ނައިޖަރުގެ ޖަންތާއިން އެމެރިކާއާއެކު ހަދާފައިވާ އަސްކަރީ ގުޅުން ކަނޑާލައިފިއެވެ.
ނައިޖަރުގެ ޖަންތާ އިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 2012 ވަނަ އަހަރު އެމެރިކާއާއެކު ހެދި ދިފާއީ އެއްބާރުލުން ދިނުމުގެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ.
ނައިޖަރުގެ ސަރުކާރުގެ ތަރުޖަމާނު އަމާޑޫ އަބުދުރަމާނޭ ގައުމީ ޓީވީގައި ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ނައިޖަރުގެ ރައްޔިތުންގެ އުއްމީދުތަކާއި މަސްލަހަތަށް ރިއާޔަތްކޮށް، އެމެރިކާގެ އަސްކަރީ ސިފައިންނާއި އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ މަދަނީ މުވައްޒަފުންނަށް ނައިޖަރުގެ ސަރަހައްދުގައި ހުއްދަ ދިން އެއްބަސްވުން ވަގުތުން ވަގުތަށް އުވާލަން ނައިޖަރުގެ ސަރުކާރުން ޒިންމާދާރުކަމާއެކު ނިންމާފައިވާ ކަމަށެވެ.
މިފިޔަވަޅު އެޅީ އެފްރިކަން އެފެއާޒްގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް މޯލީ ފީ އިސްވެ ހުންނަވައިގެން އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންގެ ވަފުދެއް މިހަފްތާގެ ކުރީކޮޅު ނިއަމޭއަށް ކުރެއްވި ޒިޔާރަތަކާ ގުޅިގެންނެވެ.
އަބުދުރަމާނޭ ތުހުމަތު ކުރެއްވި ގޮތުގައި އެމެރިކާގެ އޮފިޝަލުން ޑިޕްލޮމެޓިކް ޕްރޮޓޮކޯލަށް އަމަލު ނުކުރާ ކަމަށާއި ވަފުދުއެކުލެވިގެންވާ ގޮތުގެ މައުލޫމާތު ނައިޖަރަށް އަންގާފައި ނުވާ ކަމަށެވެ.
އަދި ޓެރަރިޒަމާ ދެކޮޅަށް ހަގީގަތުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ބައިވެރިންނާއި ޕާޓްނާޝިޕްތައް ކަނޑައެޅުމުގެ ހައްގު އެމެރިކާގެ ވަފުދުން ނިގުޅައިގަތުން އެމެރިކާގެ ވަފުދުގެ ވިސްނުމާ މެދު ނައިޖަރު ހިތާމަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހު ރައީސް މުހައްމަދު ބަޒޫމް މަގާމުން ދުރުކުރުމާ ގުޅިގެން ޖުންޓާއިން ވަނީ ފަރަންސޭސި ސިފައިން އަނބުރާ ގެންދިއުމަށް ގޮވާލައިފައެވެ.
ނަމަވެސް އެމެރިކާއިން ވަނީ އުތުރުގެ އަގަޑޭޒްގައި 1،000 ސިފައިންނާއެކު ޑްރޯން ބޭސްއެއް ގާއިމް ކޮށްފައެވެ.
އަބުދުރަމާނޭ ވިދާޅުވީ ނައިޖަރުގެ ސަރަހައްދުގައި އެމެރިކާ ސިފައިން ތިބުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ސަރުކާރުން ދެކެނީ "ޑިމޮކްރެޓިކް ގޮތުން ހުއްދަ ދީފައި ނުވާތީ އާއި ނައިޖަރުގެ މައްޗަށް ނުރަނގަޅު ޝަރުތުތަކެއް އެޅިފައި އޮތުމުން، ހާއްސަކޮށް އަސްކަރީ ހަރަކާތްތަކުގައި ދެފުށް ފެންނަ ގޮތެއް ނެތުމުން" ކަމަށެވެ.
ނައިޖަރުގެ އަސްކަރިއްޔާއިން ވަނީ މިދިޔަ އަހަރު އީޔޫއާއެކު ހަދާފައިވާ ސަލާމަތީ އަދި ދިފާއީ ދެ ޕާޓްނަޝިޕް ވެސް ކެންސަލްކޮށްފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ހުޅަނގު އެފްރިކާގެ ނައިޖަރުއާއި ރަޝިއާއިން ވަނީ ދިފާއީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނައިޖަރުގެ ކުރީގެ ސަރުކާރުތަކުގައި އެމެރިކާ ސިފައިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ނައިޖަރުގެ ސިފައިން ތަމްރީނުކޮށްފައެވެ.