Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން

ރައީސް ސާލިޙުގެ ރިޔާސީ ބަޔާނަކީ އުއްމީދީ ގިނަ ސިޔާސަތުތަކެއް އިޢުލާނު ކުރެވިގެންދިޔަ ރިޔާސީ ބަޔާނެއް - އެމްއާރުއެމް

ޕާޓީގެ ފަރާތުން ސަރުކާރުގައި ސިޔާސީ މަޤާމުތައް ފުރުއްވަމުން ގެންދަވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2022 | ބުރާސްފަތި 22:51
ރައީސް ސާލިޙް އާއި އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން- ސަރުކާރު ހިންގުމުގައި އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމްއާރްއެމްގެ ފަރާތުން ވަނީ އަރުވާފައި

ރައީސް ސާލިޙް އާއި އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން- ސަރުކާރު ހިންގުމުގައި އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމްއާރްއެމްގެ ފަރާތުން ވަނީ އަރުވާފައި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިއްވެވި ރިޔާސީ ބަޔާނަކީ، އުއްމީދީ ގިނަ ސިޔާސަތުތަކެއް އިޢުލާނު ކުރެވިގެންދިޔަ ރިޔާސީ ބަޔާނެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ގިނަ ކަންކަމަކީ، ގިނަގުނަ ގޮންޖެހުންތަކާއި އެކުވެސް މި ސަރުކާރު އުފެއްދުމަށް އުފެދުނު ކޯލިޝަނުން އިސްލާޙަށް ކަނޑައެޅި އަމާޒުތައް ޙާޞިލްވަމުންދާކަމުގެ ޔަޤީންކަން އާވެގެންދިޔަ ކަންތައްތަކެއް ކަމަށެވެ. ޚާއްސަކޮށް އިސްލާޙަށް މަސައްކަތް ކުރާ ޕާޓީއެއްގެ ޙައިޞިއްޔަތުން އެ ޕާޓީގެ ވިސްނުމާއި ފިކުރު، ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ފާހަގަކުރެއްވި ގިނަ ކަންތައްތަކާއި ނުހަނު އެއްގޮތް ކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެގޮތުން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ، އެ ޕާޓީގެ މެންބަރުންނާއި، ދިވެހި ރައްޔިތުން ފަޚުރުވެރިކަމާއިއެކު ބަލައިގަންނަ ކަމެއް ކަމަށްވެސް އެމްއާރްއެމްގެ ފަރާތުން ވަނީ ބުނެފައެވެ.

އިސްލާމީ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމަށް މިހާރުވެސް ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތާންގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއިރު، އެއީ ދީނީ ސައްޙަ މަޢުލޫމާތު ނޭނގުމުގެ ސަބަބުން މިހާރު ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި، އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނައަޅައިދިއުމުގެ ފިކުރުތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް އެ ޕާޓީން ދެކޭ ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ޤައުމުގެ ކުރިމަގަކީ ޒުވާނުންގެ ޖީލު ކަމުގައިވާއިރު އެ ޒުވާން ޖީލަކީ ބަވަނަ ވެފައިވާ ދުނިޔެއަށް ލޯ ހުޅުވިފައިވާ، ދުނިޔެއާއި އެއް ހަމައެއްގައި ވާދަކުރެވޭފަދަ ޢިލްމީ، ޤާބިލު ބަޔަކަށް ހެދުމަށް، ރައީސް ޞާލިޙުގެ ސަރުކާރުގައި ތަޢުލީމާއި ތަމްރީނަށް ދެއްވާފައިވާ މުހިއްމުކަން އެމްއާރުއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ހިލޭ ޑިގްރީ އާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމުގެ ތެރެއިން ކޮންމެ އަހަރަކު އެތައްހާސް ޒުވާނުންނެއް ތަޢުލީމު ޙާޞިލްކޮށް، ޤައުމީ ޚިދުމަތަށް ނުކުންނައިރު މި މުހިއްމު މަސައްކަތުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދައުލަތުގެ ވަޒީރު، ޑރ. އިބްރާހިމް ޙަސަން އާއި ހަވާލުކުރައްވާފައިވުމަކީ އެމްއާރްއެމްއަށް ލިބޭ ފަޚުރެއް ކަމަށްވެސް ބުނެފައިވެއެވެ.

ތަޢުލީމީ ޤާބިލް ޒުވާނުން ޤައުމީ ޚިދުމަތަށް ނުކުންނައިރު، އެކަށޭނަ މުސާރައެއް ޔަޤީންކޮށްދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުދި، އޭގެ ފޮނިކަން ނިމިގެންދިޔަ ޖަނަވަރީ މަހުން ފެށިގެން އެތައް ހާސް މަސައްކަތްތެރިންނަށް ލިބެމުންދާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ސަރވިސް ޗާޖު އެ ދާއިރާގެ މުވައްޒަފުންނަށް ލިބޭނެކަން ޤާނޫނުން ކަށަވަރުވެގެން ދިއުމާއިއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ލިބޭ އެތައް އާއިލާއަކަށް އިތުރު ފުރުޞަތުތައް ހުޅުވިގެން ހިނގައްޖެ ކަމަށް ބުނެފައިވެއެވެ. އަދި މިކަމަށްޓަކައި އެ ޕާޓީން ޝުކުރާއިއެކު ރައީސް ޞާލިޙަށާއި ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ ފަރާތްތަކަށް މަރުޙަބާވެސް ވަނީ ދަންނަވާފައިވެއެވެ.

ސިއްޙީ ދާއިރާ ތަރައްޤީކުރުމާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއިރު، ނަފްސާނީ ފަރުވާ ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމާއި އަދި އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްފައިވާކަމީ އެ ޕާޓީން އުފަލާއިއެކު ފާހަގަކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ. ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ އެ ޕާޓީގެވެސް މުހިއްމު މަޤުސަދަކަށް ވާއިރު، މިއީ ރައްޔިތުން އެ ޚިދުމަތަކަށް ނިހާޔަތަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. ހަމަ މިއާއިއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ޚިދުމަތްތަކާއި ފުރުޞަތުތައް، އަދި އެފަރާތްތަކަށް ސަރުކާރުން ދެމުންދާ އިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާ ނިންމުމަށާއި، ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް، ސަރުކާރުން ހިންގަމުން ގެންދަވާ ކަމަށާއި، އެގޮތުން، މީހުން ދިރިއުޅޭ 58 ރަށެއްގައި ޕަބްލިކް ހެލްތު ކެއަރ ޕޯޓަލް މިހާރު ތަޢާރުފް ކުރެވިފައިވާ ކަމަށާއި، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު، މި އަހަރު މަޖިލީހަށް ފޮނުވާނެކަމަށް ވިދާޅުވެފައިވާތީ، އެމްއާރުއެމުން ވަނީ އެކަމަށްވެސް މަރުހަބާ ކިޔާފައެވެ.

ގިންތީގެ ހަމަހަމަ ކަމާއި، ނާޒުކު ޙާލަތްތަކުގައި ތިބި ފާރާތްތައްކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ގެވެށި އަނިޔާ ހުއްޓުވުމަކީ ފެށުނީއްސުރެވެސް އެ ޕާޓީން އިސްކަންދޭ ދާއިރާތަކަކަށް ވާއިރު، އެ ދާއިރާތަކުން ކާމިޔާބީތަކެއް ހޯދައި، އިތުރު މަސައްކަތްތައް ކުރެވެމުންދާކަން ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ހާމަކުރެއްވުމަކީ އެ ދާއިރާތަކުން ކުރެވޭ އުއްމީދު އާލާވެގެން ދިޔަ ކަމެއްކަމަށް ބުނެފައިވެއެވެ. މީގެ އިތުރުންވެސް ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެހެން މައްސަލަތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ޑްރަގްގެ މައްސަލައަށް އެކަށޭނަ ޙައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާތީ އެ ޕާޓީން އެކަމަށް މަރުޙަބާ ކިޔާފައިވެއެވެ.

ކޮވިޑްގެ ޢާލަމީ ވަބާ އާއިއެކު ދުނިޔެ ފުރަބަންދުވެ، ދުނިޔޭގެ އިޤުތިޞާދު ހީނަރުވެ، ޤައުމުތައް ބަނގުރޫޓުވާ ހިސާބަށް ދިޔައިރު، ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވި ހީނަރުކަމާއިއެކުވެސް ސަރުކާރުން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އިޤުތިޞާދު ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ ކަންކަމާއި، ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ގޮތުގައި ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ކަންކަމަކީ އެ ކަންކަމަށް އެ ޕާޓީއިން މަރުޙަބާ ކިޔާ ކަމެއްކަން ބުނެފައިވެއެވެ.

ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އެ ދާއިރާއެއްގައި ޝާމިލުވާ ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދައުލަތުގެ ވަޒީރު، ޔުމްނާ މައުމޫން މަސައްކަތް ކުރައްވަމުންގެންދަވާއިރު، މިނިސްޓަރ ޔުމްނާގެ ބެއްލެވުމުގެ ދަށުން، ސަރުކާރުގެ ސިޔާސާތު އެކުލަވާލައި، ދިވެހި ފަންނުވެރިންނަށް ދުނިޔޭގެ ބާޒާރަށް ނުކުމެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ރައީސް ވަނީ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. އަދި، އިޤުތިޞާދު ސިންދަފާތު ކުރުމުގެ ތެރެއިން ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް އެކި ރަށްރަށުގައި ސައިޓް މިއުޒިއަމްތައް ޤާއިމް ކުރުމަކީވެސް އެ ޕާޓީން މަރުޙަބާ ކިޔާ މުހިއްމު މަސައްކަތްތަކެއް ކަމަށާއި، އޮލިމްޕަސް، ޒަމާނީ ފެންވަރަށް ތަރައްޤީވެ، މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު، ހުނަރުވެރިންނަށް އާ ދޮރުތަކެއް މި އަހަރު ހުޅުވޭނެކަމަށާއި، ޘަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން، ހއ. ތ. އަދި ނ. އަތޮޅުގައި ސައިޓް މިއުޒިއަމްތަކުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ފާހަގަކުރައްވާފައިވާކަން އެމްއާރުއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެވިފައިވާ ގިނަގުނަ ކަންތައްތަކަށް އަލިއަޅުވާލެވިފައިވާ، އަދި އުއްމީދީ ގިނަ ސިޔާސަތުތަކެއް އިޢުލާނު ކުރެވިގެންދިޔަ ރިޔާސީ ބަޔާނެއް ކަމަށް އެމްއާރުއެމުން ބުނެއެވެ. އެގޮތުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެ ޕާޓީގެ ފަރާތުން ސަރުކާރުގައި ސިޔާސީ މަޤާމުތައް ފުރުއްވަމުން ގެންދަވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ، ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި ރައީސް ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި، އެ ޕާޓީގެ ޒަޢީމް އާއި ރައީސް އަދި އެޕާޓީގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމްއާރްއެމްގެ ފަރާތުން ވަނީ އަރުވާފައެވެ.

ރިޔާސީ ބަޔާންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު