އަމިއްލަ ވެރިކަމެއް އޮންނަ ކުރްދިސްތާނު ސަރަޙައްދުގެ ސަރުކާރު މުވައްޒަފުންގެ މުސާރަ ނުދީގެން ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް-ސުދާނީ އާ ދެކޮޅަށް އިރާޤުގެ ރައީސް، ދަޢުވާ ކުރައްވައިފި އެވެ.
މި ދައުވާއާއެކު މި ދެބޭފުޅުންގެ މެދުގައި މައްސަލަ އުފެދިފައިވާ މިންވަރު ބައެއް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.
ކުރުދީ ނަސްލަށް ނިސްބަތްވާ ރައީސް ޢަބްދުއްލަޠީފް ރަޝީދު، އަލް-ސުދާނީ އާއި މާލީ ވަޒީރު ޠާއިފް ސާމީ އާ ދެކޮޅަށް ދައުވާ ކުރެއްވީ މިދިޔަ މަހުގެ ތެރޭގައި ކަމަށް ވެއެވެ. އެހެން ނަމަވެސް ރައީސް ގެ މުޝީރު ހަވްރީ ތައުފީޤް، މިކަން ހާމަ ކުރެއްވީ އާދީއްތަ ދުވަހުއެވެ.
އިރާޤުގެ އެންމެ މަތީ ކޯޓަށް ހުށަހެޅި މި މައްސަލައި ގައި އެދިފައިވަނީ، ބަޣުދާދާއި އަރްބީލްގެ ދެމެދުގައި ހިނގަމުންދާ މާލީ ޚިލާފްތައް އެއްފަރާތް ކުރުމަށްފަހު، "މެދުނުކެނޑި" މުސާރަ ދިނުމަށް އަމުރެއް ނެރެދިނުމަށެވެ. އަރްބީލް އަކީ ކުރްދިސްތާނުގެ ވެރިރަށެވެ.
އިރާޤުގެ ސަރުކާރު ތެރޭގައި ނާގާބިލުކަމާއި ކޮރަޕްޝަން ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަނެއް ކޮޅުން މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަލް-ސުދާނީ އާއި ރަޝީދު އާ ދެމެދުގައި މައްސަލަތައް އުފެދިފައިވާތާ އެތައް ދުވަހެއް ވަނީ ފާއިތުވެފައެވެ.
އިރާގުގައި ސަރުކާރު މުވައްޒަފުންނަށް ޖެނުއަރީ މަހުގެ މުސާރަ ލިބިފައިވީ ނަމަވެސް، އަދިވެސް ޑިސެންބަރު މަހުގެ މުސާރަ އަށް މުވައްޒަފުން ގެންދަނީ އިންތިޒާރު ކުރަމުންދެއެވެ.
ތައުފީޤް ވިދާޅުވި ގޮތުގައި މި ދަޢުވާގެ މަޢުލޫމާތު ހާމަ ކުރަން ޖެހުނީ، ކުރުދިސްތާނުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ އަދި ރައީސްގެ އުފަން ރަށް ކަމަށްވާ ސުލައިމާނިއްޔާ ގައި މުސާރަ ނުލިބުމާ ގުޅިގެން އިހުތިޖާޖު ކުރަމުންދާތީ ކަމުގައެވެ.
އާދީއްތަ ދުވަހު، ސުލައިމާނިއްޔާގެ އެތައް ސަތޭކަ މީހުން އަރްބީލްގައި އިހުތިޖާޖު ކުރަން މަސައްކަތްކުރި ނަމަވެސް، ފުލުހުން ކަރުނަ ގޭސް ޖަހާ އެ މީހުން ފައްސާލި ކަމަށް އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
އަނެއްބައި މީހުން ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ސުލައިމާނިއްޔާގައި މަގުމަތީގައި އިށީނދެ ތިބެ ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރޭގައި 13 މުދައްރިސުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ދަނީ ކުރަމުންނެވެ.
މިދިޔަ އަހަރު، އިރާޤުގެ އެންމެ މަތީ ކޯޓުން ކޮށްފައިވާ ހުކުމެއް ގައި ބުނަނީ، ކުރްދިސްތާނުގެ ސަރަޙައްދީ ސަރުކާރު މެދުވެރިކޮށް މުސާރަ ފޮނުވުމުގެ ބަދަލުގައި، ފެޑެރަލް ސަރުކާރުން ކުރްދިސްތާނުގެ ސަރުކާރު މުވައްޒަފުންގެ މުސާރަ ދޭން ފެށުމަށެވެ. މިއީ ސުލައިމާނިއްޔާގެ މުވައްޒަފުން ދިގު މުއްދަތެއް ވަންދެން ގޮވަމުން އައި ކަމެކެވެ.
ނަމަވެސް، ގަވައިދުން މުސާރާ ދެވޭނެ ގޮތެއް ނުވާ ކަމަށް ވެއެވެ. ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މުސާރަ ދިނުމުގައި މެދުކެނޑުންތަކެއް އަންނަމުންދެއެވެ.
ސިޔާސީ އިލްމުވެރި އެއް ކަމުގައިވާ އިޙްސާން އަލް-ޝައްމަރީ މީޑިއާ އަށް ވިދާޅުވި ގޮތުގައި މި ދަޢުވާއިން ދައްކުވައިދެނީ ރަޝީދާއި އަލް-ސުދާނީ ގެ ދެމެދުގެ ގުޅުން ހީނަރުވަމުންދާ ކަމެވެ.
"އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައި މިވަނީ ވެރިކަން ހިންގާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ބޮޑެތި ބައިބައިވުން. އަދި މިހާރު މިކަން ވަނީ ހާމަކަން ބޮޑު ގޮތެއްގައި ފެންމަތިވެފައި،" ކަމަށް އަލް-ޝައްމަރީ ވިދާޅުވިއެވެ.
ޖެނުއަރީ މަހު، އަލް-ސުދާނީ ރަޝީދުގެ ދަރިކަލުންގެ ކުންފުނި ކަމަށްވާ 'އައިކިއު' އިންޓަރނެޓް ސަރވިސަސް އާ ބެހޭ ގޮތުން ތަޙުޤީޤެއް ހިންގުމަށް އަމުރުކުރެއްވިއެވެ.
އަނެއްކޮޅުން ޕާލިމެންޓް މެމްބަރު ޙަނާން އަލް-ފަތްލާވީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ރަޝީދަށް މުޚާޠަބުކޮށް ވިދާޅުވެފައިވަނީ: "މަނިކުފާނުގެ ދަރިކަލުންގެ ކުންފުނި، 'އައިކިއު' އިން ދައްކަންޖެހޭ ޖޫރިމަނާ ތަކުން އެކަނިވެސް... ކުރުދިސްތާނުގެ މުސާރަތައް ދިނުމަށް ފުދޭނެއެވެ