ދޮގާއި އެ ދޮގުން ނެރޭ ފިނުތަނަ ފަސާދައިގެ ތެރެއަށް ރައްޔިތުން ނުވެންނެނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގ މޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ޞާލިހު ބޭއްވެވި ޚާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީއާ ދެކޮޅަށް ފަތުރަނީ ދޮގު ބުހުތާން ވާހަކަތަކެއް ކަމަށެވެ.
މި ޤައުމުން ބައި އިންޗި ވެސް އެހެން ބަޔަކަށް ދޫކޮށްލާކަށް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށާއި މި ޤައުމުގެ އެއްވެސް ސަރަހައްދެއް އެއްވެސް މިންވަރަކަށް މި ސަރުކާރުން ދޫނުކުރާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މި ރާއްޖެ ރައްޔިތުންނާއި ހަމައަށް އަންނަން ޖެހޭ ކަމަށާއި އުސް އިމާރާތްތައް އަޅާ ވެރިންގެ އަތް މައްޗަށް ރާއްޖެ ދޫކޮށްލެވެން ނެތް ކަމަށެވެ.
އެންމެން ހައްޔަރުކޮށް ޖަލުތަކުގެ ތޭރިތަކުގެ ފަހަތަށް ލެވޭކަށް ނެތް ކަމަށާއި ސިޔާސީ އެންމެން ގެންގޮސް ޖަލަށް ލެވޭކަށް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގާ މާލޭގެ ތަންތަން ބަންދުކޮށްގެން. މުޒާހަރާ ކުރަން ތިބެވޭކަށް ނެތްކަމަށް ވެސް ވިދާޅުވިއެވެ. އަސްލަމް އެ އިޝާރާތް ކުރެއްވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތީޚާބާއި ގުޅިގެން އޭރުގެ ސަރުކާރުން ކަންތައްތައް ކުރެއްވި ގޮތަށް ކަމަށް ޤަބޫލު ކުރެވެއެވެ.
ދުނިޔޭގެ ކަން ހިނގާގޮތް އެނގެން ޖެހޭ ކަމަށާއި އެއް ޤައުމު އަނެއް ޤައުމަށް ގުޅުން އޮންނަން ޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މި ޤައުމުގައި މިހާރު ހިނގަމުންދާ ހަމަޖެހުމުގައި ތިބެން ޖެހޭ ކަމަށާއި އެއީ އުފާވެރި އަމާން ރާއްޖެ ކަމަށް އަސްލަމް ވިދާޅުވިއެވެ.