ކ. މާލެ
|
15 މެއި 2022 | އާދީއްތަ 12:09
އެމްޑީޕީގެ ހަރުގެ
އެމްޑީޕީގެ ހަރުގެ
އެމްޑީޕީ
މަގޭ ރިޕޯޓް
އެންމެންގެ ބޮޑު ސުވާލު: އިންތިޚާބު ނިމިއްޖެ، އެމްޑީޕީ އެކަތިގަނޑަކަށް ވެދާނެތަ؟
ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަކަމަށާއި ޒާތީ އެއްވެސް ކަމެއް ނޯންނާނެކަމަށް
ޕާޓީ ދެބައިވެގެން ނުދާނެކަމަށް ފައްޔާޒު ވިދާޅުވި

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ފޯރިގަދަ އިންތިޚާބު ތަކެކެވެ. ނަމަވެސް އެމްޑީޕީގެ 16 އަހަރުވީ ތާރީޚުގައި ހިނގާދިޔަ އެންމެ ވާދަވެރި އެއް އިންތިޚާބަށް ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ޗެއާޕާސަން ކަމަށް މީހަކު އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ވެގެންދާނެއެވެ. އިމްތިޔާޒު ފަހުމީ (އިންތި) އާއި ފައްޔާޒު އިސްމާއީލަކީ ޗެއާޕާސަން ކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންކަމުގައި ވިޔަސް، މަންޒަރު ބުނެދެމުންދިޔައީ އެއަށްވުރެ ބޮޑެތި ވާހަކަތަކެކެވެ. ފައްޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރެވެ. ރައީސްއާ އެންމެ އަރިސް އެއް ވަޒީރެވެ. އަނެއްކޮޅުން އިންތިއަކީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. ރައީސް ނަޝީދު އާއި ނަޝީދުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެމްބަރެކެވެ.

ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ތާއީދުކުރައްވާ ރައީސެއްގެ ހިޔަނީގައި ނިކުންނެވިއިރު ހަގީގަތުގައި މިއިންތިޚާބުން ބުނެދެނީ ޕާޓީގެ ތެރޭގައި ދެ ރައީސުންގެ ތެރެއިން ބާރުގަދަ ރައީސެއް ކަނޑައެޅުމެވެ. ކުރިޔަށް އޮތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް އޮންނަނަމަ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އިންތިޚާބުގައި ވާދަކުރެއްވުމާމެދު ރައީސް ޞާލިހު އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ. އެމަނިކުފާނު އެކަމާގުޅޭގޮތުން އެއްޗެއް ވިދާޅުނުވިނަމަވެސް ރައީސް ޞާލިހުގެ އަރިސް ބޭފުޅުން ގެންދަވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ވާދަކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. ވާދަނުކުރައްވަން ނިންމެވިކަމެއް މިހާތަނަށް ހާމަކޮށްފައެއްވެސް ނުވެއެވެ.

އަނެއްކޮޅުން ރައީސް ނަޝީދު ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ ވާހަކަފުޅުވެސް ދައްކަވަމުންނެވެ. އެކަން މިހާތަނަށްވެސް ޕާޓީގެ ތެރެއިން ވެފައިނުވަނީ ރައީސް ޞާލިހުގެ ތާއީދު އެކަމަށް ނެތުމުންނެވެ. ދެ ރައީސުންގެ ދެމެދުގައި އޮތް އެންމެ ބޮޑު ޚިޔާލު ތަފާތުވުމަކީ މިއީ އޭވެސް ބުނެވިދާނެވެ. ބަރުލަމާނީ ނިޒާމަކަށް ނުދާނަމަ ގާނޫނު އަސާސީއަށް ދެން ގެންނަ ރައީސް ނަޝީދު ބޭނުންފުޅުވާ އިސްލާހުތަކެއް ގައުމީ މަޖިލީހަށް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި ރިޔާސީ އިންތިޚާބެއްގައި ރައީސްކަމަށް މީހަކަށް އާދެވޭނީ 30 އިންސައްތަ ލިބިގެންކަމަށް ބަޔާންކޮށް ގާނޫނު އަސާސީއަށް ބަދަލު ގެނައުން ހިމެނެއެވެ. މި އިސްލާހުތައް އެމްޑީޕީގެ ފަރާތުން އިތުރަށް ކުރިޔަށް ގެންދާނެތޯ ކަނޑައެޅިގެންދާނީ އޮގަސްޓް މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސް އިންނެވެ.

ކޮންގްރެސްގެ ރިޔާސަތުގައި އިންނަވާނީ އައު ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މުޅި ޕާޓީ ހިންގުމުގެ ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ދީފައިވާ އެންމެ އިސް ފަރާތަކީ އެ ޕާޓީގެ ޗެއާޕާސަންއެވެ. ރިޔާސީ ޕްރައިމަރީ ބާއްވާނެތޯ ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި "ހުރިހާ އިންތިހާބެއް އިންތިޒާމްކޮށް ރޭވުމަކީ" ވެސް ޗެއާޕާސަންގެ އަތުގައި އޮންނަ ބާރެކެވެ. އަނެއްކޮޅުން މި ކޮންގްރެސްއިން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލާ ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ދިނުމަށްވެސް ނިންމިދާނެއެވެ. އެހުރިހާ ގޮތަކަށް ބަލާއިރުވެސް މިފަހަރުގެ ޗެއާޕާސަންގެ އިންތިޚާބު އެހެން ފަހަރުތަކުގެ ޗެއާޕާސަން އިންތިޚާބުތަކަށްވުރެ މުހިންމުވެގެންދެއެވެ.

އެކަން ކެމްޕެއިން ތެރެއިންވެސް ދިޔައީ ވަރަށް ބޮޑަށް ފެންނަމުންނެވެ. ފައްޔާޒު ނިކުންނެވީ "އެމްޑީޕީ ހިންގާލަން" ނަމުގައި 2023 ވަނަ އަހަރުގެ އިންތިޚާބު ރައީސް ޞާލިހަށް ޔަގީންކުރުމަށެވެ. އިންތި ނިކުންނެވީ އެމްޑީޕީ އާއި މި ސަރުކާރާ ގުޅުން ކުޑަވުމުގެ ސަބަބުންނާއި އެމްޑީޕީން ވީ ވައުދުތައް ފުއްދަމުން ނުދާތީ 2023 ހޯދަން އުނދަގޫވާނެތީ އެކަންކަން ބަދަލުކުރެއްވުމަށެވެ. އިންތިގެ ކެމްޕެއިންގެ ތެރޭގައިވަނީ ފައްޔާޒާއި ސަރުކާރަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ވެސް ކުރައްވާފައެވެ. އަދި އެމްޑީޕީން ނަޝީދު ބޭރުކުރަން އުޅޭ ކަމުގެ ތުހުމަތުވެސް އިންތިގެ ޓީމުން ވަނީ ކޮށްފައެވެ.

އެހެންކަމުން މިފަހަރުގެ ކެމްޕެއިންގެ ކަންކަން ދިޔަގޮތުން ވާދަކުރަނީ އިދިކޮޅު ޕާޓީއަކާ ހީވާ ފަހަރުތައްވެސް ދިޔައެވެ. އެހުރިހާ ކަމެއް ހިނގާދިޔައިރުވެސް އެންމެ ބޮޑަށް ފެންމަތި ކުރަމުންދިޔަ ސުވާލަކީ ކެމްޕެއިންގެ ހޫނުގަނޑަށްފަހު އެމްޑީޕީއަށް އެކަތިގަނޑަކަށް ވެވިދާނެތޯއެވެ. އެސުވާލުގެ ޖަވާބު ދެއްވަމުން އިންތި އާއި ފައްޔާޒު އާ ދެ ބޭފުޅުންވެސް މީގެކުރިން ވިދާޅުވަމުން ގެންދެވީ ސިޔާސީ ގޮތުން ހިނގާ ކެމްޕެއިނެއްގައި ދައްކާ ވާހަކަ އިންތިޚާބު ނިމި ނަތީޖާ ހާމަވުމުން ބަދަލުވާނެކަމަށެވެ. މާނައަކީ އެމްޑީޕީ އެކައްޗެއްގެ ގޮތުގައި އޮންނާނެއެވެ. ޕާޓީ ދެބައި ވެގެންނުދާނެއެވެ.

އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ފައްޔާޒުއެވެ. އެހެންކަމުން އެކައްޗެއްގެ ގޮތުގައި ޕާޓީ ކުރިޔަށް ގެންދުވުމުގެ ޒިންމާއާ ހަވާލުވެފައިމިވަނީ ފައްޔާޒުއެވެ. އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ޖަގަހައަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ މަސައްކަތްކުރައްވާނީ ޕާޓީ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމަށެވެ. ކެމްޕެއިން ތެރޭގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޮޑެތި ތުހުމަތުތަކެއް ފައްޔާޒަށް އަމާޒުކުރައްވާފައިވާއިރު، ރައީސް ނަޝީދާއެކު މަސައްކަތްކުރެއްވުމަށް ފަސޭހަވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަކަމަށާއި ޒާތީ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. ޕާޓީ ހިންގާލުމަށް އިންތި އާއި އިންތިގެ ޓީމާއެކު މަސައްކަތްކުރެވޭނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީ ދެފަޅިވެގެން ހިނގައިދާނެކަމަށް ކުޑަކޮށްވެސް ޝައްކުނުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ސިޔާސީ ގޮތުން ހިންގާ ކެމްޕެއިނެއްގެ ތެރޭގައި ދައްކާ ވާހަކަ އިންތިޚާބު ނިމި ނަތީޖާ ލިބުމުން ތަފާތުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދާއި އިންތި އާއި އިންތިގެ ޓީމާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށާއި ގަބޫލުފުޅުކުރައްވަނީ އެބޭފުޅުންވެސް ތިއްބަވާނީ އެގޮތަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ. ސިޔާސީ ގޮތުން ކުރަން ޖެހުނު ކަމެއް ކޮންމެ މީހަކުވެސް ކުރާނެކަމަށާއި ނަމަވެސް އެކުގައި މަސައްކަތްކުރެވޭނެކަމަށް ފައްޔާޒު ދެކެވަޑައިގަންނަވައެވެ.

ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި މިފަހަރު ކެމްޕެއިން ތެރޭގައި ކަންތައްތައް ގޮސްފައިވަނީ އެއް ނުވެވޭހާ ގޯސްކޮށެވެ. ތުހުމަތުގެ އިނގިލި ދިއްކޮށް ދައްކާފައިވާ ވާހަކަތަކާއެކު އެކުގައި މަސައްކަތްނުކުރެވޭ ވަރަށް ވަނީ ދުރުވެފައެވެ. މިހާތަަނަށްވެސް އެމްޑީޕީ އަކީ އިންތިޚާބުތަކަށް ފަރިތަކަމަށް ދައުވާކުރަމުން އައި ޕާޓީއެކެވެ. ޑިމޮކްރަޓިކް ކަމަށް ދައުވާކުރަމުން އައި ޕާޓީއެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބަކާއެކު ޕާޓީ ދެބައިވެ އެކުގައި މަސައްކަތްނުކުރެވޭ ހިސާބަށް ދިޔުމަކީ ޑިމޮކްރަޓިކް އުސޫލެއް ނޫނެވެ. އެއީ އެމްޑީޕީން މިހާތަނަށްވެސް ދައްކަމުންދިޔަ ޑިމޮކްރަޓިކް އުސޫލުތަކާއި ވަަރަށް ބީރައްޓެހި ގޮތެކެވެ.

ކުރިޔަށް އޮތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. ސިޔާސީ ޕާޓީގެ ހަޔާތެއްގައި އަންނާނެ އެންމެ މުހިންމު އެއް ވަގުތުކޮޅެވެ. އެއިންތިޚާބު ކާމިޔާބުކުރުމަކީ އެމްޑީޕީއަށް މުހިންމު ކަމެކެވެ. ނަމަވެސް އެކަން ކުރުމަށް އެންމެ ފުރަތަމަ ކަމަކަށް އެމްޑީޕީގެ އެތެރޭގައި ލާފައިވާ ރެނދުތައް ބައްދަންޖެހެއެވެ. ޕާޓީ އެއްބައިވެ އެކައްޗެއް ކިޔަންޖެހެއެވެ. އެމްޑީޕީގެ ބިޔަބޮޑު ލަޝްކަރު އެކައްޗެއްގެ ގޮތުގައި ނިކުންނަން ޖެހެއެވެ. ނޫނީ 2023 އެމްޑީޕީއަށް ގެއްލުމަކީ ވަރަށް ކަައިރިކަމެކެވެ.

- ކޮމެންޓް