ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 17:47
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ވަޑައިގެންނެވި ބައެއް މެމްބަރުން
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ވަޑައިގެންނެވި ބައެއް މެމްބަރުން
ޓްވިޓަރ
މަސީހުގެ އިތުބާރުގެ މައްސަލަ
ރައީސް ޔާމީން ދެން އަޅުއްވާނީ ކޮން ފިޔަވަޅެއް؟
 
ބިރު ދައްކާނެ
 
ތަފާތު ފުރުސަތުތައް ހުށަހަޅާނެ
 
ޕީޕީއެމްގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ނުވާނެ ކަމަށް، ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވެ، ވިދާޅުވެ ތިއްބާ، 45 މެމްބަރުންގެ ސޮޔާއެކު ހޯމަ ދުވަހު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ. މިއީ ވަރަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔަ ކަމެކެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިން އެތައް ކަމެއް ހާމަވެއްޖެއެވެ. މަސީހަށް މަޖިލީހުގެ އިތުބާރު ނެތްކަމެވެ. ސަރުކާރުގެ މެޖޯރިޓީ ގެއްލިއްޖެކަމެވެ. އެހެންވެ، އިތުބާރުގެ ވޯޓް ނެގިޔަސް، ނުނެގިޔަސް، 45 މެމްބަރުން މަސީހާ ދެކޮޅަށް ވޯޓް ލެއްވުމުން، ލަދެއް ހަޔާތެއް ހުރި ނަމަ މިހާރު އިސްތިއުފާ ދެއްވަން ލަސްވެސް ވެއްޖެއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން ދެ ފަހަރު ހުށަހެޅިއިރު މަޖިލީހުގެ ގަވާއިދާއި ބަރުލަމާނީ އުސޫލްތަކާ ޚިލާފަށް، އެ މައްސަލަތައް ބޭރުކޮށްލިއެވެ. އެހެންވެ، މިފަހަރު 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދިޔަސް، ވާނެ ގޮތާއި، ސަރުކާރުން ހަދާނެ ގޮތަކާމެދު ސުވާލު އުފެދެއެވެ.

މިހާރު އެ ވަނީ ކުޅިވަރު ފަށައިފައެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމްގެ 11 މެމްބަރަކު ސޮއިކުރައްވާފައިވާއިރު، އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުގެ ސޮޔަކީ ވަގު ސޮޔެއްކަމަށް މިހާރު އެވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ މިހާރު އެވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.

އަހްމަދު ރަޝީދުގެ ސޮޔަކީ ސައްހަ ސޮއެއް ކަމަށް އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ހަގީގަތް އެނގިވަޑައިގަންނަވާނީ ﷲ ސުބުހާނަހޫ ވަތައާލާއަށެވެ. ދޮގުވެރިޔަކީ ވެސް ކާކުކަން އެނގިވަޑައިގަންނަވާނީ އެ ފަރާތަށެވެ.

އަހްމަދު ރަޝީދުގެ ސޮއިގެ މައްސަލައަކީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާލަން ސަރުކާރުން ބޭނުންކުރާ އެއް އުކުޅެވެ. އެކަމުގެ އިޝާރާތެއް މިހާރު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ދެއްވައިފައެވެ. އޭނާ ވިދާޅުވެފައި ވަނީ ވަގު ސޮއެއް ކޮށްގެން ހުށަހެޅި އިތުބާރު ނެތް މައްސަލަ ބާތިލްވާނެ ކަމަށެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން އެއްވެސް ހުއްޖަތަކަށް ނުވާނެއެވެ. ސަބަބަކީ އަހްމަދު ރަޝީދުގެ ސޮއި އުނިކުރިޔަސް 44 މެމްބަރުން ތިއްބެވުމެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި މެމްބަރުންގެ އިތުރުން، އިސްލާހަށް ތާއިދު ކުރައްވާ އެހެން މެމްބަރުން ވެސް އެބަ ތިއްބެވިއެވެ. ސޮއިކުރެއްވި މެމްބަރުންގެ އަދަދާއެކު އިސްލާހަށް ތާއިދު ކުރައްވާ މެމްބަރުންގެ ޖުމުލަ އަދަދު 50 އަށް ވުރެ މަތިވާނެއެވެ. އެކަން ސަރުކާރަށް ވެސް އެނގެއެވެ.

އެހެންވެ، މިމައްސަލަ ފުލުން ދުއްވާލުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ. ސަބަބަކީ މި މައްސަލަ ފާސްވެއްޖެ ނަމަ، މި ސަރުކާރު ހަމަ މަގަށް ވައްޓޭނެތީއެވެ. ބާރުތައް ހަމަހަމަ ވެގެން ދިއުމަކީ، ރައީސް ޔާމީންގެ ލަގޮނޑިފުޅަށް ކެތްވާވަރުގެ ކަމަށް ނުވާނެތީއެވެ. އެހެންމެ މައްސަލަ ފެއިލްކޮށްލުމަށް ސޮއި ކުރައްވާފައި ތިއްބެވި ޕީޕީއެމްގެ ބައެއް މެމްބަރުންނާ މަޝްވަރާ ކުރެއްވާނެކަމަށް ބެލެވެއެވެ. އެ ބޭފުޅުން ބޭނުންފުޅުވާ ކަންކަން ކޮށްދެއްވާނެއެވެ. ދެއުޅިއެއްނުވާ ގޮތަށް އުޅޭ އިދިކޮޅު މެމްބަރުންނަށް ތަފާތު ފުރުސަތު ދޭނެއެވެ. މެމްބަރުންނަށް ތަފާތު ގޮތްގޮތުން ބިރުވެސް ދައްކާނެއެވެ. މިހާރު ނެތް މައްސަލަތައް އުފަންކޮށް، ދައުވާތައް ފަށައި، ހަލުއިކޮށް ހިންގާނެއެވެ. 

އެހެން ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ދިމާކޮށް އަނެއްކާވެސް އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ ވާހަކައެެވެ. އަޑުތައް އިވޭ ގޮތުން، އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅަނީ ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓް ދެއްވައިފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމަށެވެ. އެޓާނީ ޖެނެރަލް ފޯން ނުނަންގަވާތީ މިކަމުގައި އެ މަނިކުފާނުގެ ބަހެއް ނުލިބެއެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާ ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމަށް ޕީޖީ ގްރޫޕާއި ސަރުކާރު ތެރޭގައި ކުރިންވެސް މަޝްވަރާ ކުރިއެވެ. އެހެންވެ، ގާނޫނާ ޚިލާފު ނިންމުމަކަށް ވިޔަސް މިފަހަރު މިކަން ކުރަން އުޅުން އެކަށީގެންވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ވެސް ވިސްނަންޖެހެއެވެ. ވުޖޫދުގައި ނެތް ކަމެއް އެކޯޓަށްވެސް ގާނޫނެއްގެ ގޮތުގައި ނުގެނެވޭނެއެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްގޮތް ސާފުވާއިރު އެފަދަ ނިންމުމެއް ނިންމައި، ރައްޔިތުންގެ ގައިގައި ކޮޅުފައިން ޖަހައިފި ނަމަ، އެއީ މުޅި ގައުމަށް ދެރައެކެވެ.

މިފަހަރު ގޮތެއް ހެދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ރައްޔިތުންގެ ފަޅިއަށް އެރި ޕީޕީއެމްގެ މެމްބަރުންނަކީ ބަޠަލުންނެވެ. އެ މެމްބަރުން އެ ދެއްކެވި ހިތްވަރު އެހެން މެމްބަރުންވެސް ހިތްވަރު ލިބިގަންނަން ޖެހެއެވެ. ޕީޕީއެމްގެ މެމްބަރުން އެނބުރުނު ގޮތަށް މިނިވަން މުއައްސަސާތަކާއި ކޯޓްތަކުން ވެސް ރައްޔިތުންގެ ކޮޅު ޚިޔާރުކުރަންޖެހެއެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
14%
29%
14%
29%
14%
0%
ކޮމެންޓް