މުހިންމު ކޮންފަރެންސްތަކާއި ބައްދަލުވުން ތަކުގައި އިންނަވާއިރު، ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަފުޅު ލެއްޕެވޭ ތަން ފެނުމަކީ އާއްމު ކަމެކެވެ. މިކަމާބެހޭ ގޮތުން މުގާބޭގެ ތަރުޖަމާނު ވިދާޅުވަނީ، ރައީސް މުގާބޭ ބައްދަލުވުން ތަކުގައި އަވަހާރަފުޅު ލައްޕަވަނީ ނޫން ކަމަށާއި، އެކަމަކީ، ގަދަ އަލި އެމަނިކުފާނުގެ ލޯފުޅަށް އެޅުމުން އުނދަގޫފުޅުވާތީ، ލޯފުޅު ރައްކާތެރި ކުރައްވަނީ ކަމަށެވެ.
ރައީސް މުގާބޭއަކީ އެންމެ ދިގު މުއްދަތަކަށް ވެރިކަމުގައި މިހާރު ދުނިޔޭގައި ހުންނެވި ރައީސެވެ. އެމަނިކުފާނުގެ އުމުރުފުޅަކީ 93 އަހަރެވެ.
ހިނގަމުން މިދާ މޭމަހުގެ ކުރީކޮޅު ދެކުނު އެފްރިކާގައި ބޭއްވި ވާރލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެރިވެ ވަޑައިގެން ކޮންފަރެންސްގައި އިންނެވި އިރު މުގާބޭ އަވަހާރަފުޅު ލެއްޕެވޭތަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަ ވެގެން ދިޔައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވަނީ އެގޮތައް ފެނުނަސް އެމަނިކުފާނު އަވަހާރަފުޅު ލައްޕަވަނީ ނޫންކަމަށެވެ.
"ރައީސް ކޮންފަރެންސްތަކުގައި އަވަހާރަފުޅު ލައްޕަވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް، ހަގީގަތުގައި ވާ ގޮތަކީ އެމަނިކުފާނުގެ ލޯފުޅު ގަދަ އަލިން ރައްކާތެރި ކުރައްވަނީ" ޒިމްބާބްވޭގެ ރައީސްގެ ތަރުޖަމާނު ޖޯޖް ޗަމްބާރާ ޒިމްބާބުވޭގެ ދައުލަތުން ހިންގާ ނޫހެއް ކަމުގައިވާ ހެރަލްޑްއަށް މިކަމާބެހޭ ގޮތން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
"އުމުރުން 93 އަހަރުގައި ލޮލަށް ކުރިމަތިވާ މައްސަލަތައް ހުންނާނެ. ރައީސަށް ވަރަށް އުނދަގޫފުޅުވޭ ގަދަ އަލި ލޯފުޅަށް އެޅޭ ގޮތްވީމާ، ބަލާ އެމަނިކުފާނުގެ ހަރަކާތައް، އިސްދަށަށް ޖައްސަވަނީ، އެއީ ސީދާ ގަދަ އަލި ލޯފުޅަށް އެޅުނަ ނުދޭން ހައްދަވާ ގޮތެއް"
ތަރުޖަމާނު ޗަމްބާރާ މިކަން އިތުރަށް ސާބިތު ކޮށްދެއްވުމަށް ބޭނުން ކުރެއްވީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ މިސާލެވެ.
"ބަލާ ރައީސް މަންޑޭލާގެ ވެރިކަމުގައި ކެމެރާގެ ފްލޭޝްވެސް އެމަނިކުފާނާ ދިމާވާ ގޮތައް ބޭނުން ކުރުން އޮތީ މަނާ ކޮށްފައި. އެއީ އުމުރުން 93 އަހަރާ ހަމައަށްދާއިރު ކަންކަން މި ވާ ގޮތަކީ، ހިޔެއް ނުވޭ މަންޑޭލާވެސް މުގާބޭހާ ދިގު އުމުރުފުޅެއްގައި ހުންނެވި ހެންނެއް" އުމުރުފުޅުން 95 އަހަރުގައި 2013 ވަނަ އަހަރު އަވަހާރަވި ނެލްސަން މަންޑޭލާއަށް އިޝާރާތް ކުރައްވާ ޗަމްބާރާ ވިދާޅުވިއެވެ.
މުގާބޭގެ ތަރުޖަމާނު މަންޑޭލާގެ މިސާލުން މުގާބޭ އަވަހާރަފުޅު ލައްޕަވަނީ ނޫންކަން ސާބިތު ކޮށްދެއްވަން މަސައްކަތް ކުރެއްވި އިރު، ދެކުނު އެފްރިކާގެ ރޮބެން އައިލެންޑްގައި 27 އަހަރުގެ ދިގު މައްދަތަކަށް ޖަލުގައި ހޭދަކުރެއްވި ދުވަސް ތަކުގައި މަންޑޭލާގެ ލޯފުޅަށް ދާއިމީ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ. އެމަނިކުފާނު ހުންނެވީ ބުރަ މަސައްތާއެކު ޖަލު ހުކުމެއްގައި ކަމުން ކޮންމެ ދުވަހަކު ލައިމްސްޓޯން ކުއަރީއެއްގައި މަސައްކަތް ކުރެއްވުމުގެ ތެރޭގައި ހުދު ހިލައަށް އެޅޭ ގަދަ އަލީގެ ދަޅައިގެ ސަބަބުން އެމަނިކުފާނުގެ ލޯފުޅުގެ ފެނުމަށް ގެއްލުން ލިބިގެން ދިޔައެވެ. އެހެން ކަމުން އެމަނިކުފާނުގެ ހަޔާތްޕުޅުގެ ފަހު ދުވަސް ކޮޅު އެމަނިކުފާނުގެ ފޮޓޯ ނަގާއިރު ފްލޭޝް ޖައްސައިގެން ފޮޓޯ ނެގުން އޮތީ މަނާ ކޮށްފައެވެ.
ރައީސް މުގާބޭ، ކޮންފަރެންސްތަކާއި އާއްމު ބައްދަލުވުން ތަކުގައި އިންނަވާއިރު އަވަހާރަފުޅު ލެއްޕެވޭ ވާހަކަ ދެކެވެމުންދާއިރު، އެމަނިކުފާނުގެ ސިއްހަތާ ބެހޭ ގޮތުންވެސް އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މުގާބޭ ހުންނެވީ ގައުމު ހިންގެވުމަށް އެކަށީގެންވާ ސިއްހަތެއްގައެއް ނޫން ކަމަށެވެ.
ހުސްވި ހަފްތާގެ ހޯމަ ދުވަހު، މުގާބޭވަނީ މެޑިކަލް ޗެކަޕް ހެއްދެވުމަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އާއްމު ގޮތެއްގައިވެސް ސިއްހީ ކަންކަމުގައި ދިގު ރާސްތާއެއް ކަޑައްތު ކުރައްވަން ޖެހިވަޑައިގަތަސް މުގާބޭ ވަޑައިގަންނަވާ ގައުމަކީ ސިންގަޕޫރުކަން ފާހަގަ ކުރެވެއެވެ.
މިކަމާބެހޭ ގޮތުން މުގާބޭގެ ތަރުޖަމާނު ވިދާޅުވީ، ރައީސްގެ ސިއްހީ ކަންކަން ބަލަހައްޓަނީ ޒިމްބާބުވޭގެ ޑޮކްޓަރެއް ކަމަށާއި، ސިންގަޕޫރަށް ވަޑައިގަންނަވަނީ ހަމައެކަނި ލޮލުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކެވުމަށް ޒިމްބާބުވޭގެ ލޮލުގެ ޑޮކްޓަރުން ލަފާ އަރުވާ ހާލަތުގައި އެކަނި ކަމަށެވެ.
މުގާބޭ މިހާރު ގެންދަވަނީ 2018 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އޭނާގެ ޕާޓީ، ޒާނޫ-ޕީއެފްގެ ލީޑަރުގެ ހައިސިއްޔަތުން ވާދަ ކުރެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.