އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ޢައިންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ތިން ވަނައިގައި ދެމި އޮވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ އަލް ޢައިންއާ ދެކޮޅަށް ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 5-1 އިންނެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އަލް ނަޞްރުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އަލް ނަޞްރުގެ ދެ ވަނަ ލަނޑު ޖެހީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ ހަ މިނެޓު ފަހުން އަލް ޢައިންގެ ފަބިއޯ ރަފައެލް ރޮޑްރިގޭޒް ކާޑޯސޯ އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު އަލް ނަޞްރަށް ވަނީ ތިން ލަނޑުގެ ލީޑެއް ލިބިފަ އެވެ.
އަލް ޢައިންގެ ހަމައެކަނި ލަނޑަކީ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އަލް ނަޞްރުގެ ބެންޓޯ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި ވެސްލޭ ވަނީ އަލް ނަޞްރުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި އަލް ނަޞްރުގެ ފަސް ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ޓަލިސްކާ އެވެ.
މޮޅާއެކު އަލް ނަޞްރު ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި އަލް ޙިލާލަށް 12 ޕޮއިންޓު ލިބޭއިރު، ދެ ވަަނައިގައި އޮތް އަލް އަހްލީ ސައުދީ އަށް ވެސް ލިބެނީ 12 ޕޮއިންޓެވެ.