ކ. މާލެ
|
6 މެއި 2022 | ހުކުރު 14:34
އެމްޑީޕީގެ ހިނގާލުމެއް
އެމްޑީޕީގެ ހިނގާލުމެއް
ރާއްޖެއެމްވީ
އެމްޑީޕީ ޗެއަރޕަރސަންގެ އިންތިޚާބު
”މި އޮޑިއެއް ނުފެތޭނެ“
 
ޕާޓީގެ އޮޑިއަށް ދިމާވެފައި ހުރި މައްސަލަތައް ރަނގަޅުކޮށް، އޮޑި ވަރުގަދަކުރަން ޖެހޭ
 
2023 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އިދިކޮޅުގެ ޙަރަކާތްތައް ވަނީ ފުޅާކޮށްފައި
 
އެމްޑީޕީ ފެންނަމުން އައީ އޭރު އޮތް ކަނޑަކަށް ހެޔޮވަރު އޮޑިއެއްގެ ގޮތުގައި

އެމްޑީޕީން އަބަދުވެސް ބުނާ އެއް ވާހަކައެއް އޮވެއެވެ. އެއީ އެމްޑީޕީއަކީ ކޮންމެ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެއް ކަމެވެ. އެ އޮޑިއެއް ނުފެތޭނެ ކަމެވެ. "މި އޮޑިއެއް ނުފެތޭނޭ، މި އަޒުމެއް ނުގުޑާނޭ، މި ގަދަރެއް ނުކެނޑޭނޭ، މި ކުލުނެއް ނުމެދާނޭ، މި ފިކުރެއް ނުނިމޭނޭ" މިއީ އެމްޑީޕީގެ އޮޑީގެ މިސްރާބާއި، އެ އޮޑީގެ ފަޅުވެރިންގެ ސިފަތަކާއި ފަލްސަފާއާ ގުޅޭގޮތުން އޭރު ކިޔަމުން ދިޔަ ޅެންބައިތުތަކެވެ.

އެހެންނަމަވެސް، މިއަދު މަންޒަރު ބަދަލުވަމުންދާތަން މިދަނީ ފެންނަމުންނެވެ. މިއަދު އެމްޑީޕީގެ އޮޑިއާއެކު ހަނދާނަށް އަންނަނީ ނައިފަރު ދޮހޮއްކޮގެ އަޑުން ކިޔާފައިވާ "ދިޔަވަތް ރަނގަޅު އޮޑި" މި ފަރިއްސެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ފަރިހީގައި ބުނަނީ އޮޑިއަކީ ރިޔަލަށް ކެރޭ ދިޔަވަތް ރަނގަޅު އޮޑިއެއްކަމުގައިވާނަމަ، ކިތަންމެ ރާޅު ބޮޑުކަމުގައިވީ ނަމަވެސް، އަނބުރާ ނުލައި ކުރިއަށް ދިއުމަށް ކަމަށް މި ފަރިހީގެ ޝަރަހައާ ގުޅޭގޮތުން ބައެއް މީހުން ބުނެއެވެ.

ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ، ވިޔަކަސް ރުޅާބޮޑު ދީލާނުލާށޭ، މިވަރަށް ދުވާ ނަމަ ނިވަލަށް ނުދެވެނީސް، ދިވަރަށް ދަމާ އޮޑި ކިޔަމަންކުރާށޭ
"ދިޔަވަތް ރަނގަޅު އޮޑި" ފަރިހި

އެމްޑީޕީއަކީ އެފަދަ އޮޑިއެއްކަން މާޒީން ވަނީ ދައްކުވައިދީފައެވެ. ސިޔާސީ ގޮތުން ކިތަންމެ ބާރުގަދަ އޮއިވަރެއް އޮތްކަމުގައިވީ ނަމަވެސް، އޭރު އޮތް ކަނޑަކަށް ހެޔޮވަރު އޮޑިއެއްގެ ގޮތުގައި އެމްޑީޕީ ފެންނަމުން އައީވެސް އެ ސަބަބާއި ހުރެއެވެ.

ސިޔާސީ ގޮތުން ކިތަންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވިކަމުގައިވީ ނަމަވެސް، ނުވަތަ ޕާޓީގެ އެތެރޭގައި ކޮންމެ ބާވަތެއްގެ ދެބަސްވުމެއް އޮތް ކަމުގައިވީ ނަމަވެސް، އެމްޑީޕީ ދިޔައީ ކުރިއަށެވެ. ޕާޓީގެ ވެރިން ޖަލަށްލައި، ޕާޓީއަށް ސިޔާސީ ޙަރަކާތް ހިންގޭނެ ހުރިހާ މަގެއް ބަންދުކޮށްލުމުންވެސް، އެމްޑީޕީގެ އޮޑި ނުކުތީ ހަމަ އެގަދަ ކަނޑަށެވެ. އަނބުރައެއް ނުލައެވެ. ދީލައެއް ނުލައެވެ.

ކުރިއަށް މި އޮތް އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީގެ ވަރުގަދަ އޮޑީގެ މަޑޫތައް ފޭވެ، ހިންމިތަކުން ދިޔަވާން ފަށައި، އޮޑި ބަލިކަށިވެ، ގަދަ ކަނޑުގައި އަނބުރާލަން ޖެހިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެމްޑީޕީގެ އޮޑި ޙަޤީޤަތުގައި ތައްޔާރުވާންވީ އިންތިޚާބަކީ 2023 ގެ އިންތިޚާބުކަމެވެ. 2023 ގެ އިންތިޚާބަކީ މުޅި އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތް ފަނުފުލުން ގޮސްދާނެ ފަދަ އިންތިޚާބެއް ކަމެވެ. އެ އިންތިޚާބުން އެމްޑީޕީ ބަލިވެއްޖެނަމަ، އަނެއްކާވެސް 2018 ގެ ކުރިން ތަހައްމަލު ކުރަމުން ދިޔަ އަނިޔާވެރިކަމާއި، އެމްޑީޕީން އެންމެ ދެކޮޅުހެދި ކަންކަމާ އަލުން ކުރިމަތިލާން ޖެހޭނެކަމީ މީހެއްގެ ހިތުގައި ސުވާލެއްވެސް އުފެދެން ޖެހޭނެ ކަމެއް ނޫނެވެ.

ފަރިހީގައި ދެން އަންނަ ޙަޤީޤީ ޖުންޖުލާއަކީ އެއީ ނޫންތޯއެވެ؟

ޖުންޖުލާ ގަދަ ކުރިމަތި ވަނިއްޔޭ، ދުއްވާނު އޮޑި މަޑު ކޮށްގެން ނުވާނޭ، ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ ޤުއްވަތުގާ ހުރިގޮތް ރަނގަޅަށް ބަލާށޭ
"ދިޔަވަތް ރަނގަޅު އޮޑި" ފަރިހި

އެހެންނަމަވެސް، މަންޒަރު ފެންނަނީ މުޅިން އެއާ ޚިލާފަށެވެ. މިއަދު ޖުންޖުލާގެ ގޮތުގައި ފެންނަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެވެ. ޗެއަރޕަރސަން ކަމުގެ އިންތިޚާބުގެ ތެރެއިން މުޅި ޕާޓީ ބައިބައިވެ، ޕާޓީގެ މެމްބަރުން އެއްބަޔަކު އަނެއްބަޔަކާ މޫނު ކެނޑި، ގަދަ ވިއްސާރައާއި ވައިގައި އޮޑި ދީލާލާއިގެން ދިއުމުގެ ކުރިން އޮޑީގެ ފަޅުވެރިން މިކަމާ އެބަ ވިސްނާލަން ޖެހެއެވެ.

ފަރިހީގައި ދެން ބުނަނީ "ހަޑިވެ އުދަރެސް ނުފެނެވިދަނީއޭ، ބަނޑިލާ ނަގާ ބޯމަތިކޮށް ނިމިއްޖޭ" ކަމަށެވެ. އެއީ ޙަޤީޤަތުގައިވެސް ތެދެކެވެ. 2023 ގެ ރިޔާސީ އިންތިޚާބު މިއޮއްގެން ބޯމަތިވަނީއެވެ. އިދިކޮޅުގެ ސިޔާސީ ޙަރަކާތް އިންތިހާއަށް ފުޅާކޮށް އެމްޑީޕީގެ އެތެރެއާ ބޭރަށް ފިކުރީ ޙަމަލާތަކެއް އަމާޒުކުރަނީއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގެ އުދަރެސް ހަޑިކޮށް ނަގަނީއެވެ.

އެމްޑީޕީގެ ބައިބައިވުމުގެ ފައިދާގެ ތެރެއިން، މިއަދު އިިދިކޮޅަށް އޮޕޮޒިޝަންގެ ދައުރުވެސް އަދާކުރަން ނުޖެހެއެވެ. އެހާވެސް އެމްޑީޕީގެ އެތެރޭގެ ރޫޅުން މިދަނީ ފާޅުވަމުންނެވެ. ވުމާއެކު، ފަރިހީގައި "އަޑިވާ ނަގާ ދިޔަ ނަމައީ ކުދީންނޭ، ދަނޑިވަޅު ބަލާފައި އެނގަކުރި ހިފާށޭ" ބުނާ ބީދައިން، އޮޑި ދިޔަވެ ނުދަނީވެސް އަތްމަތި އަވަސްކޮށް، ދިޔަވަމުންދާ ހިންމިތަކުގައި ފުޓުނިއަޅައި އޮޑި ވަރުގަދަކުރަން އެބަޖެހެއެވެ.

އެމްޑީޕީ ބައިބައިވެފައިވާއިރު، އެއް ބަޔަކު ބުނަމުންދަނީ އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއެއް ނެތް ކަމަށެވެ. ޕާޓީ އެތައް އަހަރެއް ފަހަތަށް ޖެހެމުންދާ ކަމަށެވެ.

އަނެއް ބަޔަކު ބުނަމުންދަނީ، ޙަޤީޤީ އެމްޑީޕީއަކީ ކޮބައިކަން ބަޔަކަށް އޮޅިފައިވާ ކަމަށެވެ.

މި ދެބައިމީހުންވެސް ޤަބޫލުކުރާ އެއް ކަމެއް އެބައޮތެވެ. އެއީ ޕާޓީގެ ޗެއަރޕަރސަން ކަމަށް އެންމެ ޤާބިލު ފަރާތެއް އަންނަންޖެހޭ ކަމަށެވެ. މިހިސާބުން ހަނދާނަށް އަންނަނީ އަނެއްކާވެސް އެއްކަލަ ފަރިއްސެވެ.

ބިރުތަކުން އުދަ ލިބިގެންދަނީއޭ ކިރު ފެންކުލައިގައި ފަޅުމަތި ފެނިއްޖޭ، އިރުއޮއްސިވާ އަނދިރި ކުޑަތަންވަނީއޭ ދިރުނބާކޮޅަށް ރަނގަޅު ކުއްޖަކުއަރާށޭ
"ދިޔަވަތް ރަނގަޅު އޮޑި" ފަރިހި

ފަރިހީގައި ބުނަނީ އިރުއޮއްސި އަނދިރިވާން ކައިރިވެފައިވާ ކަމަށެވެ. އޮޑީގެ ދިރުނބާކޮޅަށް ރަނގަަޅު ކުއްޖަކު އަަރަން އެބަޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް އެންމެ ޤާބިލު ކެނޑިޑޭޓެއް އަންނަން ޖެހޭކަމާމެދު އެންމެންވެސް އެއްބަސްވެއެވެ. ނަމަވެސް މި އިންތިޚާބު ނިމިގެންދާއިރު، ޕާޓީގެ އޮޑިއަށް ދިމާވެފައި ހުރި މައްސަލަތައް ރަނގަޅުކޮށް، އޮޑި ވަރުގަދަކުރަން އެބަޖެހޭ ކަމެވެ.

ޤަބޫލު ކުރައްވާށެވެ. ފަސްކަނީން ފެންނަ ރަށްތައްވެސް އެހާގިނަ ނޫންތޯއެވެ؟ ހައްތާ ވަމުން ބޮޑު އަސްތާ ދަނީވެސް ނޫންތޯއެވެ؟ ގަސްކަރަމަތިން ރޯޅި އައުމުގެ ކުރީގާ ފަސްގަނޑުގެ ކައިރިން ބަނދަރެއް ބަލާކަށް ނުވޭތޯއެވެ؟

މިހާ ހިސާބުން ކުއްލިއަކަށް ހަނދާނަށް އަންނަނީ ހިންދީ ލަވައެއްގެ މާނައެވެ. ހުރިހާ ކަމެއް ހަނދާން ނެތިއްޖެ ވާހަކައެވެ. ހަނދާން ހުރި އެއްވެސް ކަމެއް ނެތިއްޖެ ވާހަކައެވެ. އެކަމަކު އެއް ކަމެއް ހަނދާން އެބަހުރި ކަމުގެ ވާހަކައެވެ. އެއީ ކޮން ކަމެއްތޯއެވެ؟ މެއި މަހުގެ 14 އަށްފަހުވެސް އެމްޑީޕީ ވާނީ އެމްޑީޕީއަށެވެ. އެކީގައި އުޅެންތިބޭނީ ހަމަ އެމްޑީޕީގެ މެމްބަރުންނެވެ. މުޒާހަރާތަކަށް ނުކުންނަން ތިބޭނީ ހަމަ އެމްޑީޕީ މެމްބަރުންނެވެ.

ބުނާތީ އަޑުއަހަނީ ކުކުޅު ފައިދޮށުވެ ފިޔޮކެއް މަރެއް ނުވާނެ ކަމަށެވެ. ހަމައެބީދައިން ހިންނަވަރު ނޫރާނީިއާގޭ އިބްރާހިމް މުޙައްމަދު ސާލިޙާއި، ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދުގެ ފައިދޮށުވެ، އެމްޑީޕީ މަރެއް ނުވާނެ ނޫންތޯއެވެ؟

Advertisement
ކޮމެންޓް
ގުޅުންހުރި
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި
ކުދި ރަށްތައް ތަރައްޤީކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް، އެހެންބަޔަކު އެކަން ނުކުރާނެ - ރައީސް ޞާލިހު
މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން އެމްޑީޕީން އިދާރާތަކަށް ގޮވާލައިފި
އެމްޑީޕީއަށް މަޖިލީސް ލިބުމުން އެންމެ ފުރަތަމަ ކުރާނެކަމަކީ ޤާނޫނަކުން ވަޒީފާގެ ކަށަވަރުކަން ދިނުން: ރައީސް ޞާލިހު