ކޮޕް-26ގައި، އެޑަޕްޓޭޝަންއަށް ލިބޭ ފައިސާ އިތުރު ކުރުމަށް ވަކާލާތު ކުރާނެ: މިނިސްޓަރު ޝައުނާ
27 އޮކްޓޯބަރު 2021 | ބުދަ 15:04މުހިންމު ބައްދަލުވުންތަކުގައި މިހާރު ވެސް ބައިވެރިވެފައިވޭ


މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ މޫސުމީ ސަމިޓް (ކޮޕް-26) އެޑަޕްޓޭޝަން ލިބޭ ފައިސާ އިތުރު ކުރުމަށް ވަކާލާތު ކުރާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ކޮޕް-26ށް ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މިއަހަރަކީ ވަރަށް ޚާއްސަ އަހަރެއް ކަމަށެވެ. 12 އަހަރަށްފަހު ރައީސުލްޖުމްހޫރިއްޔާއާއެކު ކޮޕްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ކޮޕް-26ށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރާ ކަމަށެވެ. އެގޮތުން އެކިއެކި ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވާ ކަމަށާއި، ކްލައިމެޓް ޗޭންޖް ޑިޕާޓްމެންޓްގެ މުވައްޒަފުން ވެސް ގާތްގަނޑަކަށް ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ބައްދަލުވުމުގައި ބައިވެރިވާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހައިލެވެލްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، މިބައްދަލުވުންތަކަށް ސްޕެޝަލް އެންވޯއީ ފޯރ ކްލައިމެޓް ޗޭންޖްގެ ޞަބްރާ އިބްރާހީމް ނޫރައްދީން އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ތިމާވެށީގެ ކަންކަމުގައި ރާއްޖޭގެ އަޑު ފާއިތުވި އަހަރުތަކުގައި މަޑުވެފައި އޮތުމަކީ ލިބުނު ގެއްލުމެއް ކަމަށެވެ. ނަމަވެސް މިއަހަރު ކުރިއަށް ގެންދާ ކޮޕް-26ގައި ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ފަރުތައް މަރުވެ، ރަށްތައް ގިރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. ވާރޭ ވެހޭ މިންވަރު އިތުރުވެ، ފެންފަށަލައަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. މިހުރިހާ ކަމެއްގައި ލިބޭ ގެއްލުމަށް, ތަރައްގީ ވެފައިވާ ގައުމުތަކާއި ޔޫއެން އެޖެންސީ ތަކުން ޚަރަދުކުރުމަށް ފައިސާ ދޭން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ, މިކަންކަން ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެކަށީގެންވާ މިންވަރަށް ފައިސާ ނުލިބޭ ކަމަށެވެ. އަދި މިހަފަހަރުގެ ކޮޮޮޕް-26ގައި އެޑަޕްޓޭޝަނަށް ލިބޭ ފައިސާ އިތުރު ކުރުމަށް ވަކާލާތު ކުރާނެ ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ރަށްތައް ގިރަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަަމަށާއި، ޑާޓާ ދައްކައިގެން އެކަން ސަމިޓްގައި ސާބިތު ކޮށްދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އެމައްސަލަ ހައްލު ކުރުމަށް ފައިސާ ބޭނުންވާކަން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ.
ކޮޕް-26ގައި ބައިވެރިވަޑައިގެންނެވުމަށް މިނިސްޓަރު ޝައުނާއާއި، އިސް އޮފިޝަލުން ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެއެވެ.







