ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 18:20
ރަފަހް ސިޓީ އިޒްރޭލުން ހިރަފުހަށް ހަދާލުން - ރަފަހް ގައި މިހާރު ބާކީ ތިބީ ވަރަށް މަދު ވަޒަންވެރިއެއް
ރަފަހް ސިޓީ އިޒްރޭލުން ހިރަފުހަށް ހަދާލުން - ރަފަހް ގައި މިހާރު ބާކީ ތިބީ ވަރަށް މަދު ވަޒަންވެރިއެއް
އޭޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ރަފަހް ސިޓީ އިޒްރޭލުން ހިރަފުހަށް ހަދާލުމަށް ފަހު ނޫސްވެރިންނަށް ދައްކާލައިފި
ރަފަހް ސިޓީ އަށް އިޒްރޭލް ސިފައިން އަރާ ހަމަލާތައް ދޭން ފެށިފަހުން އިޒްރޭލުން ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިން އެސީޓީ އަށް ގެންގޮސް ދައްކާލާފައެވެ.

ރަފަހް ސިޓީ އަށް އިޒްރޭލުން އަރައިގަތީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. ހަމާސް ހަނގުރާމަވެރިންނާ ދެކޮޅަށް "ލިމިޓެޑް" އޮޕަރޭޝަނެއް" ހިންގުމަށް ކަމަށް ބުނެއެވެ.

އޭގެ 2 މަސް ދުވަސް ފަހުން ޔަހޫދީ ސިފައިން ފުރަތަމަ ފަހަރަށް ނޫސްވެރިން ރަފަހް ސިޓީ އަށް ގެންގޮސްފިއެވެ. އިޒްރޭލުން މި ހުރިހާ ދުވަހު އެ ސަރަހައްދު އޮތީ ނޫސްވެރިންނަށް ބަންދު ކޮށްފައެވެ. އަނެއް ކޮޅުން އެކި ގޮތް ގޮތުން އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިންނަށް ވެސް އެއްވެސް ރައްކައުތެރި ކަމެއް، ސަލާމަތައް އިޒްރޭލް ސިފައިން ނުދެއެވެ.

އޭގެ ނަތީޖާއަކީ، 150 ފަލަސްތީނުގެ ނޫސްވެރިން އިޒްރޭލްގެ ހަމަލާތަކުގައި މަރުވެ، ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން މަރުވެގެން ދިޔަ ހަނގުރާމަ އަށް ގާޒާ ހނގުރާމަ ވެގެން ދިއުމެވެ.

ރަފަހް އަށް ގެންދިޔަ ފުރަތަމަ ނޫސްވެރިންގެ ތެރޭގައި އެސޯސިއޭޓެޑް ޕްރެސް ގެ ނޫސްވެރި އަކު ހިމެނުނެވެ.

އޭނާ ބުނެފައިވާ ގޮތުން، ރަފަހް އިން ފެނުނީ ނޫސްވެރިންނަށް ފެނުނީ ފަޅުކަމެވެ. ފުނޑިފައިވާ އިމާރާތްތަކެވެ. ވެއްޓިފައިވާ ފާރުތަކެވެ. ވަޒަނަކާ ޖެހި ވަޒަނެއް އަރާފައިވާ ދޮރުތަކާއި ފާރުތަކެވެ. އެތަނުގައި އެއްވެސް އުއްމީދެއް، ދިރުމެއް ނެތެވެ.

ރަފަހް ގައި މިހާރު ބާކީ ތިބީ ވަރަށް މަދު ވަޒަންވެރިއެކެވެ.

ރަފަހް އަކީ 65 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިސްރުއާ އިން ވެގެން އޮންނަ މި ސަހަރައްދަކީ އިޒްރޭލުން ކަނޑައަޅާފައި އޮންނަ ރައްކައުތެރި ސަރަހައްދެކެވެ. ގާޒާގެ އެހެން ސަރަހައްދު ތަކަށް ހަމަލާ ދޭތީ ރަފަހް އަކީ މީގެ ކުރިން އެ ހަމަލާތަކުގައި ގެއްލުންވާ މީހުންނަށް އޮންނަ އަމާން ސަރަހައްދެކެވެ.

މިފަހަރު ރަފަހް އަށް އިޒްރޭލު ސިފައިން އަރައިގަތީ އެތަނަށް ހަމާސްގެ ހަނގުރާމަވެރިން ދިޔަ ކަމަށް ބުނެއެވެ. އެތައް އެތައް ހަމަލާއެއް ދީ މުޅި ތަން ސުންނާފަތި ކުރި އިރުވެސް ހަމާސް ހަނގުރާމަ ވެރިން އެތަނުގައި އެބަތިއްބޭ ބުނާ ބުނުން ފިޔަވާ އިތުރު އެއްޗެއް ޔަހޫދީ ސިފައިންނަކަށް ނުދެއްކެއެވެ.

އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ވުމުން ރައްކައުތެރިކަން ހޯދަން ރަފަހް އަށް 1.4 މިލިއަން މީހުން އައިސް ތޮއްޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެތަނުގައި އުޅުނީ 275،000 މީހުންނެވެ. މިހާރު އެތަނުގައި ތިބީ 50،000 މީހުން ކަމަށް އދ އިން އަންދާޒާ ކުރެއެވެ.

ރަފަހްގައި އުޅޭ އާބަދީ ގެ ގިނަ މީހުންނަކީ ޓެންޓު ތަކުގައި ދިރިއުޅޭ މި މީހުންނަށް ކަމަށްވެފައި، އެހީ ފޯރުކޮށްދޭ މަގުތަކަށް އިޒްރޭލް ސަފައިން ހުރަސްއެޅުމާއި، ބަންދުގައި އެހާ ގިނަ ދުވަހު ތިބެން ޖެހުމުން، ސާފު ފެނާއި، ކާނާއި ބޭސްފަރުވާ ލިބުމަކީ ރަފަހްފައި ވަރަށް ދަތި ކަމެއް ކަމަށް ނޫސްވެރިން ބުނެފައިވެއެވެ.

ގާޒާ އަށް އަރާ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި މިހާތަނަށް 40،000ށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެ 80،000ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ހޮސްޕިޓަލްތައް ހުރީ ވަރަށް ދެރަވަރުގެ ހާލަތުގައެވެ. އެއިން ތަނެއް ހިންގާ ބެލެހެއްޓޭނެ ފަދަވެސް މިހާރު ނެތް ކަމަށްވެއެވެ. ޒަޚަމްވާ ފަރާތްތަކާ ހަމަ އަށް އެމްބިއުލާންސް ނުފޯރައިގެން ބައެއް މީހުން މަރުވާ ކަމަށްވެއެވެ. އެމްބިއުލާންސްގެ ދަތުރު ތަކަށް ބުރޫ އަރަނީ ތެޔޮ ލިބުން ތާށިވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.

ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ހަމާސް އިން ހުށަހެޅި ހުށަހެޅުމަކަމަށް މަޝްވަރާތައް ކުރިއަށް އެބަދެއެވެ. އެހެން ނަމަވެސް، ފަލަސްތީން ރައްޔިތުންނަށް ހަމަ ޖެހުމެއް އަންނާނީ ކޮން އިރަކު ކަމެއް ނޭގެއެވެ. އިޒްރޭލުގެ ބޮޑު ވަޒީރުގެ ވިސްނުމަކީ ހަތިޔާރު ހިފައިގެން ގާޒާ އަށް އަރާ ހަމަލާ އެއް ދޭން ވެއްޖެއްޔާ ހަމަލާ ދިނުމުގެ ފުރުސަތު އަބަދުވެސް އިޒްރޭލަށް އޮތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް