ކ. މާލެ
|
12 މެއި 2024 | އާދީއްތަ 14:23
ދަރިމައިވުމުގެ އުންމީދުގައި ބޭސް ބޭނުން ކުރަމުންދާ މީހަކު، މާ ކުރީކޮޅުގައި ޓެސްޓު ކޮށްފިނަމަވެސް އެމީހެއްގެ ސާމްޕަލް ޕޮޒިޓިވް ކަމަށް ދައްކާފާނެ
ދަރިމައިވުމުގެ އުންމީދުގައި ބޭސް ބޭނުން ކުރަމުންދާ މީހަކު، މާ ކުރީކޮޅުގައި ޓެސްޓު ކޮށްފިނަމަވެސް އެމީހެއްގެ ސާމްޕަލް ޕޮޒިޓިވް ކަމަށް ދައްކާފާނެ
ސީއެންއޭ
ބަލިވެއިންތޯ ބަލަން ގޭގައި ޓެސްޓުކުރުން
ބަލިވެއިންތޯ ބަލަން ގޭގައި ޓެސްޓު ކުރެވެނީ ރަނގަޅަށްތަ؟
 
ބަލިވެ އިން ދުވަހުން ފަށައިގެން ހިނގާ 2 ވަނަ 3 މަސްދުވަސް ނުވަތަ 3 ވަނަ ދުވަހުގެ ތެރޭގައި ހަދާ ކުޑަކަމުދާ ތަކެތީގެ ޓެސްޓުންވެސް، އެމީހަކީ މާބަނޑު މީހެއް ނޫން ކަމަށް ދެއްކުން އެކަށީގެންވޭ

ހައްޔަރުގައި އިން ކަން ނުވަތަ ނޫން ކަން ކަށަވަރު ކުރަން ބޭނުން ވާ މީހަކު، އަމިއްލައަށް ގޭގައި ހަދާ ޓެސްޓު ހަދަނީ ކޮން އިރަކު ހެއްޔެވެ؟ ޓެސްޓު ކިޓުގެ އަގާއި ބްރޭންޑްއަކީ، ނަތީޖާއާ ގުޅުމެއް އޮތް ކަމެއް ހެއްޔެވެ؟ ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ގޭގައި ހަދާ ޓެސްޓަކުން، ދާދި ފަހުން ބައިގެން ދިޔަކަން ދެނެގަނެވިދާނެ ހެއްޔެވެ؟ މިއީ ދަރިމައިވާ ޢުމުރުގެ އަންހެނުންގެ ސިކުނޑީގައި، ޙަޔާތުގެ ވަކި ހިސާބަކުން އުފެދޭ ބައެއް ސުވާލުތަކެވެ. މިއިން ކޮންމެ ސުވާލަކަށް އެންމެ ފުރިހަމަ ޖަވާބެއް ގިނަ ފަހަރު އޮންނަނީ ނުލިބިއެވެ. ނުތަނަވަސްކަމާއި، ހާސްކަމުގައި ދުވަސްތައް ގުނަން ޖެހޭ ފަހަރުވެސް އާދެއެވެ. އެހެން ކަމުން، މި ހިއްސާކޮށްލަނީ، ދަރިމައިވުމާއި އަންހެނުންގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރުން ކަމަށް ވާ، ޑރ ސެރީނާ ކޯއާއި ޑރ. ހެންގް ޓުންގް ލޭން ދައްކަވާފައިވާ ބައެއް ވާހަކަތަކެވެ. ޞިއްޙީ ތަޖުރިބާކާރެއްގެ ގާތަށް ދެވުމާ ހިސާބަށްވެސް، ސިކުނޑީގެ ހާސްކަމަށް ލުޔެއް ހޯދައިދެވޭތޯއެވެ.

ޑރ ކޯ މަސައްކަތް ކުރައްވަނީ ސިންގަޕޫރުގެ ކޭކޭ ވިމެންސް އެންޑް ޗިލްޑްރަންސް ހޮސްޕިޓަލުގައެވެ. ޑރ ހެންގް މަސައްކަތް ކުރައްވަނީ ޕާކްވޭ އީސްޓް ހޮސްޕިޓަލުގައެވެ.

މައްސަރުކަންތައް ޖެހެންވާ ދުވަހަށް ނުޖެހި ލަސްވީ ހެއްޔެވެ؟ ކުޑަކޮށް މޭ ނުބައި ކުރާ ގޮތް ވަނީ ހެއްޔެވެ؟ އާދަޔާ ޚިލާފަށް ބަނޑު ފުއްޕާފައި ހުންނަ ކަމުގެ އިޙްސާސް ކުރެވެނީ ހެއްޔެވެ؟ މި އަލާމާތްތަކަކީ މިވެނި ކަމެކޭ ބުނާނެ އެތައް ސަބަބެއް އެބަ ހުއްޓެވެ. މައްސަރުކަންތައް ޖެހުން، މި މަހު ހަމަ ފަހަރުގައި ލަސްވީ ކަމަށްވެސް ވެދާނެއެވެ... ނޫނީ، ބަލިވެ އިނީ ކަމުގައިވެސް ވެދާނެއެވެ. ޑޮކްޓަރުން ތަދު އަދުގެ މި ޒަމާނުގައި، އެފަދަ ކަމަކާ އުޅުމުގެ ކުރިން ކޮންމެ މީހަކުވެސް އަވަސް ޖަވާބެއް ބޭނުންވެއެވެ. އެންމެ އަވަހަށް ދުއްވައިގަނެވެނީ ކަންމަތީ ފާމަސީތަކުން، ޑޮކްޓަރެއްގެ ލިޔުމަކާވެސް ނުލާ ވިއްކާ 'ޕްރެގްނެންސީ ޓެސްޓް ކިޓް' އަކާ ދިމާއަށެވެ. ކުރަން ޖެހޭހައިވެސް ކަމަކީ އެ ކިޓްގައިވާ ހާއްސަ ތަނަކަށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް އެޅުމެވެ. އަދި ބަޔާންކޮށްފައިވާ ވަގުތު ޖެހެންދެން އިންތިޒާރު ކުރުމެވެ. މާ އަވަސް ވިޔަސް، ލަސްވިޔަސް، ނަތީޖާ ދިމާވާ ގޮތް ނުވެދާނެއެވެ.

ޕްރެގެނެންސީ ޓެސްޓް ކިޓް މަސައްކަތް ކުރަނީ ކިހިނެއް، އަދި ނަތީޖާ ކަށަވަރު ކަމަކީ ކޮބާ؟

ބަނޑުގައި ދަރިއަކު ޣަރުބަގަންނަން ފަށާ ހިސާބުން، އެ މީހާގެ ބަނޑުގައި ވާ ޕްލަސެންޓާ ނުވަތަ ވާމަހުން، ހިއުމަން ކޮރިއޯނިކް ގޮނަޑޮޓްރޮޕިން (އެޗްސީޖީ)އޭ ކިޔާ ހޯމޯންއެއް އުފައްދައެވެ. އެ މީހާގެ ލެޔާއި، ކުޑަކަމުދާތަކެތީގައި އެ ހޯމޯން ދައުރު ކުރެއެވެ. ޓެސްޓް ކިޓްގެ މަސައްކަތަކަށް ވަނީ، ކަނޑައަޅާފައިވާ ހާއްސަ ޖާގައަށް ފޯރުކޮށްދިން ކުޑަކަމުދާ ތަކެތީގެ ސާމްޕަލްގައި، މި ދެންނެވި އެޗްސީޖީ ހޯމޯން ހުރިކަން ނުވަތަ ނެތްކަން ބެލުމެވެ.

ޑރ ކޯ ވިދާޅުވި ގޮތުގައި، ފާމަސީތަކުން އާންމުކޮށް ގަންނަން ލިބެން ހުންނަ ކިޓްތަކުގެ ނަތީޖާއަކީ، 100 އަކުން 95 ފަހަރު ޞައްޙަ ނަތީޖާ ދައްކާ އާލާތެކެވެ. ނުވަތަ 95 ޕަސެންޓް ކަށަވަރު ޓެސްޓު ކިޓްއެކެވެ. ބަލިވެ އިން ކަމުގައި ވީ ނަމަވެސް، ކިޓްއިން ނެގެޓިވް (ނައްސި) ކަމަށް ދައްކަފާނެއެވެ. ޑރ ހެންގް ވިދާޅުވި ގޮތުގައި އެކަން އެހެން ދިމާވަނީ، އެ މީހާގެ ހަށިގަނޑުގައި އެޗްސީޖީ ހޯމޯންސް ހުރި މިންވަރު ދަށްވުމުގެ ސަބަބުންނެވެ. ބަނޑުގައި ދަރިއަކު ޣަރުބަގަންނަން ފަށާތާ ކުރީކޮޅު އެކަން އެހެން އޮތުމަކީ އާންމު ކަމެކެވެ. އާންމުކޮށް، އެންމެ ފަހުން މައްސަރުކަންތައް ނުޖެހި ދިޔަ ތާރީޚުން ފެށިގެން 6 ހަފުތާއާއި 12 ހަފުތާއާ ދެމެދު މުއްދަތެއްގައެވެ.

ބްރޭންޑް ނުވަތަ ބާވަތާއި، އަގުގެ ދައުރެއް އޮވޭތަ؟

ޞައްޙަކަމުގެ ގޮތުން ދެ ޑޮކްޓަރުން ވެސް ވިދާޅުވަނީ ހަގީގަތުގައި ތަފާތެއް ނެތް ކަމަށެވެ. ޑިޖިޓަލް ޓެސްޓު ކިޓު އުފައްދާފައި ހުންނަނީ އޭގައިވާ ޑިސްޕްލޭއަށް، 'ޕްރެގްނަންޓް' ނުވަތަ 'ނޮޓް ޕްރެގްނަންޓް' އަރާ ގޮތަށެވެ. ބައެއް ކިޓްތަކުގައި، ބަނޑަށް ވީ ކިތައް ހަފުތާކަންވެސް ބަޔާންކޮށްދެއެވެ. ޑިޖިޓަލް ނޫން ކިޓުތަކުން ނަތީޖާ ބަލަން ޖެހެނީ، އޭގައިވާ ހާއްސަ ޖާގައަކަށް ރޮނގު ބުރިތަކެއް އަރާނަރާ ގޮތް ބަލައިގެންނެވެ. ބައެއް ފަހަރު، 'ޓީ' ނުވަތަ ޓެސްޓު ޖަހާފައިވާ ފާހަގައާ ދިމާލަށް އަރާ ރޮނގު ބުރީގެ ކުލަ އިންތިހާއަށް ފަނޑުވާ ގޮތްވެއެވެ. އެފަދަ ހާލެއްގައި، އެއީ ނަތީޖާ ކަށަވަރު ކުރަން ދަތި ފައްތަރަކަށް މީހާ ވައްޓާލައެވެ.

ކަން މިހެން އޮތް ނަމަވެސް، ޑިޖިޓަލް ކިޓްތަކަކީ، އެ ނޫން ކިޓްތަކަށް ވުރެ ވަކި އެކިއުރޭޓް ނުވަތަ ނަތީޖާ ކަށަވަރު ކިޓްތަކެއް ނޫން ކަން، ޑރ ހެންގް ފާހަގަ ކުރެއްވިއެވެ. އަގުގެ ގޮތުން މަތީގައި ހުރި ބައެއް ކިޓުތަކަކީ ބަލިވެ އިންނަތާ އެންމެ ކުރީކޮޅުން ފެށިގެންވެސް ނަތީޖާ ކިޓްތަކެކެވެ. ނަމަވެސް، އެކަންވެސް ގުޅެނީ އެ މީހާގެ ހަށިގަނޑު އެޗްސީޖީ ހޯމޯންސް ހުރި މިންވަރަކާއެވެ. ބާޒާރުން މިވަގުތު ލިބެން ހުރި ހުރިހާ ކިޓްތަކަކީވެސް ޞައްޙަ ނަތީޖާގެ ފުރުޞަތު ބޮޑު ކިޓްތަކެއް ކަމުން، ކޮންމެ މީހަކުވެސް ކިޓްއެއް ޚިޔާރު ކުރަން ވީ އެމީހަކަށް އެންމެ ފަސޭހަ ބްރޭންޑެއް ބަލައިގެންނެވެ. އަދި އެމީހެއްގެ މާލީ ތަނަވަސްކަން ތަން ދިން މިންވަރަކުންނެވެ. އެކި ބްރޭންޑްތަކުގެ ކިޓްތައް ބޭނުން ކުރަން ޖެހޭ ގޮތް ތަފާތު ވެދާނެ ކަމަށްޓަކައި، ކޮންމެ ކިޓްއަކާ އެކު، އެ އުފެއްދި ކުންފުނިން ދީފައިވާ އިރުޝާދުތައް ރަނގަޅަށް ކިޔައި، އޭގައި ވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ޑރ ކޯ އިރުޝާދު ދެއްވައެވެ.

ޓެސްޓު ކުރަންވީ ކިހާތާކު އަދި ކޮން އިރަކު؟

މިއީ އެންމެ ބޮޑު ސުވާލެވެ. ދެމަފިރިކަމުގެ ގުޅުން ހިންގިތާ 1 ހަފުތާ ނުވަތަ 2 ހަފުތާ ފަހުންވެސް ޕްރެގްނެންސީ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ކަމަށް ދެއްކުމުގެ ފުރުޞަތު އޮންނަ ކަމަށް ޑރ ހެންގް ވިދާޅުވިއެވެ. ނަމަވެސް، ނަތީޖާ މުޅިން ކަށަވަރު ކުރުމަށްޓަކައި، އެ މަހު ޕީރިއަޑް މިސްވާ ހިސާބުން އަނެއްކާވެސް ޓެސްޓު ތަކުރާރު ކުރަން ޖެހެއެވެ. ޕީރިއަޑް ވާންޖެހޭ ދުވަހަށް ވުރެ ދެތިން ދުވަސް ފަހުންވެސް ފައްސި ނަތީޖާ ލިބުމުގެ ނަޞީބު، ޤަވައިދުން މައްސަރު ކަންތައް ޖެހޭ މީހުންނަށް ލިބޭ ފަހަރު އާދެއެވެ.

ދަރިމައިވުމުގެ ފުރުޞަތު އެންމެ ބޮޑުވާ ދުވަސްތައް ނުވަތަ އޯވިއުލޭޝަން ދުވަސްތައް ގުނަން ދަތި މީހަކުނަމަ، އިތުބާރު ހިފޭ މޯބައިލް އެޕްލިކޭޝަންއެއް މެދުވެރިކޮށް އެކަން ކުރުމުން އެހީއަކަށް ވާނެ ކަމަށް ޑރ ކޯ ވިދާޅުވެއެވެ.

ޤަވައިދުން މައްސަރުކަންތައް ނުޖެހޭ މީހަކު ނުވަތަ އިރެގިއުލަރ މީހަކު ބަލިވެ އިނީތޯ ބަލަން ޓެސްޓު ކުރާނެ ވަކި ތާރީޚެއް ކަނޑައަޅަން ދަތިވެއެވެ. އެފަދަ މީހުންވެސް ބައެއް ފަހަރު ޓެސްޓު ތަކުރާރު ކުރަންޖެހެއެވެ. އެތައް ފަހަރަކުވެސް ތަކުރާރު ކުރަން ޖެހިދާނެ ކަމަށް ޑރ ހެންގް ވިދާޅުވިއެވެ.

ޑރ ހެންގް ވިދާޅުވާ ގޮތުގައި ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ޓެސްޓު ކުރެވިދާނެއެވެ. ނަމަވެސް، ރޭގަނޑުގެ ނިންޖަށްފަހު، ފަތިހު ބޭރުވާ ކުޑަކަމުދާ ތަކެއްޗަކީ އެންމެ ރަނގަޅު ސާމްޕަލް ކަމަށާ، އެޗްސީޖީ މިންވަރުވެސް އެންމެ މަތީގައި ހުންނާނީ އެ ސާމްޕަލްގައި ކަމަށް ޑރ ކޯ ތަފްސީލު ކޮށްދެއްވިއެވެ. އެހެން ކަމުން، ފަތިހު ހަދާ ޓެސްޓުގެ ނަތީޖާ ކަށަވަރު ވުމުގެ ފުރުޞަތު މާ ބޮޑެވެ.

ކިޓްއިން ޕޮޒިޓިވް، ލޭގެ ޓެސްޓު ނެގެޓިވް: ކީއްވެ؟

މިއީ ދަރިއަކަށް ކެތްމަދުވެފައިވާ ދެމަފިރިއަކަށް، ވަކިން ހާއްސަކޮށް އަންހެން މީހާއަށް އެންމެ ފުން ހިތާމައަކާ ކުރިމަތިވާ އެއް ވަގުތު ކަމުގައިވެސް ދެންނެވިދާނެއެވެ. ގޭގައި ހެދި ޓެސްޓުން ޕޮޒިޓިވްވެ، އިތުރަށް ކަށަވަރު ކުރުމަށްޓަކައި ހޮސްޕިޓަލު ނުވަތަ ކުލިނިކަކަށް ގޮސް ހަދާ ލޭގެ ޓެސްޓުގެ ނަތީޖާގައި ނެގެޓިވް ކަމަށް ޖަހާފައި އޮވެދާނެއެވެ. ޑރ ހެންގް ވިދާޅުވި ގޮތުގައި، އެކަން އެހެން ދިމާ ވަނީ، އެޗްސީޖީ ހޯމޯންގެ މިންވަރު ދަށްވަމުން ދާތީއެވެ. އަދި ބަނޑުގައި ދަރިފުޅު ޣަރުބަގަނެ، ހެދިބޮޑުވަމުން ދިއުމުގެ ކަންކަން، އެ ދާން ޖެހޭ ގޮތަށް ކުރިއަރަމުން ނުދާތީއެވެ.

ކުޑަ ދުވަސްކޮޅަކު އެޗްސީޖީ މިންވަރު މަތީގައި ހުރުމަށްފަހު ސުން ރޭޓަށްވެސް ވެއްޓިގެން ދާ ކޭސްތައް ފެނިފައި ވާ ކަމަށް ޑރ ކޯ ވިދާޅުވިއެވެ. އެފަދަ ކޭސްތަކަށް ދީފައިވާ ނަމަކީ 'ބަޔޯކެމިކަލް ޕްރެގްނެންސީ'އެވެ. އެއީ ބަލިވެއިނުމުގެ ދަތުރުގެ އިންތިހާ ކުރީކޮޅު، ނުވަތަ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ބައިގެން ދިއުމެވެ. ބަނޑުގައި ޣަރުބަގަންނަން ފެށި ދަރިފުޅު ނުވަތަ އެމްބްރިޔޯއިން، އެންމެ ފުރަތަމަ ޓެސްޓަށް ވާ ވަރަށް އެޗްސީޖީ އުފައްދާފައި ހުރެދާނެއެވެ. ނަމަވެސް، ޑޮކްޓަރީ ފެންވަރުގައި ހަދާ ޓެސްޓުން ދައްކާ ވަރަކަށް ނޫނެވެ. މިއީ ފަހަރެއްގައިވެސް ފޯލްސް ޕޮޒިޓިވްއެއް ނޫން ކަމަށް ޑރ ކޯ ވިދާޅުވިއެވެ. އެ މީހަކީ ޙަޤީޤަތުގައިވެސް ބަލިވެ އިން މީހެއް ކަމަށާއި، އަލްޓްރާސައުންޑް ސްކޭންއަކުން ދަރިފުޅު ނުފެނު ކަމުގައި ވީ ނަމަވެސް، އެއީ ޙަޤީޤަތް ކަމަށް ޑރ ކޯ ވިދާޅުވިއެވެ.

އެފަދަ ހާލަތެއް މެދުވެރިވާ ހިސާބުން، މާ ލަސްތަކެއް ނުވެ ލޭގެ އަސަރުވެސް ފެންނަން ފަށައެވެ. ގިނަ ފަހަރަށް އެ އަސަރުތައް ފެންނަން ފަށާނީ، ޕީރިއަޑް ވާން ޖެހޭ ދުވަހަށް ނުވެ، ދެތިން ހަތަރު ދުވަހެއް ފަހުންނެވެ. ވާންޖެހޭ ދުވަހަށް ވުރެ ލަހުން އެ ވާ ޕީރިއަޑްއަކީ، ފަހަރުގައި ބައިގެންދިއުމުގެ ސަބަބުން އަންނަ ލޭ ކަމުގައިވެސް ވެދާނެއެވެ.

ޓެސްޓު ކިޓްއަކުން ބައިގެންދިޔަކަން ދެނެގަނެވިދާނެތަ؟

ޑރ ހެންގް ވިދާޅުވި ގޮތުގައި، ބައިގެންދާ ފަހުންވެސް ޓެސްޓު ކިޓްއަކުން ޕޮޒިޓިވް ކަމަށް ދައްކަފާނެއެވެ. އެއީ ބަނޑުގައި ޣަރަބުގަންނަ ދަރިފުޅު ހެދިބޮޑުވަމުން ނުދިޔަ ކަމުގައި ވީ ނަމަވެސްއެވެ. އެކަން އެހެން ދިމާ ވަނީ، އެޗްސީޖީ ހޯމޯންގެ މިންވަރު މަތީގައި ހުރުމުންނެވެ.

ޓެސްޓު ކިޓްއަކީ 100 އިންސައްތަ ކަށަވަރު ނަތީޖާ ލިބޭ އާލާތްތަކަށް ނުވުމުން، ހޮސްޕިޓަލު، ނުވަތަ ކުލިނިކަކަށް ގޮސް ލޭގެ ޓެސްޓު ހަދާ، ނަތީޖާ ކޮޅެއްގައި ޖައްސަން ޖެހޭ ކަމަށް ޑރ ކޯ ވިދާޅުވިއެވެ. އެ ގޮތަށް ހަދާ ލޭގެ ޓެސްޓުތަކަކީ، އެޗްސީޖީ ހޯމޯން ހުރިނެތް މިންވަރުވެސް ދެނެގަނެވޭ ޓެސްޓުތަކެކެވެ. ބައިގެން ދިޔަކަން ނުވަތަ ނޫންކަންވެސް، ލޭގެ ޓެސްޓުގެ އެހީގައި ކަށަވަރު ކުރެވެއެވެ. ބައިގެން ދިޔަ ނަމަ، ޓެސްޓު ތަކުރާރު ކުރާ އިރު އެޗްސީޖީ ހޯމޯންގެ މިންވަރު ދާނީ ދަށްވަމުންނެވެ. ހެދިބޮޑުވާންޖެހޭ ގޮތަށް ދަރިފުޅު ހެދިބޮޑުވަމުން ދާ ނަމަ، ކޮންމެ 2 ދުވަހަކުން އެޗްސީޖީ މިންވަރު 2 ގުނަ ވާނެއެވެ.

ފޯލްސް ޕޮޒިޓިވްއެއް ލިބުނީ ކީއްވެ؟

މިކަން މިހެން ދިމާވެދާނެ އެތައް ސަބަބެއް އެބަ ހުއްޓެވެ. ޓެސްޓު ކުރަން ސާމްޕަލް އެޅުމަށް ފަހު އެތައް ގަޑިއިރެއް ވަންދެން އެ ކިޓް އެ ގޮތަށް ބޭއްވުމުންވެސް، ޕޮޒިޓިވް ކަމަށް ދައްކާ ރޮނގުން ފާޅުވާން ފަށައެވެ. އެހެން ކަމުން ޑރ ކޯ އިރުޝާދު ދެއްވަނީ، ސާމްޕަލް އަޅާތާ އެންމެ ފުރަތަމަ 5 މިނެޓާއި 10 މިނެޓުގެ ތެރޭގައި ނަތީޖާ ބަލާ، ކަށަވަރު ކުރުމަށެވެ.

ދަރިމައިވުމުގެ އުންމީދުގައި ބޭސް ބޭނުން ކުރަމުންދާ މީހަކު، މާ ކުރީކޮޅުގައި ޓެސްޓު ކޮށްފިނަމަވެސް އެމީހެއްގެ ސާމްޕަލް ޕޮޒިޓިވް ކަމަށް ދައްކާފާނެއެވެ. އެއީ އެ މީހަކު އެ ބޭނުންކުރާ ބޭސްތަކުގައި ބީޓާ އެޗްސީޖީ ހޯމޯންސް އެކުލެވޭ ނަމައެވެ.

އޯވަރީގައި ހުންނަ ޓިއުމަރުތަކެއްގެ ސަބަބުންވެސް އަންހެނެއްގެ ހަށިގަނޑުގައި އެޗްސީޖީ ހޯމޯންސް އުފައްދާފާނެއެވެ. އެފަދަ ހާލަތެއްގައިވެސް ފޯލްސް ޕޮޒިޓިވްއެއް ލިބިދާނެއެވެ. ނަމަވެސް އެއީ ވަރަށް މަދުން މެދުވެރިވާ ޙާލަތެކެވެ.

ބަލިވެ އިން ދުވަހުން ފަށައިގެން ހިނގާ 2 ވަނަ 3 މަސްދުވަސް ނުވަތަ 3 ވަނަ ދުވަހުގެ ތެރޭގައި ހަދާ ކުޑަކަމުދާ ތަކެތީގެ ޓެސްޓުންވެސް، އެމީހަކީ މާބަނޑު މީހެއް ނޫން ކަމަށް ދެއްކުން އެކަށީގެންވެއެވެ. އެއީވެސް މަދު ޙާލަތްތަކެއްގައެވެ. މިކަން ދިމާވަނީ އެ މީހެއްގެ ހަށިގަނޑުގައި އެޗްސީޖީ މިންވަރު އިންތިހާއަށް އިތުރުވުމުގެ ސަބަބުންނެވެ. ބަލިވެއިން ޙާލަތުގެ ދެނެގަތުމަށް ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ހަދާ ޓެސްޓު ހެދުމަށް ބޭނުން ކުރާ އެންޓިޖެންއަށް، މި ހޯމޯން ދެނެގަނެވޭ ގޮތެއް ނުވެއެވެ. ނަތީޖާއަކަށް ވަނީ ނެގެޓިވް ކަމަށް ދެއްކުމެވެ.

މުއްދަތު ހަމަވެފައިވާ ޕްރެގްނެންސީ ޓެސްޓު ކިޓެއްގެ ނަތީޖާ ޞައްޙަ ވާނެ ގޮތެއް ނެތް ކަން، ޑރ ކޯ ފާހަގަ ކުރެއްވިއެވެ.

ކޮންމެ ގޮތަކަށް ނަތީޖާ ލިބުނު ކަމުގައި ވީ ނަމަވެސް، ޞިއްޙީ ތަޖުރިބާކާރުންގެ އިރުޝާދާއި ލަފާ ހޯދުމަކީ ކުރަން ޖެހޭ ކަމެކެވެ. އަމިއްލައަށް ގޮތް ނިންމާލައިގެން ހުރުމުގެ ސަބަބުން ކޮންމެ ފަދަ ބޮޑު ހިތާމައަކާވެސް ކުރިމަތިލާން ޖެހުމުގެ ފުރުޞަތު އޮވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް