ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 16:04
ިމިސްރާއި ރާއްޖެ އާ ދެމެދު ބޭއްވި ބައްދަލުވުން
ިމިސްރާއި ރާއްޖެ އާ ދެމެދު ބޭއްވި ބައްދަލުވުން
ފޮރިން މިނިސްޓްރީ
ރާއްޖެ އާއި މިސްރާ ދެމެދުގެ ވާހަކަތައް
ރާއްޖެއާ މިސްރާ ދެމެދު ސިޔާސީ ކަންކަމާބެހޭ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބާއްވައިފި
2024 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރު
ދިވެހިރާއްޖެއިންވަނީ ސިޔާސީ ގުޅުން ކުރިއެރުވުމަށްޓަކައި ދެ ޤައުމުންކުރެ ކޮންމެ ޤައުމެއްގެ ވެރިރަށުގައި ޑިޕްލޮމެޓިކް މިޝަންއެއް ހުޅުވުމުގެ މުހިއްމުކަން ފާހަގަކޮށްފައި

ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ބާއްވާ ބައިލެޓަރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންސްގެ 2 ވަނަ ބުރު މާލޭގައި ބާއްވައިފިއެވެ.

އެކުވެރި މާޙައުލެއްގައި ކާމިޔާބުކަމާއެކު ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަލްފާޟިލް އަޙްމަދު ޚަލީލެވެ. އަދި މިޞްރުގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ މިޞްރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓަންޓް މިނިސްޓަރ ފޯ އޭޝިއަން އެފެއާޒް، ހިޒް އެކްސަލަންސީ އައިމަން ކާމިލްއެވެ. ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުގެ ޝައުޤުވެރިކަން އޮތްކަން މި ބައްދަލުވުމުގައިވަނީ ތަކުރާރުކޮށްފައެވެ.

ދިވެހިރާއްޖެއާއި މިޞްރާ ދެމެދުގައިވާ ތާރީޚީ ރަޙުމަތްތެރިކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚްވަންތަކަމާއި، އެއްގޮތް ޘަޤާފަތާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި އިޙްތިރާމަށްކަން ފާހަގަކޮށް، މި މަޝްވަރާތަކުގައިވަނީ އިޤްތިޞާދާއި ވިޔަފާރި އަދި ފަންނީ އެހީތެރިކަމާއި ފަތުރުވެރިކަން، ތާރީޚާއި ޘަޤާފަތް،ޞިއްޙަތާއި ތަޢުލީމް، ޒުވާނުންނާއި ކުޅިވަރު އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ނާޒުކުކަމާއި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ސަލާމަތާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދެ ޤައުމަށްވެސް ޙައްސާސް އެހެނިހެން ދާއިރާތަކުގައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަން ފާހަގަކޮށް މިދާއިރާތައް އިތުރަށް ހަރުދަނާކުރުމަށް ވަނީ އެއްބަސްވެފައެވެ.

2024 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި ތާރީޚީ މުނާޞަބާގެ މުހިއްމުކަން ފާހަގަކޮށް، ދެ ޤައުމުންވެސްވަނީ 2024 ވަނަ އަހަރަކީ މި މުނާޞަބާ ކުލަގަދަގޮތެއްގައި ފާހަގަކުރާ އަހަރަކަށް ހެދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގެތެރޭގައި ދެ ޤައުމުގެ އިސްވެރިން އެއް ޤައުމުން އަނެއް ޤައުމަށް ކުރައްވާފައިވާ ދަތުރުފުޅުތަކުގެ ސަބަބުންވެސް ދެ ޤައުމުގެ ދޭދޭ ގުޅުން ހަރުދަނާވެފައިވާކަން ފާހަގަކޮށް، މި މުނާޞަބާ ފާހަގަކުރާ އަހަރުގެތެރޭގައި މަތީ ފެންވަރުގެ ދަތުރުތަކެއް ދެ ޤައުމުގެ ދެމެދުގައި ބޭއްވުމުގެ މުހިއްމުކަންވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި އިމާމުލްއަކްބަރު ޝައިޚުލްއަޒްހަރު، ހިޒް އެކްސަލަންސީ ޕްރޮފެސަރ ޝައިޚް އަޙްމަދު އައްޠައްޔިބް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމާގުޅޭ މަޝްވަރާތައް ކުރެވުނެވެ.

ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް، ގުޅުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރި ގުޅުންތައް ބަދަހިވަމުންދާ މިންވަރަށް ބަލައި، ދިވެހިރާއްޖެއިންވަނީ ސިޔާސީ ގުޅުން ކުރިއެރުވުމަށްޓަކައި ދެ ޤައުމުންކުރެ ކޮންމެ ޤައުމެއްގެ ވެރިރަށުގައި ޑިޕްލޮމެޓިކް މިޝަންއެއް ހުޅުވުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އާލާކުރެވިފައިވާ އެކިއެކި ދާއިރާތަކުގެ ގުޅުންތަކަށް އަލިއަޅުވާލައި، ވިޔަފާރީގެ ޖަމިއްޔާތަކާއި ޕާލިމަންޓަރީ ފްރެންޑްޝިޕް ގްރޫޕްތަކާއި އެކުވެރިކަމުގެ ޖަމިއްޔާތައްފަދަ މުޢައްސަސާތައް ރާއްޖެއާއި މިޞްރާ ދެމެދު ޤާއިމުކުރުމަށް ނިޒާމެއް އޮތުމުގެ މުހިއްމުކަން ދެ ޤައުމުންވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ނިޒާމެއް ޤާއިމުކުރެވުމުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ތަރައްޤީކުރުމަށާއި ސިޔާސީގޮތުން އެއްބާރުލުން ދިނުމަށާއި ޘަޤާފީ ގުޅުންތައް ކުރިއެރުވުމަށާއި ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް، އަދި އެނޫނަސް އެހެނިހެން ދާއިރާތަކުން ގުޅުންތައް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި ވިސްނުން އެއްގޮތްކުރުމަށް މަގު ފަހިވެގެންދާނެކަންވެސް ދެ ޤައުމުން ފާހަގަކުރިއެވެ.

މިގޮތުން، ދިވެހިރާއްޖެއިންވަނީ ރާއްޖެއާއި މިޞްރާ ދެމެދު ޕާލިމަންޓަރީ ފްރެންޑްޝިޕް ގްރޫޕެއް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ޤާއިމުކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވާކަން ބަޔާންކޮށްފައެވެ. މިއީ ރާއްޖެއާއި މިޞްރާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި މުޢާމަލާތުކުރެވޭނެ މަގު ފަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ދިވެހިރާއްޖެއާއި މިޞްރުންވަނީ ފާހަގަކޮށްފައެވެ. އަދި މިކަމަކީ ދެ ޤައުމަށްވެސް މުހިއްމު މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމަށާއި ދެ ޤައުމުގެ ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތްކުރުމަށް އަދި ދޭދޭ ގުޅުންތައް ކުރިއެރުވުމަށް ދެ ޤައުމުންވެސް އިސްކަމެއްދޭކަމުގެ ރަމްޒެއްކަން ފާހަގަކޮށްފައިވެއެވެ.

އިޤްތިޞާދީ އަދި ފަންނީގޮތުން އެއްބާރުލުން ދިނުމާގުޅޭގޮތުން، ދެ ފަރާތުންވެސްވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓު ފުޅާކުރުމުގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރި ދާއިރާގެ ފަރާތްތަކަށް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެވޭނެ އިންތިޒާމުތަކުން ލިބޭ މަންފާތައް ފާހަގަކޮށްފައެވެ. ރާއްޖެއަށް ޚާއްޞަކޮށްގެން ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނުމާގުޅޭ ތަޢުލީމާއި އެކަމުގެ ފަންނީ ތަމްރީނު ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިންވަނީ މިޞްރަށް ހުށަހަޅާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި މިޞްރަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލްތަކެއް ކަމުން، މި ދާއިރާގައި މަސައްކަތްކުރާއިރު، ފަތުރުވެރިންނަށް އެންމެ ހިތްހަމަޖެހޭފަދަ ތަޖުރިބާއެއް ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި ހިފަހައްޓަންޖެހޭ އެންމެ ރަނގަޅު އުޞޫލުތަކާއި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ދާއިރާތަކުން އިންސާނީ ވަޞީލަތްތައް ބިނާކުރުމުގައި އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރުން އެއްބަސްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ޤާއިމުކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާގައި، މިޞްރަކީ އެފްރިކާ ބައްރަށް ހުޅުވޭ ދޮރެއްކަން ރާއްޖެއިންވަނީ ފާހަގަކޮށް ރާއްޖެއާއި މިޞްރާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފެށުމުގެ ސަބަބުން ލިބޭނެ އިޤްތިޞާދީ މަންފާތަކަށް އަލިއަޅުވާލާފައެވެ. އަދި އެފަދަ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތައް ބެލުމަށްވެސް ދެ ޤައުމުން އެއްބަސްވިއެވެ.

ދިވެހިރާއްޖެއާއި މިޞްރުންވަނީ ދެ ޤައުމުގެ ދެމެދުގައި ކޮންސިއުލަރ އެފެއާޒްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ކޮންސިއުލަރ މައްސަލަތަކާ ގުޅޭގޮތުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަމާއި ކުއްލިއަކަށް ދިމާވާ ކޮންސިއުލަރ މައްސަލަތަކުގައި ދެ ޤައުމުގެ މެދުގައި ވިލަރެސްކުރާނެ ކޮންސިއުލަރ ފޯކަލް ޕޮއިންޓުތަކެއް ކަނޑައެޅުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ.

މިޞްރާއި ރާއްޖެއާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުމަށާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިވާނެހެން، މިޞްރަށް އެތެރެވާއިރު ވިސާ އޮން އެރައިވަލް ލިބޭ ޤައުމުތަކުގެތެރޭގައި ދިވެހިރާއްޖެ ހިމަނާފައިވާތީ ދިވެހިރާއްޖެއިންވަނީ މިޞްރަށް ޝުކުރު އަދާކޮށްފައެވެ.

ޞިއްޙަތާއި ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމުގެދަށުން، ދިވެހިރާއްޖެއިންވަނީ ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށްޓަކައި ޒަމާނުއްސުރެ މިޞްރުން ދެމުންދާ އަގުނުކުރެވޭނެ ދީލަތި އެހީއަށް ޝުކުރުއަދާކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ކޮންމެ އަހަރަކުވެސް އަލްއަޒްހަރު ޔުނިވަރސިޓީގައި ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ދެމުންގެންދާ ސްކޮލަޝިޕް ފުރުޞަތުތައްވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގައި މިޞްރުގެ ޑޮކްޓަރުން ދެމުންދާ ޚިދުމަތްތަކަށް މަރުޙަބާ ކިޔައި، މިޞްރުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަމުންދާ އެހީތެރިކަމަށްވެސް ރާއްޖެއިންވަނީ ޝުކުރު އަދާކޮށްފައެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ ދެމެދުގައިވާ އެއްބާރުލުން ފާހަގަކޮށް ރާއްޖެއާއި މިޞްރުންވަނީ ބައިނަލްއަޤުވާމީ މަންސަތަކުގައި، ޚާއްޞަކޮށް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގައި ދެ ޤައުމަށްވެސް ޙައްސާސް މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި ކަނޑުމަތީގެ ސަލާމަތްތެރިކަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމާއި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެހައި މައްސަލަތަކުގައި ގުޅިހެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ދެ ގައުމުންވެސް ވަނީ ވިޔަފާރި އާއި މުއާސަލާތީ ގުޅުން ކުރިއެރުވުމަށް އިންޑިޔާ ކަނޑުގައި މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް އިތުބާރުކުރެވޭ ބައިނަލްއަގްވާމީ ނިޒާމެއްގެ ދަށުން އެކުގައި މަސައްކަތްކުރުމަށާއި އެންމެންގެ ބައިވެރިވުމަށް ފަހިވާ ގޮތަށް ވިޔަފާރީގެ ކަންކަން ރޭވުމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

ނިރުބަވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ ދަށުން "އިސްލާމްދީނުގައި ސަމާހަތު" މިމައުޟޫ އާއި ގުޅޭގޮތުން ކޮންފަރެންސް އެއް ބޭއްވުމަށާއި ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ދެގައުމުން މަޝްވަރާކުރިއެވެ.

މީގެއިތުރުން ރާއްޖެ އާއި މިސްރުން ވަނީ ދެގައުމުގެ ދެމެދުގައި އިސް ވެރިންގެ ފެންވަރުގައި ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް އިތުރު މަސައްކަތްތައް ކުރުމަށާއި 2024 ވަނަ އަހަރު ބައިލެޓްރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންސްގެ ތިން ވަރަ ބުރެއް މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ.

ބައިލެޓްރަލް ޕޮލިޓިކަލް ކޮންސަލްޓޭޝަންސްގެ ދެ ވަނަ ބުރުގެ ހަވާސާގައި ފޮރިން ސަރވިސް އިންސްޓްޓިއުޓް އޮފް މޯލްޑިވްސް އާއި މިސްރުގެ އިންސްޓިޓިއުޓް ފޯ ޑިޕްލޮމެޓިމް ސްޓަޑީޒްއާ ދެމެދު ޑިމްޕޮލޮމަސީގެ ދާއިރާއިން ތަމްރީނު ހިންގުމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.

- ކޮމެންޓް