ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 13:27
ރައީސް ޞާލިޙު އަދި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް
ރައީސް ޞާލިޙު އަދި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް
ޓްވީޓަރ
ދިވެހި ކުޅިވަރު
ކުޅިވަރަށް ގެންނަން ބޭނުންވާ ބަދަލު މަޚްލޫފާއެކު ސަރުކާރަށް ގެނެވިއްޖެތަ؟
 
ހަނީމޫން ޑެސްޓިނޭޝަންގެ ގޮތުގައި މަގުބޫލުވެފައި އޮތް މި ކުޑަކުޑަ ދިވެހިރާއްޖެއަކީ "ކުޅިވަރު ޓުއަރިޒަމް"ގެ ފައްކާ މަންޒިލެއްގެ ގޮތުގައި ސިފަވެ ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދޭ

މީހެ ފަސް އަހަރު ނުވަތަ ހަތަރު އަހަރު ކުރިން ރާއްޖޭގެ ކުޅިވަރުގެ ޙާލަތާއި ކުޅިވަރުތައް އޮތް ހިސާބު ބަލާލަމާ ހިނގާށެވެ. އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާއި، ކުޅިވަރު އާއިލާގެ މެންބަރުންނަށް މިކަމުގެ ހަގީގީ މަންފާ ލިބުނު މިންވަރު ބަލާލަމާ ހިނގާށެވެ. އޭރު ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ހަމަހަމަ އުސޫލެއް ނެތެވެ. ބޮޑެތި ކުޅިވަރުތަކާއި ކުދި ކުޅިވަރުތަކަށް މުސާރަ ދިނުމުގައި ތަފާތު ހުއްޓެވެ. އެއް ކުޅިވަރެއްގެ ދެ ޖިންސުގެ ކުޅުންތެރިންނަށްވެސް ފައިސާ ލިބުނީ ތަފާތުކޮށެވެ. އެސޯސިއޭޝަންތަކުގެ ބަޖެޓުތަކުން ފެށިގެން، މަސައްކަތްކުރަމުން އައި އޮފީހާއި ކުޅޭނެ ދަނޑު ނުވަތަ ކޯޓުތަކުގެ ވާހަކަ ވެސް ދައްކަން ޖެހެނީ އިސްޖަހާލައިގެންނެވެ.

ރާއްޖޭގެ ކުޅިވަރުގެ މަލަމަތި ބަދަލުކޮށްލައްވާނެކަމަށް ވިދާޅުވެ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުވީ ވައުދުފުޅާއިއެކު ގިނަ ހުވަފެންތަކެއް އެސޯސިއޭޝަންތަކާއި ކުޅުންތެރިން ދެކެން ފެށި އެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ޞާލިޙު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަ ފުޅުގައި ވަނީ ކުޅިވަރުތަކުގެ މެދުގައި އޮތް ތަފާތު ކުރުންތައް ނައްތާލައި، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކޮށްދީ، ބައިނަލްއަޤުވާމީ މުބާރާތްތަކާއި ގޭމްސްތަކުގައި ރާއްޖެ އަށް ރީތި ނަމާއި، ޝަރަފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ދުވަހު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ޞާލިޙު ވާހަކަފުޅު ދައްކަވަނީ - ރައީސް އޮފީސް

ރައީސް ޞާލިޙުގެ ރިޔާސީ ދައުރު ހަމަވުމާ ގާތަށް އައީ އެވެ. ކުޅިވަރު ދާއިރާގެ މަސައްކަތްތައް ހަވާލުކުރައްވައި އެ މަނިކުފާނު ގެންނަން ބޭނުންވި ބަދަލު ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ލަގަނު ނަންގަވައިގެން ހުރެ ކުރެވުނު މަސައްކަތް މިހާރު އަޅާ ކިޔާލެވިދާނެ އެވެ. މިނިސްޓަރު މަޚްލޫފްގެ ނެވިކަމުގެ ދަށުން ކުޅިވަރަށް ހެޔޮ ބަދަލު އައީ ކިހާ މިންވަރަކަން މިހާރު ފެނެ އެވެ.

ކުޅިވަރެއްގެ ކުރިއެރުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކަށްވާނީ ޓީމުތަކާއި ކުޅުންތެރިން ތަމްރީންވާނެ ރަނގަޅު ވަސީލަތްތަކެއް ގާއިމް ކުރުމެވެ. އެކަމަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން ބޮޑު ހޭދައެއް ކުރެއްވިއިރު، ބައިނަލްއަޤުވާމީ ފެންވަރުގެ ފެސިލިޓީތައް ރާއްޖޭގައި ގާއިމްކުރެވިއްޖެ އެވެ. ވާރޭ ވެހޭނަމަ ޗަކަ ބިމުގައި، ނުވެހޭ ނަމަ ހިރަފުސް ތަކުގެ ތެރޭގައި ތަމްރީނު ހަދަމުން އައި ދުވުންތެރިންނަށް ކުލަގަދަ، ހިތްގައިމު ސިންތެޓިކް ޓްރެކެއް ގާއިމު ކުރެވިއްޖެ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މެޗުތައް ކުޅޭ ކުޅުންތެރިންގެ ގައިން ދާ އޮހެމުން ދިޔަ މިންވަރަށް، ސަޕޯޓަރުންގެ ގައިން ދާ އޮހިރެމުން އައި އައުން ނިމުމަކަށް ގެނެވިއްޖެ އެވެ.

ޒަމާނީ ފެންވަރުގެ އޭސީ ހަރުކޮށް، ޒުވާނުންގެ މަރުކަޒު ފިނި ކުރުމަށް ފަހު، މިހާރު ހަމަޖެހިލައިގެން ތިބެވޭ ވަރުވެއްޖެ އެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އެކި ކުޅިވަރުތަކަށް ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމްކުރެވިއްޖެ އެވެ. ފެތުންތެރިންނަށް ސްވިމިން ޕޫލެވެ. ބިލިއާޑް ކުޅުންތެރިންނަށް ހިތްގައިމު ހޯލެކެވެ. ކެރަމް، ރާޒުވާ، ޓޭބަލް ޓެނިސް (ޓީޓީ) އަދި މާޝަލް އާޓްސް އަށްވެސް ޚާއްސަ ހޯލުތަކެވެ. ޤައުމީ އެތުލީޓުން ތަމްރީން ވުމަށް ރަނގަޅު ފެންވަރެއްގެ ބޮޑު ޖިމެކެވެ. މީގެ އިތުރުން މާލޭގައި ޒަމާނީ ފެންވަރުގެ އައުޓް ޑޯ ވޮލީ ކޯޓުތައް ތަރައްޤީކޮށް، ފުޓްސަލް ދަނޑުތައް ވެސް ޤާއިމުކުރެވިއްޖެ އެވެ.

އެކުވެރި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު ޒަމާނީ ފެންވަރަކަށް ތަރައްޤީ ކޮށްފައި

މާލޭ ސަރަހައްދުން ބޭރަށް، ނިކުމެ އަތޮޅު ތެރޭގައި ރަށްތަކުގައި ސްވިމިން ޓްރެކުތައް ޤާއިމު ކުރެވިއްޖެ އެވެ. ފުރަތަމަ ފަހަރަށް މާލެ އިން ބޭރުގައި ޓީޓީ ސެންޓަރެއް ޤާއިމުކޮށް، ބޭނުން ކުރަން ފަށައިފި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓުބޯޅަ ދަނޑުތައް ޤާއިމުކޮށްފި އެވެ. 25 ދަނޑު ޤާއިމު ކުރުމަށް ވައުދުވި ނަމަވެސް، މިހާތަނަށް 40 އަށް ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ. 80 އަށް ވުރެ ގިނަ ދަނޑުގެ މަސައްކަތް އެކު މަރުހަލާގައީ ދަނީ ކުރެވެމުންނެވެ. އަތޮޅު ތެރޭގެ ރަށްތަކުގައި ހަރު ބިންގަނޑުގައި ވޮލީ ކޯޓު އަޅައިގެން ކުޅެމުން އައި ދުވަސް މާޒީ ވެއްޖެ އެވެ. މިހާރު އަތޮޅު ތެރޭގެ ރަށްތަކުގައި ދަނީ ޗާލު އައުޓްޑޯ ވޮލީ ކޯޓުތައް ޤާއިމުކޮށް ނިންމަމުންނެވެ. ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި އިންޑޯ ވޮލީ ކޯޓު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ފެށިގެން ކުރިއަށެވެ. އައުޓްޑޯ ޖިމާއި، އިންޑޯ ޖިމާއި، ފުޓްސަލް ދަނޑުތަކާއި، ސިންތެޓިކް ޓެރެކުތަކާއި، ސްކޭޓު ޕާކު ތަކާއި، ބެޑްމިންޓަން ކޯޓުތަކާއި، ބާސްކެޓު ކޯޓުތަކާއި، ހޭންޑް ބޯޅަ ކޯޓުތައް ދަނީ ރަށްތަކުގެ މަލަމަތި ބަދަލުކޮށްލައި ރަށުގެ ކުލަތައް ރީތިކޮށްދެމުންނެވެ.

އއ.މަތިވެރީގައި ސަރުކާރުން ޤާއިމުކޮށްފައިވާ އައުޓްޑޯ ވޮލީ ކޯޓު - ކުޅިވަރާ ބެހޭ ވުޒާރާ

ކުޅިވަރު ވަސީލަތްތައް ގާއިމްކުރެވުމާއިއެކު، ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާވެ، މުހިންމު ބަދަލުތައް ފެންނަން ފަށައިފި އެވެ. މީގެ ކުރިން ސައިކަލުގެ މަޑި ދަށުގައި އެސޯސިއޭޝަންގެ އޮފީސް ހިންގަމުން އައި ދުވަސްތަކަށް ނިމުމެއް ގެނެސް، ޒަމާނީ އޮފީހެއް އެސޯސިއޭޝަންތަކަށްް ލިބިއްޖެ އެވެ. ކުދި އެސޯސިއޭޝަނަށް ހައިރާންވާ ވަރަށް ކުޑަކޮށް ލިބެމުން އައި ބަޖެޓު ފަސް ލައްކައަށްވުރެ ބޮޑުވެއްޖެ އެވެ. ސިޔާސީ ޚިޔާލު ތަފާތުވުމަށް ނުބަލައި، ކޮންމެ އެސޯސިއޭޝަނަކަށް ތަމްރީން ފުރުސަތުތަކާއި ސްކޮލާޝިޕްގެ ފުރުސަތުތައް ލިބެން ފަަށައިފި އެވެ. ނަތީޖާއަކަށްވީ މުބާރާތްތައް އިތުރުވެ އެސޯސިއޭޝަންތައް ބައިނަލްއަގްވާމީ މައިދާނުގައިވެސް ފިޔަޖަހަން ފެށުމެވެ.

އެސޯސިއޭޝަންތަކަށް ލިބުނު ބާރުވެރިކަމާއެކު، މިއިން ޒަމާނަކު ރާއްޖޭގައި ނުބާއްވާ މިންވަރަށް ބައިނަލްއަޤުވާމީ މުބާރާތްތައް ބާއްވައިފަ އެވެ. ނިމުނު އަހަރު އެކަނި ވެސް ވަނީ ނުވަ މުބާރާތެއް ބާއްވައިފަ އެވެ. ސަރަހައްދީ މުބާރާތްތަކުން ފެށިގެން ގޮސް، ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތްތައް ބާއްވައިފި އެވެ. ޗެސް، ބޮޑީ ބިލްޑިން، ޓީޓީ، ބާސްކެޓްބޯޅަ، ބޮޑީ ބޯޑިން، ވޮލީބޯޅަ، ބެޑްމިންޓަން ފަަދަ ކުޅިވަރުތަކުން ކުރިއެރުން ދައްކާލީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ މުބާރާތް ރާއްޖޭގައި ބާއްވައިގެންނެވެ.

ރާއްޖޭގައި މިއަހަރު ބޭއްވި ފޯ ނޭޝަންސް އިންޓަނޭޝަނަލް ވޮލީ ބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ރައީސް އޮފީސް

ހިންގުމުގެ ހަރުދަނާ ކަމާއި ބޭއްވި ގިނަ މުބާރާތްތަކާއިއެކު ޓީމުތަކާއި ކުޅުންތެރިންނަށް އައި ކުރިއެރުން ދައްކާލީ ބައިނަލްއަގްވާމީ ބޮޑެތި ކާމިޔާބީތަކުންނެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ވަނީ މިހާތަނަށް 33 އަށް ވުރެ ގިނަ ރަން މެޑައްޔާއި، 18 އަށް ވުރެ ގިނަ ސިލްވާ މެޑަލް އަދި 88 އަށް ވުރެ ގިނަ ބްރޯންޒް މެޑަލް ހޯދާފަ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ބައިނަލްއަގްވާމީ މައިދާނުގައި މެޑަލް ހޯދި ކުޅިވަރުތައް ހިމެނެ އެވެ. ދިވެހި ކުޅުންތެރިން ހަމައެކަނި މެޑަލް ހޯދީ އެއް ނޫނެވެ. ބައެއް ކުޅިވަރުތަކުގައި ދުނިޔޭގެ ރޭންކިންގެ މަތީ ފަންތީގައި ހިމެނެން ފަށައި ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ދިދައިގެ ވަރުގަދަކަން ދައްކާލައިފި އެވެ.

ކުޅުންތެރިން ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ސިއްރަކީ އެސޯސިއޭޝަންތަކާއި ގުޅިގެން ސަރުކާރުން ފަހިކޮށްދިން ތަމްރީން ފުރުސަތުތަކެވެ. ކުރިން ކައިރި ގައުމުތަކުގައި ހަދަމުން އައި ތަމްރީންތައް ބައްރުން ބޭރަށްގޮސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ ހަމައަށް ގޮސްފި އެވެ. ޔޫރަޕްގެ ބިޔަ ބޮޑެތި ގައުމުތަކުގައި ތަމްރީން ހަދައި ފެންވަރު ރަނގަޅު އެތުލީޓުންނާއިއެކު އެއް ސެންޓަރެއްގައި ކުރިއެރުން ހޯދަން ފަށައިފި އެވެ.

2019 ވަނަ އަހަރުގެ އައިއޯއައިޖީ ގައި ރަން ވަނަތައް ހޯދި އެތުލީޓުންނަށް ރައީސް ޞާލިޙު މަރުޙަބާ ދެންނެވުމުގެ ތެރެއިން - ރައީސް އޮފީސް

ކުޅިވަރުގެ އާއިލާއިން ކުރަމުން އައި ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ހިތްވަރަކީ ސަރުކާރުން އެކަން ބަލައިގަނެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ތައާރަފްކުރުމެވެ. ކުޅުންތެރިން ހޯދާ ކާމިޔާބީތަކާއި އެސޯސިއޭޝަންތަކާއި ކުޅިވަރުގެ މުހިންމު ބައިވެރިންގެ އަގު ވަޒަންކޮށް އެވޯޑު ދިނުނު ފެށިއްޖެ އެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެންމެ މޮޅެތި ކުޅުންތެރިން ހޮވައި ދުނިޔޭގެ ކުޅިވަރު ލެޖެންޑުންގެ ހާޒިރުގައި މިކަން ފާހަގަކުރަނީ އެވެ. މިއީ ދުނިޔޭގެ ސަމާލުކަމަށްވެސް ދިވެހި ކުޅިވަރު އައި ބޮޑު އެއް ސަބަބެވެ. ސްޕޯޓްސް އެވޯޑާއިއެކު ބައިނަލްއަގްވާމީ މައިދާނުގައި ކުޅުންތެރިން ހޯދާ ކާމިޔާބީތަކަށް އިނާމް ފައިސާވެސް ހަރުދަނާ އުސޫލެއްގެ ދަށުން މިހާރު އަންނަނީ ދެވެމުންނެވެ.

ދުނިޔޭގެ ލެޖެންޑުންނާއެކު ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސްގެ ތެރެއިން - ރައީސް އޮފީސް

ރާއްޖޭގެ ކުޅިވަރަށް އައި ބަދަލު ފެންނަން އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޕޯޑިއަމަށް އަރައި ދައްކާ ވާހަކައަކުން ނޫނެވެ. ނުވަތަ ސަރުކާރަށް އަހަރު ފުރިގެން ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓަކުން ނޫނެވެ. އެ ބަދަލު ފެންނަނީ ރަށް ރަށުގެ ޑްރޯން ފޮޓޯތަކުންނެވެ. ރާއްޖޭގެ ކުޅިވަރަށް ބައިނަލްއަގްވާމީ މައިދާނުގައި ލިބެމުން އަންނަ ފުރުސަތުތަކުންނެވެ. ކުޅުންތެރިންގެ ފެންވަރަށް އައި ބަދަލުންނެވެ. ވަކި ކުޅިވަރަކަށް ނުބަލައި ސަރުކާރުން ކުރަމުން އަންނަ ހޭދައިންނެވެ. ދިވެހިރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަގްވާމީ މުބާރާތްތަކުންނެވެ. ކުޅުންތެރިން ކަރުގައި އަޅުވާލާ މެޑަލް ތަކުންނެވެ. "ހަނީމޫން ޑެސްޓިނޭޝަން"ގެ ގޮތުގައި މަގުބޫލުވެފައި އޮތް މި ކުޑަ ކުޑަ ދިވެހިރާއްޖެ އަކީ "ކުޅިވަރު ޓުއަރިޒަމް"ގެ ފައްކާ މަންޒިލެއްގެ ގޮތުގައި ސިފަވެ ގިނަ ބައެއްގެ ސަމާލުކަން ރާއްޖޭގެ ކުޅިވަރަށް ލިބެމުން އަންނަ މިންވަރުންނެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި