ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 20:49
ހައްޖު 1953 - ރާއްޖެ އިސްލާމްވީއްސުރެ ވަރަށް ފަހަކާ ހަމައަށް ދޭތެރެ ދޭތެރެއިން ދިވެހިން އެހީ ފޮނުވާފައިވޭ
ހައްޖު 1953 - ރާއްޖެ އިސްލާމްވީއްސުރެ ވަރަށް ފަހަކާ ހަމައަށް ދޭތެރެ ދޭތެރެއިން ދިވެހިން އެހީ ފޮނުވާފައިވޭ
ނެޝަނަލް ޖޯގްރަފިކް
ހައްޖު 1442 - ހައްޖާއި ދިވެހިން
ތާރީޚުގެ ތެރެއިން ދިވެހިންގެ ހައްޖު ދަތުރު
 
ރާއްޖެ އިސްލާމްވުމާއެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ދަތުރު ދިވެހިން ވަނީ ފަށާފައި

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ނޫރު ފެތުރިގެންދިޔައީ މީގެ 868 އަހަރު ކުރިން މީލާދީން 1153 ވަނަ އަހަރުއެވެ. އެހިސާބުން ފެށިގެން ދިވެހިންގެ ހައްޖު ދަތުރު ފެށިއްޖެއެވެ. ހައްޖަކީ ކެރިކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ފަރުޟު ކުރައްވާފައި އޮންނަ މަތިވެރި އަޅުކަމެކެވެ. މާތްވެގެންވާ މައްކާ އާއި އެ މައްކާގެ ކައިރީގައިވާ އަރަފާތާއި މިނާއާއި މުޒްދަލިފާއަށް ޒިޔާރަތްކޮށްގެން އަދާކުރެވޭ އަޅުކަމެކެވެ. މި އަޅުކަމަކީ މިއަދު ފަސޭހަވެފައިވިޔަސް ކުރީ ޒަމާނުގައި ވަރަށް އުނދަގޫ އަދި ބިރުވެރި ދަތުރުތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. އެހެންކަމުން ކުރީޒަމާނުގައި ކާބަފައިން އެދަތުރުގައި ރަށުން ނުކުންނަނީ އެނބުރި ވަޒަނަށް އާދެވޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތިއެވެ.

ދިވެހިންގެ ހައްޖު ދަތުރުތައް ފެށުމާއެކު ހަރަމްފުޅުގެ ޒީނަތްތެރިކަމަށް ދިވެހީންގެ ފަރާތުން އެހީތެރިވުމުގެ ކަންތައްވެސް އޮތީ ފެށިފައެވެ. މިދެންނެވި އެހީއަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ރާއްޖެ އިސްލާމްވީއްސުރެ ވަރަށް ފަހަކާ ހަމައަށް ދޭތެރެ ދޭތެރެއިން ދިވެހިން މައްކާއަށް މާވަހަރު ފޮނުވައި ހަރަމްފުޅުގައި މާވަހަރުން ދުންއެޅުމާއި އެނޫންވެސް ކަންކަން ކުރުން އޮންނަ ކަމަށް ބުނެވެއެވެ. ދިވެހި ރަސްކަލަކު ހައްޖަށް ވަޑައިގަންނަވަނީވިއްޔާ ގިނަ އަދަދެއްގެ މާވަހަރު ގެންދަވައެވެ. އެތަކެތި ހަރަމްފުޅުގެ ޚާދިމަށް ހަދިޔާކުރައްވައި ދުންއެޅުމާއި ޚަރަދު ބަރަދު ހަމަޖެއްސުމަށް ޝަރުތު ކުރައްވައެވެ. ދިވެހި ތާރީޚުން މިކަމަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް އެޅެއެވެ.

ދިވެހި ތާރީޚަށް ނަޒަރު ހިންގައިލާއިރު ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވުމަށް ދިވެހިރާއްޖެއިން ފުރާވަޑައިގެންނެވި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރާއްޖެ އިސްލާމްވީއިރު ރަސްކަމުގައި ހުންނެވި ތީމުގޭ މަހާ ކަލަމިންޖާއެވެ. އިސްލާމްވެވަޑައިގަތުމަށްފަހު އެއީ ސުލްތާން މުހައްމަދު ބިން އަބްދު ﷲ އެވެ. ތުންތުންމަތިން ކިޔެމުން އަންނަ ގޮތުން އަދި ތާރީޚުގައި ލިޔެވިފައި އޮންނަ ގޮތުން މީލާދީން 1165 ވަނަ އަހަރު ހުކުރުދުވަހެއްގައި ހުކުރު ނަމާދަށްފަހު އެރަދުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ހިޖާޒުކަރަޔަށް ވަޑައިގަތުމަށް މާލޭގެ ބަނަދަރުގައި އޮތް ބޭރުގެ ނަވަކަށް އަރައިވަޑައިގަތީއެވެ. ދެން އެ ނައު ދަތުރުކޮށްފައިގޮސް ލޮލަށް ގެއްލިއްޖެއެވެ. އޭގެފަހުން އެ ރަދުންގެވެސް އަދި ނަވުގެ ޚަބަރެއްވެސް ނުވެއެވެ. އެރަދުންގެ ރަސްކަމުގެ ނިމުން ގުޅިފައިއޮތީ އެ ހައްޖުދަތުރުފުޅާއެވެ.

މިރާއްޖޭގެ މިނިވަންކަން ފޭރިގެން މިގައުމުގައި ޕޯޗުގީޒުން ކުރި އަނިޔާވެރި އިސްތިއުމާރީ ވެރިކަން މީލާދީން 1573 ގައި ނިމުމަކަށް ގެންނެވުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ތާރީޚީ ޖިހާދުގައިވެސް ދެ ހާޖީއަކު އަދާކުރި ދައުރުގެ ވާހަކަ ތާރީޚުގައި ބަޔާންވެގެންވެއެވެ. އެއީ އަލީ ހާޖީއާއި ހަސަން ހާޖީއެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ހިޖާޒުކަރަޔަށް ފުރާވަޑައިގެންފައި އެއަޅުކަން ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ޕޯޗުގީޒުންގެ ޚަބަރު ލިބިވަޑައިގެންނެވީމާ ދެން މަލާބާރު ކަރައިގައި މަޑުކުރައްވައިގެން ތިއްބެވީއެވެ. އެހެން ތިއްބަވާފައި އުތީމު ތިންބެއިންގެ ގައުމީ ޖިހާދު ފެށުނީމާ އެޖިހާދުގައި ބައިވެރިވެވަޑައިގަތުމަށް އަލުން ރާއްޖެ ވަޑައިގެންނެވީއެވެ. ކޮންމެއަކަސް އަލީ އާއި ހަސަން ފެއްޓެވި ހައްޖު ދަތުރުގެ ނިމުމަކަށް އައީ މިނިވަންކަމުގެ ޖިހާދަކާއި މަތިވެރިވެގެންވާ ނަސްރަކުންނެވެ.

ދިވެހިރާއްޖޭގައި ހުންނަ އިސްލާމީ އެންމެ ބޮޑު އާސާރަކީ މާލޭގެ ހުކުރު މިސްކިތުގެ މުންނާރެވެ. އެ މުންނާރަކީ ސުލްތާން އިބްރާހިމް އިސްކަންދަރު އެއްވަނަ ބިނާކުރެއްވި މުންނާރެކެވެ. އެރަދުންގެ ދައުރުގައި މާލޭގެ ހުކުރުމިސްކިތް އައުކޮށް ބޮޑުކުރެއްވުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން މުންނާރެއްވެސް ބިނާ ކުރެއްވީއެވެ. މިދެންނެވި އިސްކަންދަރު ރަސްގެފާނު މީލާދީން 1648ން 1687ށް ކުރެއްވި ދިގު ރަސްކަމުގައި އެރަދުން ދެފަހަރަކު ހައްޖަށް ވަޑައިގެންނެވިކަމަށް ބުނެވެއެވެ. ހުކުރު މިސްކިތުގެ މުންނާރަކީ ހައްޖު ދަތުރުފުޅެއްގައި ހިޖާޒުކަރައިން އެރަދުން ދެކެވަޑައިގެންނެވި ބައެއް އާސާރުތަކުގެ ނަމޫނާ ސިކުނޑިފުޅުގައި ކުރައްސަވައިގެން ހަމައެގޮތަށް މާލޭގައި ހެއްދެވި ނަކަލެކެވެ. އެރަދުންގެ ފަރުމާ ރާއްޖޭގެ މަޝްހޫރު ވަޑީންނަށް ވިދާޅުވެދެއްވައިގެން މަސައްކަތް ހިނގާއިރު ކައިރީގައި ހުންނަވައިގެން ގާއިމުކުރެއްވި ބިނާއެކެވެ. އެހެންވީމާ މާލޭގައި އެހެރަ މުންނާރަކީވެސް ދިވެހީންގެ ހައްޖު ދަތުރުން ފައިދާވެފައިވާ ތާރީޚީ ބިނާއެކެވެ.

ސުލްތާން މުހައްމަދު ގިޔާސުއްދީނުގެ ރަސްކަން މީލާދީން 1774 ގައި ނިމި އެރަދުން ޝަހީދުކޮށް ދިޔަމިގިލީ ޚާންދާނުގެ ރަސްކަންވެސް ނިމުމަކަށް އައިސް ހުރަވީ ޚާންދާނުގެ ރަސްކަމުގެ ފެށުން ހައްޖު ދަތުރަކާ ގުޅުވިދާނެއެވެ. އެޒަމާނަކީ ރަސްރަސްކަލުން ފުރަމާނަ ދަތުރުފުޅުތަކުގައި އެކި ގައުމުތަކަށް ވަޑައިގަންނަވާ ޒަމާނެއް ނޫނެވެ. ގައުމުން ބޭރަށް ވަޑައިގަންނަވާ ހަމައެކަނި ކަމަކަށް އޮންނަނީ ހައްޖެވެ. އެހެންވީމާ ރަސްކަލެއްގެ ރަސްކަން ނިންމައިލުމަށް ބަގާވާތެއް ކުރަން ރާވާ މީހުންވެސް އެކަމަށް އިޚުތިޔާރު ކުރަނީ ރަސްގެފާނު ހައްޖަށް ފުރާވަޑައިގަންނަ ދަނޑިވަޅެވެ. މިގޮތުން ގިޔާސުއްދީނު ރަދުން ހައްޖަށް ފުރާވަޑައިގެންނެވީމާ ހުރާގޭ މުހައްމަދު މަނިކުފާނު އިސްކޮށް ހުންނަވައި ބަގާވާތެއް ކުރައްވައި ތަޚުތު މިލްކު ކުރައްވައިފިއެވެ. ގިޔާސުއްދީނު ހައްޖު ދަތުރުފުޅުން އެނބުރި ވަޑައިގެން މާލެއަތޮޅު ގުރައިދޫ ބޭރުގައި ބަނދަރު ކުރެއްވީމާ އެރަދުން މާލެއަށް ބޭލުމުގެ ނަމުގައި ދޯންނަކަށް ލައިގެން ގެންގޮސް ވާދޫކަނޑަށް ފައްތައި ޝަހީދުކޮށްލީއެވެ. މިދެންނެވި ރަދުން ތާރީޚުގައި މަޝްހޫރުވެގެންވަނީ ޝަހީދުކުޅަ ބަންޑާރައިންގެ ނަމުންނެވެ. ހާޖީ ބަންޑާރައިންނޭވެސް ލިޔެވިފައި އޮވެއެވެ.

ހުރަވީ ޚާންދާނުގެ ތިންވަނަ ރަސްގެފާނު ސުލްތާން ހަސަން ނޫރައްދީނު އެއްވަނައިގެ ރަސްކަންވެސް މީލާދީން 1799 ވަނަ އަހަރު ނިމުމަކަށް އައީ ހައްޖުދަތުރުފުޅެއްގެ ތެރެއިންނެވެ. މި ރަދުންނަކީ މަޝްހޫރު ދޮންބަންޑާރައިންގެ ދެވަނަ ދަރިކަލުންނެވެ. ނޫރައްދީނު ބަންޑާރައިން ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް ކޮންމެވެސް އާލާސްކަންފުޅެއްގައި އަވަހާރަވީއެވެ. އެރަދުން ހިޖާޒުކަރައިގައި ހުންނެވި ހުންނެވުމުގައި މައްކާގެ އިމާމާއި ދެމެދު ކޮންމެވެސް ދެބަސްވެރިވުމެއް ހިނގިކަމަށްވެސް ތާރީޚުގައި ބަޔާންވެގެންވެއެވެ. މި ހާދިސާއަކީ އެރަދުންގެ ގާފިލާގައި ހިމެނުނު ބައެއް މުދާތައް އަމިއްލަ ކުރެއްވުމަށް މައްކާގެ އިމާމު މަސައްކަތް ކުރެއްވުމުން ހިނގައިދިޔަ ދެބަސްވެރިވުމެކޭ ބުނެވެއެވެ.

ދިވެހި ތާރީޚުގައި ކޮންމެވެސް ރަސްކަލަކު ހާޖީ އިމާދުއްދީނުގެ ނަންފުޅުންވެސް މަޝްހޫރުވެފައިވެއެވެ. އެެއީ މީލާދީން 1893ން 1902ށް ރަސްކަން ކުރެއްވި ސުލްތާން މުހައްމަދު އިމާދުއްދީނު ފަސްވަނައެވެ. އެރަދުން ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރައްވައިގެން ހުންނެވީމާ ހާޖީ އިމާދުއްދީނޭ ކިޔަނީއެވެ. ކޮންމެއަކަސް އެއީ ވަރަށް އިލްމުވެރި ހިކުމަތްތެރި އަދުލުވެރި ރަސްކަލެކެވެ. ގިނަދުވަސްތަކަކަށް ރަސްކަން ދެމިގެންދާގޮތެއް ނުވިއެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ސުވޭހު ކައިވެނިފުޅަށް މިސްރަށް ފުރާވަޑައިގެންނެވި ތަނުން ރަސްކަން އިންގިލާބުކޮށް އެރަދުންނާ ދެބެއިންގެދެދަރި ސުލަތާނު މުހައްމަދު ޝަމްސުއްދީނު ތިންވަނަ ރަސްކަމަށް އިސްވެވަޑައިގެންފިއެވެ. މިދެންނެވި ހާޖީ އިމާދުއްދީނު އަވަހާރަވީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ.

ވަރަށް ފަހަކާ ހަމަޔަށްވެސް ދިވެހީންގެ ތެރެއިން ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައި ތިބޭ މީހުންގެ ނަމުގެ ކުރިއަށް އަލްހާއްޖު ނުވަތަ ހާޖީ، މިބަސް ގެނެއެވެ. މީގެ މިސާލަކީ ހުވަދުއަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ހާޖީ މުހައްމަދު ކަލޭގެފާނާއި އަލްހާއްޖު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ހާޖީ އަބްދުއްރަހުމާނާއި ހާޖީ ސައީދެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަކީ ކުރީޒަމާނުގައި މާގިނަ ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ. މާގިނަބަޔަކަށް ކެރިކުޅަދާނަކަން ލިބިގެންވާ ކަމެއްވެސް ނޫނެވެ. ކެރިކުޅަދާނަކަން ލިބިގެންވާ ދިވެހިން ހައްޖަށް ދިއުމަކީ ވެރިކަމުގެ ފަރާތުން ނުހިފަހައްޓާ ކަމެއްގެ ގޮތުގައި ކަނޑައެޅުނީވެސް ދިވެހިރާއްޖޭގައި 1932 ވަނަ އަހަރު ފާސްކުރެވުނު ފުރަތަމަ ގާނޫނުއަސާސީންނެވެ. އެހާތަނަށް އެކަން އޮތީ ވެރިން ރުއްސަވާ މީހަކަށް އެ ހުއްދަ ލިބިފައި ނުރުއްސަވާ މީހަކަށް ނުލިބޭ ގޮތަކަށެވެ. މިޒަމާނުގައި ދިވެހިރާއްޖެއިން ކޮންމެ އަހަރަކުވެސް ހައްޖަށްދާ މީހުންގެ އަދަދު ހާހުންހާހުން މަތިވެ ގިނަ މީހުންނަކީ ހާޖީންނެވެ. އެނޫން މީހުން މަދެވެ. އެހެންވީމާ 1970 ގެ އަހަރުތަކުން ފެށިގެން ނަމުގެ ކުރިއަށް އަލްހާއްޖު ނުވަތަ ހާޖީ އިތުރުކޮށްގެން ކިޔުމުގެ އާދައައީ އުވެމުން ފަނޑުވަމުންނެވެ. މިހާރު އަމްދުން އެއާދައެއް ނޯވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
12%
6%
6%
12%
65%
ކޮމެންޓް
19 ޖުލައި 2021 | ހޯމަ 11:18
Mohamed Ahmed
މިކަހަލަ ކޮންމެ ލިޔުމަކުން ދިވެހިން ވެރިކަމަށް ފެންބޮވައިގެންފައި ތިބޭ މިންވަރު ފެނި، ދިވެއްސަކަށްވީތީ ލަދުވެތިވަން !