ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 12:57
ސުމުއްވުލް އަމީރު އިބުރާހީމް ނާސިރު
ސުމުއްވުލް އަމީރު އިބުރާހީމް ނާސިރު
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
މިނިވަން ދުވަސް
މިނިވަންކަމުގެ ދަތުރުގައި އިބްރާހިމް ނާސިރު ކުރެއްވި މަސައްކަތްޕުޅުތަކަށް ބަލައިލުން
 
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިން މިންޖު ކުރެއްވި
 
ދެކުނުގެ ތިން އަތޮޅު އިނގިރޭސިންގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރެއްވި
 
ރާއްޖެއަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައި ދެއްވި

ދިވެހިރާއްޖޭގެ މިނިވަންކަމަށް އިތުުރު އަހަރެއް ފުރިގެންދާއިރު، މި މިނިވަންކަން ދިވެހިރާއްޖެއަށް ހޯއްދަވައި ދެއްވި މިނިވަން ކަމުގެ ބަތަލު ސުމުއްވުލް އަމީރު އިބުރާހީމް ނާސިރު ދުނިޔޭގައި ނެތްކަމުގެ ފަޅުކަން އިހުސާސް ކުރެވެއެވެ. މިއަދު އަޅުގަނޑުމެންނަށް އޮތީ އެމަނިކުފާނު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް އެޒިކުރާ އައު ކުރަމުން ދިޔުމެވެ. ޝުކުރުވެރި ކަމާއެކު އެމަތިވެރި ޚިދުމަތް ހަނދާންކުރުންމަތީ ދެމިތިބުމެވެ. މި ގައުމުގެ މިނިވަންކަމަށްޓަކައި އެމަނިކުފާނު ކޮށްދެއްވީ ކޮންކަމެއްތޯ ބެލުމުވެ.

ބައެއްގެ އަޅުވެތި ކަމުގައި ދުވަސްތައް ގުނަމުންދިޔަ 78 އަހަރުގެ ދިގު ތާރީޚެއް އަޅުގަނޑުމެންގެ އެބައޮތެވެ. އެ ދުވަސްތަކަށް ނިމުމެއް ގެންނަވައި މި ގައުމު މިނިވަންކަމުގެ ހަމަހިމޭން ބަނދަރަކަށް ގެނެސްދެއްވީ، ސުމުއްވުލް އަމީރު އިބްރާހީމް ނާސިރެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަބުރުވެރިކަމާއެކު، ޖީލުތަކަށް ފޯރުކޮށް ދެއްވުމުގައި އެންމެ މަތިވެރި ގުރުބާނީއެއް ވެވަޑައިގެންނެވީ އިބުރާހީމް ނާސިރެވެ. އެމަނިކުފާނަކީ ވިސްނުންތެރި ހިކުމަތްތެރި ލީޑަރެއްކަން ތާރީޚުން ފެންނަން އެބައޮތެވެ.

ދިވެހި ޖައްވު މިނިވަންކުރުމުގެ ބޮޑު މަސައްކަތާ ދިވެހިން ކުރިމަތިލީ 1939ން ފެށިގެން 1945ށް ދުނިޔޭގައި ކުރި ދެވަނަ ބޮޑު ހަނގުރާމަ ނިމުނުފަހުންނެވެ. ޖުމްހޫރީ ވެރިކަމުގެ ތަރި އޮއްސި އަނެއްކާވެސް ރަސްކަމަކާ ދިވެހިން ކުރިމަތިލިއެވެ. 1954ވަނަަ އަހރުގެ ތެރޭގައި ރާއްޖޭގައި އުފެދުނު ސިޔާސީ ކޮޅިގަނޑުގެ ބޭނުން އިނގިރޭސިން ހިފިއެވެ. ދަނޑިވަޅު ބަލާފައި އައްޑު އަތޮޅަށް ފައިބައި، އެތަނުން 110 އޭކަރުގެ ބިން ހިފިއެވެ. މިކަން ހިނގީ ފުރަތަމަ ޖުމްހޫރިއްޔާ އުވި އުފެދުނު ރަސްކަމުގެ ބޮޑުވަޒީރަކަށް ހުންނެވި، ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރިކިލެގެފާނުގެ ދައުރުގައެވެ. މި ހުރިހާކަމެއް ސާފުކުރައްވަން ޖެހިވަޑައިގަތީ، މުހައްމަދު ފަރީދުދީދީގެ ރަސްކަމުގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިބްރާހީމް ނާސިރަށެވެ.

އެމަނިކުފާނުގެ ޒުވާން ސިކުނޑި ބޭނުންކުރައްވައިގެން ރޭއްވެވި ހިކުމަތްތެރި ރޭވުމާއެކު ދިވެހިންގެ ވިޔަފާރި މިނިވަން ކޮށްދެއްވިއެވެ. 1857 ވަނަ އަހަރުން ފެށިގެން ވޯރާ ވިޔަފާރިވެރިން، ދިވެހި ރާއްޖޭގެ ހުރިހައި ވިޔަފާރިއެއް އެމީހުން އަތްދަށުލައި، ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލާފައިވަނިކޮށް، ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، ދިވެހި ބިމުން އެމީހުން ބޭރުކޮށް ލެއްވުމުގެ ބުރަ މަސައްކަތްޕުޅު ކުރެއްވިއެވެ. އިބުރާހީމް ނާސިރު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ދިވެހި ސަރުކާރުވެސް ވަނީ ވޯރާ ވިޔަފާރިވެރިންނަށް ދަރައި އެމީހުންގެ އެހީތެރިކަމަކާ ނުލައި، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭހިސާބަށް ގޮސްފައިކަމަށް ތާރީޚީ ލިޔުންތަކުން ފެންނަން އެބައޮތެވެ. ދިވެހިން އޭރު ތިބީ ބުންބާ މީހުން ބުނާގޮތަކަށް ކަންތައް ނުކޮށް ނުވާވަރަށް އެމިހުންގެ އަތްދަށުވެފަައެވެ. އެމީހުން ކޮންމެ ގޮތަކަށް އަމަލު ކުރިނަމަވެސް އެމީހުންނާ ދެކޮޅަށް އެއްޗެއް ބުނުމުގެ ހިތްވަރުވެސް ނެތެވެ.

މިހެން މިކަންތައް ހިނގަމުން ދަނިކޮށް ފިސާރި ކެރިވަޑައިގަތުމާއެކު، ގައުމުގެ ހައްގުގައި ތެދުވެވަޑައިގެން، ރާއްޖޭގައި އެމީހުން ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވަން މަސައްކަތްޕުޅު ފެށްޓެވިއެވެ. އެންމެ ފުރަތަމަވެސް ބެއްލެވީ، އެމީހުންގެ އެއްވެސް ކެޕިޓަލް އިންވެސްޓްމެންޓެއް ކުރެވިފައި ހުރިތޯއެވެ. މިކަންތައް ބެއްލެވުމަށް 7 މެމްބަރުންގެ ކޮމިޓީއެއް ނަންގަވައި، އެކޮމިޓީގެ އިސް ބޭފުޅަކަށް ލެއްވީ ކޮލިގޭ އުމަރުމަނިކެވެ.

ވޯރާ ވިޔަފާރިވެރިންނަށް އެކަށީގެންވާ މުއްދަތެއް ދެއްވުމަށްފަހު އެންގެވީ، އިންޑަސްޓްރިއަލް މަސައްކަތްކޮށް ބޭރުފައިސާ ހޯދައިގެން ނޫނީ، ރާއްޖޭގައި ވިޔަފާރި ނުކުރެވޭނެ ކަމަށެވެ. މިކަންކުރުމަށް ވޯރާ ވިޔަފާރިވެރިން އޮޑިދޮނިފަހަރު ބަނދެ މަހަށް ފޮނުވައިގެން ހިކި މަހުގެ ވިޔަފާރި ފެށީއެވެ. އެހެންނަމަވެސް މިކަންވެސް ކާމިޔާބުވާގޮތެއް އެމީހުންނަކަށް ނުވިއެވެ. ދިވެހިންގެ ނަމުގައި ނޫނީ އޮޑިދޯނިފަހަރު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ނިމުނު ހިސާބުން އެކަންވެސް ނިމުނީއެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއް ނުވެ 1962ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1ވަނަ ދުވަހުން ފެށިގެން ވޯރާ ވިޔަފާރިވެރިން ރާއްޖެ ދޫކޮށްދާން ފެށިއެވެ. އެހާހިސާބުން ރާއްޖޭގެ ވިޔަފާރިތަކަށް މިނިވަންކަމުގެ ހަމަނޭވާ ލެވުނެވެ.

ދިވެހި ޒުވާން ބޮޑުވަޒީރުގެ ކުރިފުޅުމައްޗަށް އެންމެ ފުރަތަމަ ހުށަހެޅުނު ކަންތަކުގެ ތެރޭގައި، އައްޑުއަތޮޅުގެ ގަން 100 އަހަރަށް އިންގިރޭސިންނަށް ކުއްޔަށް ދީފައި އޮތް މައްސަލަ ހިމެނެއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރިކިލެގެފާނު އޭރު އޮތީ އެ އެގްރިމެންޓުގައި ސޮއި ކުރައްވާފައި ކަމަަށްވެއެވެ. އެހެންނަމަވެސް އޭގައި ރަސްމީ ގޮތުން ސޮއި ކުރައްވަން އެއްގޮތަކަށްވެސް ނާސިރު އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. މި އެގްރިމެންޓުގައި ސޮއިކުރުމުގެ ވާހަކަ ދެކެވުނު ދުވަހު އިނގިރޭސި ސަފީރު މިސްޓަރ މޯލީ ވިދާޅުވިކަމަށް ވެއެވެ. އެގްރީމެންޓު އޮތްގޮތަށް ސޮއިކުރައްވަން ދެކޮޅު ހައްދަވާނަމަ ބަނދަރުގައި އޮތް މަނަވަރުގެ ބަޑިތައް މާލެއާ ދިމާއަށް އަނބުރާލަން ޖެހިދާނެއެވެ. ޖެހިލުންވެވަޑައިނުގެން އިބްރާހީމް ނާސިރު ވިދާޅުވި ކަމަށްވެއެވެ. "ތިޔަހެން ވިޔަސް މައްސަލައެއް ނެތެވެ. ބާރުވެރި ގައުމަކުން މިކަހަލަ ކުޑަކުޑަ ގައުމަކާ ތިކަހަލަ ގޮތަކަށް ދިމާކޮށްލައިފިނަމަ ދެން ކުރާނޭ ކަމެއް ނޯންނާނެތާއެވެ. އެކަމަކު 100 އަހަރު ދުވަހަށް އިނގިރޭސީންނަށް އައްޑު އަތޮޅުގެ ގަން ކުއްޔަށް ދޭގޮތަށް ތިމަން މަނިކުފާނު ތިޔަ އެގްރީމެންޓުގައި ސޮއެއް ނުކުރައްވާނަމެވެ"

އިނގިރޭސީންގެ ބަޑިތަކަކީ ދިވެހިންގެ މިނިވަންކަމުުގެ ކުރިމަތީގައި ޖެހިލުންވާނެ އެއްޗެއް ނޫންކަން އެމަނިކުފާނުގެ ބަސްފުޅުން ދޭހަވެއެވެ. ހިތްވަރުފުޅުގަދަކަމާއެކު އަމނިކުފާނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. އެ މުއްދަތު 30 އަހަރަށް ކުޑަކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ކުރައްވައި މަޝްހޫރު އެޕޯލޯ އެގްރީމެންޓުގައި ސޮއި ކުރެއްވިއެވެ. އެއީ 1960 ވަނައަހަރުގެ ފެބުރުއަރީ މަހުގެ 14ވަނަ ދުވަހުއެވެ.

1965ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސިޔާސީ މިނިވަންކަން ޤައުމަށް ހޯއްދަވައި ދެއްވުމާ ހަމައަށް އިބުރާހީމް ނާޞިރަށް ވަޑައިގެންނެވުނުއިރު، ނުރައްކާތެރި "ހުޅުގަނޑެއް" އެންމެ ދެކުނުގެ ތިން އަތޮޅުގައިވެސް ރޯވިއެވެ. ރާއްޖެއަށް ނަން މަޝްހޫރު "ދޫނި ހިފާބެ" ގެނަމުން ނަން މަޝްހޫރުވި މޭޖަރ ފިލިޕްގެ މާވަޑި ކަމުގެ ދަށުން، އިނގިރޭސީން އައްޑު އަތޮޅާއި، ހުވަދު އަތޮޅާއި، ފުވައްމުލަކުގައި ފަރުމާ ކުރަމުން ގެންދިޔަ ދިވެހި ދިދައިގެ ދަށުން އެ ތިންއަތޮޅު ވަކިކޮށްލުމުގެ ސިޔާސަތަށް ދިރުން ލިބި، ސުވައިދީބު ސަރުކާރުގެ ނަމުން މުޅިން އާ ދައުލަތެއްވެސް އިއުލާން ކުރިއެވެ.

މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު، އިނގިރޭސިން އެމީހުންގެ އެއަރބޭސް އައްޑޫގައި ގާއިމްކޮށް އެތަންވެސް ހުޅުވިއެވެ. އައްޑުއަތޮޅަށް ދިވެހި ދައުލަތުގެ ބާރު ނުފޯރުވޭވަރަށް އެތަނުގައި އިނގިރޭސިން އަތްގަދަ ކުރިއެވެ. އެހެންނަމަވެސް އިނގިރޭސި ސަރުކާރާއެކު ބޮޑުވަޒީރު ކުރައްވަމުން ގެންދެވި މަޝްވަރާތަކަކަށް ބަދަލެއް ނާދެއެވެ. މި ދުވަސްވަރަކީ އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެވެސް ދުވަސްވަރުކަމުން އޭގެ ބޭނުންވެސް ބޮޑުވަޒީރު ނާސިރު ހިއްޕެވިއެވެ.

މިހުރިހާ މަސައްކަތްޕުޅުތަކާއެކު މިނިވަންކަމުގެ އިރު ދިވެހި އުދަރެހުން އަރާފާނެ ކަމުގެ އުންމީދު އާވެގެންދިޔައީ، 1963ވަނަ އަހަރު ޑަންކަން ސޭންޑިސް ރާއްޖެ ވަޑައިގެން ބޮޑުވަޒީރާއެކު، ކުރެއްވި މަޝްވަރާތަކުންނެވެ. އައްޑުއަތޮޅުގައި ހިނގަމުން ދިޔަ ކަންތައް ހަމަޖެއްސުމާ ބެހޭ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު ޚާއްސަ ކޮމިޓީއެއް އެކުލަވާލެވުނެވެ. ހަމައެދުވަހު، އައްޑޫ ބަޣާވާތުގެ އިސް ލީޑަރު އައްޑޫ އަފީފާއި، އޭނާގެ އާއިލާއަށް އިނގިރޭސިންގެ ހިމާޔަތްދީ ސީޝެލްސްއަށް ގެންދަން ނިންމައި އެކަން ދިވެހި ސަރުކާރާ ހިއްސާ ކުރިއެވެ. ދިވެހި ސަރުކާރުން މިކަމާ ދެކޮޅު ހެދިނަމަވެސް ޖެހިގެން އައި ދުވަހު އިނގިރޭސި މަނަވަރެއްގައި އެމީހުން ސީޝެލްސްއަށް ގެންދިޔުމަށް ދަތުރުފެށިއެވެ. މިކަމާ ގުޅިގެން އިނގިރޭސީ ސަފީރު މިސްޓަރ ޑޭވީ ވުޒާރަތުއް ދާޚިލިއްޔާއަށްވެސް ހާޒިރުކުރެވުނެވެ. އޭނާއާ ސުވާލު ކުރެއްވީވެސް ބޮޑުވަޒީރު ނާސިރެވެ. ތަކުރާރުކޮށް ސުވާލުކުރެއްވުމުން ޑޭވީގެ ޖަވާބަކަށް ވެގެންދިޔައީ، ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތުގައި އޮތް ގައުމަކަށްވާތީ، ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ރައްޔިތަކަށްވެސް ހިމާޔަތް ދެވޭނެ ކަމަށެވެ.

މި ޖަވާބު އަޑު އައްސަވައި، ބޮޑުވަޒީރު ނާސިރު އިންނެވި ގޮނޑިކޮޅުން ތެދުވެވަޑައިގެން ވިދާޅުވިކަމަށްވެއެވެ. "މިހައި ތަނުން ދެން ވާހަކަ ދައްކަން ބޭނުންވަނީ ހިމާޔަތުގެ އެގްރީމެންޓް އުވާލައި، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމާބެހޭ ގޮތުން ކަމަށާއި، އެނޫން އެއްވެސް ވާހަކައެއް ދެން ނުދައްކަވާނަމެވެ"

އެތައް ދުވަހެއްގެ މިންނެތް މަސައްކަތުން ދިވެހި ސަރުކާރަށް މިނިވަންކަން ދިނުމަށް އެންމެފަހުން އިނގިރޭސިން އެއްބަސްވިއެވެ. 1964ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމަށްޓަކައި، ތައްޔާރު ކުރެވުނު އެގްރިމެންޓާ ގުޅޭގޮތުން ކޮޅުނބުގައި މަޝްވަރާތައް ފެށުނެވެ. މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ، އެދުވަސްވަރު ދިވެހި ސަރުކާރުގެ ސަފީރެއްގެ މަގާމުގައި ހުންނެވި އަބްދުއްސައްތާރު މޫސާ ދީދީއެވެ.

1965ވަނަ އަހަރުގެ ޖޫން މަހު ބޮޑުވަޒީރު އިބްރާހީމް ނާސިރު ނުރަސްމީ ދަތުރުފުޅެއްގައި ކޮޅުނބަށް ފުރާވަޑައިގެންނެވިއެވެ. އެއްވެސް ބޭފުޅަކަށް ބޮޑުވަޒީރު ކޮޅުނބަށް ވަޑައިގަންނަވާ ބޭނުންފުޅެއް އެނގިވަޑައިގެންފައި ނެތެވެ. ދިވެހި ސަފީރު އައްދުއްސައްތާރު މޫސާދީދީއަށްވެސް އެދަތުރުފުޅުގައި ނާސިރު ވަޑައިގަތީ ކޮން ބޭނުންފުޅެއްގައިކަން އެނގިވަޑައިގެންފައި ނުވެއެވެ. އެދަތުރުފުޅުގައި ދިވެހިން އެތައް ދުވަހެއްވަންދެން ކުރަމުން ދިޔަ އުންމީދުގައި ކުލަ ޖެހިގެން ދިޔައެވެ. 1965ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހަކީ ދިވެހިން ފުރިހަމަ މިނިވަންކަމުގެ ނޭވާލި ދުވަހެވެ.

މިނިވަންކަމުގެ އެގްރިމެންޓުގައި ދިވެހި ސަރުކާރުގެ ފާރާތުން ސޮއި ކުރެއްވީ، ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިންގެ ފަރާތުން ސޮއި ކުރެއްވީ، ސިލޯނުގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.

ސުމުއްވުލްއަމީރު އިބުރާހީމް ނާޞިރު 1957 ވަނަ އަހަރު ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންއިރު ޙިމާޔަތުގެ އެއްބަސްވުމުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެ ދެކުނަށް އޮންނަ އައްޑުއަތޮޅުގެ ގަމާއި ހިތަދޫން 110 އޭކަރުގެ ބިންވަނީ 100 އަހަރު ދުވަހަށް ކުއްޔަށް އިނގިރޭސީންނަށް ދީފައެވެ. އެހެން ކަމުން، ޤައުމުގެ ވެލިކައިވަތެއް ވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްލައްވަން ފެނިވަޑައި ނުގަންނަވާކަމަށް ފިސާރި ހިތްވަރުފުޅާއެކު ވިދާޅުވެ، ޢަމަލާއި ބަހުން އަންގަވައި ދެއްވި ހަމައެކަނި ދިވެހި ބަޠަލަކީ އިބުރާހީމް ނާޞިރެވެ.

މިއަދު މިނިވަން ދުވަސް ފާހަގަކުރާއިރު، ޤައުމީ ބަތަލް، ސުމުއްވުލްއަމީރު އިބުރާހީމް ނާޞިރު އެ ކޮށްދެއްވި އަގުހުރި ޚިދުމަތް ތަކުގެ މަތިން ހަނދާން ކުރަނީ ޝުކުރުވެރިކަމާ އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް