ހޮނިހިރު ދުވަހުގެރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އިސްތިއުނާފީ ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ވޯޓު ނެގުމަށް ތާވަލު ކޮށްފައެވެ. އަދި ޖުމުލަ 18 މީހުންގެ ތެރެއިން އިސްތިއުނާފީ ފަނޑިޔާރު މަޖިލީހަށް ޝަރުތުހަމަވާ ބޭފުޅުން ތިއްބެވިކަމަށް ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރ ޕަރސަން ޙަސަން ލަޠީފް ވިދާޅުވިއެވެ. އިސްތިއުނާފީ ފަނޑިޔާރު މަޖިލީހަށް ހޮވާނީ 9 މެމްބަރުންނެވެ.
މި ޖަލްސާގައި ހުށައެޅުމެއްގެ ގޮތުން، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ހާޒިރުވެގެން ވޯޓުލުމަށް ފަސްކޮށްދެއްވުމަށް މެމްބަރަކު ވަނީ ހުށައަޅާފައެވެ. އެގޮތުން ސިއްރު ވޯޓެއްގެ ގޮތުގައި މި ވޯޓުތައް ނެގުމަށްވެސް ހުށައެޅުއްވިއެވެ. ނަމަވެސް ސިއްރު ވޯޓު ނެގުމާ ދެކޮޅު ހައްދަވައި މި ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމްވެސް ވަނީ މީގެ ކުރިންވެސް ވޯޓު ލުމުގައި އަމަލުކުރަމުން އައި ގޮތަށް އަމަލު ކުރުމަށް އެދިވަޑައިގަންނަވާފައެވެ.
ނަމަވެސް ޤައުމީ މަޖިލީހުން އެހެން ގޮތަކަށް ނުނިންމާނަމަ އެކަން ޕާޓީގެ އަސާސީ ޤަވާއިދުންވެސް މަނާ ނުކުރާ ކަމަށް ޙަަސަން ލަޠީފް ވިދާޅުވިއެވެ. އެކަމަށް ތާއީދު ލިބުމުން އެ ހުށައެޅުމަށް ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ހާޒިރުވެގެން ވޯޓުލުމަށް ފަސްކޮށްދެއްވުމަށް ހުށައެޅުއްވި ހުށައެޅުމަށް ވޯޓަށް އަހާފައިވާއިރު، ހާޒިރުވެވަޑައިގެން ތިއްބެވި 116 މެމްބަރުންގެ ތެރެއިން 100 މެމްބަރުން ވަނީ ހާޒިރުވެގެން ވޯޓުލުމަށް ފަސްކުރުމަށް ފާސްވެފައެވެ.
އޭގެ އިތުރުން، ސިއްރު ވޯޓެއްގެ ގޮތުގައި މި ވޯޓުތައް ނެގުމަށް ހުށައެޅުއްވި ހުށައެޅުމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގައި ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެކި ކަހަލަ ބަހުގެ ޙަމަލާތައްވެސް އެކި މެމްބަރުންނަށް އަމާޒު ކުރައްވާފައެވެ. މި ހުށައެޅުއްވުމާ ގުޅިގެން ނެގުނު ވޯޓުގައި ސިއްރު ވޯޓެއް ނަގައިގެން ކުރިއަށް ދިއުމަށް 98 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ސިއްރު ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.
އެއާއެކު، އެމްޑީޕީ ޤައުމީ މަޖިލީހުގެ ފަނޑިޔާރުންގެ މަޖިލީހުގެ ވޯޓު މެމްބަރުން ހާޒިރުވެ، ސިއްރު ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން، ކުރިމަތިލާފައިވާ 18 ކެނޑިޑޭޓުންގެ ތެރެއިން ވޯޓު ނަގައި، އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ މެމްބަރަކު ހޮވުމަށް މެމްބަރަކު ވަނީ ހުށައަޅުއްވާފައެވެ. ނަމަވެސް އެއީ ޤައުމީ މަޖިލީހުގައި އާންމު އުސޫލުން އެކަން ކޮށް އުޅުނު ގޮތް ނޫންކަން ބައެއް މެމްބަރުން ފާހަގަކުރިއެވެ.
އެކަމާ ގުޅޭގޮތުން ޕާޓީގެ ލީގަލް ޑައިރެކްޓަރީގެ ފަރާތުން ޤާނޫނީ ލަފައެއް ދެއްވުމަށް ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ، ކުރިންވެސް އަމަލު ކުރަމުން ދިޔަ ގޮތާއި، މަޖިލީހުގައިވެސް މީހުންގެ ނަން ފާސް ކުރުމަށް އަމަލު ކުރާ އުސޫލަށް ބަލާއިރު، 9 ނަމަށްވުރެ އިތުރަށް ފާސް ކުރުމަކީ ކުރިއަށް ގެންދެވިދާނެ ގޮތެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެއާއެކު ރިޔާސަތުން ވަނީ, ހޮވަންޖެހޭ އަދަދަށްވުރެ އިތުރަށް ވޯޓަށް ނުނެގުމަށް ނިންމަވާފައެވެ.