ކ. މާލެ
|
27 އޭޕްރިލް 2022 | ބުދަ 16:55
ހޮސްޕިޓަލްތަކުގެ ޚިދުމަތް މިހާރަށްވުރެ ލުއިފަސޭހަ ގޮތަކަށް އިންތިޒާމުކުރަންޖެހޭ
ހޮސްޕިޓަލްތަކުގެ ޚިދުމަތް މިހާރަށްވުރެ ލުއިފަސޭހަ ގޮތަކަށް އިންތިޒާމުކުރަންޖެހޭ
ރާއްޖެއެމްވީ
ސިއްހީ ދާއިރާ
ވަކި ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ފުރަތަމަވެސް ވެއިޓް ލިސްޓް
 
ކިތަންމެ އަވަހަށް އެ ޑޮކްޓަރަކަށް ދައްކަން ބޭނުންވިޔަސް އެތައް މަހެއް ވެއިޓް ލިސްޓުގައި މަޑުކުރަންޖެހޭ

ރާއްޖޭގެ ސިއްހީ ދާއިރާގެ ވާހަކައަކީ ރައްޔިތުން އަބަދުވެސް އެ ދާއިރާއެއްގެ ކަންބޮޑުވުން ފާހަގަކޮށް އެކަމުގެ ޝަކުވާކުރަމުން އައި ދާއިރާއެކެވެ. ސިއްހީ ޚިދުމަތް ހޯދަން މާލެ އަންނަން ޖެހުމާއި، ރަށުގައި ހުރެގެން އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބުމުގެ ވާހަކައަކީ އަބަދުވެސް ރައްޔިތުންގެ ނިންމުމެއްނެތް ޝަކުވާއެކެވެ.

ރައްޔިތުން އެންމެ ބޭނުންވާ މިންވަރަކަށް އަދިވެސް ސިއްހީ ދާއިރާގެ ކަންތައްތައް ކުރިއެއްނާރައެވެ. ރަށްރަށުން ސިއްހީ ޚިދުމަތް ހޯދުމަށް ދަތިވާ ފަދައިން މާލެސިޓީން ވެސް މި ހިދުމަތް ހޯދުމަކީ އުނދަގޫކަމެކެވެ. ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުން އަދި ވަނީ ވަކިން އުނދަގޫކަމަކަށް ވެފައެވެ. ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހޯދަން އެންމެ ފުރަތަމަ ވެސް ނަންނޯޓް ކުރަން ޖެހެނީ ވެއިޓް ލިސްޓްގައެވެ. ކިތަންމެ އަވަހަކަށް އެ ޑޮކްޓަރަކަށް ދައްކަން ބޭނުންވިޔަސް އެތައް މަހެއް ވަންދެން ވެއިޓް ލިސްޓުގައި މަޑުކުރަން ޖެހެއެވެ. އެންމެ ފަހުން އެ ޑޮކްޓަރަށް އެޕޮއިންޓްމަންޓް ލިބޭއިރު އެ ޑޮކްޓަރަކަށް ދައްކަން ނަންނޯޓް ކުރި ސަބަބުވެސް ހަނދާން ނެތޭ ފަހަރު އާދެއެވެ.

މިގޮތަށް ވެއިޓް ލިސްޓް ކުރަން ޖެހުމުގެ ސަބަބުން ރައްޔިތު މީހާ ދެން ޖެހެނީ ކޮންމެވެސް ކްލިނިކަކަށް ނުވަތަ ޕްރައިވެޓް ހޮސްޕިޓަލަކަށް ގޮސް ޑޮކްޓަރަށް ދައްކާށެވެ. މިގޮތަށް ޑޮކްޓަރަށް ދައްކާއިރު އަވަހަށް އެޕޮއިންޓްމަންޓް ހަމަޖެހުނު ނަމަވެސް އެ ފަރުވާ ހޯދުމަށްޓަކައި އަތުން ދާ ފައިސާގެ އަދަދު އިތުރުވެގެންދެއެވެ. ކޮންމެ އާއިލާއަކީ އެފަދައިން ގޮސް ޑޮކްޓަރަށް ދެއްކޭނެ މާލީ ތަނަވަސްކަން ހުރި އާއިލާއަކަށް ނުވެދާނެއެވެ.

ވަސީލަތްތަކާ އެއްވަރަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ޑޮކްޓަރުންނާއި ނަރުހުން އެންމެ އެކަށީގެންވާ މިންވަރަށް ނުތިބޭކަން އެއީ މީގެ ކުރިން ވެސް ފެންނަން އޮތް ހަގީގަތެކެވެ. އެގޮތުން ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާއެކު ސިއްހީ ޚިދުމަތްތެރިންވެސް އިތުރުކުރުން މުހިއްމުކަމަށް ދެކެވަޑައިގަންނަވާކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑރ. މޫސާ މުރާދު އޭރު ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ބޭނުންވަނީ ސިއްހީ ފަރުވާ ފޯރުކޮށްދޭ ތަންތަނާއި އެތަނުގެ ވަސީލަތްތަކާ އެއްވަރަށް, އެތަނުގައި ވެސް އަވަހަށް ޚިދުމަތް ލިބޭނެ ގޮތްތަކެއް މެދުވެރިވެގެން ދިއުމެވެ.

ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަމުން އައި އައުން، އާސަންދައާއެކު ނިމުމަކަށް އައިނަމަވެސް، މިހާރު އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރަންޖެހޭ ވަގުތެވެ. ނުވަތަ ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ނުލިބިގެން އުޅެންޖެހޭ ހާލެވެ. ޑޮކްޓަރަށް ދައްކަން އަތޮޅުތަކުން ވެސް މާލެ އަންނަ މީހުންގެ އެހާގިނައިރު، އެމީހުން ގިނަ ފަހަރަށް މާލޭގައި މަޑުކުރަނީ ކުލީ ކޮޓަރިތަކުގައެވެ. އަދި މިތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ކެއިން ބުއިމަށާއި އެހެނިހެން ޚަރަދުތަކަށްވެސް ފައިސާދައްކަންޖެހެއެވެ.

މިއަށްވުރެ ފަސޭހަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ސަރުކާރުން އެބަ ހަމަޖައްސަން ޖެހެއެވެ. މިކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާއިރު، މިކަމަށް އަވަސް ހައްލެއް އެބަ ބޭނުންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
50%
0%
0%
0%
ކޮމެންޓް