ކ. މާލެ
|
6 އޯގަސްޓް 2021 | ހުކުރު 22:13
އިބްރާހިމް ރައީސީ - އީރާންގެ އައު ރައީސް
އިބްރާހިމް ރައީސީ - އީރާންގެ އައު ރައީސް
ގެޓީއިމޭޖަސް
އީރާންގެ އައު ރައީސް ހުވާކުރެއްވުން
އީރާނުގެ އައު ރައީސް މަގާމުގެ ހުވާ ކުރައްވައިފި
 
އެއްބައިވަންތަކަމާއި އެކުވެރި ކަމުގެ ގުޅުމަށް ހުރިހާ ގައުމަކަށްވެސް ދައުވަތު ދެއްވާނެ
 
ބޭރު ދުނިޔެއާއެކު އޮންނަ ގުޅުން ދަމަހައްޓައި، އެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރާނެ
 
އިބްރާހީމް ރައީސީއަކީ އެ ގައުމުގެ 8ވަނަ ރައީސް

އީރާންގެ އައު ރައީސް މަގާމުގެ ހުވާ ކުރައްވައިފިއެވެ.

އިރާނުގެ އައު ރައީސް, އިބްރާހީމް ރައީސީއަކީ އެ ގައުމުގެ 8ވަނަ ރައީސެވެ. ރައީސީ މަގާމުގެ ހުވާ ކުރެއްވީ، ތެހެރާންގައި ހުންނަ އީރާންގެ ގާނޫނު ހަދާ މަޖިލީހުގައެވެ. ހުވާ ކުރެއްވުމަށްފަހު ރައީސީ ވައުދުވެ ވަޑައިގެންފައިވަނީ، އީރާނަކީ މިހާރަށްވުރެވެސް ވަރުގަދަ ގައުމަކަށް ހައްދަވާނެ ކަމަށާއި އަދި ބައިނަލްއަގުވާމީ މުޖުތަމައާ އެކީ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އުމުރުން 60 އަހަރުގެ ރައީސީ ވިދާޅުވި ގޮތުގައި އީރާނުގެ ރައްޔިތުން އޭނާގެ ކިބައިން އެދިވަޑައިގަންނަވަނީ، އެގައުމުގެ މިނިވަންކަން ހިމާޔަތް ކޮށްދިނުމަށާއި، ބޭރުގެ ބައެއް ގައުމުތަކުން ހަނގާ ކުރުން ހުއްޓުވައި ދިނުމަށް ކަމަށެވެ.

ރައީސީ ވިދާޅުވެފައިވަނީ، ބޭރު ދުނިޔެއާއެކު އޮންނަ ގުޅުން ދަމަހައްޓައި، އެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަކީ އޭނާގެ ރިޔާސަތުގައި އިސްކަން ދެއްވާނެ ކަމެއް ކަމުގައެވެ. އެއްބައިވަންތަކަމާއި އެކުވެރި ކަމުގެ ގުޅުމަށް ހުރިހާ ގައުމަކަށްވެސް ދައުވަތު ދެއްވާކަމަށް ވިދާޅުވިއެވެ. ރައީސީ ވިދާޅުވެފައިވަނީ، ސަރަހައްދީ މައްސަލަތައް ހައްލުކުރަން ޖެހޭނީ ގައުމުތަކުގެ މެދުގައި ވާހަކަ ދައްކައިގެން ކަމުގައެވެ.

ހުޅަނގުގެ ގައުމުތަކާއި، އިސްރާއީލް އަދި އަވައްޓެރި ބައެއް ގައުމުތަކުން އީރާނަށް ކުރިމަތިވާ ބައެއް ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ރައީސީ ވިދާޅުވެފައިވަނީ، ސަރަހައްދުގައި އިރާނުން އަދާކުރަމުންދާ ދައުރުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި އަދި ރައްކާތެރިކަމަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ނިއުކުލިއަރ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ބޭރުވުމަށްފަހު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށްވެސް ރައީސީވަނީ ގޮވާލައްވާފައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތުގައި އެކުވެރި ދައުލަތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއްކަމުގައި ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.

އީރާނުގެ އިގްތިސާދު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އިރާނުގެ ހުރިހާ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާނީ އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދެއްވާނެ ރައީސަކަށް ކަމުގައެވެ.

ރައީސީގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި، އިރާނުގެ އިސް އޮފިޝަލުންގެ އިތުރުން، ދުނިޔޭގެ 70 ގައުމެއްގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރޭގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެތެރޭގައި އިރާގުގެ ރައީސް ބަރުހާން ސާލިހު، އަފްއާނިސްތާންގެ ރައީސް އަޝްރަފް ޢަނީ، އަރުމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕެޝިންޔާ، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރ އިސްމާއިލް ހަނިއްޔާ، ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޗެއަރމަން ވިޔަޗެސްލަވް ވޮލޮޑިން ހިމެނިވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް