ކ. މާލެ
|
26 އޯގަސްޓް 2021 | ބުރާސްފަތި 19:03
ކ. ރަސްފަރީ ފަރަށް އެރި ބޯޓު
ކ. ރަސްފަރީ ފަރަށް އެރި ބޯޓު
ރާއްޖެ އެމްވީ
ރަސްފަރީ ފަރަށް އެރި ބޯޓު
"ބޯޓު ފުންކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1ގައި، އުންމީދަކީ ދެ ދުވަސްތެރޭ ނިންމުން"
 
ދިމާވެދާނެ ކޮންމެ ހާދިސާއަކަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައި
 
ބޯޓުގައި ރައްކާކޮށްފައިހުރި ތެޔޮ އެހުރިތަނުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް
 
ބޯޓު ފަރަށް އެރުމުގައި ކެޕްޓަންގެ އިހުމާލު އެބައޮތް
 
ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ރާއްޖެ ގެނެވިފައި

ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1ގައި ފަށައި، 2 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކެޕްޓަން ޢާދިލް ރަޝީދު ވިދާޅުވެއްޖެއެވެ.

ކ. ރަސްފަރީ ހުޅަނގު ފަރާތަށް ކާގޯ ބޯޓެއް ފަރަށް އެރުމާގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއާއި، ޓްރާންސްޕޯޓުް އޮތޯރިޓީ، ސީޖީ، ހާބަރ މާސްްޓަރ، މޯލްޑިވްސް ޕޮލިސް ސާވިސް، އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި އެންވަޔަރަންމެންޓް މިނިސްޓްރީން ގުޅިގެން ބުރާސްފަތި ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކެޕްޓަން ޢާދިލް ރަޝީދު ވިދާޅުވީ، މި ބޯޓު ފުން ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާކަމަށެވެ. އަދި ބޯޓުގައި ހުރި 1،226 ޓަނުގެ ތެޔޮ ލީކުވިޔަ ނުދިނުމަށްޓަކައި މަތީ ޓޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އެއީ ބޯޓު ފަޅައިގެންދާ ހާލަތެއްގައިވެސް ތެޔޮ ލީކުވުން ހުއްޓުވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ފެށޭނީ އަންނަ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހު ކަމަށާއި، އުންމީދަކީ 2 ދުވަސްތެރޭ ބޯޓު މުޅިންހެން ފުންކޮށް ނިންމުން ކަމަށް ވިދާޅުވިއެވެ. މިހާރުވެސް ބޯޓަށް ކަމެއް ދިމާވެއްޖެނަމަ ބޯޓު ބޭރުކޮށްލެވޭވަރަށް ވަސީލަތްތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީީގެ ޑެޕިއުޓީ މިނިސްޓަރ ޙަމަދު ޢަބްދުލް ޣަނީ ވިދާޅުވީ މި ބޯޓަކީ ޓުޓިކޮރިންއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ. މި ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނުގެ ޔުނިޓު ތިނެއްގެ ހޫނުމިން މަތިވުމުން އިންޖީނު ނިއްވާލުމުގެ ސަބަބުން އުޅަނދު އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ކަމަށެވެ. އަދި އުޅަނދު ފަރަށް އެރުމުން ސަލާމަތްކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާކަމަށާއި، މިފަދަ މައްސަލައެއް ދިމާވިކަން ކޯސްޓަލް ސްޓޭޓަށް އަންގާފައިނުވާކަމާއި، އަދި ކެޕްޓަންގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަވި ކަމަށެވެ. ވަކިން ޚާއްސަކޮށް ނަގިލިލުން ފަދަ ކަމެއްވެސް ކޮށްފައިނުވާ ކަމަށާއި، އަދި އެހީއަށްވެސް އެދިފައިނުވާކަމަށް ޙަމަދު ވިދާޅުވިއެވެ.

ޙަމަދު ވިދާޅުވީ ފަރަށް އަރާފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިކަން ކުރުމުގައި އެންމެ ޚާއްސަ އިސްކަމެއް ދޭނީ މިކަމުން ތިމާވެއްޓަށް ގެއްލުމެއް ނުވާނެފަދަ ގޮތަކަށް މިކަން ކުރުމަށް ކަމަށެވެ. ވަކިން ޚާއްސަކޮށް ބޯޓުގައި ރައްކާކޮށްފައިހުރި 1،226 ޓަނުގެ ތެޔޮ ކަނޑަށް ނޭޅޭނެ ފަދަ ގޮތަކަށް މިކަން ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ވަރަކަށް ބޯޓުން ތެޔޮ ބޭރުވެފައިނުވާކަމަށް ޙަމަދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ މި ބޯޓުގައި ހުރި ތެޔޮ ކަނޑަށް ބޭރު ނުވާނެފަދަ ގޮތަކަށް މިކަން ކުރުމަށް ބޭނުންވާ އާލާތްތައް މިހާރު ރާއްޖެ ގެންނަމުންދާ ކަމަށެވެ. މީގެ އިތުރުން ވެސް ރީޖަނަލް ލެވެލްގައި މިކަމާގުޅިގެން ކުރެވެން ހުރި ކަންކަން ކުރަމުންދާކަމަށް ކާނަލް ސަލީމް ވިދާޅުވިއެވެ. އެގޮތުން މިފަދަ ހާދިސާއެއް ހިނގައިފިނަމަ ދެން ކުރަންޖެހޭ ކަންކަން ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ރިފްޢަތު ނަސީމް ވިދާޅުވީ މި ބޯޓު ފަރަށް އަރާފައިވާ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވުމާއެކު މި ފަރަށް ލިބޭ ގެއްލުންތައް ވަރަށް ޚާއްސަ ކަމެއް ދީގެން ބަލަމުންދާ ކަމަށެވެ. އަދި ބޯޓު ފުންކުރުމަށް އެކި ޕްލޭންތައް ހެދިގެންދާއިރުވެސް ވީހާވެސް ބޮޑަކަށް ތިމާވެއްޓަށް ގެއްލުން ނުވާނެހެން މިކަންކަން ކުރިއަށްގެންދަން އީޕީއޭއިން މަސައްކަތް ކުރަމުންދާކަމަށެވެ.

ބޯޓު ފަރަށް އެރި ކ. ރަސްފަރީ ފަރަކީ ހިމާޔަތްކޮށްފައިވާ ފަރެކެވެ. އެހެންކަމުން ބޯޓު ފުންކުރެވުނުހާ އަވަހަކަށް ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.

ކޮމެންޓް