Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ދިނީމާ ވަތަން. ދަވާލީ ވަތަން"

21 އޯގަސްޓު 2022 | އާދީއްތަ 09:09

ބިޔަ ޕްރޮޖެކްޓްތައް ނިމުނުއިރު އެއްބައި މަދު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 އޯގަސްޓު 2022 | އާދީއްތަ 09:09
އިދިކޮޅު ކޯލިޝަންގެ މުޒާހަރާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

އިދިކޮޅު ކޯލިޝަންގެ މުޒާހަރާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ބައިބޯ ކޯލިޝަނަކުން ވެރިކަންކުރި ވެރިއަކަށް ރައްޔިތުން ނޫނެކޭ ބުނެ ދެވަނަ ދައުރެއް ނުދިނެވެ. ކަންކުރި ގޮތާއި ރައްޔިތުންނަށް ޖެއްސި ހާލުން ގަންނާ ކުރެއްވި ބިރުންނެވެ. އޭގެ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ވެރިކަމަށް ފައި ނަންގަވައިފިއެވެ. ދެނެކާ ދެނެއްނެތެވެ. ގާތުގައި ގެންގުޅުނު ކުދިންކޮޅާއި ވެރިކަމުގައި ބައި ލިބިގެން އުޅުނު ދޮޅަހަކަށް މީހުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން އަންނާން އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ވެދުމަކަށް އަރުވައިފިއެވެ. ޕާޓީގައި ދެންތިބި މީހުންނަށް ދޮންކަޅުވެސް އަންގާލުމެއް ނެތިއެވެ. މިކަމާ ހިތްހަމަނުޖެހި އެޕާޓީގެ ތެރެއިން ލާނެއް ސޮރެއްގެ ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. ފަތިފައްޗަށް އަމުނާލައި ބޮޑުސިންގާ ފަތްކޮޅެއް ދޫކޮށްލިއެވެ. އޭގައި އެސޮރު ލިޔުނެވެ.

ކިބުރުވެރި ބޮޑާކަން ބޮޑު އިއްޒަތްތެރި މަނިކުފާނޫއެވެ. މަވެސްމީ ތިޔަ ޕާޓީގެ މީހަކީމެވެ.  ޕާޓީއަށް ލިބޭ ފައިސާ އިތުރުކުރަން މީހުން ހޯދަން މަވެސް ދެފައި އެއްތާކު ނުޖަހަމެވެ. އާއިލީ ވަންހަކޮޅު އެންމެންނާއި ޅިޔަންފަހަރިންގެ ސޮއި މަ ހޯދީމެވެ. ދޭންތިބި މީހުން ދީގެންނެވެ. ނުދޭން ބޮޑާ ހޭކި މީހުންގެ ކާޑު ހޯދައިގެން ހަތަރެސް ފައިގެ އިނގިލިތަކުން ފޯމު ފިލް ކޮށްގެންނެވެ.

އިއްޒަތްތެރި މަނިކުފާނޫއެވެ. މަނިކުފާނު ހޮވާންވެސް މަ ތެޅުނީކީ އަމަށަކު ގަނައެއް ނޫނެވެ. ރަށްރަށަށްގޮސް ހޮޅުއަށިތަކުގައި ބަސްބުނެ އުޅުނީމެވެ. ނެތްވަރުން މަނިކުފާނުގެ މޮޅުވާހަކަ ފޯރިނަގަނަގާފައި ދެއްކީމެވެ. ކަރުން ހަންދާހާ ބާރަށް އެހާމެ ގިނައިންނެވެ. ގޭގޭ ފުރާޅުގެ ޓިނު އާކޮށްދިނުމާއި ވިހޭގެ ބެލުމުގެ އިތުރުން ނަކަތުގައި ލެއްވި ކުދިންގެގާތު ދަމަށް އިނދެ ހެދީވެސް މަނިކުފާނަށް ޓަކައެވެ. މަނިކުފާނަށް "ވަތަން ހަވާލު ކުރަން" ވެގެންނެވެ.

އިސާހިތަކު އަހަރެމެން އެންމެންވެގެން މަނިކުފާނަށް "ވަތަން ހަވާލު" ކުރީމެވެ. ހަވާލުކޮށްފައި އެނބުރި ގެއަށް ނުވަދެވެނީސް ތިޔަހެދީ ކިހިނެއް ހެއްޔެވެ. މަށަކުވާ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ފުރަތަމަވެސް ނަގާ ގޮޅިއަށް ތިޔަ އެއްލާލީ މަނިކުފާނަށް ވަތަން ހަވާލުކޮށްދިން މަނިކުފާނުގެ ތުއްތޮންބެއެވެ. ގާތުގައި ތިބި މީހުންނަށްވެސް ތިޔަހެދީ ހަދާނެ ގޮތެކެވެ. ރައްޓެއްސެއް ރަހުމަތްތެރިއެއް ބަލާވެސް ނުލިއެވެ.

ދެންތިޔަހެދީ ދުނިޔޭގެ ތިޔަފަދަ އެހެން މީހުންވެސް ހަދާހެންނެވެ. ބަސްބުނެ އުޅުނު ނޫސްވެރިންނަށް ބިރުދައްކައި އެނޫސްތައް އޮބަހެއްޓީއެވެ.

މަނިކުފާނޫއެވެ. ކަންތިޔަކުރީ މަމެން ބޭނުންވި ގޮތަކަށް ނޫނެވެ. ދެކެން ބޭނުންވި ގޮތަކަށްވެސް ނުމެ ނޫންމެއެވެ. ޚަރަދު ކުޑަކުރާން މައުޅޭނީ މަގޭ ގޭގައޭ ބުނެ އަމިއްލަ ގޭގެ ބޮޑެތި މަރާމާތުތައްކޮށް އެގެ ގަނޑުވަރެއްހެން ތިޔަ ފައްކާކޮށްލީ ރައްޔިތުންގެ ލާރިން ނޫންހެއްޔެވެ. ހިތުހުރިވަރަށް އެގެ ނިމުނީމާ ވެރިމީހާ ހުންނާން ޚާއްސަ ކުރެވިފައި ހުރި ގެއަށް ތިޔަ ބަދަލުވީ ޚަރަދުތައް ކުޑަވެ ނިމުނީ ހެއްޔެވެ. ދަރިން ތިބޭ ގޭގޭގެ ކުލި ނުދެއްކިގެން ކަމަށް ބުނެ ހަމަ އެއްކަލަ ބައި މުސާރަ އެއްކޮށް ތިޔަ ނަގާންފެށީ އެންމެ ދެތިންމަހުގެ ތެރޭގައި ނޫން ހެއްޔެވެ. މީހަކު ގާތައް އަޅެ ހިންޏެއް ނާންނާނެ ހެއްޔެވެ.

މަނިކުފާނޫއެވެ. އެންމެ އުސް އިމާރާތާއި އެންމެ ބޮޑު ބުރިޖާ އެޅީމޭ ތިޔަ ބުނަނީ ހިތުން ފޮނިވެލާން ކަމަށް ހެއްޔެވެ. ތިޔަކަން ކުރިގޮތް އެންމެ ގާތުންބެލި އެކަކީ މަށެވެ. ގައިމު އެއީކީވާ އޮޅުވާލެވެންވެސް އޮތްކަމެއް ނޫނީވިއްޔާއެވެ. ނިމުނުއިރު ބްރިޖުން ގެއްލުނު އެއް ބަޔާއި ހޮސްޕިޓަލް ކައިރީ ހުންނާނެކަމަށް ބުނި އަނެއް އިމާރާތް ގެއްލުނުއިރު އެކަންކަމަށް ހޭދަކުރި ފައިސާތަކުން އެންމެ ލޯ ލާރިއެއްވެސް މަދެއް ނުވެއެވެ. ގައިމު އެވެސް ވަތް ތަނެއް އޮންނާނެތާއެވެ.

ދެލޯ ނޭދި އެދެމުންއައި މަނިކުފާނޫއެވެ. ވިއްކާލި ފަޅުތަކާއި ގިރިތަކާއި ހާހާތަކަށް ލިބުނު ފައިސާތައް އަމިއްލަ ފައިކޭޓަށް ތިޔަ އަޅާލީ ވަތަން ހަވާލު ކުރި މީހުންނަށް ހިލަމެއްވެސް ނުވެއެވެ. އެވެރިންގެ ކާޑުކޮޅުގެ އަގު ބޮޑުކޮށްލާފައި ކޮށްލާ ފޯނަކުން އަގުނަގަންފެށިއިރު ހަމައެއްޗެއް ހިތަށްވެސް ނާރަނީ ހެއްޔެވެ.

މަނިކުފާނޫއެވެ. މަނިކުފާނުގެ އަނބިގޮއްޔެއަށްޓަކައިވެސް ތިޔަހުރީވާ ވަރެއް ވެފައެވެ. އެގޮއްޔެގެ ނަމުގައި ޚިތާނުކޮށްދީ، ކަދުރު ބަހައި، ޕެނަޑޯލް ބަންދުކޮށް ހެދިއިރު ސަހަރޯއޭ ހީވިއެވެ. މަހީކުރީ އެމަންޖެގެ ދީލަތިކަން ހާދަ ބޮޑޭއެވެ. އެކަމަކު ހަޤީގަތް މިއެނގުނީ މިހާރުއެވެ. މަހަމަ ކޮސްވެއްޖެއެވެ. އެކަމަނާގެ ނަމުގައި ތިޔަބަހާލީ ކުންފުނިތަކުގެ ފައިދާ ވިއްޔާއެވެ. ސައޫދީން ދޭ ކަދުރުކޮޅުވެސް އެކަމަނާގެ ނަމުގައެވެ. މަންމަގެ ނަމުގައި އެޅި މިސްކިތް އެޅީވެސް އެގޮތަށޭވެސް މީހުން ކިޔާއުޅެނީ ކަމެއް ވީމަތާއެވެ.

މަނިކުފާނޫއެވެ. މަނިކުފާނުގެ ޗާލާކީ ކަމާއި މަނިކުފާނު ކުޅުއްވި މޮޅު ތާސްކުޅި މިއެނގެނީ މިހާރުއެވެ. ވަތުބަތާނަ ބަލާލީމައެވެ. ބިތުފަންގި ހިއްލާލީމައެވެ. ހަތަރު އަނާއެއް ބައި ރުފިޔާއެއް ނޫނެވެ. ވިޔަފާރިއެއް ނުކޮށް އެކައުންޓުން ތިޔަ ފެންނާން ހުރީ މިލިޔަނުން މިލިޔަނުން ވިއްޔާއެވެ. އެވެސް ބޯބުރި ޖެހި އެމެރިކާ ޑޮލަރެވެ. އިތުރު ގެއެއް އެހެރަގެން އުޑާހަމައަށް އަރަނީއެވެ.

ނޫނޭވާ ސާބަހެވެ. މަހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެވަރަކުން މަނިކުފާނަށް ވަތަން ހަވާލުކުރަން ފޫގަޅައިގެން އުޅުނީކީ ތިޔަހެން ހަދާފާނެ ކަމަކަށް ނޫނެވެ. ހެޔޮނުވާނެޔޭ ދެން ފައިބާށޭ ބުނެ ރައްޔިތުން މަނިކުފާނު ބޭލީ ހަމަ ބާލަން ވެގެންނެވެ. ވަތަން މިއޮތީ ދަރުވާލާފައެވެ. އަންނާން އޮތް ޖީލުތަކަށްވެސް ތިޔަޖެއްސީ ދަރަނިދައްކާށެވެ. ތިޔަކޮށްލީ ދެން ވެރިކަމާ ހަވާލުވާ މީހުން ހިންދެމިނުލެވޭވަރެވެ. ވިއްކާލި ތަންތަނުގެ ފައިސާކޮޅުވެސް ކަޅުކޮތަޅުގައި ގެންގޮސް ތިޔަވެއްދީ ގެއަށެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ. "ވަތަން ދިނީމެވެ. ދިނީމާ ތިޔަދަވާލީ ވަތަނެވެ. ރަތްމަލަށް ބިރުގަތްމީހާހެން މަގޭ ހަށިވެސް އެބަ ރޫރޫއަޅައެވެ. މަވާ ދެން ސަލާމެވެ"

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖުލައި 2025

27 އަހަރުގެ މަސައްކަތުން އެއްކުރި 560238 ރުފިޔާ "ދަވާލީ"، 24 ގަޑި އިރު ވެސް ނުވަނީސް!

14 ޖުލައި 2025
27 އަހަރުގެ މަސައްކަތުން އެއްކުރި 560238 ރުފިޔާ "ދަވާލީ"، 24 ގަޑި އިރު ވެސް ނުވަނީސް!
24 ޖުލައި 2018

ރައްޔިތުންގެ ބައިތުލްމާލު 'ދަވާލީ' ކާކުކަން އެންމެންނަށް ވެސް އެނގޭ!

24 ޖުލައި 2018
ރައްޔިތުންގެ ބައިތުލްމާލު 'ދަވާލީ' ކާކުކަން އެންމެންނަށް ވެސް އެނގޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް