ކ. މާލެ
|
20 މެއި 2025 | އަންގާރަ 17:44
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުންނަށް ދަރުބާރަގޭ ފާށަނާ މާލަމުގައި ހަމަޖައްސާފައިވާ ވަގުތީ އިންތިޒާމު
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުންނަށް ދަރުބާރަގޭ ފާށަނާ މާލަމުގައި ހަމަޖައްސާފައިވާ ވަގުތީ އިންތިޒާމު
ރާއްޖެއެމްވީ
އެންވަރަންމަންޓް މިނިސްޓްރީ
އެންވަޔަރަންމަންޓް މިނިސްޓްރީގައި ކަތުރުފަނި އަޅައިފި
މުވައްޒަފުންގެ ޕެޓިޝަނެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި
މުވައްޒަފުންގެ ގަޔަށާއި ގެންގުޅޭ އެއްޗެއްސަށް ކަތުރުފަނި ވެއްޓޭ މައްސަލަ ވަނީ ބޮޑުވެފައި
ބައެއް މުވައްޒަފުންނަށް ކަތުރުފަނީގެ ސަބަބުން އެލާޖީގެ މައްސަލަތައް ވަނީ ދިމާވެފައި

އެންވަޔަރަންމަންޓް މިނިސްޓްރީގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ މުވައްޒަފުންގެ ޕެޓިޝަނެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު ޕެޓިޝަން ހުށަހެޅި މުއައްސަސާ ތަކުގެ ތެރޭގައި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިހާއި، ހިއުމަން ރައިޓްސް ކޮމިޝަން ހިމެނެއެވެ.

"މި ޕެޓިޝަން އަކީ 02 އޭޕްރީލް 2024 ގައި ތަޞްދީޤް ކުރެވުނު މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގައި ބަޔާންކޮށް މަސައްކަތްތެރިންނަށް ޔަޤީން ކޮށްދީފައިވާ ޙައްޤުތަކަށް ރިޢާޔަތްކޮށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެކެވެ." މި ނޫހަށް ކޮޕީ ލިބިފައިވާ ޕެޓިޝަންގައި ބުނެފައިވެއެވެ.

ސަތޭކަ އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަން ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ އެންވަޔަރަންމަންޓާ ބެހޭބައި މިހާރު ހިނގަމުންދާ ދަރުބާރު ގޭގެ ފާށަނާ މާލަމުގައި ކަތުރުފަނި އެޅުމުގެ ސަބަބުން މުވައްޒަފުންނަށް އެތަނުގައި މަސައްކަތް ކުރަން ދަތިވެފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

'މަސައްކަތްކުރާ ވަގުތު މުވައްޒަފުންގެ ބޮލަށާއި ގަޔަށް އަދި ގެންގުޅޭ ސާމާނަށް ކަތުރުފަނި އެޅޭ. އަދި މުވައްޒަފުންގެ ގައިގައި ކަތުރުފަނި ހެފުމުގެ ސަބަބުން އެކި ކަހަލަ އެލާޖީ މައްސަލަތައް ދަނީ ދިމާވަމުން." ޕެޓިޝަންގައި ފާހަގަ ކޮށްފައިވެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ވާހަކަ ދެއްކި އެ މިނިސްޓްރީގެ މުވައްޒަފަކު ބުނި ގޮތުގައި، މުވައްޒަފުންގެ ގަޔަށާއި ގެންގުޅޭ އެއްޗެއްސަށް ކަތުރުފަނި ވެއްޓޭ މައްސަލަ ވަރަށް ގިނައިން ދިމާވެފައިވާ ކަމަށެވެ.

"މުވައްޒަފުންގެ ގަޔަށް ކަތުރުފަނި އެބަ ވެއްޓޭ، ސައިތަށި ތެރެއަށް ވެސް ކަތުރުފަނި އެބަވެއްޓޭ، ވަރަށް އުނދަގޫ މިތަނުގައި މަސައްކަތް ކުރަން،"

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފެއްގެ ސައިބޯ ޖޯޑަކަށް ވެއްޓިފައި އޮތް ކަތުރުފަންޏެއް

އިމާރާތުގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ބުނި ގޮތުގައި އެތަނުގައި އުޅޭ މުވައްޒަފުންގެ ފުށުން އެމީހުންގެ ގޭގެ އަށްސް ކަތުރުފަނި މިހާރު ވާސިލުވެފައިވާ ކަމަށް ބެލެވެއެވެ.

"ގެއަށް ގޮސް ހެދުން ބަދަލު ކުރާއިރު ހެދުމުގައި ވެސް ކަތުރުފަނި ހުންނަ ކަމަށް މުވައްޒަފުން ބުނޭ."

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ދަރުބާރުގެ އަށް ބަދަލު ކުރީ އެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ގްރީން ބިލްޑިންގ ގައި ރޯވެ އެނދުމުގެ ސަބަބުންނެވެ. އެ އިމާރާތުގައި ރޯވީ ޖެހިގެން ހުރި ހައުސިންގ މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުންނެވެ.

ދަރުބާރުގެ އަށް ބަދަލު ކުރި އެންވަޔަރަންމަންޓުގެ މުވައްޒަފުންނަށް މިހާހިސާބަށް އައި އިރުވެސް ރަނގަޅު މަސައްކަތުގެ މާހައުލެއް ތަނަވަސް ވެފައި ނުވާ ކަމަށް އެތަނުގެ މުވައްޒަފުން ބުނެއެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ދަރުބާރުގެ އަކީ 1990 ވަނަ އަހަރު ސަރުކާރުގެ އެކިއެކި އިވެންޓްސް އަދި ހަފްލާތައް ބޭއްވުމަށް ޑިޒައިންކޮށް އިމާރާތްކޮށްފައިވާ އިމާރާތެއް ކަމަށާއި އެއްގޮތަކަށްވެސް އޮފީސް ހަދައި މުވައްޒަފުން ލައްވާ މަސައްކަތްކުރެވޭނެ ގޮތަކަށް އިމާރާތްކޮށްފައިވާ ތަނެއްނޫން ކަމަށެވެ.

ދަރުބާރުގޭގައި މުވައްޒަފުންނަށް ހަދައިދިން ވަގުތީ އިންތިޒާމު ބައެއް މުވައްޒަފުން އޭރު ސިފަ ކޮށްފައިވަނީ 'ރެފިއުޖީ ކޭމްޕެއް' ގެ ގޮތުގައެވެ.

އިށީނދެ ތިބުމަށް ބޭނުންކުރާ ގޮނޑިތަކުގެ ފެންވަރު ދަށްވުމާއި، ގޮނޑި ބިންދައިގެން ދިއުމުގެ އެކިއެކި ހާދިސާ ހިނގުމުގެ ސަބަބުން މުވައްޒަފުންނަށް އެކިކަހަލަ އަނިޔާ ލިބެމުންދާ ކަމަށާއި، މަސައްކަތްކުރުމަށް ބޭނުންކުރާ މޭޒަކީ އެންމެ އެކަށޭނެ ފެންވަރުގައި ހުރި މޭޒުތަކަކަށް ނުވާތީވެ، މުވައްޒަފުންގެ އަތާއި، ކޮނޑު އުނަގަނޑަށް އެކިކަހަލަ ގެއްލުންލިބޭ ކަމުގެ ޝަކުވާ ގިނަވެފައިވާ ކަމަށް ވެސް ޕެޓިޝަންގައި ވެއެވެ. އަދި މޭޒުމަތީގައި އަޅާފައިވާ ތަރަފާލުގަނޑު ހިފެހެއްޓުމަށް ޖަހާފައިވާ ސްޓޭޕްލްތައް ނެއްޓި މުވައްޒަފުންގެ ގަޔަށް ހެރޭ މައްސަލަވެސް ވަނީ ފާހަގަ ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަތުރުފަނީގެ މައްސަލަ ހައްލު ކުރަން ދެ ފަހަރެއްގެ މަތިން މިހާރު ވަނީ ބަޔަކު ލައްވާ ބޭސްވެސް ޖަހާފައެވެ.

"ބޭސް ޖެހި މީހުންވެސް ބުނަނީ އިމާރާތް ހުރި ގޮތުން މުޅިން މައްސަލަ ހައްލު ނުވާނެ ކަމަށް،" އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުން ގަބޫލު ކުރާ ގޮތުގައި މަސައްކަތް ކުރަން އެކަށީގެން ނުވާ ތަނެއްގައި، ކަތުރުފަނީގެ މައްސަލަ ހައްލުކޮށް ދިނުމަށް މަސައްކަތް ކުރުމަކުން މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތަކަށް އަދި ހައްލެއް ނުލިބެއެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑުމެން ދަރުބާރުގޭގައި ކަތުރުފަންޏަށް ބޭސްޖަހައި ކަތުރުފަނިން ސަލާމަތްކޮށްދޭން އުޅޭކަމުގައި ދެކެން ބޭނުމެއް ނޫނެވެ. އަދި ބޮޑު ހޯލެއްގެ ތެރޭގައި މިހާރު މަސައްކަތް ކުރަމުން މިދާ ތަރުފާލު އެޅި ބޮޑު މޭޒުތަކުގައި ވަށައިގެން ޕާޓިޝަންޖަހައި އެއީ ވޯކް ސްޓޭޝަންތަކެއް ކަމުގައި ބަލައެއް ނުގަންނާނަމެވެ." ޕެޓިޝަންގައި ބުނެފައިވެއެވެ.

- ކޮމެންޓް