް ރަށުގެ މާހައުލަށް މިފަދަ ނުތަނަވަސްކަން މި ވެރިވީ ކީއްވެހެއްޔެވެ؟
ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ދޮންފަނު ރައްޔިތުންގެ ހިތްފަސޭހަ ދިރިއުޅުން ކުއްލި ގޮތަކަށް ބަދަލުވެގެން ދިޔައީ ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު މުއިއްޒު އެކްސް ގައި ކުރެއްވި އެންމެ ޕޯސްޓަކުންނެވެ.
އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް.
މިގޮތުން ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވިން. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން.
ރައީސް މުއިއްޒު، ސެޕްޓެމްބަރު 9، 2025![]()
މި ޕޯސްޓާ އެކު ރަށުގެ ވެރިންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މިއީ ރަށުގެ ރައްޔިތަކު ވެސް އަދި ރަށުގެ ވެރިޔަކު ވެސް ދެނަހުރި ކަމަކަށް ނުވިއެވެ. ރައްޔިތުން ހޮވާފައި ތިބި ރަށުގެ ވެރިން ކަމުގެ ހަގީގަތް ބެލި އިރު ދޮންފަނު ރައްޔިތުންގެ ނަމުގައި ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެކެވެ.
ހުސްވި އޮގަސްޓު މަހުގެ 13 ވަނަ ރައީސް މުއިއްޒު ދޮންފަނަށް ވަޑައިގަނެ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި މުއިއްޒު ދެއްކެވި ވާހަކަފުޅު ފެއްޓެވީ ވެސް ރިޔާސީ އިންތިޚާބުގައި އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ވާހަކައިންނެވެ.
އެމަނިކުފާނު ވާނީ "ރިޔާސީ އިންތިޚާބުގައި [ދޮންފަނު] ރައްޔިތުންނަށް ވަޢުދުތަކެއް ވެފައި ކަމަށާއި، އެ ވައުދުވީ [ދޮންފަނު] ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް،" ކަމަށް ވިދާޅުވިއެވެ.
"އެގޮތުން މިއަދާ ހަމައަށް އައި އިރު މި ރަށުގައި މި މަސައްކަތްތަކުގެ ތެރެއިން، ގިނަ ކަންތައްތަކެއް ފެށޭގޮތަށް މިވަނީ، ކަންކަން ފުރިހަމަކުރެވިފައި" ކަމަށާއި، "އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު މިތަނުގައި ... ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ދެތިން ކަމެއްގެ މަސައްކަތް ފެށުމަށް، މިއަދު މި ސޮއިކުރެވުނީ" ކަމަށާއި. "ބިން ހިއްކުމާއި އަދި ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ޙައްލުކުރުމާއި، މޫދަށް އެރޭ ސަރަޙައްދެއް ހެދުމާއި، މި ތިން ކަންތަކަށް ... ވަނީ އިންތިޚާބުގައި ވަޢުދުވެފައި." ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ސޮއިކުރެވުނު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި މަޝްރޫޢު ފެށިގެން ގޮސް ނިމިގެން ދިޔައީމަ، ދޮންފަނު ރައްޔިތުންނަށް ދިމާވެފައިވާ، މި މައްސަލަ އަށް ޔަގީނުން ވެސް ޙައްލު އަންނާނެ ކަމަށެވެ. މުއިއްޒު އިތުރަށް ވިދާޅުވީ، ބިމުގެ ޖާގަ ވަރަށްދަތި ކަމަށާއި، އެހެންވީމާ، މި މަޝްރޫޢާ އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކޭނެ ކަމަށެވެ.
"13 ހެކްޓަރުގެ ބިން އިތުރު ވެގެން ދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ޙައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ޙައްލު އެ ގެނެވުނީ." ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ބިންހިއްކުމުގެ މަޝްރޫއުގެ ޔަގީން ކަމާއި އުއްމީދު ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވިލެއް ބޮޑުކަމުން އެ ރަށަށް ވަޑައިގަތީ ކޮންޓްރެކްޓަރު ވެސް ގޮވައިގެންނެވެ. އެމްޓީސީސީ އާ ބިންހިއްކުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ދިޔައީ ރަށުގެ ރައްޔިތުންގެ ކުރިމަތީގައެވެ.
މިހިރީ ގައުމުގެ ރައީސް އަކު ރައްޔިތަކާ މެދު ކަންކުރެއްވި ގޮތެވެ. ރިޔާސީ އިންތިޚާބުގަައި އެކަމަށް ވައުދުވެ ވަޑައިގެން، އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން އެރަށަށް ވަޑައިގެން ރަށުގައި ހިއްކާނެ ބިމުގެ ބޮޑުމިނާއި، ބިން ހިއްކުން ކުރިއަށް ގެންދާނީ ހިތްކެއް އޮތް އެންމެ ބޮޑަށް ކަމަށާއި، އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ނިމޭނެ ކަމަށާއި، މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ހާސިލުވާނެ ކަމާއި މިހެން ގޮސް ދެއްކެވެން ހުރި ހުރިހާ ވާހަކަ އެއް އޮތީ ދައްކަވާ މަސައްކަތް ވެސް ހަވާލު ކުރައްވާފައެވެ.
މި ހުރިހާ ކަމެއް ހިނގަމުން ދިޔަ އިރު ވެސް، ދޮންފަނާ ޖެހިގެން ރާއްޖޭގެ ތިމާވެށީގެ ސެންސިޓިވް މާހައުލެއް އޮތެވެ. ރާއްޖޭގެ، ޚާއްސަ ކޮށް ބ. އަތޮޅުގެ ފަތުރުވެރިކަމަށް މުހިންމު އަދި މަޝްހޫރު ހަނިފަރު ސަރަހައްދު އޮތެވެ. ދޮންފަނު ހިއްކަން ފެށީމާ އެތަނަށް ކިސަޑު ބުރާނެ ކަމާއި، އެ ކިސަޑުން އެ މާހަލު ހަލާކުވާނެ ކަމާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވެ، އާމްދަނީ މަދުވާނެ ކަން އެއީ މި ސަރުކާރަށް އެނގޭ ކަމަކަށް ނުވިއެވެ. އެކަން ވާނީ ވެސް އެހެންތާއެވެ. ކަންކަން އިންތިޒާމު ކޮށް ތަރުތީބުން ކުރަން އޮންނަ ހުރިހާ އުސޫލުތަކެއް ސަރުކާރުން ވަނީ މުގުރާފައެވެ. މަޝްރޫއުތަކުގެ ފަންނީ އަދި މާލީ ފީސިބިލީ އާއި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަލާ ދިރާސާތައް ހަދާކަށް ބޭނުމެއް ނޫނެވެ. އެކަންކަން އެ މަގުން ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރު ރައްޔިތުންގެ ލޯމަތީގައި ދެރަވެދާނެ ކަންކަމެވެ. މިއަދު މިރާއްޖޭގައި ހުރިހާ ކަމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. ކަންކަން ހިނގަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ ހިތައް އެރި ގޮތަކަށް، ހިތައް އެރި ތާކު ހިތައް އެރި ގޮތަކަށެވެ. މިހެން މިކަން އޮތުމުގެ ހިތި ނަތީޖާ ރައްޔިތުންނަށް މިދަނީ އެކި ގޮތްގޮތުން ފެނި ތަޖުރިބާ ކުރަމުންނެވެ.
ޒިންމާދާރު ސަރުކާރުތަކުން ކަންކަން ކުރާ ގޮތް ދޫކޮށްލުމަށް ފަހު، ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ނަތީޖާ އަކަށް ވެގެން ދަނީ ކުރިން ބުނި އެތި އަބަދުވެސް ކެންސަލު ކުރަން ޖެހުމެވެ. ދޮންފަނުގެ ބިންހިއްކުމުގެ މަޝްރޫއުގައި ސޮއި ކުރި ހިސާބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންނާއި ތިމާވެށީގެ ދުޅަހެޔޮ ކަމަށް ވިސްނާ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފެށުމާއެކު ސަރުކާރަށް މިކަމުގައި ގޯހެއް އުޅޭކަން ރޭކާލީ ކަމަށް ވެދާނެއެވެ. ކުއްލިއަކަށް ރައީސް މުއިއްޒު ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދަން ނިންމީ ކަމަށް ސޯޝަލް މީޑިއާ ގެ ޒަރީއާ އިން ހާމަ ކުރެއްވީ މިހެން ވެގެން ކަމަށް ވެދާނެއެވެ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއުގައި ރައީސުލް ޖުމްހޫރިއްޔާގެ ހާޒިރުގައި ސޮއި ކުރިތާ މަހެއްހާ ދުވަސް ނުވަނީސް ސަރުކާރުން ޔޫ-ޓާރނެއް ނެގީ އެހެން ވެގެން ކަމަށް ގަބޫލު ކުރެވޭނެ ސަބަބުތައް އެބަހުއްޓެވެ.
ދިމާވެގެން އުޅޭ ކަމަކީ ބިން ހިއްކުމާ ނުހިއްކުމުގެ މައްސަލަ އެއް ނޫނެވެ. ދޮންފަނުގެ ބިން ހިއްކުން އެއީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެއްޓަށް ލިބިދާނެ ކަމަކަށް ވެދާނެއެވެ. އަދި އެއީ ކުރުމަށް ވުރެ ނުކުރުން ރަނގަޅު ކަމަކަށް ވެސް ވެދާނެއެވެ. މައްސަލައަކީ ދައުލަތުގެ އެންމެ ޒިންމާދާރު މަގާމުގައި ހުންނެވި ފަރާތުން ކަންކުރައްވާ ދޯދިޔާ ކަމެވެ. ބައެއްގެ ގާތުގައި ވައުދުވެ، މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބަށް ދާއިރު އެކަމުގެ ދެކޮޅު ބަލައިފައި ނުވުމެވެ. އޭގެ ނަތީޖާ އަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ވެސް ބުނާ ބަހުގެ އިތުބާރު ހުރި މީހަކަށް ނުވުމެވެ. ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އިތުބާރު ގެއްލުމެވެ.
ރައީސް މުއިއްޒުގެ ޔޫޓާން އައީ ތިމާވެއްޓާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަޑު އުފުލަން ފެށުމުން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް، ބިން ނުހިއްކާ ގޮތައް ނިންމެވި ނިންމެވުން އެޅުވީ ދޮންފަނު ރައްޔިތުންގެ ބޮލުގައެވެ. ރައްޔިތުން އެދޭ ކަމެއް ކުރަނީ ކަމުގަޔާއި ރައްޔިތުން ނޭދޭ ކަމެއް ނުކުރައްވަނީ ކަމަށް ވިދާޅުވެ މަޝްރޫއު ހުއްޓާލެވުމުގެ ބަހަނާ މޮޅު ގޮތަކަށް އޮފު ކުރައްވަން އުޅުއްވި އިރު، ދޮންފަނު ރައްޔިތުންގެ ފަރާތުން ބަސްބުނަން އޮތީ އެރަށު ކައުންސިލު ކަމެއް ހަނދުމަފުޅެއް ނެތެވެ. ކައުންސިލުން ސީދާ އެ ބުނަނީ ރައީސް އިތުރުފުޅު ހެއްދެވީ ކަމުގައެވެ. އެރަށުގެ ކައުންސިލުން ބިން ހިއްކުން ކުރިއަށް ނުގެންދަން އެއްވެސް ސިފައެއްގައި އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށް ސާފު ބަހުން އެދަނީ ބުނަމުންނެވެ. ރަށެއްގެ ރައްޔިތެއްގެ ބޮލުގައި މިކަން އެޅުވުމަށްފަހު ސަރުކާރުން ޒިންމާދާރު ކަމެއް ނެތި ނިންމި ނިންމުމަކުން ބޯދަމައިގަންނަން ދޮގު ހެދުމަކީ އަދި މާ ނުބައި ކަމެއް ނޫން ބާވައެވެ؟
ދޮންފަނަށް މިދިމާވި ހާދިސާ އިން ވެރިކަމަށް އަންނަން ކިތަންމެ ދަހިވެތި ވިޔަސް ނުކުރެވޭނެ ކަންކަމަށް ނޫނެކޭ ބުނަން ދަސްކުރަން ޖެހޭނެ ނޫންބާވައެވެ؟ ނޫނީ ރައީސުލްޖުމްހޫރިއްޔާ އެއް ކަމަކު ކަމެއްގައި އާނބަސް ބުނަންވާނީ ކަމާ ބެހޭ ބެލުންތައް ބަލައިފައި ނޫންބާވައެވެ؟ ރައީސުލްޖުމްހޫރިއްޔާ ރައްޔިތަކަށް ވާ ވައުދަކީ އޭގައި އެއްވެސް އަގެއް ނެތް އެއްޗެކަށް ވަމުންދާތަން މިފެންނަނީ އެއްވެސް ގޮތެއް ފޮތެއް ނެތި ކަންކަން ކުރަމުން ގެންދާތީ ނޫން ބާވައެވެ؟
ކޮންމެ އަކަސް މިހުރިހާ ހަޑިއެއް މިއޮތީ ހޭވިފައެވެ. ދެން އެންމެ ކުޑަމިނުން ކުރާ އޮތް ކަމަކީ ހެއްދެވި އިތުރުފުޅަށް ދޮންފަނު ރައްޔިތުންގެ ކިބައިން މާފަށް އެދުމެވެ.