ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 22:53
ކާބުލް އެއަރޕޯޓްގައި ދިން ހަމަލާތަކުގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ކާބުލް އެއަރޕޯޓްގައި ދިން ހަމަލާތަކުގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
އަލްޖަޒީރާ
ކާބުލް އެއަރޕޯޓު ބޭރުގައި ދިން ހަމަލާތައް
ކާބުލް އެއަރޕޯޓްގެ ބޭރުގައި ހަމަލާތައް ދިނީ އައިސިސް-ޚުރާސަން ޖަމާއަތުން ކަމަށް ގަބޫލުކުރެވޭ: އެމެރިކާ
 
ހަމަލާގެ ޒިންމާ ނަގަންޖެހޭނީ އެސަރަހައްދު ބަލަހައްޓަމުން އަންނަ އެމެރިކާއިން ކަމަށް ތާލިބާންގެ ބަޔާނުގައި ވަނީ ބުނެފައި
 
އިމަރޖެންސީ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހަމަލާދިންތާ 90 މިނެޓް ތެރޭގައި 60 މީހަކު ޒަޚަމްވެގެން ފަރުވާ ހޯދުމަށް އެހޮސްޕިޓަލަށް ގެނެސްފައިވާކަމަށް
 
އައިއެސްގެ ޚުރާސަން ޖަމާއަތަކީ އެމެރިކާ އާ ތާލިބާނުންނާވެސް ދެކޮޅު ޖަމާއަތެއް

ކާބުލް އެއަރޕޯޓް ބޭރުގައި ހަމަލާތައް ދިނީ އައިއެސްއެސް- ޚުރާސަން ގްރޫޕުން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.

އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބައެއްތޯ ބެލުމުގެ ތަހުގީގުދަނީ ކުރިޔަށެވެ. ނަމަވެސް މިކަމުގެ ފަހަތުގައިވާ ބަޔަކީ އައިއެސްގެ ޚުރާސަން ގްރޫޕްކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އައިއެސްގެ ޚުރާސަން ޖަމާއަތަކީ އެމެރިކާ އާ ތާލިބާނުންނާ ވެސް ދެކޮޅު ޖަމާއަތެކެވެ. މިޖަމާއަތް އަފްޣާނިސްތާނުގައި އުފެދިފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ ތާލިބާން ޖަމާއަތުގެ ތެރެއިން އެޖަމާއަތާ ހިތްހަމަ ނުޖެހިފައިތިބި ހަނގުރާމަވެރިން ބޭނުންކޮށްގެން އައިއެސްއިން އެސަރަހައްދުގައި އުފައްދާފައިވާ ޖަމާއަތެކެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ނެގުމާއެކު އަފްޣާނިސްތާނުން ފައިބަން ބޭނުންވާ އެތައް ހާސް ބަޔަކު އަންނަނީ ކާބުލް އެއަރޕޯޓަށް ޖަމާވަމުންނެވެ. އެގޮތުން ފާއިތުވި 10 ވަރަކަށް ދުވަހުވެސް ކާބުލް އެއަރޕޯޓް ހުންނަ ސަރަހައްދު ވަނީ މީހުންނައިގެން ތޮއްޖެހިފައެވެ. އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ފައުޖުތަކާއި ބޭރު ގައުމުތަކުގެ މީހުންގެ އިތުރުން އަފްޣާން ރައްޔިތުންގެ ތެރެއިން ގައުމު ދޫކޮށްދާން ބޭނުންވާ މީހުން ގައުމުން ބޭލުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމެރިކާގެ އަސްކަރީ ފްލައިޓެއް ކޮންމެ 39 މިނެޓަކުން ކާބުލް އެއަރޕޯޓުން މީހުން ގޮވައިގެން ފުރާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މިހާތަނަށް އައިއިރު 88،000ށް ވުރެ ގިނަ މީހުން އަފްޣާނިސްތާނުން ބޭލިފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ

ރަޝިޔާގެ އޮފިޝަލުން ބުނެފައިވަނީ ޖާނުން ފިދާއުވުމުގެ ހަމަލާދޭ ދެ މީހަކާއި ބަޑިހިފައިގެން ހުރި މީހަކު ވަނީ ކާބުލް އެއަރޕޯޓް ކައިރީގައި ކާރުބާރު ބޮޑު ސަރަހައްދުގައި ހަމަލާދީފައެވެ. ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް އައިއިރު 13ށް އަރާފައިވާކަމަށް ތާލިބާން އޮފިޝަލުން ބުނެއެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 52ށް އަރާފައިވާކަމަށް ތާލިބާނުން ބުނެއެވެ.

ނަމަވެސް ޒަހަމްވި މީހުންނަށް ފަރުވާދޭ އިމަރޖެންސީ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހަމަލާދިންތާ 90 މިނެޓް ތެރޭގައި ޒަހަމްވެފައިވާ 60 މީހަކު ފަރުވާ ހޯދުމަށް އެހޮސްޕިޓަލަށް ގެނެސްފައިވާކަމަށެވެ. ހަމަލާގައި ޒަޚަމްވި މީހުންގެ އާއިލާތަކުގެ މީހުން އެމީހުންގެ ޚަބަރެއް ބެލުމަށް ހޮސްޕިޓަލްގެ ބޭރުގައި މަޑުކޮށްގެން ތިބިކަމަށް އަލްޖަަޒީރާއިން ބުނެއެވެ.

ޕެންޓަގަންގެ ސްޕޯކްސްމަން ޖޯން ކާރބީ ވިދާޅުވެފައިވަނީ އެއް ގޮވުން ގޮވާފައިވަނީ އެއަރޕޯޓަށް ވަންނަ ގޭޓް ކަމުގައިވާ އަބޭ ގޭޓް ކައިރީގައެވެ. މިސަރަހައްދަކީ ބަރޮން ހޮޓެލްވެސް ހުންނަ ސަރަހައްދެވެ. އަދި ދިން ހަމަލާތަކުގެ އެއް ހަމަލާއަކީ ޖާނުން ފިދާވުމުގެ ހަމަލާއެއްކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

ހަމަލާދިން ވަގުތުގައި އަބޭ ގޭޓް ކައިރީގައި އެތައް ހާސް ބަޔަކު މަޑުކޮށްގެން ތިބި ކަމަށް އަލްޖަޒީރާއާ ވާހަކަދައްކަމުން މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ. ހަމަލާތައް ދީފައިމިވަނީ މިފަދަ ހަމަލާއެއް ކާބުލްގައި ހުންނަ ހާމިދު ކަރްޒާއީ އިންޓަރނޭޝަނަލް އެއަރޕޯޓު ކައިރީގައި ދީފާނެކަމުގެ އިންޒާރު އެމެރިކާގެ އޮފިޝަލުން މީގެކުރިން ދީފައިވަނިކޮށެވެ. އެގޮތުން އައިއެސްއައިއެލް އިން މިފަދަ ހަމަލާއެއް ރާވަމުންދާކަމުގެ އިންޒާރު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ދީފައެވެ.

ހަމަލާތަކާއި ގުޅިގެން ތާލިބާނުން ވަނީ ހަމަލާތައް ކުށްވެރިކޮށް ޓްވީޓެއްކޮށްފައެވެ. ބަޔާނަކާއެކު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިކަމުގެ ޒިންމާ ނަގަންޖެހޭނީ އެސަރަހައްދު ބަލަހައްޓަމުން އަންނަ އެމެރިކާއިން ކަމަށެވެ. އަފްޣާނިސްތާނުގައި ތިބި ބޭރުގެ ފައުޖުތައް އަފްޣާނިސްތާން ދޫކޮށްދާ ހިސާބުން މިފަދަ ހަމަލާތައް ދިނުން ހުއްޓޭނެކަމަށް ތާލިބާނުގެ ބަޔާނުގައި ވަނީ ބުނެފައެވެ. މިފަދަ ހަމަލާތައް ދެމުން ގެންދަނީ އަފްޣާނިސްތާނުގައި ބޭރު ގައުމުތަކުގެ ފައުޖުތައް ހަރަކާތްތެރިވަމުން އަންނާތީކަމަށް ވަނީ ތާލިބާންގެ ބަޔާނުގައި ބުނެފައެވެ.

ކާބުލް އެއަރޕޯޓަށް ދިން ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ އަފްޣާނިސްތާނު މަތިން ދަތުރުކުރާ އެއަރލައިންތަކުން 25،000 ފޫޓް ނުވަތަ 7620 މީޓަރު މަތިން ދަތުރުކުރުމަށް ނޯޓިސް ނެރެފައެވެ.

މިހަމަލާއާ ގުޅިގެން އަފްޣާނިސްތާނުގެ މަސްރަހަށް ނުތަނަވަސްކަން ވެރިފައިވާއިރު ބުރާސްފަތި ދުވަހު އެމެރިކާ ގެ ރައީސް ޖޯ ބައިޑަން އާއި އިސްރާއީލްގެ ރައީސް ނަފްތާލީ ބެނެޓް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ބައްދަލުކުރެއްވުންވެސް ވަނީ ލަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
100%
0%
0%
0%
0%
0%
ކޮމެންޓް