ޒަމާނީ ދިވެހިރާއްޖޭގެ ބައްޕަޔަކީ އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ކަމަށް ތާރީޚު ދިރާސާކުރާ ބައެއް މީހުން ލިޔެފައި ހުއްޓަތީ ފެނެއެވެ. އަބްދުލްމަޖީދަކީ ދިވެހިރާއްޖޭގެ ބޮޑުބަނޑޭރިކަމާއި ބޮޑުވަޒީރުކަމާއި އަދި ރަސްކަންވެސް ކުރެއްވި ބޭފުޅެކެވެ. ބައްޕާފުޅަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނެވެ. މަންމާފުޅަކީ އެއްގަމުގޭ ދޮންދީދީއެވެ. ކޮންމެއަކަސް އެއީ ވަރަށް ގިނަކަންކަން މިޒަމާނުގެ ސިފަތަކަށް ފުރޮޅިގެން ދިޔަ ދުވަސްވަރު ދިވެހި ގައުމުގެ ވެރިޔާއެވެ. އެހެންވީމާ ޒަމާނީ ރަށްވެހިކަމުގެ ފަތިހަކަށް އަލިވިލިގެން ދިޔައީ އަބްދުލްމަޖީދުގެ ސަބަބުންނޭ ބުނެވެނީއެވެ.
ފެންނާންހުރި ބައެއް ސަބަބުތަކަށް ބަލައިލަމާ ބަހީއެވެ. މާލޭގެ މަގުތައް އިހު ހުރީ މިހާރު މިފެންނަ ގޮތަކަށް ނޫނެވެ. މަގުމަގު ތެދެއްވެސް ނޫނެވެ. ފުޅަލެއްވެސް ނޫނެވެ. އެކަން ބަދަލުކުރައްވައި މަގުތައް ހައްދަވައި ފުޅާކުރެއްވުމުގެ މަޝްރޫއެއް ފުރަތަމަ ހިންގެވީ އަބްދުލްމަޖީދެވެ. ރަހަފަތިކޮށްފައި ރަށްވެހި ފަތިހަކަށް މާލޭގެ މަގުތައް ހެއްދެވިއިރު ވަރަށް ގިނަ މީހުންގެ ގޭގެޔާއި ރުއްގަސް ގެއްލިގެން ދިޔައެވެ. ރައްޔިތުންގެ ޝަކުވާތައް ބަންޑުންވެގެން ދިޔައެވެ. އެކަމަކު އަމިއްލަފުޅު ގަނޑުވަރުކަމަށްވާ މާފަންނުގެޔާ ޖެހުނީމާ ބަދަލުވާން ޖެހުނީ ރަށްވެހި ފަތިހުގެ ކުރެހުމެވެ. ޕްލޭނެވެ. ގުދުވެ ބަޅުވާން ޖެހުނީ މަގެވެ. މާފަންނުގޭގެ ކުރިމަތިން ފަރީދީމަގު ބަޅުވެފައި މިހާރު އެއޮންނަ އޮތުމުގެ ސިއްރަކީ އެއީއެވެ.
މީސްމީހުންގެ ނަން މަކުތަބު މަދަރުސާތަކަށް ދިނުމަކީ ވަރަށް އައިބު ވަރަށް ހުތުރު ކަމެކޭ ވިދާޅުވެފައި ހުސައިން ސަލާހުއްދީނުގެ އަމިއްލަފުޅު މަދަރުސާކަމަށްވާ ސަލާހިއްޔާގެ ނަން ސަނިއްޔާއަކަށް ބަދަލު ކުރެއްވީވެސް އަދި ސަރުކާރުން ހިންގާ މަދަރުސާއަކަށް ހެއްދެވީވެސް އަބްދުލްމަޖީދެވެ. ރަށްވެހި ފަތިހެއްގައި އަދި ޒަމާނީ އައު ވިސްނުމެއްގައި މީސްމީހުންގެ ނަން މަދަރުސާތަކަށް ދިނުން ހުތުރުކަމަށް ފެނިވަޑައިގެންނެވެ. އެކަމަކު ހަމަ އެ ސަނިއްޔާ ތަންކޮޅެއް ފަހުން އެހެރީ ސީދާ އަބްދުލްމަޖީދުގެ ނަމަށް ނިސްބަތްކޮށް މަޖީދިއްޔާއަކަށް ބަދަލުވެފައެވެ. އެކަން ހުތުރުކަމަކަށްވެސް ނުވިއެވެ. ރަށްވެހި ފަތިހުގެ ތަހުޒީބީ އައު ވިސްނުމާ ފުށުއެރުމެއްވެސް ނެތެވެ.
ސުލްތާން ހަސަން ނޫރައްދީނު ދެވަނަ 1943 ގައި ރަސްކަމުން ބޭލުމަށްފަހު ދެން ތަޚުތަށް އިސްކުރެވުނީ އަބްދުލްމަޖީދެވެ. އެކަމަކު ކޮންމެވެސް ސަބަބުތަކަކާ ހެދި އިނގިރޭސިން މިބަދަލަށް އެއްބަހެއް ނުވިއެވެ. އޭގެ ކުރިންވެސް ރާއްޖެ ދޫކުރައްވައި އަބްދުލްމަޖީދު ދިރިއުޅުއްވީ މިސްރުގައެވެ. ފަހުން އައި ބަދަލަކީ ދިވެހި ތަޚުތަށް އިންތިޚާބު ކުރެވިފައިވާ ވެރިޔާ ނުވަތަ އަލްމުންތަޚަބު ލިއަރުޝިއްދައުލަތިލް މަހަލްދީބިއްޔާގެ ނަންފުޅު ލިބިވަޑައިގަތުމެވެ. ދިވެހި ދައުލަތަށް ލިބޭ އާމްދަނީއެއް ވިއްޔާ އެކިލެގެފާނަށް މިސްރަށް ފޮނުވުން ލާޒިމެވެ.
ރަށްވެހި ފަތިހުގެ ކަންކަން ހިންގަވާން ކިލެގެފާނު ހުންނަވަނީ މިސްރުގައެވެ. އެކިލެގެފާނުގެ ނަންފުޅުމަތީގައި މާލޭގައި ކަންކަން ހިންގަވާން ތިއްބެވީ އެކިލެގެފާނުގެ ބޭފުޅެއް ކަމުގައިވާ ހަސަން ފަރީދާއި ބޮޑުބޭބެ ވިދާޅުވާ މުހައްމަދު އަމީނެވެ. ނެޕޯޓިޒަމޭ ކިޔުނު ބަހެއް އޭރު ނޯންނަނީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް އެވާހަކަ ދައްކާ މާގިނަ ބަޔަކު ނޫޅެއެވެ. ބުނާ މީހުން ބުނެތެވެ. ވާހަކަ ކިޔާމީހުން ކިޔަތެވެ. ދިވެހިރާއްޖެއަށް ލައްގާ ހުރިހާ މާވަހަރެއް ފޮނުވާން ޖެހެނީ މިސްރަށެވެ. ކޮންމެއަކަސް އެއީ ދިވެހިންނަށް ވަރަށް ތަދު ދުވަސްވަރެކެވެ. ދުނިޔެއަށްވެސް ބަނަ ދުވަސްވަރެކެވެ.
މިސްރުގައި އަބްދުލްމަޖީދު އުޅުއްވީ މިސްރުގެ ޕާޝާއިންނަށްވުރެ ވެސް ތަނަވަސް ދިރިއުޅުއްވުމެކެވެ. އެކިލެގެފާނު ހިންގަވާން ނިކުމެވަޑައިގެން އުޅުއްވަނިކޮށް އަގުބޮޑު ފަހުގެ ވައްތަރެއްގެ ކާރެއް ފެނިވަޑައިގެންފިއްޔާ ހަމަ އެވައްތަރުގެ ކާރެެއް އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ގަނޑުވަރުގެ ގަރާޖަށް ވައްދަވައެވެ. ބަލާންތިބޭ މީހުން އަންތަރީސްވެ އާސޯޚުވާ ކަމަށް ބުނެވެއެވެ. ކިލެގެފާނުގެ ޚަރަދުބަރަދު މިމަގުން މިފެންވަރަށް ބެލެހެއްޓުމަކީ ދިވެހި ދައުލަތަށް ވަރަށް ބޮޑު ބުރަޔަކަށްވިއެވެ. ދައުލަތުގެ މާލިއްޔާ ނުވަތަ ޚަޒާނާ ބަލަހައްޓަވަމުން ގެންދެވީ މުހައްމަދު އަމީނެވެ.
ރަހުމަތްތެރި ބައެއް ބޭފުޅުންގެ އަރިހުގައި މުހައްމަދު އަމީނު މިވާހަކަ ވަރަށް ގިނައިން ދައްކަވައި އުޅުއްވި ކަމަށް ބުނެވެއެވެ. ޚަރަދު ކުޑަކުރައްވާން ފެނެޔޭ ދައުލަތަށް ވަންނަ ތަކެއްޗަށްވުރެ ގިނައީ ބޭރުވާ ތަކެއްޗޭ ވިދާޅުވެ ކިލެގެފާނަށް ފަތްކޮޅު ފޮނުއްވީމާ ޖަވާބަކީ މުހައްމަދު ކޮއްކޯމެން ތިޔަ ފޮނުއްވާ ދައުލަތުގެ މުސާރަޔާ ނުލައި ބޭބެޔަށް މިކަރައިގައިވެސް އަދި އެހެން ކަރަޔެއްގައިވެސް ދިރިނޫޅެވޭނެއެވެ. ވީމާ މަދުކުރައްވަންވީއެއް ނޫނެވެ. ކުރައްވާންވީ އިތުރެވެ. ދައުލަތުގެ މިވަރުގެ މަގާމެއްގައި ހުރެ އަދި މިވަރުގެ ބުރަ މަސްއޫލިއްޔަތެއް ކޮނޑުގައި އަޅައިގެން އުޅެވޭނީ މުސާރައެއްވެސް ލިބިގެންތާއެވެ.
ކިލެގެފާނަށް ދިރިއުޅުއްވެން އޮތީ ދައުލަތުން މުސާރައެއް ދެއްވައިގެންނޭ ވިދާޅުވިއިރު ދައުލަތުގެ މުސާރަޔަކާ ގުޅިގެން އެހެން ބޭފުޅަކު ކުރެއްވި ޝަކުވާއެއްގެ އަޑުވެސް ކިލެގެފާނަށް ތަންކޮޅެއް ކުރިން އޮތީ އިވިވަޑައިގެންފައެވެ. ކިލެގެފާނުގެ ބޮޑުވަޒީރުކަމާއި ބޮޑުބަނޑޭރިކަމުގެ ދުވަސްވަރު އޭރުގެ ރަދުން ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނަޔަށް މުސާރަފުޅެއް އިނާޔަތެއް ލިބިވަޑައިގަންނަވަނީ ކިލެގެފާނު ދެއްވިއްޔާއެވެ. ދެން މިކަމާ ރަދުން ޝަކުވާ ކުރެއްވީމާ ކިލެގެފާނު ދެއްވި ޖަވާބަކީ މިހާރުވެސް ދައުލަތުން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވަނީ ރަދުންނަށެވެ. ތިމަން ކިލެގެފާނަށް ލިބިވަޑައިގަންނަވަނީ މާކުޑަ މުސާރައެކެވެ. އެކަމަކުވެސް ދެކޮޅު އެބަޖައްސަވަމެވެ. ވީމާ ރަދުންވެސް ޚަރަދު ކުޑަކުރައްވާށެވެ.
ކިލެގެފާނުގެ މި ޖަވާބަށް ރަދުން ވަރަށް ހިކުމަތްތެރި ވަރަށް ފުރިހަމަ ޖަވާބެއް ދެއްވިއެވެ. ވިދާޅުވިއެވެ. ތިމަންގެ މި ސުންޕާ ބޮޑު މުސާރަ ކިލެގެފާނު ނަންގަވައިފައި ޚަޒާނާގެ ތަޅުދަނޑިޔާއެކު ކިލެގެފާނުގެ ތިޔަ ބަރަކާތްތެރި ކުޑަ މުސާރަފުޅު ދެއްވާށެވެ. އޭރުން މިދަންނަވާ ވާހަކައިގެ މަފްހޫމު ސާފުވެވަޑައިގަންނަވާނެއެވެ. ރަދުންގެ މިވާހަކަފުޅަށް ކިލެގެފާނު ޖަވާބެއް ނުދެއްވިއެވެ. އޭރު ރަދުންގެ ބާރަށްވުރެ ގަދައީ ކިލެގެފާނުގެ ބާރެވެ. އެގޮތުގައި ކުޑަދުވަސްކޮޅެއް ވުމަށްފަހުގައި ދެން ފެނުނީ ރަދުން ތަޚުތުންވެސް ބާލައި ފުވައްމުލަކަށް އަރުވައިލެވުނު މަންޒަރެވެ.
އެ ދައުރަށްފަހު ދެން ކިލެގެފާނު ބަދަލުވެވަޑައިގަތީ މިސްރަށެވެ. މިސްރުގައި އުޅުއްވަ އުޅުއްވާފައި އުމުރުފުޅުގެ ފަހު ބައި ހޭދަކުރެއްވީ ސިލޯނުގައެވެ. އެކުން ސިލޯނަށް ވަޑައިގަތީ އެކިލެގެފާނު އެންމެ ލޯބިފުޅުވާ ދަރިކަލުން ހަސަން ފަރީދު ކުއްލިގޮތަކަށް 1944 ގައި އަވަހާރަވުމުން ސިލޯނުގެ ކެންޑީގައިވާ ހަސަން ފަރީދުގެ ބޮޑު ބަގީޗާޔާއި ދެންވެސް އެފަރީދުގެ މުދަލާއި ފައިސާގެ ކަންކަން ތަރުތީބު ކުރައްވައި އިންތިޒާމް ކުރެެއްވުމަށެވެ. އަބްދުލްމަޖީދު އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިލޯނުގެ ކޮޅުނބުގައެވެ. ފަސްދާނުލެވިފައިވަނީވެސް ކޮޅުނބުގައެވެ.
ދިވެހިރާއްޖޭގެ ރަސްކަން އުވާލައްވައި ޖުމްހޫރިއްޔަތެއް ގާއިމް ކުރައްވައި ވެރިކަމުގެ އެންމެ މަތީ ބާރުތަކާއި މުހައްމަދު އަމީނު ހަވާލުވެވަޑައިގަތީ 1952 ވަނަ އަހަރުގެ ފެބްރުރައީ 21 ގައި އަބްދުލްމަޖީދު އަވަހާރަވުމުންނެވެ. އަމީނުގެ ވެރިކަމުގައިވެސް އަބްދުލްމަޖީދުގެ ރަށްވެހި ފަތިހުގެ ބައިބައި ކުރިޔަށް ގެންދެވިއެވެ. ޖުމްހޫރިއްޔަތުގެ ރަމްޒެއްގެ ގޮތުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުޅާ މަގެއް ދެމަގެއް ހެއްދެވުމާއި ކުރީއްސުރެ މާލޭގައި ހެދިފައިވާ މަގުމަގަށް ނަންދެއްވުމާއި ރާއްޖޭގެ އަތޮޅުތައް ތަރުތީބު ކުރައްވައި ހަށަނަރަބަޅައިގެ އަކުރުތަކުން ނަން ދެއްވުން ފަދަ ކަންކަން ކުރެއްވިއެވެ. ރަށްވެހި މި ފަތިހުގައި މާލޭގެ އެންމެ ދިގު އެންމެ ފުޅާ އެންމެ މުހިއްމު މަގުގެ ނަން ބަދަލުވެގެން ދިޔައީ އަބްދުލްމަޖީދަށް ނިސްބަތްކޮށް މަޖީދީމަގަކަށެވެ.