72 ކިލޯގެ ޑްރަގް މައްސަލައިގައި ބޭރުކޮށްލި ދައުވާތައް ހައިކޯޓުގައި އިސްތިއުނާފުކުރަނީ
72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ޓްރެފިކްކުރަން އުޅުނުކަމުގެ ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށް


72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތައް
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު "މަސްޖަރީ 2" ނަމަކަށްކިޔާ ދޯންޏެއްގައި, 72 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނުކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ބޭރުކޮށްލި ދެ މީހުންގެ ދައުވާތަކުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.
72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނުކަމުގެ ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ. އެތަނުން ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27، އާއި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް، 34، ގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އޭގެ އިތުރުން، މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު، 32، ގެ މައްޗަށް އުފުލާފައިވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ކުރަން ހުށަހެޅި 45 ހެއްކެއް ބަލައިނުގަންނަންވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
އެކަމާގުޅިގެން ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މީޑިއާތަކަށް ހިއްސާ ކުރެއްވި ބަޔާނުގައި ވަނީ، މިމައްސަލަތައް އިސްތިއުނާފުކުރުމަށްޓަކައި ބުދަ ދުވަހުގެ ވަގުތެއްގައި ހައިކޯޓަށް ހުށަހަޅާނެކަމަށެވެ.
ކޯޓުން ބޭރުކޮށްލީ، މުހައްމަދު އަކްރަމްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެއް އަދި ވެސް ކޯޓުގައި ކުރިއަށް އެބަދެއެވެ.
މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.
ގާޒީ ހަސަން ސައީދު އިއްވެވި ހުކުމުގައިވާ ގޮތުން، އެ ތިން ދައުވާ ވެސް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުއްވީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރ.) އާ ހިލާފަށް ކަން ޝަރީއަތަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.
ގާޒީ އެ ގޮތަށް ނިންމެވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި އޭގެ ހުށަހެޅުމެއްގެ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ތަހުގީގުކުރި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެ ދައުވާ ލިބޭ، އެ ދެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދެ ފަރާތުން ކުރި ބަހުސަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
މިމައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން:
މި މައްސަލައިގައި ހިމެނޭ އަހުމަދު ނަސީރުއާއި މުހައްމަދު އަކްރަމް އަދި މުހައްމަދު ޝަރީފްގެ މައްޗަށް ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.



