އައްޑޫ ސިޓީގެ އެއްވެސް މަޝްރޫޢުއެއް އައްޑޫ ރައްޔިތުން ނުރުހޭ ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ: މޭޔަރު
23 ޖުލައި 2021 | ހުކުރު 06:58ރައްކާތެރި ޒަމާނީ ފެންވަރުގެ ބޮޑު ބަނދަރެއް ހިތަދޫއަށް ބޭނުންވޭ


އައްޑޫ މޭޔަރު ޢަލީ ނިޒާރު،
އައްޑޫ ސިޓީގެ އެއްވެސް މަޝްރޫޢުއެއް އައްޑޫ ރައްޔިތުން ނުރުހޭ ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ ކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ ބަނދަރުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ ކަމަށެވެ. މޭޔަރު ވިދާޅުވީ ހިތަދޫ ބަނދަރުގެ ކުރެހުން މިހާރު ކައުންސިލްއަށް ލިބިފައިވާ ކަމަށާއި، އެކުރެހުމާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓް ނެތް ނަމަ ބަޖެޓް ލިބޭއިރަކުން ހިތަދޫއަށް ބޭނުންވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ގާއިމުކުރާ ފަދަ ރައްކާތެރި ޒަމާނީ ފެންވަރުގެ ބޮޑު ބަނދަރެއް ކަމަށެވެ.
އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ރައްޔިތުން އެދޭގޮތަށްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ބަނދަރު ހެދުމާއި، މަގުހެދުމުގެ އިތުރުން ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އަޑު އަހަންޖެހޭ ކަމަށެވެ. އަދި ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ކައުންސިލްގެ ވެސް ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކައުންސިލްތަކުން އައްޑޫގެ ބަނދަރުތައް މެނޭޖުކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ޚާއްސަ މުވައްޒަފުން ނަގާނެ ކަމަށާއި، މެނޭޖުކުރާ ޕްލޭން ވެސް އެކުލަވާލާނެ ކަމަށެވެ





