ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވި ޑރ. މުހައްމަދު މުއިއްޒު މަޤާމާ ޙަވާލުވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަ ފެންމަތި ވުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލަ އަށް ވަނީ އަމާޒު ވެފައެވެ. އެއާއެކު ދައުލަތުގެ ތެރެއިން މިފަދަ ކަންކަން މިހާ ފަސޭހަ އިން ހިނގަމުންދާ ދިއުމުގައި އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެހެން ކަމުން މިކަން މިހިނގާ ގޮތާއި، ހިނގަން މެދުވެރިވާ ސަބަބުގެ މައްޗަށް ދިރާސާ ގެ ނަޒަރަކުން ބަލާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
ކަރަޕްޝަން އާއި ފަސާދައިގެ އަމަލުތައް ހުއްޓުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ރިޕޯޓުން ހާމަވަނީ ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވުނު ޑރ. މުއިއްޒު މަޤާމާ ޙަވާލުވުމުގެ ރަސްމިއްޔާތުގެ ކަންކަން ހިންގާފައި ވަނީ ފުޅާ ދާއިރާއެއްގައި ރޭވިގެން ހަރަކާތްތެރިވެފައިވާ ކޮރ ކޮރަޕްޝަންގެ ވިއުގައަކުން ކަމެވެ. މި ރިޕޯޓުން ދައްކައި ދެނީ، ސަރުކާރުގެ ޕްރޮކިއުމަންޓް އުޞޫލުތަކުގައި ހުރި އުނި ކަންކަން ބޭނުން ކޮށްގެން، ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ ނަހަމަ ގޮތުގައި ހޯދުމަށް މަނީ ލޯންޑަރިންގ ގެ އޮޕަރޭޝަނެއް ހިންގާފައިވާ ގޮތެވެ. ހަމަ އެހެންމެ މި މައްސަލަ އިން ފެންނަނީ ސިޔާސީ ގުޅުންތައް ބޭނުން ކޮށްގެން ދައުލަތުގެ ފައިސާ އަމިއްލަ ފަރާތްތަކަށް ބަދަލުކޮށް، އަމިއްލަ މަންފާ އަށް ބޭނުން ކޮށްފައިވާ ގޮތެވެ.
މައިގަނޑު ކޮރަޕްޝަން ސްކީމް
ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އަކީ މި ޖަރީމާ ހިންގުމުގައި ބޭނުން ކުރި އެންމެ މުހިންމު ޓޫލް އެވެ. ސިވެކް އަކީ މައިގަނޑު ގޮތެއްގައި އިމާރާތް ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމުގައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކަށް އެތައް މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއް ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން މި ކުންފުންޏަށް ޙަވާލުކޮށްފައި ވެއެވެ. މިއީ ސަރުކާރުގެ ކޮންޓްރެކްޓްތައް ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން ހޯދާ އެ ފައިސާ އަމިއްލަ ފަރާތްތަކަށް ބަދަލު ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެކެވެ.
ސިސްޓަމެޓިކް ފަންޑް ޑައިވަރޝަން:
ސިވެކް އަށް ލިބުނު 23.07 މިލިއަން ރުފިޔާގެ ތެރެއިން، 67% (15.5 މިލިއަން ރުފިޔާ) ވަގުތުން އިބްރާހީމް ޝުޖާޢުގެ ކުންފުނި - އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް އަށް ޓްރާންސްފަރ ކޮށް އަދި އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ މުޙައްމަދު ނާފިޒުގެ ވިޔަފާރި (ކުއިކް ޝުއަރ) އަށް ބަދަލު ކޮށްފައި ވެއެވެ. ފައިސާ ގެ 33% ސިވެކް އަށް ލިބިފައިވެއެވެ.
ސިޔާސީ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ނިޒާމު
އިބްރާހީމް ޝުޖާޢުގެ މުހިންމު ދައުރު
ރިޕޯޓުން ހާމަވަނީ ޝުޖާޢު އަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވޭ ފަރާތެއް ކަމަށާއި އަދި ސިޔާސީ ގުޅުމުގެ ބޭނުން ހިފައިގެން އަމިއްލަ މަންފާ ހޯދާ ފަރާތެއްގެ ރޯލު އަދާކުރާ މީހެއް ކަމެވެ.
ވެރިކަމަށް އިންތިޚާބުވި ފަރާތުގެ ފާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ މެމްބަރު ކަމުގެ އިތުރުން ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރު (2014-2019) ކަމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވި ފަރާތުގެ އޮފީހުގެ ޓްރާންސިޝަން ކޮމިޓީގެ މުހިންމު މެންބަރެއްގެ ގޮތުން ޝުޖާ އަށް ފަހިވީ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެ ގޮތުން އެ ރަސްމިއްޔާތުގެ އިންތިޒާމުތަކާ ގުޅޭގޮތުން ސިވެކް އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާ ދެމެދު ބޭއްވުނު ބައްދަލުވުންތައް އިސްވެ ހިންގި ފަރާތަކީ ޝުޖާއު ކަމަށް ރިޕޯޓުގައި ވެއެވެ.
ޓްރާންސިޝަން މުއްދަތުގެ ނަހަމަ ބޭނުން ހިފުން
"ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވި ފަރާތުގެ އޮފީސް" ގެ ހައިސިއްޔަތު ބޭނުން ކޮށްގެން ޝުޖާޢު އަށް ސީދާ ކޮންޓްރެކްޓް ދިނުމަށް ނުފޫޒު ފޯރުވާފައިވެއެވެ. މިއީ ސާފު މަޞްލަޙަތު ފުށުއެރުމެއް ކަމަށް ވުމުގެ އިތުރުން އަދި ޓްރާންސިޝަން މުއްދަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމުގައި ބެލެވެއެވެ.
މަނީ ލޯންޑަރިންގެ ރަތް ދިދަ
ރިޕޯޓު ގައި ޝައްކު އުފެދޭ މުޢާމަލާތްތަކުގެ މިސާލުތައް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ލިބުނު ފައިސާ އަވަހަށް އެހެން ފަރާތްތަކަށް ބަދަލުކުރުން ހިމެނެއެވެ. ކުންފުނިތަކަށް ލިބުނު ފައިސާ ވަގުތުން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވުމާއި ނުވަތަ އަމިއްލަ އެކައުންޓުތަކަށް ބަދަލު ކޮށްފައި ވުމާއި، އާއިލީ މީހުންނާއި، ގުޅުން ހުރި ގިނަ ފަރާތްތަކެއް ޝާމިލު ކޮށްގެން ފައިސާ ބަދަލު ކުރުމުގެ ކޮމްޕްލެކްސް ފަށަލަތަކެއް ހިމެނޭ ގޮތައް ފައިސާގެ ދައުރު ކޮށްފައި ވަނީ، ފައިސާ އަށް ވީ ގޮތް ފޮރުވުމަށް ކަމުގައި ބެލެވެއެވެ.
މަޝްރޫއު ގައި ޝާމިލުވި ގިނަ ކުންފުނިތަކާއި ފަރާތްތަކެއް ބޭނުން ކޮށްފައި ވަނީ ހަމަ އެކަނި ފައިސާ ބަދަލުކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައި ކަން ފާހަގަ ކުރެވެއެވެ.
ޙަޤީޤީ މަދު ވިޔަފާރި ޙަރަކާތްތަކެއް ހިންގާ ސޯލް ޕްރޮޕްރައިޓަރޝިޕެއްގެ ގޮތުގައި ފެންނަ ކުންފުންޏަކާއި، އާއިލީ ގޮތުން ގުޅުން ހުރި ފަރާތްތަކެއް މި ކަމުގައި ޝާމިލުވާ އިރު، އެފަރާތްތަކުން އެހާތަނަށް ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކާ އަޅާބަލާއިރު ނިސްބަތުން މި މަޝްރޫއުގައި ބޮޑު މުޢާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ މާއްދާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވާދަވެރި ބީލަމުގެ އުޞޫލުތައް އެކަހެރި ކުރެވޭނެ ގޮތް ހެދުމުގެ ވިސްނުން އެއީ މިކަން ފެށިގެން އައުމުގައި ގެންގުޅުނު ވިސްނުން ކަމުގައި ބެލެވެއެވެ. މިއިން ދޭހަ ވަނީ މުހިންމު ހާލަތްތަކުގައި ޕްރޮކިއުމަންޓް ކުރުމުގައި ދީފައި ހުންނަ ލުއިތައް ނަހަމަ ގޮތުގައި މާނަކޮށް ނާޖާއިޒް ފާއިދާ ހޯދުމަށް މަގު ފަހިވަނީ ހަރުދަނާ ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއް ނެތުމުން ކަން ފާހަގަ ކުރެވެއެވެ.
މި މައްސަލައިން ދައްކައި ދެނީ ސަރުކާރު ބަދަލުވާ ދުވަސްވަރު އުފެދޭ އޮޅުންބޮޅުން ބޮޑު ޙާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ގޮތެވެ.
ގިނަ ގޮތްގޮތުން ބަލާއިރު މި ސްކީމް ހިންގުމަށް މަގު ފަހިވެފައި ވަނީ ގިނަ ނިޒާމީ މައްސަލަތަކެއްގެ ސަބަބުންނެވެ. އެ ގޮތުން ބަލާއިރު:
އެކަށީގެންވާ ޑިއު ޑިލިޖެންސް ނެތުން: ހުށަހަޅާ އަގުތައް އެއީ އެކަށީގެންވާ އަގުތަކެއްކަން ބެލޭނެ ގޮތެއް ނެތުމާއި، ދެވަނަ ފަރާތަކަށް ސަބް ކޮންޓްރެކްޓް ނުހެދޭނެ ކަން ކަނޑައަޅާފައި އޮތްކަން ޔަގީން ކުރުމާއި، އަދި އެކަން އެހެން ހިނގާކަން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތްކަން މިކަމުން ފާހަގަ ވެއެވެ.
ކޮންޓްރެކްޓް ބެލެހެއްޓުން ބަލިކަށިވުން: ފައިސާ ބޭނުން ކުރެވޭ ގޮތް މޮނިޓަރ ކުރުމުގެ ނިޒާމެއް ނެތުމުގެ ފައިދާ މިކަމުގައި ނަގާފައިވާ ކަން ފާހަގަ ކުރެވެއެވެ.
އިންޓަރނަލް ކޮންޓްރޯލްތައް ބަލިކަށިވުން: ގުޅުންހުރި ފަރާތްތަކަށް ވަގުތުން ފައިސާ ބަދަލުކުރުން ހުއްޓުވުމުގެ ނިޒާމެއް ރާއްޖޭގައި ނެތްކަން މިފަދަ މުއާމަލާތްތަކުން ސާފު ކޮށް ދޭހަވެއެވެ.
ޢާއިލީ ގުޅުންތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން: ޢާއިލީ ގުޅުންތައް ބޭނުންކޮށް، އެއީ މިނިވަން ފަރާތްތަކެއްގެ ގޮތުގައި ދައްކުވައި ދީފައިވީ ނަމަވެސް ޙަޤީޤަތުގައި އެއް ވިއުގައަކުން ކޮންޓްރޯލް ކުރެވޭ ފަރާތްތަކެއް މެދުވެރިކޮށް ފައިސާ ލޯންޑަރކޮށް، އެކަން ފޮރުވުމަށް މަސައްކަތް ކޮށްފައިވާ ކަން އެފްއައިޔޫގެ ރިޕޯޓުން ހާމަވެއެވެ.
އަގުތައް ބޮޑު ކުރުމުގެ ނިޔަތުގައި ސާފު ނުވާގޮތައް ވީހާ ވެސް މަދު މައުލޫމާތު އެކި އައިޓަމްތަކުގައި ހިމަނާފައިވާކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް "ޕްރޮޑަކްޝަން މަސައްކަތްތަކަށް" ހުށަހަޅާފައިވާ 4.2 މިލިއަން ރުފިޔާ ގެ ވަކިވަކި ތަފްޞީލުތައް ނެތެވެ. އޭގެ އަނެއް މިސާލަކީ "މައި އިވެންޓް ޓެކްނިކަލް އެންޑް އޭވީ ސޮލިއުޝަންސް" ފަދަ ވާނުވާ ނޭނގޭ ސުރުޚީ ތައް ޖެހުމަށް ފަހު ބްރޭކްޑައުން އެއް ނުދީ ޖުމްލަ އަދަދުތައް އެކަނި ހިމަނާފައިވެއެވެ. މިހެން ހެދުމުން ބޮޑެތި އަދަދުތައް ޖަހާލުމަށް މަގު ފަހިވެއެވެ.
ގަވައިދުން އާންމު ކޮށް އެޑްވާންސް ފައިސާ ގެ ގޮތުގައި ދޫކުރާ އަދަދު ކަމަށް ވާ ކޮންޓްރެކްޓް ގެ 15% އަށް ވުރެ އިތުރަށް ފައިސާ ދޫކޮށް، ފައިސާ ލިބުމާއެކު ވަގުތުން ނަގުދު ފައިސާ އަށް ބަދަލު ކުރުމާއި އަމިއްލަ އެކައުންޓުތަކަށް ޓްރާންސްފަރ ކުރުމުގެ މުއާމަލާތްތައް ފަސޭހަ އިން ހިންގޭނެ މަގު ބާރުގެ ބޭނުން ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވެއެވެ.
މި މައްސަލަ އަކީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށާއި ހެޔޮ ވެރިކަމަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ކުޑަ މިސާލެކެވެ. މި ސްކީމުގައި ގިނަ ފަށަލަތަކެއްގެ ކުންފުނިތަކާއި، ޢާއިލީ ވިއުގަތަކާއި، ބަދަލުވަމުންދާ ސިޔާސީ ހާލަތުގެ ނަހަމަ ބޭނުން ހިފުން ހިމެނޭ ގޮތަށް ކަންކަން ހިނގުމުން ދޭހަވަނީ މިއީ ހަމައެކަނި ފުރުޞަތު ލިބުމުން ކުއްލި އަކަށް އުފަންވި ކަމަކަށް ވުރެ، ރޭވިގެން އިންތިޒާމު ވެގެން، އަދި މިނޫން މުނާސަބަތު ތަކުގައި ވެސް ބޭނުން ކުރެވޭ ގޮތައް އިންތިޒާމު ވެފައި އޮތް ނެޓްވޯކެއް ކަމެވެ.
މި މައްސަލަ އަކީ، ހަމައެކަނި ވަކި ފަރުދުންތަކެއްގެ ނުވަތަ ވަކި ޙާދިސާއަކާ ގުޅޭ މައްސަލައެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ދައުލަތުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއްގެ ނަތީޖާއެކެވެ. މި މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެ ހުރިހާ ފަންތިއެއްގައި ސިޔާސީ އިރާދައާއި ހަރުދަނާ އިޞްލާޙީ ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. އަދި ހަމައެހެންމެ، ރައްޔިތުންގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ވެސް މުހިންމު ކަމެކެވެ.
މި މައްސަލައިން ދަސްވާ ފިިލާވަޅުތައް ރަނގަޅަށް ދިރާސާކޮށް، އޭގެ އަލީގައި ކުރިމަގުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ޒިންމާއެކެވެ. މިގޮތުން، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ދައުލަތުގެ މުވައްޒަފުންނަށް އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމުގެ މުހިންމުކަމާ ގުޅޭ ތަމްރީނުތައް ދިނުމާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދައުލަތުގެ ޚަރަދުތައް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމުގެ ނިޒާމުތައް ޤާއިމުކުރުން ފަދަ ކަންކަން ހިމެނެއެވެ.