މިއަދު ދިވެހީންގެ ތެރޭގައި ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ގައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ޚާއްސަ ޚިތާބުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއަދު ދިވެހީންގެ ތެރޭގައި ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި، އެކަމަށް ޓަކައި މި ޒަމާނުގައި ބޭނުންވަނީ އިލްމީ ހަމަތަކެއްކަމަށެވެ.
މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ގައުމިއްޔަތު އިލްމީ ހަމަތަކުގެ މަތިން އުނގަންނައިދެވެމުންދާނެ ކަމަށާއި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެ ކަމަށެވެ. ދިވެހީންގެ ތަރިކަތައް، ޒަމާނީ ޓެކްނޯލޮޖީއާއި، އިގުތިސާދީ ވިސްނުން ޝާމިލުކޮށްގެން ދެމެހެއްޓެމުން ބެލެހެއްޓެމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އަބަދުވެސް އިސްލާހުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން ރަނގަޅު ކަންކަމަށް ތަރުހީބުދެމުން ކުރިޔަށް ދާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ އަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުމުގެ އަޒުމު ކަމަށެވެ. އޭރުން ރޫޙާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ޠާހިރުކަން ލިބުމާއެކު، މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެ ކަމަށާއި، އެ ފަދަ ގައުމަކީ ބާއްޖަވެރި އުފާވެރި ގައުމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަ ކަމަށާއި، އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީން ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ފަހަރު ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް މިއައީ ރަމަޟާން މަހުގެ ތެރޭގަ. މި ހެޔޮ އިއްތިފާގާ މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް. ދިވެހީން އިސްލާމްދީން ބަލައިގަތުމުން، ދިވެހީން ދިރިއުޅޭ ގޮތްތަކަށް އެ ދީން ގެނުވި ހެޔޮ ބަދަލުތަކަށް ވިސްނާލަމާތޯއެވެ. ޢަޤީދާގެ ގޮތުން ބަލާއިރު، އިހަށް ދިވެހީން ތަބާވެ އުޅުނު ދެވިތަކާއި ވަހުމުތައް ދޫކޮށް، އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރަންފެށި. އިންސާނިއްޔަތަށް ބަލާއިރު، އެކިއެކި ނަންނަމުގައި އިންސާނުން ގުރުބާންކުރުން ނިމުމަކަށް ގެނެސް، އިންސާނީ ކަރާމާތް ދިފާއުކޮށް މަތިވެރިކުރި. އިމާރާތްކުރުމަށް ބަލާއިރު، ހިރިގަލުގެ ރީތި ފަންނީ މިސްކިތްތައް ބިނާކުރި. އަޚްލާގަށް ބަލާއިރު، ފަސްވަގުތު ނަމާދަށް ދިޔުމާއި، ވެރީންނަށް އިޙްތިރާމުކުރުމާއި، އަމާނާތްތެރިކަން އާންމުވި. ވަކިން ޚާއްޞަކޮށް، ގުޅުންތެރިކަމަށް ބަލާއިރު، އެންމެހައި ދިވެހީންނަކީ އަޚުންތަކެއް ކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް، ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށި. މުޅި ރާއްޖޭގައި އަމާންކަން ގާއިމުވި. މީގެ އިތުރަށް، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ހައްގު ގޮތުގައި ޖިހާދުކޮށް، މި ލޮބުވެތި ވަޠަން މިނިވަންކުރި.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ގައުމިއްޔަތަކީ އެތައް ހާސް އަހަރެއްވީ ދިވެހީންގެ އެކުވިވިސްނުމުގައި ބިންވަޅުނެގިފައިވާ ހަގީގަތްތަކެއް ކަމަށެވެ. އެހެނީ، ދިވެހި ފަސްގަނޑު ހުހަށް އޮތް ޒަމާނެއް ތާރީޚުން ފެންނާން ނެތުމާއި، ދިވެހި ކަނޑު ހުރަސްކުރި ކޮންމެ ބަޔަކު ދެކެފައިވަނީ ދިވެހީން މި ރަށްތަކުގައި ދިރިއުޅެނިކޮށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ މި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީޚެއް ދުވަސްވަރެއް އެނގެން ނެތް ގައުމަކަށް ވާއިރު، މި ކަމުން އަންގައިދެނީ، ދިވެހީންގެ ދޮށިކަމާއި، ދިވެހީންގެ އަސްލުވެހިކަމާއި، ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަން ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައްކަމަށާއި އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.