ކ. މާލެ
|
22 ޖުލައި 2022 | ހުކުރު 13:51
ޖޯޖް ކޯބިން އޭނާގެ ކުޑަކުޑަ ދަރިފުޅު ޖޯޖިޔާއަށް ވިހަމަނާފުށީގައި ކުރުނބާ ބޯންދެނީ
ޖޯޖް ކޯބިން އޭނާގެ ކުޑަކުޑަ ދަރިފުޅު ޖޯޖިޔާއަށް ވިހަމަނާފުށީގައި ކުރުނބާ ބޯންދެނީ
ރާއްޖެއެމްވީ
ފަތުވެރިކަމުގެ ރަން އަހަރު
މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ މުޅި ތާރީޚުގައި ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރު
 
ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގައި ވަޒީފާތައް އުފެދުނު
 
ފަތުރުވެރިކަމާއެކު ރާއްޖޭގެ އެހެނިހެން ދާއިރާތައް ތަރައްގީވާން ފެށި

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މި ދަނީ، ހަމައެކަނި ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތެއް ނޫނެވެ. އެއަށްވުރެ މާ ބޮޑު މުނާސަބަތެކެވެ. އަޅުގަނޑުމެން މި ފާހަގަކުރަނީ، ރާއްޖޭގެ މުޅި ތާރީޚުގައި، ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރެވެ. މި ފާހަގަކުރެވެނީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި 50 އަހަރެވެ. ތަރައްޤީއާ މެދު ވިސްނާ ވިސްނުންވެސް ބަދަލުކޮށްލި 50 އަހަރެވެ.

ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްވިއިރުވެސް، ރާއްޖޭގައި އިޤްތިޞާދީ އެހެން ޙަރަކާތްތައް ހިނގަމުން ދިޔައެވެ. އަދި ފަތުރުވެރިކަން ފުޅާވަމުން ދިޔަ ވަރަކަށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތަކުގެ މާކެޓް ފުޅާވަމުން ދިޔައެވެ. ޢިމާރާތްކުރުމުގެ ދާއިރާ ފުޅާކުރަން ޖެހުނެވެ. ރާއްޖޭގެ މައިގަނޑު އެއް ސިނާޢަތުގެ ގޮތުގައި، ޢިމާރާތްކުރުމުގެ ދާއިރާ ދެމި މިއޮންނަނީ، ފަތުރުވެރިކަން ފުޅާވާތީ ކަމަށް ބުނުމުން ދޮގަކަށް ނުވާނެއެވެ.

މި ދެންނެވި އިޤްތިޞާދީ ޙަރަކާތްތައް ކުރިއްސުރެ ހިނގަމުން ދިޔަ ނަމަވެސް، ރާއްޖޭގެ އިޤްތިޞާދަށް ކުއްލި އިންޤިލާބީ ހަލުވިކަމެއް ގެނެސްދިނީ ފަތުރުވެރިކަމުންނެވެ. ފަތުރުވެރިކަން ފެށުމާއެކު، ރާއްޖޭގައި ކުރިން ނެތް އެތައް ދާއިރާތަކަކުން ވަޒީފާތައް އުފެދިގެން ދިޔައެވެ. އާކިޓެކްޓުން، އިންޓީރިއަރ ޑިޒައިނަރުން، އާޓިސްޓުން، ޓުއަރ ގައިޑުން ފަދަ އެތައް މަގާމުތަކެއް އުފެދި އާމްދަނީގެ ފުރުޞަތުތައް ދިވެހިންނަށް ފަހިވެގެން ދިޔެއެވެ.

ހަމައެއާއެކު، 1980 އާއި 1990ގެ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ އަލަށް ގުޅުނު ވިޔަފާރިވެރިންގެ ސަބަބުން، މި އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެ ބަދަލުތަކުގެ ސަބަބުން، "މޯލްޑިވްސް" މި ނަމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ބްރޭންޑް ނަމަކަށް ވެގެންދިޔައެވެ. ދުނިޔޭގައި ނަން ހިނގާ އެންމެ ބޮޑެތި ހޮޓާތަކާއި ރިޒޯޓުތައް ރާއްޖޭގައި މިހާރު އެބަހުއްޓެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވި ބޭފުޅުންގެ ފިޔަވަޅު މަތިން މި ޞިނާޢަތު އިތުރަށް ކުރިއަރުވައި، ތަރައްޤީ ކުރެއްވި އެ ހުރިހާ ބޭފުޅުންނަކީވެސް، ރާއްޖެ މިއަދު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިންތަކެކެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ކިތަންމެ އެވޯޑަކާއި، ކިތަންމެ މެޑެއްޔެއްވެސް ދެވިދާނެއެވެ. ތައުރީފުގެ ކިތަންމެ ބަސްތަކެއްވެސް ތަކުރާރު ކުރެވިދާނެއެވެ. ނަމަވެސް، މި މުހިންމު ޞިނާޢަތު ރާއްޖޭގައި ފަށްޓަވައި ތަރައްޤީ ކުރެއްވުމަށް އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގެ ޙަޤީޤީ އަގު އަޅުގަނޑުމެންނަށް ވަޒަނެއް ނުކުރެވޭނެއެވެ. މުޅި ޤައުމު ވަނީ އެ ބޭފުޅުންގެ އެ ޚިދުމަތަށް ދަރަނިވެރިވެފައެވެ. މި ފަސްގަނޑުގައި ދިވެހިން އުޅެމުންދާހާ ހިނދަކު އެ ބޭފުޅުންގެ އަގު ވަޒަންކުރަންޖެހެއެވެ.

2020 ވަނަ އަހަރު ފެށިގެން އައީ ދުނިޔެ މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ޢާލަމީ ބަލިމަޑުކަމާއެކުއެވެ. ކޮވިޑް-19 ވެގެންދިޔައީ، މިހާތަނަށް އެންމެ ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ވަބާއެވެ. ކޮރޯނާ ވައިރަސް، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައެވެ. ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުނެވެ. ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް، މިކަން ވީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.

ދުނިޔޭގެ ޤައުމުތަކުގައި ކޮވިޑް-19 ފެތުރޭ ކަމުގެ ޚަބަރު ލިބުމާއެކު، އެންމެ ފުރަތަމަ ސަރުކާރުން ބައްދަލުކުރި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭނެއެވެ. 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ މެދުތެރޭގައި ބޭއްވި އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ރާއްޖެއަށް ފަތުރުވެރިން އުފުލާ ބައެއް ފްލައިޓްތައް ކެންސަލް ކުރަން ޖެހުނެވެ. އަދި 27 މާރިޗު 2020 ގައި ރާއްޖޭގެ ބޯޑަރުތައް މުޅިން ބަންދުކުރަން ސަރުކާރުން ނިންމަން ޖެހުނެވެ. އެއީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ނަމަވެސް އެ ނިންމުން ނިންމީ ބައެއް ބޭފުޅުންގެ ވިސްނުމާ ދެކޮޅަށެވެ. ގައުމާއި ރައްޔިތުންގެ ލާބައަށްޓަކައެވެ.

ރިޒޯޓުތައް މުޅިން ބަންދުކޮށްފައި ބޭއްވުމަކީ، ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް، ރިޒޯޓް ހިންގާ ފަރާތްތަކަށް ވާނެ ކަމެކެވެ. އެހެންކަމުން، ރާއްޖެ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު، ސަރުކާރުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން އައީ ކޮށްދެމުންނެވެ. ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބެއްލެވުމުގެ ދަށުންނެވެ.

ތިން މަސްދުވަހަށްފަހު، ޖުލައި 15، 2020 ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލީ، ހަމަ ބައެއް ބޭފުޅުންގެ ވިސްނުމާވެސް އިދިކޮޅަށެވެ. އެހެން ނަމަވެސް، އެ ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ނިންމުމެކެވެ. މިއަދު އަޅުގަނޑުމެން މިތިބަ ހިސާބަށް އާދެވިފައި މިތިބީ އެ ނިންމުމުގެ ސަބަބުންނެވެ. މިއީ ހިކުމަތްތެރި ވެރިއެއްގެ ދުރު ވިސްނުމާއެކު ކުރެވުނު ކަމެކެވެ.

މިއަދުވެސް ދުނިޔޭގެ އިޤްތިޞާދު އޮތީ މާ ފަހި ދުވެއްޔެއްގައެއް ނޫނެވެ. ޔޫރަޕްގެ އިރުމަތީ ބިތުގައި އެ ކުރާ ވަރުގަދަ ހަނގުރާމަ، މުޅި ދުނިޔެއަށް ނުރައްކާކޮށްފިއެވެ. އިޤްތިޞާދުތައް ހީނަރުކޮށް، ދަތުރުފަތުރަށް ބުރޫ އަރުވައިފިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދެން ފަށައިފިއެވެ. މިފަދަ ޙައްޞާޞް ދަނޑިވަޅެއްގައި ކޮންމެ ޤައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުންނެވެ.

ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުންނެވެ. ސްޓްރާޓާ އުޞޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް އަދި ޕްރައިވެޓް އައިލެންޑްގެ ފަތުރުވެރިކަން މިހާރު ވާނީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމަނާފައެވެ. މިއީ ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަށް ޚާއްޞަކޮށްފައިވާ ޕްރޮޑަކްޓްތަކެވެ. މީގެ އިތުރުންވެސް، މި އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަން ގައުމުގެ ވަލިއްޔުލްއަމުރު ގެންދަވަނީ ދެއްވަމުންނެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައިބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ އިތުރުކުރުމެވެ. މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، ޓަރމިނަލްގެ މަސައްކަތްތައް ހުރީ އެކި ހިސާބުތަކުގައި މަޑުޖެހިފައެވެ. އެކިއެކި ސަބަބުތަކާ ހެދިއެވެ. އެކަންކަން ޙައްލުކުރުމަށްފަހު، މިހާރު އަލުން އެ މަސައްކަތްތައް ފަށައިގެން ކުރިއަށް އެބަދެއެވެ. މިހާރު ހަދަމުންދާ ޓަރމިނަލްގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އޭގެ އިތުރުން، އަތޮޅުތަކުގައި ތަރައްޤީކުރާ އިތުރު އެއަރޕޯޓްތަކުގެ ސަބަބުންވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު އޮތީ ވަރަށް ވާދަވެރި މާޙައުލެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްޤީކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުއްޓެވެ. މި ވާދަވެރިކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަން ދެމެހެއްޓޭނީ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ދިވެހި ފަތުރުވެރިކަމުގެ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓުމެވެ.

ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ، މި ވެށީގެ ޞުލްޙަވެރިކަމާއި، އަމާންކަމާއި، ދިވެހިންގެ ހިތްހެޔޮކަމާއި ފުރިހަމަ މެހްމާންދާރީންނެވެ. ހަމައެއާއެކު، ރާއްޖޭގެ ޤުދުރަތީ ރީތިކަމެވެ. ކަނޑުފަޅުގެ ރީތިކަމާއި، ރަށްތަކުގެ ހިތްފަސޭހަކަމެވެ. އެކަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މިއަދުވެސް އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން އެބަ ދޭންޖެހެއެވެ.

ހަމައެއާއެކު، މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަކީވެސް، މި ޞިނާޢަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަކީވެސް، އަޅުގަނޑުމެންގެ ވިސްނުމުގައި ބަހައްޓަންޖެހޭނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް