ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 08:43
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ކުޑަކުދިން ބިރުން އޭނާގެ މަންމަ ގައިގައި ބައްދައިގެން
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ކުޑަކުދިން ބިރުން އޭނާގެ މަންމަ ގައިގައި ބައްދައިގެން
ރޮއިޓަރސް
ޣައްޒާގެ ކުޑަކުދިންގެ ހާލަތު
އުމުރުން 18 އަހަރުގެ ޣައްޒާގެ ކުޑަކުއްޖާ 15 އަހަރު ތެރޭ 5 ހަނގުރާމަ ދެކެފި
ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 95 އިންސައްތަ ކުޑަކުދިންނަށް ވަނީ ނަފްސާނީ މައްސަލަތަކާ ކުރިމަތިވެފައި
އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި ކޮންމެ 15 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުވޭ

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ފަލަސްތީނާއި އިސްރާއީލާ ދެމެދު މިވަނީ އަނެއްކާވެސް ހަނގުރާމައެއް ފަށާފައެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން އިސްރާއީލާއި ފަލަސްތީނާ ދެމެދު މިގޮތަށް ހަނގުރާމަކުރާ ފަސް ވަނަ ފަހަރެވެ. ޣައްޒާގެ ކޮންޓްރޯލް ހަމާސްގެ ދަށަށް ދިޔުމާއެކު އެކަމާ އެންމެ ބޮޑަށް ހިތްހަމަނުޖެހޭ ބަޔަކީ އިސްރާއީލާއި އެމެރިކާ އާއި ހުޅަނގެވެ. އެހެންކަމުން ހަމާސް ވުޖޫދުން ފޮހެލުމަކީ އެމީހުންގެ މަގްސަދެވެ. އެމަގްސަދު ހާސިލުކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރާއިރު ހިނގަމުންދާ ހަނގުރާމަ ތަކުގައި އެންމެ ބޮޑު އަސަރެއް ކުޑަކުރަމުންދާ ބަޔަކީ ކުޑަކުދިންނެވެ.

ޣައްޒާއަކީ އޯޕަންއެއަރ ޖަލެކެވެ. އެންމެ ފަސޭހައިން ޣައްޒާ ސިފަކުރެވޭނީ އެގޮތަށެވެ. މުޅި ޣައްޒާ އެއްކޮށް ބަންދުކޮށް ކޮންމެ ފިޔަވަޅެއް އިސްރާއީލުން ބުނާގޮތަށް ޣައްޒާގެ ރައްޔިތުން އަޅަން މަޖުބޫރުވެފައިވާއިރު އެތަނުގެ ތެރޭގައި 2.3 މިލިއަން މީހުން ދިރިއުޅެމުންދެއެވެ. "ކުޑަވަރެއްގެ" މިޖަލުގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

މިއަހަރު އުމުރުން 17 އަހަރުފުރޭ ޣައްޒާގެ ކުޑަކުއްޖާ ފާއިތުވި 15 އަހަރު ތެރޭގައި 5 ހަނގުރާމައެއް ތަޖުރިބާކޮށްފިއެވެ. ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ކުޑަކުއްޖަކު ތަހައްމަލުކުރަން ނުޖެހޭނެ އެތައް ކަމެއް ޣައްޒާގެ ކުޑަކުދިންނަށް ވަނީ ތަޖުރިބާކުރަން މަޖުބޫރުވެފައެވެ. އެންމެ ފުރަތަމަ ޣައްޒާގައި ހަނގުރާމަ ހިނގި 2008ން 2009 ވަނަ އަހަރުގެ 23 ދުވަސްވީ ހަނގުރާމައިގައި މިއަހަރު 17 އަހަރުފުރޭ ކުޑަކުއްޖާގެ އުމުރަކީ 2 އަހަރެވެ. 2012 ވަނަ އަހަރު ކުރިޔަށްދިޔަ 8 ދުވަހުގެ ހަނގުރާމައިގައި އެކުޑަކުއްޖާގެ އުމުރަކީ 6 އަހަރެވެ.

2014 ވަނަ އަހަރު އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގި 50 ދުވަހުގެ ހަނގުރާމައިގައި އެކުޑަކުއްޖާގެ އުމުރަކީ 8 އަހަރެވެ. 2021 ވަނަ އަހަރު ހިނގި 11 ދުވަހުގެ ހަނގުރާމައިގައި އެކުއްޖާގެ އުމުރަކީ 15 އަހަރެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެކުއްޖާގެ އުމުރަކީ 17 އަހަރެވެ.

ހަނގުރާމައެއްގެ ތެރޭގައި އުޅެ ބޮޑުވަމުން އަންނަ ކުއްޖަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރާނެ އަސަރު ދެނެގަންނަންވެސް އުނދަގުލެވެ. އަނެއްކޮޅުން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑަށް ހަމަލާތައް އަމާޒުކުރާ ބަޔަކީވެސް ކުޑަކުދިންނެވެ. އެކަން އަދަދުތަކުން ބަލާލުމުންވެސް އެނގެއެވެ.

2008ން 2009ށް ހިނގި 23 ދުވަހުގެ ހަނގުރާމައިގައި 341 މައުސޫމް ކުޑަކުދިން ޝަހީދުވެގެންދިޔައިރު 2012 ވަނަ އަހަރުގެ ހަނގުރާމައިގައި 35 ކުޑަކުދިން ޝަހީދުވިއެވެ. އަދި 2014 ވަނަ އަހަރުގެ 50 ދުވަހުގެ ހަނގުރާމައިގައި 532 ކުޑަކުދިން ޝަހީދުވިއެވެ. 2021 ވަނަ އަހަރު 66 ކުޑަކުދިން ޝަހީދުކޮށްލިއިރު އެންމެ ގިނަކުޑަކުދިން މިހާތަނަށް އައިއިރު ޝަހީދުކޮށްލާފައިވަނީ މިހާރު ހިނގަމުންމިދާ ހަނގުރާމައިގައެވެ. މިހާރުވެސް 1000ށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ އެންޖީއޯއަކުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި ކޮންމެ 15 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުވެއެވެ. އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހިނގާމިދިޔަ 14 ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު 100ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާއި އެކުލަވާލާފައިވާ މުއާހަދާތަކަށް ބަލާލާއިރު ހަނގުރާމަތަކުގައި ކުޑަކުދިން މެރުމަކީ ގާނޫނާއި ހިލާފުކަމެކެވެ.

ހަނގުރާމައިން ކުޑަކުދިންނަށް ކުރަނީ ކޮންކަހަލަ އަސަރުތަކެއް؟

އަލްޖަޒީރާއާ ވާހަކަދެއްކި އުމުރުން 30 އަހަރުގެ މަންމައެއް ކަމުގައިވާ އިސްރާ އަބޫ ގައްޒާ ބުނީ ބޮން އަޅަންފެށީމާ އޭނާގެ 8 އަހަރާއި 2 އަހަރުގެ ކުޑަ ދެކުދިން މަސަލަސް ކުރާނެ ގޮތެއް ހޯދަންޖެހޭކަމަށެވެ. ވައިގެ މަގުން ބޮންއަޅަން ފެށުމުން އެކުދިން ހޮޑުލާކަމަށް އިސްރާ ބުންޏެވެ. އަދި ނިދީގައި އެނދަށް ކުޑަކަމުދެވެއެވެ. މިދެކަމަކީ ވަރަށް ބޮޑަށް ބިރު ގަތުމުން ދިމާވާ ދެކަންތަކެވެ.

އިސްރާގެ މިދެ ކުޑަކުދިން ތަހައްމަލުކުރަމުންދާ ކަންކަމަކީ ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންގެ ތެރެއިން 95 އިންސައްތަ ކުޑަކުދިން ތަޖުރިބާ ކުރަމުންދާ ކަންކަމެވެ. އެއީ ހަނގުރާމައިގެ ސަބަބުން އެކުދިންނަށް ތަހައްމަލުކުރަން މަޖުބޫރުވެފައިވާ ނަފްސާނީ މައްސަލަތަކެވެ.

ފަލަސްތީނުގެ ސައިކޮލޮޖިސްޓެއް ކަމުގައިވާ ޑރ އިމާން ފަރަޖަﷲ ލިޔެފައިވާ ދިރާސާ ކަރުދާހެއްގައި ބުނެފައިވަނީ ހަނގުރާމައިން ފުރާނަ ސަލާމަތްވާ ކުޑަކުއްޖާ އަދި އެހިސާބުން އެކަމުން ސަލާމަތެއް ނުވެއެވެ. އޭނާގެ ފުރާނަ ސަލާމަތްވިނަމަވެސް ނަފްސާނީ ގޮތުންނާއި އުޅުމާއި ކުއްޖާގެ ޖަޒުބާތަށް ހަޔާތުގެ ބާކީ ބައިގައި ބޮޑު ބަދަލެއް އާދެއެވެ. އޭގެ އަގު އަދާކުރަންޖެހޭލެއް ވަރަށްވެސް ބޮޑެވެ. ބައެއް ކުޑަކުދިން ވަރަށް ބޮޑަށް ރުޅިގަދަވެ ހަރުކަށިކަން އިސްކޮށް ހަދައެވެ.

އުމުރުން 35 އަހަރުގެ ސަމާހް ޖަބްރު އަކީ 4 ކުދިންގެ މަންމައެކެވެ. ސަމާހް ބުނާގޮތުން އޭނާގެ 13 އަހަރުގެ ދޮށީ ދަރިފުޅު މިދުވަސްވަރު ވަރަށް ބޮޑަށް ހަޅޭއްލަވާ އަޑުގަދަކޮށް ހަދައެވެ.

ކިރިޔާ އަޑެއް އިވިލިއަސް އޭނަ ފުންމައިގެންދާނީ. ބާރަށް މީހަކު ވާހަކަ ދެއްކިއަސް ދަރިފުޅު ރުޅި ގަދަވޭ. މަޖަލަކަށް އެއްޗެއް ބުންޏަސް ރުޅި އާދެ. މަސައްކަތްކުރަނީ ހަނގުރާމަ އަވަހަށް ނިމޭނެކަން ދަރިފުޅަށް ވިސްނައިދިނުމަށް.
ސަމާހް ޖަބްރު

ސައިކޮލޮޖިސްޓް އިމާން ބުނީ ބައެއް ކުދިން އެކުދިންގެ މަންމަ ނުފެންނަ ހިސާބަށް ދާން ބޭނުންނުވާނެކަމަށެވެ.

އެމީހުންގެ އަމިއްލަ ކޮޓަރިއަށްވެސް ފާހާނައަށްވެސް ބަދިގެއަށްވެސް މަންމައާ ނުލާ ދާން ބޭނުންނުވާނެ. މިދައްކަނީ ޓީނޭޖު ކުދިންގެ ވާހަކަ.
ފަލަސްތީނުގެ ސައިކޮލޮޖިސްޓު ޑރ އިމާން ފަރަޖަﷲ

މިހާރު ހިނގަމުންދާ ހަނގުރާމައާއެކު ކުދިންގެ ކިޔެވުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސްކޫލްތައް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ތަންތަނަށް ބަދަލުކޮށްފައެވެ. މިހާރު ޣައްޒާގެ ރައްޔިތުން މަސައްކަތްކުރަނީ ހަމައެކަނި ދިރިތިބުމަށެވެ. އެމީހުންގެ ހަމައެކަނި މަގްސަދަކީ އަދި އިތުރު އެއް ދުވަހު ދުނިޔޭގެ ތިބުމެވެ.

އަނެއްކޮޅުން އިސްރާއީލު ވަނީ ޣައްޒާއަށް ފެނާއި ކާބޯތަކެތި އެއްގޮތަކަށްވެސް އެތެރެނުކުރެވޭ ގޮތަށް ބަންދުކޮށްފައެވެ. ކަރަންޓާއި ފެނާއި ވަނީ ކަނޑާލާފައެވެ. ފެނާއި ކަރަންޓާއި ނުލާ ޣައްޒާގެ ރައްޔިތުން މިހާރު ލިބެން ހުރި ފެން ބޭނުންކުރުމުގައި އެންމެ ބޮޑަށް އިސްކަންދެނީ ކުޑަކުދިންނަށެވެ. ފެން ނުލިބުމުގެ ސަބަބުން ޑީހައިޑްރޭޓްވުމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ކުޑަކުދިންނަށެވެ. ރަނގަޅު ކާނާ ނުލިބުމުގެ މައްސަލަ އެކަށީގެންވާ މިންވަރަށް ފެން ނުބިއުމުގެ ސަބަބުން އަވަހަށް ކުރިމަތިވެގެންދެއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ބުނާގޮތުގައި ސާފު ބޯފެން ނުލިބުމުގެ ސަބަބުން ކުޑަކުދިންނަށް ބޭރަށް ހިންގުން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަރަށް ބޮޑަށް މުޅި ދުނިޔޭގައިވެސް ދިމާވަމުންދާ މައްސަލައެކެވެ. މިހުރިހާ ކަމަކާއެކު ދެން އިންސާނާ ކުރިމަތިލާނީ ބަނޑުހައިހޫނުކަމާއެވެ. އެއަށްފަހު ދެން އޮންނާނީ މަރުވުމެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުން އަދި ސަލާމަތްވިއަސް ފަލަސްތީނުގެ ކުޑަކުދިންނަށް އަދި ހިތްހަމަޖެހުމެއްނެތެވެ. އެއީ އެހަމަލާތަކުގައި އެކުދިންގެ އާއިލާ އެއްކޮށް ނުވަތަ އާއިލާގެ ގިނަ ބަޔަކު ވާނީ ދުނިޔެ ދޫކޮށްފައެވެ. އެހެންކަމުން ހަނގުރާމައިން ފުރާނަ ސަލާމަތްވިއަސް އެކުދިން މުޅި ދިރިއުޅުން ހޭދަކުރަންޖެހޭނީ ލޯބިވާ އާއިލާ މީހުންނާ ނުލައެވެ. ބާކީ އޮތް ދުވަސްތައް އާއިލާގެ މެމްބަރުންނާ ނުލާ ދިރިއުޅެން އެކުދިން ދަސްކުރަންޖެހެއެވެ.

ޣައްޒާގެ ސީނިއަރ ފީލްޑް ރިސަރޗަރ އެއްކަމުގައިވާ މުހައްމަދު އަބޫ ރުކްބަ ބުނާގޮތުގައި ހަނގުރާމައިގެ ސަބަބުން އާންމުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވެގެންދާނީ ވަރަށް ބޮޑު ކަމަކަށެވެ. އޭގެން އަރައިގަންނަން މާ އުނދަގޫވާނެއެވެ.

ބިމާ ހަމަވެފައިވާ އިމާރާތްތައް އަލުން ހެދިދާނެއެވެ. ޣައްޒާ އަލުން އާރާސްތުކުރެވިދާނެއެވެ. ނަމަވެސް ކުޑަ ޅަދަރިންގެ ހިތްތަކަށް ކޮށްފައިވާ އަސަރުތައް މުޅި އުމުރު ދުވަހު އުޅެގެންވެސް ފިލުވާލެވޭނެތޯއެވެ. އެކުދިން ތަހައްމަލުކުރާ ނަފްސާނީ މައްސަލަތަކުގެ އަސަރު ފިލާނެ ގޮތެއް އޮންނާނެތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް