އިޒްރޭލުން ގާޒާގެ ސްކޫލަކަށް މިސައިލް ހަމަލާ ދީ 15 މީހުން ޝަހީދު ކޮށްލައިފި
ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު ސާޅީހަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސް އިން ބުނެއެވެ.

ގާޒާސްޓްރިޕް ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައި 27 ޖުލައި 2024 ގައި ގާޒާސިޓީގެ ޖިބާލީ ރެފިއުޖީ ކޭމްޕްގައި ހުރި ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ މަންޒަރެއް
އިޒްރޭލުން ގާޒާ ގެ ޝަޖައިޔާ ސަރަހައްދުގައި ހުންނަ ދަލާލް އަލް-މަޣްރިބީ ސްކޫލަށް ވައިގެ މަގުން މިސައިލް ހަމަލާދީ ފަލަސްތީނުގެ 15 މީހުން ޝަހީދު ކޮށްލައިފިއެވެ.
މި ސްކޫލް އިމާރަތަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ކަމަށް ގާޒާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ސްކޫލަށް ފޮނުވާލި 3 މިސައިލް ހަމަލާގައި މުޅި އިމާރާތް އެކީ ފުނޑުފުނޑު ވެފައިވާ ކަމަށް ގާޒާ ގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަމްދޫހް ބާސަލް ބުރާސްފަތި ދުވަހު ވީޑިއޯ މެސެއްޖެއްގައި ބުނެފައިވެއެވެ.
އިޒްރޭލުގެ މިހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު ސާޅީހަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސް އިން ބުނެފައިވެއެވެ.
އިޒްރޭލުން ހަމަލާ އާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ވަނީ ސްކޫލަށް ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. އަދި އެ ސްކޫލް އަކީ ހަމާސްގެ ހަނގުރާމަވެރިން ބޭނުން ކުރާ އިމާރާތެއް ކަމަށް ވެސް ބުނެފައިވެއެވެ.
ފަލަސްތީނުގެ ހަމާސް އިން މި ހަމަލާ ސިފަ ކޮށްފައިވަނީ އައު ގަތުލުއާންމެއްގެ ގޮތުގައެވެ.
"މިއީ އިޒްރޭލް ސިފައިން ހިންގާފައިވާ ގަތުލުއާންމުގެ ދިގު ލިސްޓަށް އިތުރު ވެގެން ދިޔަ އައު ގަތުލުއާންމެއް،" ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.





