ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 16:58
އެވިއޭޝަން ސިކިއުރިޓީ ކޮމާންޑުގެ އޮފިސަރުން: މަގާމުގެ ކުރިއެރުން ނުލިބޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައި
އެވިއޭޝަން ސިކިއުރިޓީ ކޮމާންޑުގެ އޮފިސަރުން: މަގާމުގެ ކުރިއެރުން ނުލިބޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައި
ރާއްޖެއެމްވީ
އެވިއޭޝަން ސިކިއުރިޓީ ކޮމާންޑް
އެވިއޭޝަން ސިކިއުރިޓީ ކޮމާންޑް ޔަތީމުކޮށްލީތަ؟
 
އައު މަގާމުތަކަށް ކުރިމަތިނުލާން ނިންމައިގެން ތިބި އޮފިސަރުން މަދެެއް ނޫން
 
މަގާމުގެ ކުރިއެރުމެއް ނުލިބި ވަޒީފާގައި ދެމިތިބޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައި

ރާއްޖޭގެ ބައިނަލްއަގުވާމީ އެއަރޕޯޓުތަކުންނާއި ޑޮމެސްޓިކް އެއަރޕޯޓުތަކުން ކުކުޅުބިސްކުލައިގެ ޔުނިފޯމެއް ލައިގެން ތިބެ ވަރަށް އަވަދިނެތިކޮށް ބުރަކޮށް މަސައްކަތްކުރާ ބަޔަކު ފެންނާނެއެވެ. މަތިންދާބޯޓަށް ދަތުރުވެރިން އެރުމުގެ ކުރިން އެމީހުން ބަލައި ފާސްކުރުމާއި ފޮށިތަންމަތިވެސް ބެލުމާއި ނުރައްކާތެރި އެއްވެސް އެއްޗެއް ގެންދޭތޯ ބެލުމާއި މިހެންގޮސް މަތިންދާބޯޓާއި އެއިން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެންމެހައި ކަންކަން ކަށަވަރުކޮށް ޔަގީންކޮށްދެނީ މިދެންނެވި ޓީމުގެ މީހުންނެވެ. އެއީ އެވިއޭޝަން ސިކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނެވެ. އެއީ ވަރަށް ޚާއްސަ ތަމްރީނުތަކެއް ލިބިގެން ވަރަށްވެސް ޚާއްސަ މުހިއްމު ވަޒީފާއެއް އަދާކުރާ ބައެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލަނީ އެމީހުންނެވެ. މަތިންދާ ބޯޓަށް ނުރައްކާތެރިކަމެއް ނެތްކަން ކަށަވަރުކޮށްދެނީ އެމީހުންނެވެ.

އެހުރިހާ ކަމަކާއި ގޮންޖެހުންތަކާއި ކުރިމަތިލައި ދިވެހިރާއްޖޭގެ އެއަރޕޯޓުތަކުން ފުރާ މަތިންދާބޯޓުތަކާއި ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެނީ އެވިއޭޝަން ސިކިއުރިޓީ ކޮމާންޑުގެ ހިތްވަރުގަދަ ހުޝިޔާރު އޮފިސަރުންނެވެ. އެމީހުންގެ މަސައްކަތުން ކިތަންމެ ކިތަންމެ ނުރައްކަލެއް ވަނީ ހުއްޓުވައިފައެވެ. ކިތަންމެ ކިތަންމެ ދަތުރެއް ވަނީ އަމާންކޮށްދީފައެވެ. ނޫސްތަކުގެ ފަލަ ސުރުޚީއަށް ނޭރިކަމުގައިވިޔަސްމެއެވެ. މިދެންނެވި މުހިއްމު ބުރަ މަސައްކަތް ކުރާ މީހުންގެ އަގު މިގައުމުގައި ވަޒަންކުރެވޭ ބާވައެވެ. އެމީހުންނަށް ތައުރީފުގެ ބަހެއް އެއްވެސް ބަޔަކު ރައްދުކުރެވޭ ބާވައެވެ. އެމީހުންގެ ޚިދުމަތް ރަސްމީ ނިޒާމުގެ ތެރެއިން އެންމެ އެކަށީގެންވާ ގޮތަށް ބަލައިގަނެވޭ ބާވައެވެ. މިއީ މިއަދު ކޮށްލުން އެކަށީގެންވާ ސުވާލުތަކެކެވެ. މިއަދު މިސުވާލުތައް ކުރާންޖެހޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިއީ ކޮންމެވެސް ބަޔަކު މިއަދު ދައްކާންޖެހިފައިވާ ވާހަކައެކެވެ.

ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ވިޔުގައެެއް ގާއިމު ކުރެވުނު ހިސާބުން ފެށިގެން ވައިގެ ދަތުރުފަތުރުގެ ކަންކަން ޒަމާނާއެއްގޮތަށް އަމާންކުރުމަށްޓަކައި ކުރުން ލާޒިމު މަސައްކަތްތަކުގެ އޮނިގަނޑެއް އެކަށައެޅި އެ މަސައްކަތުގެ ނިޒާމެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އެހެންނަމަވެސް އެކި ދުވަސްވަރު އެކި ނަންނަމުގައި އެކި މުވައްސަސާތަކުގެ ބެލެނިވެރިކަމުގެ ދަށުންނެވެ. އެއްދުވަސްވަރެއްގައި އެވިއޭޝަން ސިކިއުރިޓީއަކީ އެއަރޕޯޓް ކުންފުނީގެ ބެލުމުގެ ދަށުން އެ ކުންފުންޏަށް ޒިންމާވާގޮތަށް މަސައްކަތްކުރި ސެކްޝަނެކެވެ. ޒަމާނުގެ އޮއިވަރާއެކު އެކި ގޮތްގޮތަށް ފުރޮޅެމުން އެކި ކުލަ ޖެހެމުން އެކި ޔުނިފޯމުގައި މަސައްކަތް ކުރަމުން އައިސް މިހާރު އެއީ އެވިއޭޝަން ސިކިއުރިޓީ ކޮމާންޑެވެ. ބެލެނިވެރި މިނިސްޓްރީއަކީ ދިފާއީ އެންމެހައި ކަންކަން ވިލަރެސްކުރާ ޑިފެންސް މިނިސްޓްރީއެވެ. ހަވާލުދާރަކީ ޑިފެންސް މިނިސްޓަރެވެ. އެހެންނަމަވެސް އެވިއޭޝަން ސިކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ފެތެނީ ސިވިލް ސާރވިސްގެ ބަޔަށެވެ.

އެވިއޭޝަން ސިކިއުރިޓީ ކޮމާންޑަކީ ސިވިލް ސާރވިސްގެ ތެރެއިން ޚާއްސަ ބައެކެވެ. މިހާރު ދިމާވެގެން އުޅޭ އަދި ދިމާވަމުންދާ ހުރިހާ މައްސަލަތަކުގެ އަސްލަކީ މިދެންނެވި ޚާއްސަކަމާއި ސިވިލް ސާރވިސްގެ އޮނިގަނޑެވެ. މިހިސާބުން އުފެދޭ ސުވާލަކީ ދިމާވެގެން އުޅެނީ ކޮންކަހަލަ މައްސަލަތަކެއް ބާވައެވެ. މި ސުވާލުގެ ޖަވާބަކީވެސް ސުވާލެކެވެ. ދިމާނުވަނީ ކޮންކަހަލަ މައްސަލަތަކެއް ބާވައެވެ. އެވިއޭޝަން ސިކިއުރިޓީ ކޮމާންޑްުގެ ނަމުގައި މިހާރު އެއޮތް ޑިޕާޓްމަންޓް އުފެދުނުފަހުން މިހާތަނަށް އޮފިސަރުންނަށް މަގާމުގެ ކުރިއެރުމެއް ނުލިބެއެވެ. އިނާޔަތުގެ ގޮތުން ހެޔޮ ބަދަލެއް ނާދެއެވެ. ކުރާ މަސައްކަތުގެ ބާވަތުން ސިވިލް ސާރވިސްއެއް ނޫނެވެ. އެކަމަކު ސިވިލް ސާރވިސްގެ އޮނިގަނޑެވެ. މުވައްޒަފުންނަށް ކުރިއެރުން ދޭން ޖެހުނީމާ ސިވިލް ސާރވިސްގެ އޮނިގަނޑު ހުރަސް އަޅަނީއެވެ. ދައުލަތުގެ ބަޖެޓްވެސް ތަންނުދެނީއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. އެހެންވީމާ މުވައްޒަފުން އެތިބީ ވާނުވާގައެވެ.

އެވިއޭޝަން ކޮމާންޑުގެ ލާންސް ކޯޕްރަލުން ހަމަ އެރޭންކުގައި، ކޯޕްރަލުންނާއި ސާޖެންޓުންނާއި މިހެންގޮސް ހުރިހާ ރޭންކުތަކެއްގެ އޮފިސަރުން ހަމަ އެރޭންކުގައި ދިހަ އަހަރު ފާއިތުވެގެންދާއިރު ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް ނިސްބަތްވާ މީހުންނަށް މަގާމުގެ ކުރިއެރުންވެސް އެބަލިބެއެވެ. އިނާޔަތްތަކަށްވެސް ހެޔޮ ބަދަލު އެބައާދެއެވެ. އެކަމަށް ބަޖެޓުވެސް ހަމަޖެހެއެވެ. އޮނިގަނޑުވެސް ތަންދެއެވެ. މިކަން ނުވަނީ ހަމައެކަނި އެވިއޭޝަން ސިކިއުރިޓީ ކޮމާންޑަށެވެ. ކޮންމެވެސް ބޯޑެއް ނެތިގެންނެވެ. ނިޒާމެއް ނެތިގެންނެވެ. ޚާއްސަކަން ބޮޑުވެގެންނެވެ. އިސްކަންދެވޭ މިންވަރު ބޮޑުވެގެންނެވެ. މިހެންގޮސް އުޒުރުތައް ބައިވަރެވެ. އެހެންވީމާ އެތަނުގެ އޮފިސަރުން ވާނުވާގައި ތިބެން މަޖްބޫރުވަނީއެވެ. މަގާމުގެ ކުރިއެރުމާއި އިނާޔަތުގެ ކަންކަން މިހެންހުރި ކަމަށްވިޔަސް ކުރާ މަސައްކަތަށް ނުކުމެ ވާނުވާގައި ތިބެވޭކަށް ނޯވެއެވެ. އެއީ އެއަށްވުރެ މުހިއްމު މަސައްކަތަކަށް ވުމުންނެވެ.

މިކަން މިމަގުން ހިނގަމުން އައިސް އަނެއްކާވެސް އައު ރާޅެއް އެވިއޭޝަން ސިކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ބޮލަށް ވަނީ ބިންދާލައިފައެވެ. މަގާމުގެ ކުރިއެރުން ލިބޭގޮތް ވެއްޖެއެވެ. އެކަމަކު މުޅިން ތަފާތު ގޮތަކަށެވެ. މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލީއެވެ. ދެން ސާޖެންޓްކަމަށާއި ސްޓާފް ސާރޖެންޓް ކަމަށާއި ކޯޕްރަލް ކަމަށްވެސް ކުރިމަތިލާންވީއެވެ. މުޅިން އައު މަގާމުތަކެކެވެ. އެވިއޭޝަން ސިކިއުރިޓީ ޚިދުމަތުގައި ވިހި ފަންސަވީސް އަހަރު ހޭދަކުރި އޮފިސަރުންވެސް އައު މަގާމުތަކަށް ކުރިމަތިލާންވީއެވެ. ޕްރޮބޭޝަން މުއްދަތުވެސް ފުރިހަމަ ކުރާންވީއެވެ. އިންޓަރވިޔުއިން ފޭލްވުމާއި ނުވުންވެސް އެބައޮތެވެ. އައު މަގާމަށް ކުފޫ ހަމަނުވެގެން ތަނުން ބޭރުވާންޖެހުންވެސް އެބައޮތެވެ. ވަޒީފާގެ ބާޒާރަށް މުޅިން އަލަށް ނުކުންނަ ޒުވާނެކޭ އެއްފަދައިންނެވެ. އެވިއޭޝަން ސިކިއުރިޓީއާ ބެހޭ މުައްސަސާސެއް މީގެކުރިން ވުޖޫދުގައިވެސް ނުވާ ބީދަޔަކުންނެވެ.

އައު ބަދަލުތަކާއެކު ކުރާން މިއުޅެނީ ކީއްބާވައެވެ. ބަޔަކަށް ހައްގުވާ މަގާމުގެ ކުރިއެރުން ދޭންބާވައެވެ. ނުވަތަ ބަޔަކު ބޭރުކޮށްލަން ބާވައެވެ. ކުރިއެރުމެއްގެ އުއްމީދުގައި މަގާމަކަށް ކުރިމަތިލައިފިއްޔާ ކުރީގެ އެންމެހައި ކަންކަން ދޫކޮށްލައި އެވީ ނަސީބު ވަޒަންކުރަން ތައްޔާރުވާށެވެ. މިއީ އެވިއޭޝަން ސިކިއުރިޓީ ކޮމާންޑުގެ ވަރަށް ގިނަ އޮފިސަރުން ގަބޫލުކުރާ ގޮތުގައި ވަރަށް ބޮޑު ރިސްކެކެވެ. ނަގާން ހެޔޮވެސް ނުވާނެ ރިސްކެކެވެ. އެހެންވީމާ ދުވަހަކު މަގާމުގެ ކުރިއެރުން ނުލިބުނަސް އައު މަގާމަކަށް ކުރިމަތިނުލާން ނިންމައިގެން ތިބި އޮފިސަރުން މަދެެއް ނޫނެވެ. އެމީހުންގެ ޝަކުވާއަކީ މިއީއެވެ. އެތައް ތަމްރީނަކާއި އެތައް ތަޖުރިބާއެއް ހޯދައި މި ދާއިރާގައި ހޭދަކުރި އަހަރުތަކަށް އިނާމުދިނުން އޮންނާންވީ މިބީދައިން ބާވައެވެ. އަގު ވަޒަންކުރުމަކީ މިއީބާވަައެވެ. އުމުރުދުވަސް ހޭދަކުރި މުއައްސަސާ ކުއްލިއަކަށް މުޅިން އައު މުއައްސަސާއަކަށްވެ މުވައްޒަފުންނާ ބީރައްޓެހި ތަނަކަށް ވީބާވައެވެ. ނުވަތަ އޮފިސަރުންނާއި މުއައްސަސާވެސް ޔަތީމުވީ ބާވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
3%
3%
8%
3%
50%
ކޮމެންޓް