ރާއްޖެއިން އިތުރު 98 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން، އާދީއްތަ ދުވަހުގެ އިރުއޮއްސި 06:00ން ހޯމަ ދުވަހުގެ 06:00ށް ނެގި 5744 ސާމްޕަލްގެ ތެރެއިން 98 ސާމްޕަލް ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 76،848ށް އިތުރުވެފައެވެ.
ހޯމަ ދުވަހު މާލެ ސަރަހައްދުން ރިޕޯޓުކޮށްފައި ވަނީ 26 ޕޮޒިޓިވް ކޭސްއެވެ. އަތޮޅުތެރެއިން 55 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު އޮޕަރޭޓްކުރަމުން އަންނަ ރިސޯޓުތަކުން 17 ކޭހެއް ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖެ އިން ކޮވިޑަށް ފަރުވާހޯދަމުން ދިޔަ 219 މީހުން ނިޔާވެފައިވާ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،020ށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދަނީ 2،597 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ.
ބަލީގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު، އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވެއެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވެފައިވާނަމަ ޕީސީއާރް ނެގެޓިވް ނަތީޖާއެކު ރަށަށް ދެވޭ ގޮތަށް ހުޅުވާލީ މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ އަދަދު މަދުވުމުންނެވެ.