ކ. މާލެ
|
17 ޖޫން 2024 | ހޯމަ 10:03
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ރޮއިޓާސް
ޔޫރޯ 2024
އެމްބާޕޭ އަށް ބަހަނާއެއް ނެތް، ޔޫރޯ ގައި ވިދާލަން މަޖުބޫރު!
ޔޫރޯ މުބާރާތަކީ ފްރާންސްގެ ކެޕްޓަން ކަން އެމްބާޕޭ އަށް ލިބުނު ފަހުން ކެޕްޓަންގެ ގޮތުގައި އޭނާ ކުރިމަތިލާނެ ފުރަތަަމަ މުބާރާތް

ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ކީލިއަން އެމްބާޕޭ ހުރީ ނުހަނު ބާރާ އެކު އެވެ. އޭނާ އަކީ އެ ޓީމުގައި ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެމްބާޕޭ އަކީ ޕީއެސްޖީން ފުޓުބޯޅައިގައި ކުރިއަށް ދާން ކުރާ މަސައްކަތުގެ "ބިންގާ" ކަމަށް އެ ކުލަބުގެ ސަޕޯޓަރުން ތިބީ ދެކިގެންނެވެ. ސަޕޯޓަރުންގެ ތައުރީފާއި، ލޯބި އިންތިހާ އަށް އޭނާ އަށް އޮތެވެ.

އެކަމަކު ވެސް އެމްބާޕޭ ބުނެފައި ވަނީ ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސަސް ގައި ދިމާވި ބައެއް ކަންތައްތަކުގެ ސަބަބުން، އޭނާ ދެރަވި ކަމަށެވެ. އެމްބާޕޭ ބުނެފައިވާ ގޮތުގައި ޕީއެސްޖީގައި އޭނާ އަށް ހޭދަ ކުރަން ޖެހުނު ދުވަސްތަކަކީ އެންމެ ފަސޭހަ ދުވަސްތަކެއް ވެސް ނޫނެވެ. އަދި އެގޮތުގައި، އެހެން ބައެއްގެ މައްޗަށް ބަރޯސާވެގެން އުޅެން ބޭނުން ނުވާ ކަމަށް ވެސް އެމްބާޕޭ އޮތީ ބުނެފަ އެވެ.

އެކަންތައްތަކާ އެކު އެމްބާޕޭ ވަނީ ޕީއެސްޖީ ދޫކޮށް، އޭނާގެ ހުވަފެނީ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ރެއާލަށް ބަދަލުވީއިރު، ޔޫރޯ ފުޓުބޯޅަ މުބާރާތް އޮތޯ ބޯމަތިވެފަ އެވެ. އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވީއިރު، ބައެއް މީހުން އެކަން ސިފަ ކޮށްފައި ވަނީ ޖަލެއްގައި ބަންދު ކޮށްފައި ހުރި މީހަކު މިނިވަންވުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ.

ވަރަށް ބޮޑަށް ބޭނުންވެފައި.

ޒުވާން ކުޅުންތެރިޔާ ސީއެންއެން އަށް ބުނެފައިވާ ގޮތުގައި އޭނާ އަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވިއްޖެ އެވެ. ހަމަ އެއާއެކު، ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކުރެވިއްޖެ އެވެ. އެމްބާޕޭ ބުނީ ގޮތުގައި ޔޯރޯ މުބާރާތަކީ ޤައުމީ ޓީމާއެކު އޭނާ އަށް ގެއްލުނު ހަމައެކަނި މުބާރާތެވެ. އަދި ހާއްސަކޮށް މިއަހަރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ މުބާރާތަކީ، ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭ އަށް ލިބުނު ފަހުން، ކެޕްޓަންގެ ގޮތުގައި އޭނާ ކުރިމަތިލާނެ ފުރަތަަމަ މުބާރާތް ވެސް މެއެވެ. އެހެންކަމުން މިއަހަރުގެ ޔޫރޯ މުބާރާތަކީ ހުރިހާ ގޮތަކުން ވެސް އެމްބާޕޭ އަށް ހާއްސް، އަދި އެހާމެ މުހިއްމު މުބާރާތެކެވެ.

ފްރާންސް އާއެކު މިއަހަރުގެ ޔޫރޯ މުބާރާތަށް ބޮޑު އުންމީދެއްގައި ހުރެ ނިކުންނަ އެމްބާޕޭ ބޭނުން ވަނީ، ޖަރުމަނުގައި އޮންނަ ޔޫރޯ ފްރާންސް އާއެކު ކާމިޔާބު ކުރުމަށެވެ. އޭނާ ހުރީ އެކަމަށް "ދަހިވެތިވެ"، އިންތިހާ އަށް "ފެންބޮވައި ގެންފައި" އެވެ. ޚާއްސަކޮށް މި މުބާރާތް އެމްބާޕޭ އަށް ޚާއްސަވާ ކަމުގެ އިޙުސާސް ވެސް އޭނާ އަށް ކުރެ އެވެ. އެހެންވެ، އެކަން ޙާސިލު ކުރުމާއެކު، މިއަހަރުގެ މުބާރާތަކީ ޤައުމަށް ތާރީޚީ ކާމިޔާބެއް ހޯދަން ލިބޭ ފުރުސަަތެއްގެ ގޮތުގައި އެމްބާޕޭ ދެކެ އެވެ.

އެހެން ނަމަވެސް، މިއީ އެމްބާޕޭ އަށް އޭނާގެ މާޒީގައި އޮތް ވޭންދެނިވި ނުވަތަ ހިތްދަތި ދުވަސްތައް ފަހަތަށް ޖައްސާލުމަށް ވެސް ލިބުނު ފުރުސަތެކެވެ. ހޫނު މޫސުމުގައި ސްޕެއިންގެ ރެއާލަށް ބަދަލުވެ، ހަމަ އެ ހޫނު މޫސުމުގައު ފްރާންސް އާއެކު ޔޫރޯ ކާމިޔާބު ކުރުން ވާނީ ހަމައެކަނި އެމްބާޕޭ އަަށް ލިބޭ އުފަލަކަށް ނޫނެވެ. އެމްބާޕޭ އަށް އެކަން ވާނީ ކުރިން ލިބުނު ހިތްދަތިކަން ފޮހެލައި، ބަދަލު ހިފުމުގެ ކަމަކަށެވެ.

ސާބިތުކޮށްދޭން ބޭނުންވާ ހުރިހާ ކަމެއް.

ފްރާންސް ގައި ވެސް އެންމެ މުހިއްމު ރޯލެއް އަދާ ކުރާނެ އެމްބާޕޭ ބުނީ، އޭނާ އަކީ ބަދަލު ހިފުމުގެ ވިސްނުމުގައި ކުޅޭނެ ކުޅުންތެރިޔެއް ކަމަށެވެ. ހާއްސަކޮށް ކުޅުންތެރިޔެއްގެ ގޮތުގައި ޔޫރޯގައި އެތައް ކަމެއް ސާބިތުކޮށްދޭން ހުރި ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.

ހަގީގަތުގައި ވެސް އެމްބާޕޭ އެ ބުނަނީ ވަރަށް ތެދު ވާހަކަ އެކެވެ. ފީފާ ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑު މުގުރާލުމުގެ ފުރުސަތު ވެސް އެމްބާޕޭ އަށް އޮތްއިރު، ޔޫރޯގައި އެމްބާޕޭގެ ފުރަތަމަ ފެނިލުން ވެގެން ދިޔައީ ވެސް ބިރުވެރި ކަމަކަށެވެ. އެ އަހަރުގެ ޔޫރޯގެ ގަދަ 16 ވަނަ ބުރުން ފްރާންސް ކެޓިއިރު، ސްވިޒަލެންޑާ ދެކޮޅަށް އެމްބާޕޭ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ހަގީގަތުގައި އެކަން އެހާ ގޯސްކޮށް ދިޔުމުން މާޔޫސްވެފައި ހުރެ އެމްބާޕޭ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނި ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ދުވަހަކު ވެސް މައްސަލައަކަށް ވާން ބޭނުމެއް ނުވޭ.

ޒުވާން އުމުރުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަަންނަ އެމްބާޕޭ ވަނީ، ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ހެޓްރިކް ހަދައިގެން ތާރީޚުން ޖާގަ ހޯދައިފަ އެވެ. އެތައް ލެޖެންޑުންނާ އެއް ހަމައެއްގައި ހުންނަން މަސައްކަތް ކުރަމުން އަންނަ އެމްބާޕޭ އަކީ، ފްރާންސް ޤައުމީ ޓީމުގައި ކޮންމެހެން ވެސް މުހިއްމުވެފައިވާ ކުޅުންތެރިޔެކެވެ.

އެމްބާޕޭ ބުނެފައިވާ ގޮތުގައި ދުވަހަކު ވެސް އޭނާ މައްސަލަ އަކަށް ވާން ބޭނުމެއް ނުވެ އެވެ. އެމްބާޕޭ އަށް އެންމެ މުހިއްމު ވަނީ ވެސް ފްރާންސް ޤައުމީ ޓީމެވެ. އަދި ޤައުމީ ޓީމު ކުރިއަށް ދާން ބަލާއިރު، އެކަން ކުރެވެނީ އެމްބާޕޭއާ ނުލައި ކަަމަށްވާ ނަމަ، އެމްބާޕޭ ހުރީ އެ ފަރާތަށް ޖެހިލަން ވެސް ތައްޔާރަށެވެ. އެމްބާޕޭ ބުނެފައިވާ ގޮތުގައި އަބަދު ވެސް އޭނާ އަށް ލިބެމުން އަންނަ މެސެޖަކީ، "އީގޯ"ގެ ގޯސް ކަމާއި، އެކަމުގެ ގެއްލުން ހުންނާނެ މިންވަރެވެ.

މި ހުރިހާ ކަމަކާއެކު ވެސް އެމްބާޕޭ އަށް އޮތީ ފްރާންސް ގޮވައިގެން ދާން ބޭނުންވާ މަންޒިލަށް ދިޔުމެވެ. އެއީ އެމްބާޕޭ އަށް ވެސް ބޮޑު ޝަރަފަކަށްވާއިރު، ޤައުމަށް ވެސް ވާނީ ތާރީޚީ ކާމިޔާބަކަށެވެ. އެހެންވެ، އެމްބާޕޭ ހުރީ އެއްވެސް ޝަކުވާއެއް ކުރުމެއް ނެތި، ޔޫރޯގައި ވިދާލަން ބޭނުންވެފަ އެވެ. އަލުން އަނބުރާ ފްރާންސް އަށް ފުޓުބޯޅައިގެ ރަން ކާމިޔާބެއް ހޯދުމުގެ މަތިވެރި ޢަޒުމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް