Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އިސްރާއީލް ގުޅުން

އެމެރިކާ އިން އިސްރާއީލު ބާކީ ކޮށްލީތަ؟ ނޫން އެހެނެއް ނޫން!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފްގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއް އަންގާރަ ދުވަހު ފެއްޓެވި އިރު އައިޓިނަރީ ގައި އިސްރާއީލު ހިމެނިފައެއް ނުވެއެވެ. އެމެރިކާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލޭ އިސްރާއީލު މި ދަތުރުފުޅުން ބާކީ ވުމުން އެމެރިކާއިން އިސްރާއީލު ދޫކޮށްލީ ކަމަށް ބައެއް ފަރާތްތަކުން ދުށުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ހަގީގަތް އޮތީ އެހެނެއް ނޫނެވެ.

ރާއްޖެ އެމްވީ | 13 މެއި 2025 | އަންގާރަ 10:28
ރައީސް ޑޮނަލްޑް ޓްރަމްޕް ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތުމުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މަރުހަބާ ވިދާޅުވަނީ - 13 މެއި، 2025،

ރައީސް ޑޮނަލްޑް ޓްރަމްޕް ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތުމުން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މަރުހަބާ ވިދާޅުވަނީ - 13 މެއި، 2025،

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ގަލްފް ސަރަޙައްދަށް ދަތުރުފުޅެއް ވަނީ ފައްޓަވާފައެވެ. މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ސަޢޫދީ ޢަރަބިއްޔާއެވެ. އަދި އެއަށްފަހު އެމިރޭޓްސް އާއި ގަތަރަށް ވަޑައިގަންނަވާނެއެވެ. މިއީ ކޮންމެ ނަޒަރަކުން ބެލި ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި ކަނޑައެޅިގެން ވިޔަފާރި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރެވިގެންދާނެއެވެ.

މިސާލަކަށް، އެމިރޭޓްސްއިން ވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް ވަޢުދުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އާޓިފިޝަލް އިންޓެލިޖެންސް އާއި ހަކަތައިގެ ދާއިރާ އިން ފެށިގެން ގޮސް މަޢުދަން ނެގުމާއި، އެލުމިނިއަމް އުފެއްދުމުގެ ދާއިރާ ގައި ކުރެވޭ އިންވެސްޓްމަންޓްތަކެވެ. ސަޢޫދީ ޢަރަބިއްޔާއިން ވަނީ ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި އެމެރިކާ ގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް އެއްބަސްވެފައެވެ. ރޮއިޓަރސް ނިއުސް އޭޖެންސީގެ ރިޕޯޓުގައިވާ ގޮތުން، ޓްރަމްޕް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ޕެކޭޖެއް ވެސް ހުށަހަޅުއްވާފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް އަކީ ގާތްތިމާގެ މީހުންނަށް މަންފާ ހޯއްދަވައިދެއްވުމާއި އަމިއްލަ މުއްސަނދިކަން އިތުރުކުރެއްވުމުގެ ރަނގަޅު ތާރީޚެއް އޮތް ބޭފުޅެކެވެ. އެގޮތުގެ މަތިން، ޓްރަމްޕް އޯގަނައިޒޭޝަނުން މިހާރު ވަނީ އޭނާ ޒިޔާރަތްކުރައްވާ ގަލްފް ގެ ތިން ޤައުމުގައިވެސް ރިއަލް އެސްޓޭޓް މަޝްރޫޢުތަކާއި އެހެނިހެން ވިޔަފާރީގެ މަސައްކަތްތައް ހިންގަން ފަށާފައެވެ.

މިކަންކަން މިހެން ހުރި އިރު، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން އޮތް ޤައުމު މި ދަތުރުފުޅުގެ ތެރެއިން ފާހަގަކޮށްލެވޭ ގޮތެއްގައި އުނިވެފައިވާކަން ގިނަބައެއްގެ ލޮލުގައި ވަނީ އަޅައިގަނެފައެވެ. އެއީ އިސްރާއީލެވެ.

މިއީ ވޭތުވެދި 19 މަސްދުވަހުގެ ތެރޭގައި ޣައްޒާގައި ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަނގުރާމަ ހިންގަމުން އައި ޤައުމެވެ. މިކަމުގައި އިސްރާއީލަށް ފައިސާގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން އެންމެ ބޮޑަށް އެހީތެރިވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާގެ ފުރިހަމަ ތާއީދާއި އެހީތެރިކަމާ އެކު އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް ރަސްމީ ގޮތުން ފަލަސްޠީނުގެ މަރުވި މީހުންގެ އަދަދު 53,000 އަށް އަރައި، އެ އަދަދު އަންނަނީ ފާއިތުވާ ކޮންމެ ދުވަހަކާ އެކު އިތުރުވަމުންނެވެ.

ނަސްލު ނައްތާލުމުގެ އަމަލުތައް ފެށުނީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ކަމުގައިވީ ނަމަވެސް، ޓްރަމްޕްގެ ވެރިކަން ފެށުމާއެކު އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ޢަމަލުތައް ބަލައިގަތެވެ. އަދި ދެވަނަ ފަހަރަށް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވަނީސް ވިދާޅުވީ، "ޣައްޒާގައި ކަންކަން ނިންމާލުމަށް އިސްރާއީލަށް ބޭނުންވާ ހުރިހާ އެއްޗެއް ފޮނުވަމުންގެންދާނަން" ކަމަށެވެ. ޓްރަމްޕް ގަލްފް ގެ ގައުމުތަކަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާ އިރުވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ މިހާރުވެސް ބޮޑު ބައެއް ވީރާނާވެފައިވާ ޣައްޒާގައި އިތުރަށް ހަމަލާތައް ހަރުކަށިކުރުމަށް އިޢުލާނުކޮށްފައެވެ.

ޓްރަމްޕް ބޭނުންފުޅުވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ވީހާވެސް އަވަހަކަށް ނިންމުމަށެވެ. އެއީ ކޮންމެހެން، ފަލަސްޠީނުގެ ކުޑަކުދިންނާއި އާންމު މީހުން މަރުވަމުން ދިއުމާއި ބަނޑަށް ޖެހިގެން މަރުވަމުންދާ މީހުންގެ އަދަދާ މެދު ކަންބޮޑުވާތީ ނޫނެވެ. އެއާ ޚިލާފަށް، މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުން ޣައްޒާގެ ވީރާނާވެފައިވާ ފަސްގަނޑުން އުފެދޭނެ ކަމަށް އޭނާ ވިދާޅުވާ "މެދުއިރުމަތީގެ ރިވިއެރާ" ހަގީގަތަކަށް ހެއްދެވުމަށް ހުރަސްއެޅެމުން ދާތީއެވެ. މިކަން އޭނާ ކުރިއަށް ގެންދަވާނެ ގޮތް ހާމަ ކުރައްވަމުން ވިދާޅުވެފައިވަނީ: "އެމެރިކާއިން ޣައްޒާ ސްޓްރިޕް ހިފާނަމެވެ. އަދި އަހަރެމެން އެތަން ތަރައްގީ ކުރާނަމެވެ. އަހަރެމެން އެތަން މިލްކުކުރާނަމެވެ."

ޓްރަމްޕްގެ މެދުއިރުމަތީގެ ދަތުރުފުޅަށް ތައްޔާރު ވަމުން ދިޔައިރު، އެމެރިކާގެ ރައީސާއި އިސްރާއީލުގެ ބޮޑުވަޒީރާ ދެމެދު ގުޅުން ގޯސްވަމުންދާކަމުގެ ރިޕޯޓުތައް އިތުރުވަމުން ދިޔައެވެ. އެއީ ހަމައެކަނި ޣައްޒާގެ މައްސަލައިގައެއް ނޫނެވެ. އާދީއްތަ ދުވަހު އެން.ބީ.ސީ ނިއުސް އިން ފާހަގަކޮށްފައިވާ ގޮތުގައި، "ޔަމަނުގައި އީރާނުގެ ބާރު އޮތް ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލާ ކަމަށް ޓްރަމްޕް އިޢުލާނު ކުރެއްވުމުން ނަތަންޔާހޫ ވަނީ ހައިރާންވެ، ރުޅި ގަދަވެފައެވެ.""

އިސްރާއީލުގެ ބޮޑުވަޒީރަށް އެއަށްވުރެވެސް ބޮޑަށް ރުޅިގަދަވެފައިވަނީ، އީރާނަށް ސީދާ ހަމަލާދިނުމަށް ޓްރަމްޕް ތާއީދު ނުކުރައްވާތީއެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ މަދަނީ ނިއުކްލިއަރ ޕްރޮގްރާމަށް އެމެރިކާއިން އެހީތެރިވުމުގެ ޝަރުޠެއްގެ ގޮތުގައި ކުރިން ބުނަމުން އައި އިސްރާއީލާއެކު ގުޅުން އާންމު ހާލަތަކަށް ގެނައުމަށް ސަޢޫދީ ޢަރަބިއްޔާއަށް ބާރުއެޅުން އެމެރިކާއިން މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން، ޓްރަމްޕާއި ނަތަންޔާހޫ އާ ދެމެދު ގުޅުން ގޯސްވެފައިވާކަމުން އެމެރިކާ އާއި އިސްރާއީލާ ދެމެދު އޮތް "ޚާއްޞަ ގުޅުމަށް" ވާނީ ކިހިނެއްތޯ އެއީ އުފެދޭ ސުވާލެކެވެ. އިސްރާއީލުގެ ވައިނެޓް ނިއުސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން: "ގުޅުން ގޯސްވެފައި ވީނަމަވެސް، އިސްރާއީލުގެ އިސް ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ ސަރުކާރާ އެކު ފަރުދާގެ ފުރަގަހުގައި ކުރެވޭ މަޝްވަރާތައް ވަރަށް ގާތުން ކުރެވެމުންދެއެވެ. އަދި އެމެރިކާ އިން އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލެއް ނާދެއެވެ".

މި ރިޕޯޓުގައި އެމެރިކާގެ ސަފީރު މައިކް ހުކަބީ ވަނީ "ގަލްފްގެ ތިން ޤައުމަށް ކުރައްވާ ޒިޔާރަތުގައި ޓްރަމްޕް ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ." އެހެން އޭނާ ވިދާޅުނުވި ނަމަވެސް ހަމަ ބުއްދީގެ ނަޒަރަކުން ބަލާއިރުވެސް ޣައްޒާގެ މިލްކުވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅަކަށް އަދި ވަކިން ޚާއްސަ ކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރު ކުރައްވަން ވާހަކަ ދެއްކެވި ފަރާތަކަށް ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރައްވަން ކުރެއްވޭނީ ކޮންކަމެއްތޯ ވެސް އެއީ އުފެދޭ ސުވާލެކެވެ.

ޓްރަމްޕްގެ މި ދަތުރުފުޅުން އިސްރާއީލު ބާކީ ވީނަމަވެސް، އިސްރާއީލުގެ ނުބައި އަމަލުތަކުގެ މަދަދުގާރެއްގެ އޮތުގައި އެމެރިކާ އޮންނާނެ ކަމުގެ އެތައް ހެތްކެއް ދަނީ ފެންނަމުންނެވެ. ހުސްވި މަހު، އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގަވީރު - "ޣައްޒާ އަށް އެންމެ ގްރާމެއްގެ ކާނާ ވެސް ނުވަތަ އެހީއެއް ވެސް ވަނުމުގެ ސަބަބެއް ނެތް" ކަމަށް ބުނި މީހާ - ވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާރ-އަ-ލާގޯ ރިސޯޓުގައި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އިސް ފަރާތްތަކުން މެހެމާންދާރީ އަދާކޮށްފައެވެ. އޭނާގެ ޝަރަފުގައި ބޭއްވުނު ރޭގަނޑުގެ ކެއުމަކަށް ފަހު ބެން-ގަވީރު ފަޚުވެރިކަމާ އެކު ބުނެފައި ވަނީ "ރިޕަބްލިކަނުން ވަނީ ޣައްޒާ ގައި ޢަމަލުކުރަންވީ ގޮތާ ބެހޭގޮތުން އަހަރެންގެ ވަރަށް ސާފު ސިޔާސަތަށް ތާއީދު ފާޅުކޮށްފައެވެ. އަދި ކާނާ އާއި އެހީގެ ގުދަންތަކަށް ބޮންއެޅުމާ ބެހޭގޮތުން އަހަރެންގެ ސިޔާސަތަށްވެސް ތާއީދުކޮށްފައެވެ."

ޑޮނަލްޑް ޓްރަމްޕްސައޫދީ އަރަބިއްޔާއިޒްރޭލްފަލަސްތީނުޣައްޒާފަލަސްޠީނު ރައްޔިތުންނަސްލު ނައްތާލުންބެންޖަމިން ނަތަންޔާހޫއިސްރާއީލު-އެމެރިކާ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު