ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް, ރައީސާއި ނައިބު ރައީސް އެއްވެސް ސަބަބަކާހުރެ އުޒުރުވެރިވެވަޑައިގެންފިނަމަ، އެޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައެޅުމުގެ ބާރު އަމީން އާންމަށް ދޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ. ނަމަވެސް ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަތުމުން، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާމެދު ގޮތެއް ނިމެންދެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވެން ނެތްކަމަށް އިއުލާންކުރެއްވުމަށްފަހު އަންގާރަ ދުވަހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. އެކަން އިއުލާންކުރައްވަމުން އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ގޮތުގެ މަތިން މަޖިލީހުގެ ނާއިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް އެދި 12 ޖޫންގައި މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވިކަމަށެވެ.
އެހެންނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމާމެދު ވަކި ގޮތެއް ކަނޑައަޅައި ނުނިމެނީސް ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން 12 ޖޫންގައި ނަޝީދު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާމެދު ގޮތެއް ނުނިންމެނީސް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އަމީން އާއްމު ވިދާޅުވިއެވެ.
މިމައްސަލައަށް ހައްލު ގެނައުމުގެގޮތުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވަނީ އަމީން އާންމު ފާތުމަތު ނިއުޝާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި ވަނީ، ޖަލްސާތައް ކުރިޔަށްނުގެންދެވި ހުއްޓުމަކަށް އައިސްފައިވާތީ، އެކަމަށް ހައްލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިވަގުތު އިސްލާހުކުރުން މުހިންމުކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާކަމަށް ސިޓީފުޅުގައިވެއެވެ.
އެގޮތުން މަޖިލީހުގެ ގަވާއިދުގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާގުޅޭ މާއްދާ ކަމުގައިވާ 44 ވަނަ މާއްދާއާއި، ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ކަނޑައެޅުމުގެ މާއްދާ ކަމުގައިވާ 205 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ ގައި ބުނެފައިވަނީ؛ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސެވެ.
ހުށަހަޅާފައިވާ އިސްލާހުގައި 205 ވަނަ މާއްދާގެ ޅ ގައި ވަނީ؛ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރު ނުވަތަ ހުށަހަޅަން ހަމަޖެހިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ފަރާތަކުން އެއްވެސް ސަބަބަކާހުރެ އުޒުރުވެރިވެއްޖެނަމަ، އެޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅުއްވާނީ އަމީން އާންމު ކަމަށެވެ. އަދި އެޖަލްސާގެ ރިޔާސަތު ހަވާލުކުރާނެ ފަރާތް ކަނޑައެޅުމުގައި، ގަވާއިދުގެ 44 ވަނަ މާއްދާގައި، ރިޔާސަތު ހަވާލުކުރާނޭ ފަރާތްތައް ބަޔާންކުރާ އުސޫލަށް އަމީން އާންމު އަމަލުކުރައްވަންވާނެ ކަމަށެވެ.
މިމާއްދާގެ ކ ށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ؛ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި، މެމްބަރަކަށް ވާހަކަދައްކަވަން ލިބޭ ފުރުސަތުގެ ދިގުމިން ކަނޑައަޅާނީ އަމީން އާންމު ކަމަށެވެ. މިފަދަ ޖަލްސާއެއްގައި މެމްބަރަކު ވާހަކަދައްކާނެ ވަގުތު އަމީން އާންމު ކަނޑައަޅުއްވަންވާނީ މަޖިލީހުގައި ތަމްސީލުވާ ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ނިސްބަތަށް ރިއާޔަތްކޮށް ކަމަށެވެ. މަޖިލީހުގެ ރައީސަށް އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ލިބޭ ޖުމްލަ ފުރުސަތުގެ ދިގުމިނަކީ 30 މިނެޓެވެ. އަދި އެ 30 މިނެޓް ބޭނުންކުރައްވާނެ ގޮތް އިޚްތިޔާރު ކުރެއްވުމުގެ ހައްގު އޭނާއަށް ލިބިގެންވާކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ގަވާއިދު ބުނާގޮތުން، ވަގުތު ކަނޑައަޅާނީ އާންމު ކޮމިޓީންނެވެ. ނަމަވެސް ކޮމިޓީތައް އެކުލަވައިނުލެވި ހުއްޓުމަކަށް އައިސްފައިވާތީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ވަނީ ކަނޑަނޭޅިއެވެ.