ވާހަކަ
ސިލްސިލާ ވާހަކަ
28 އޭޕްރިލް 2019 | އާދީއްތަ 07:25
23 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

އަހަރެން ހިތްފުރެންދެން ރޯލުމަށް ޒުއްބަ ފުރުސަތު ދިނެވެ. އަހަރެން މައިތިރިވުމުން ވީ ކިހިނެއްތޯ އޭނާ ސުވާލުކުރިއެވެ. އެ ތަނަށް އައިއިރު ވެސް އޭނާ އަށް ކޮންމެވެސް ވާހަކަތަކެއް އެނގޭ ކަހަލައެވެ. އޭނާގެ ސުވާލުތަކުން އެކަން ފާހަގަކުރެވުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނޭނގޭ މީހެއް ފަދައިން އޭނާ ސުވާލުތައް ކުރަމުން ގެންދިޔައެވެ.
ފުރަތަމަ ދުވަހުން ފެށިގެން ކަންވީ ގޮތާއި އާތިފަށް ވީ ގޮތާއި އަހަރެން ޖަލަށް ދާންޖެހުނު ގޮތާއި ހޮސްޕިޓަލަށް ގެނައީ ކީއްވެގެންކަން އޭނާ އަށް އަހަރެން ކިޔައިދިނީމެވެ. ކިރިޔާ ވެސް ސިއްރުކުރީ ހަމައެކަނި އާތިފާއި އަހަންނާ ދެމެދު ހިނގައި ދިޔަ ޖިންސީ އަމަލުތަކެވެ. އެ ވާހަކަތައް ދެއްކުމަކީ އެހާ ފަސޭހަކަމަށް ނުވާތީ އާއި އަދި އެ މާހައުލުގެ ގޮތުން އެފަދަ ވާހަކަތަކެއް ދެއްކުން ރަނގަޅު ނޫން ކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ. އަދި އެފަދަ ގުޅުމެއްގެ ތަފްސީލްތައް ތިން ވަނަ މީހަކަށް ހިއްސާކުރުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. އަހަންނާއި އާތިފްގެ ގުޅުން ޒުއްބައަށް އަހަރެން ސިފަކޮށްދިނީ ލޯބީގެ ގުޅުމެއްގެ ގޮތުގައެވެ. ދެ މީހުން ރައްޓެހިވެގެން އުޅުނީ ކަމަށް ބުނީމެވެ. ފަރުދާގެ ފުރަގަހުގައި އަހަރެމެން ދެ މީހުންގެ ޖިސްމާނީ ގުޅުންތަކުގެ ތަފްސީލެއް އަހަންނެއް ކިޔައެއް ނުދެމެވެ.

އަހަރެންގެ ވާހަކަތައް އަޑުއަހާފައި ޒުއްބަ އަހަންނަށް ހިތްވަރު ދިނެވެ. އަދި ކޮންމެވެސް ވާހަކައެއް ފަށަން އުޅުނެވެ. އެތައް ފަހަރަކު އޭނާ އެ ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ކުރިއަށް ނުގެންދެވިގެން ނުވަތަ ބުނަން ބޭނުން ނުވެގެން ވާހަކަ އޮޅުވާލަނީއެވެ.

" އަހަރެން ހޮސްޕިޓަލްގައި އޮތް ވާހަކަ ކާކު ބުނީ؟" އެންމެ ފަހުން ޒުއްބަ ކޮނެލަން އަހަރެން ބޭނުންވިއެވެ.

"އާތިފް..." ޒުއްބަގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

"އާތިފްތަ ބުނީ؟ އޭނާ ކައިރި އަށް ވެސް ދިޔައިންތަ؟ އޭނާ ކިހިނެއް؟" އާތިފްގެ ނަން އިވުމާ އެކު އަހަރެންގެ ހިތް އަވަސްވިއެވެ. އަދި އޭނާގެ ހާލު އޮޅުން ފިލުވަން ބޭނުންވިއެވެ.

"ރީމާ! އާތިފެއް ނެތް. މިއަދު ހެނދުނު އޭނާ ނިޔާވެއްޖެ،" ޒުއްބަ އިސްޖަހާލިއެވެ.

އެ ވާހަކަ އިވުމާ އެކު އަހަންނަށް ހީވީ ބޯމަތީގައި އެނބުރި އެނބުރި ހުރި ފަންކާ އުފުރިގެން އައިސް އަހަރެންގެ ބޮލުގައި ޖެހުނު ހެންނެވެ. އަދި އެއީ ދޮގެކޭ ބުނެ އަހަރެން ބޯ ހުރާލީމެވެ.

"ރީމާ މިތާ އޮތްކަން އެނގުނީ އޭނާގެ މޫނު ބަލަން ދިޔުމުން. ޚަބަރު އަޑު އިވިގެން އަހަރެން ވެސް ސަހަރާ އަށް ދިޔައީ. އެ ތަނުން އިވުނު ވާހަކަތަކަކުން ސިފައިންގެ އަށް ގޮސް މައުލޫމާތު އޮޅުން ފިލުވީމާ އެނގުނީ ރީމާ މިތާ އޮތްކަން،" ޒުއްބަ ތަފްސީލް ކޮށްދިނެވެ.

އަހަރެންގެ ބަޑި އަނެއްކާ ވެސް ފަޅައިގެން ދިޔައެވެ. ކައިރީގައި އޮތް ބާލިސް ނަގާ މޫނުގައި އަޅާ އަޑުންއަޑު ނަގާ ރޯން ފެށީމެވެ.

ނޫނެކެވެ. އެއީ ދޮގެކޭ ބުނާށެވެ. އާތިފް މަރެއް ނުވާނެއެވެ. އޭނާ އަހަރެން ދޫކޮށްފައި ނުދާނެއެވެ. އަހަރެން ހިތާ ހިތުން އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތްކުރީމެވެ. އެތައް އިރަކު އެ ގޮތުގައި އަހަރެން އޮތީމެވެ. އާތިފްގެ މަރުގެ ޚަބަރާ އެކު އަހަރެން ވެސް ބަލިކަށިވިއެވެ. އެތައް އިރަކު ބާލީހުން މޫނު ފޮރުވައިގެން އޮވެ އަހަރެން ރުއީމެވެ. އާތިފް އަހަންނަށް އަނިޔާ ކުރި ނަމަވެސް އެއީ އަހަރެންގެ ފުރަތަމަ ލޯބި ވެރިޔާއެވެ. ލޯތްބަކީ ކޮން އެއްޗެއްކަން އަހަންނަށް ދަސްކޮށްދިނީ އޭނާއެވެ. ފިރިހެނެއްގެ ފަރާތުން ލިބޭ އަރާމާއި އުފަލުގެ ބޮޑުކަން އަހަންނަށް އިހްސާސްކޮށްދިނީ އޭނާއެވެ.

އެ އުފަލަށް އަހަރެން އަޅުވެތިކޮށް ދެވިހިފުވީ އާތިފެވެ. ނަމަވެސް މިއަދު އޭނާއެއް ނެތެވެ. އެންމެ ކުޑަމިނުން އޭނާގެ ފުރާނަ ނެތް މަސްގަނޑު ވެސް އަހަންނަށް ނުފެނުނީއެވެ. މޫނު ވެސް ނުފެނި ވަޅުލީއެވެ. އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އާތިފްގެ އަނިޔާތަކަށް ކެތް ނުވެގެން އޭނާ ދޫކޮށްލަން އަހަރެން ނިންމި ނަމަވެސް އަހަރެން އޭނާ ދެކެ ލޯބިވެއެވެ. އޭނާ އަށް ދެރައެއް ދޭން އަހަރެން ބޭނުމެއް ނުވެއެވެ. އޭނާ ދޫކޮށް އެގެއިން ނުކުންނަން އަހަރެން ވިސްނީ އެ ނޫން ގޮތެއް ނެތިގެންނެވެ. އަދި އެއީ ދެ މީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިގެންނެވެ. ނަމަވެސް އެ ދުވަސް އައުމުގެ ކުރިން މިވީ ކިހިނެއް ހެއްޔެވެ؟

އާތިފް ނިޔާވި ވާހަކަ އިވުމުން އަހަރެން އެތައް އިރަކު ރޯން އޮތީމެވެ. އަހަރެން މަސަލަސްކުރެވޭތޯ ޒުއްބަ އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. ނަމަވެސް މާގިނަ ވާހަކަތަކެއް އޭނާ ވެސް ނުދައްކައެވެ. ހޮސްޕިޓަލަށް މީހުން ޒިޔާރަތްކުރުމަށް އޮންނަ ވަގުތު ހަމަވަންދެން ޒުއްބަ އަހަރެން ކައިރީގައި އިނެވެ. އަދި ސިފައިންގެ މީހާ ވެސް އަހަރެމެންނަށް އެ ފުރުސަތު ދިނެވެ. މާދަމާ ވެސް އަންނާނެ ކަމަށް ބުނުމަށް ފަހު ޒުއްބަ ދިޔައީ އަހަންނަށް ވަރަށް ހިތްވަރު ދީފައެވެ.

 

*****

އަހަންނަށް ހޭލެވުނީ ފައިގަ އެއްޗެއް ބީހޭހެން ހިވެގެންނެވެ. ނިދި ގަދަވެފައި ހުރި ވަރުން އެއީ ކޮން އެއްޗެއްތޯ ނުބަލައި އަތުން ފޮޅާލީމެވެ. ރަނގަޅަށް ލޯ ވެސް ނުހުޅުވަމެވެ. ދެބަނިދީގައި އޮއްވައި އަނެއްކާ ވެސް ފައިގެ ފަލަމަސްގަނޑުގައި ހިރުވާލި އެވެ. މަދިރިއެއް ކަމަށް ހީކޮށް ވަރަށް ބާރަށް ޖެހީމެވެ. އަރިއަކަށް ޖެހިލުމަށް ފަހު ފައިކުރުކޮށްލައި އެނދުގައި އަނެއްކާ ވެސް ހަމަޖެހިލީމެވެ. މިފަހަރު ވެސް ލޮލެއް ނުހުޅުވަމެވެ. ނިދޭހާ އިރުވެސް ނުވެއެވެ. މި ފަހަރު ހަރުވާޅަށް ދާމަހެއް ހީވިއެވެ. ލޯ ހުޅުވަން މަޖުބޫރުވީ ދެނެވެ. ސަހަރޯއެވެ! ނޭވާލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ކައިރީގައި ގުދަށް އޮތް މީހާ އަހަރެންގެ ހަށިގަނޑު މައްޗަށް ވެރިވެގެންފިއެވެ. އަނގައިން އެއްޗެއް ބުނަންވާ އިރަށް ތުންފަތުގައި ދަތް އަޅައި ބާރުކޮށްލައިފިއެވެ. އަހަރެން ސަލާމަތަށް އޮވެ ތެޅިގަތީމެވެ.

ސާރާ ބާރަށް ރޮއިގަތް އަޑާ އެކު އަހަރެން ފުއްމައިގެން ތެދުވީމެވެ. ކައިރީގައި އޮތް ދެ އަހަރުގެ ދަރިފުޅު އަހަރެން ގައިދަށުވެގެން ރޮނީ އެވެ. ހޭލެވުނު އިރު ހުރީ ދާހިތްލާ ފޯވެފަ އެވެ. އަވަސް އަވަހަށް ސާރާ ނަގާ ކޮނޑުމަތީގައި ބޭއްވީމެވެ. ކައިރީގައި އޮތް ބުއްފުޅި ނަގައި އޭނާގެ ތުނބުގައި ޖައްސާލީމެވެ. އަދި އަހަރެންގެ ތުންފަތުގައި ފިރުމާލީމެވެ. މީހަކު ދަތް އެޅި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެއީ ފެނުނު ހުވަފެނެކެވެ.

މިއީ އާންމުކޮށް ދަންވަރު އަހަރެން ހޭލާ ގޮތެވެ. ބައެއް ފަހަރު ދަރިފުޅު ރޮއިގަންނާނެ އެވެ. އަނެއް ބައި ފަހަރު ހޭލެވޭނީ އަހެރެންގެ އަމިއްލަ ރުއިމުގެ އަޑަށެވެ. މިއީ އާންމު ކަމެކެވެ. ނަމަވެސް ކޮންމެ ރެއެއްގެ ބިރަކީ ވެސް އަހަންނަށް އާބިރެއް ފަދަ އެވެ. އެ ހުވަފެންނަށް އާދަވިޔަސް އެ ބިރަށް އަހަރެން އާދައެއް ނުވި އެވެ. އެއީ އަހަރެންގެ މުޅި ހަޔާތް އެ ފުށް މިފުށަށް ޖެހި ބިރެވެ. އަހަރުތަކެއް ކުރިން ދިރިއުޅުމަށް އައި ވަރުގަދަ ތޫފާން، އިއްޔެ މެންދުރު ވީ ކަމެއްހެން އަހަރެން ހަނދާން ހުރެ އެވެ. ކޮންމެ ސިކުންތެއް، ކޮންމެ ހަރަކާތެއް ސިފަކުރެ ވެއެވެ.

މާލެ އައިސް އުޅެންޖެހުނު ހާލާއި ދައްތަގެ ވިހަގަދަ ބަސްތަކާއި ބޭބެގެ ވަހުސީ އަމަލުތަކުގެ ޝިކާރައަކަށް އަހަރެން ވެގެން ދިޔަ ގޮތެވެ. އެކުވެރި ޒުއްބަ އާއި އާތިފާ ދިމާވި ގޮތް ކޮންމެ ސިކުންތެއް ވަކިވަކިން އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އާތިފް ގެއަށް ގޮސް ހިނގި ކަންތައްތަކާއި އާތިފްގެ ލޯބީގައި އަހަރެން ގަރަގުވެގެން ދިޔަ ގޮތް ހިތަށް އެރުމުން އަދިވެސް އުފާވެރިކަން ލިބެއެވެ. ނަމަވެސް ނީލާ އަށް ފަޅާއެރުމާއި އާތިފް މިދުނިޔެ ދޫކޮށް ދިޔަ ގޮތް ހިތަށް އަރާ ކޮންމެ ވަގުތަކު ހަށިގަނޑު ރޫރޫ އަޅައެވެ. އާތިފް ގައިގާ ރޯކޮށްލި ކަމުގެ ތުހުމަތުގައި އެ ހާދިސާ އަށް ފަހު ޖަލުގައި އެތައް ދުވަހެއް، އަނިޔާތަކާ ވޭނުގައި ހޭދަކުރަން ޖެހުމުގެ ހިތި އަސަރު އަދިވެސް އަހަރެންގެ ދިރިއުޅުމުން ފިލައިގެން ނުދެއެވެ. ތޭރިތަކުގެ ދަށުގައި ހޭދަވީ ކިހާ ދުވަހެއްކަން ހުދު އަހަންނަށް ވެސް ނޭނގެއެވެ. ކުށް ސާބިތު ނުވުމުން މިނިވަން ވިޔަސް ކުށުގެ ރެކޯޑްގެ ސަބަބުން އެތައް ދުވަސްތަކެއް ވަންދެން ފުލުސް އޮފީހަށް ދުވަންޖެހުމާއި ވަޒީފާއެއް ހޯދުމުގައި ކުރިމަތިވި ދަތިތަކުން އަހަރެން އަރައިގަތީ ހިތްވަރާއި މަސައްކަތުންނެވެ.
*****

ސާރާ ބޮލުގައި ފިރުމަމުން ދިޔައިރު އަހަރެންގެ ހަޔާތުގެ ސަފްހާތައް އިއްޔެ ވީ ކަމެއް ފަދައިން ނިއުޅިގެން ދިޔައެވެ. އަހަރެން މިހާ ހިސާބަށް އައީ ދަތި އުދަނގޫ އެތައް އޮޅިތަކެއް ގިރާކުރުމަށް ފަހު އެވެ. ދުނިޔޭގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާންޖެހުނެވެ. އާތިފްގެ ލޯބީގައި ހިފި ނުބައި އާދައެއްގެ ސަބަބުން އެތައް ފިރިހެނެއްގެ އުނގަން އަހަރެން ވެއްޓުނީމެވެ. ޖިންސީ އެދުންވެރިކަން ވެގެން ދިޔައީ އަހަރެންގެ ބަލި ފަޔަށެވެ. ލޯބީގެ ގޮތުން ގުޅުނު ކޮންމެ މީހަކާ އެކު އަހަންނަށް އެ އުފާ ހާސިލްކުރުން ވެފައި އޮތީ މަޖުބޫރު ކަމަކަށެވެ. އެތައް ބައެއްގެ މަކަރާއި ވަގުތީ އަރާމުގެ އުފަލަކަށް އަހަރެންގެ މި ހަށިގަނޑު ވެގެން ދިޔަޔަސް މިއަދު އަހަރެން މިހުރީ ތާހިރުކަންމަތީގައެވެ. ތައުބާވެގެންނެވެ. ދިރިއުޅުމުގެ ކޮންމެ ވެސް ހިސާބަކުން ދިމާވި އޯގާތެރިއެއްގެ ހެޔޮ ނަސޭހަތުން މިއަދު އަހަންނަށް ހަމަ ވިސްނިއްޖެއެވެ. ލޯތްބަކީ ކޮބައިކަން އޭނާ ވަރަށް ރަނގަޅަށް ދަސްކޮށްދިނެވެ. ސާރާއަކީ އެ ލޯބީގެ ނިޝާނެވެ. ހަސަންގެ ދެ ވަނަ އަނބިމީހާ ކަމުގައި ވިޔަސް މިއަދު އަހަރެންގެ ހާލަތާ މެދު އަހަރެން އުފާވެއެވެ. ހަސަން ނިދަން ނާންނަ ރޭރޭ މާޒީގެ ކަޅު ސަފްހާތަކުން ހިރަފުސް ފޮޅައި އެ ގަނޑުތައް ކަރުނައިން ފޯކުރި ނަމަވެސް އޭނާ އަހަރެން ކައިރިއަށް އަންނަ ކޮންމެ ރެޔަކީ މާމުހަނދުގައި އަހަރެމެން ދެ މީހުން ފެންވަރާ ރެއެވެ. އާތިފްގެ މަރަށް އަހަރުތަކެއް ފާއިތުވެގެން ދިޔަ ޔަސް ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް ވެސް އޭނާ އަހަރެންގެ ވަށައިގެން ވެއެވެ. އެ ހަޔާތް ހަނދާނުން ފިލުވާލަން އަހަރެން ވެސް ބޭނުމެއް ނޫނެވެ. އެއީ ހިތާމަ އާއި ކެކުޅުންތަކުން ފުރިގެންވާ ހަޔާތެއް ކަމަކު ލޯބީގެ ފޮނި މީރުކަން އަހަންނަށް އެނގުނީ އެ މާޒީންނެވެ. މިއަދު އަހަރެން މި ގޮތުގައި ދިރިމިއުޅެވެނީ އެ މާޒީން އަހަންނަށް ލިބުނު އެތައް ފިލާވަޅުތަކެއްގެ އެހީގައެވެ. ދިރިއުޅުމަކީ ކޮބައިކަން އަހަންނަށް ދަސްކޮށްދިނީ އެ މާޒީއެވެ.

******

އެ ހިޔާލުތަކަށް ގެއްލިފައި އިންދާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފޯނުގެ އެލާމްގެ އަޑަށެވެ. އޭރު ހެނދުނު ވެއްޖެއެވެ. އަހަރެން ފޯނު ނަގާ ބަލާލީމެވެ.

"ހެއި! އެއްކަލަ ރޭ ކިޔައިދިން ވާހަކަ އަހަރެން އެބަ ލިޔަން. އެކަމަކު އެ މައްސަލައާ ގުޅޭ ލިޔުންތައް އަހަންނަށް ދީބަލަ! ޕްލީޒް! ކޮން އިރަކުން މީޓްވާނީ؟" އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެކުވެރި ޒުއްބައާ އެކު ކޮފީއަކަށް ދިޔަތަނުން ދިމާވި އައްޔަ ރޭ ކޮށްފައި އޮތް މެސެޖެކެވެ.

އެއީ އިހަށް ދުވަހު ދިމާވި މީހެއް ނަމަވެސް އޭނާގެ އޯގާތެރިކަމާއި މީހުން ކޮނުމަށް އޭނާ އަށް އެ ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން އަހަރެންގެ ސިކުނޑިއާ ވެސް އޭނާ ކުޅެލައިފިއެވެ. ވާހަކަތައް ހިއްސާކުރަމުން ގޮސް އެންމެ ފަހުން ޒުއްބަ އަށް ވެސް ކިޔައިނުދޭ އެތައް ވާހަކަތަކެއް ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަހަރެން އޭނާ އަށް ހިއްސާކޮށްފީމެވެ. ދިރިއުޅުމުގެ ކޮންމެ ސަފްހާއެއް ކޮންމެ ހިނދުކޮޅެއް ވަކިވަކިން އޭނާ އަށް ކިޔައިދެވިއްޖެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އަހަރެންގެ ދިރިއުޅުމުން ބަޔަކަށް އިބްރަތްތަކެއް ލިބިގެންދާނެ ކަމަށް ބުނެ އޭނާ ކުރި އާދޭސްތަކަށް އަހަންނަށް ވެސް އާބަސް ބުނެވުނީއެވެ. އަހަރެންގެ ދިރިއުޅުމުގެ ސަފްހާތައް ދުނިޔެއަށް ކިޔައިދެން އޭނާ ބޭނުން ވަނީއެވެ. ވާހަކައެއްގެ ސިފައިގައެވެ.

****
އޭގައި ވަނީ އަނދިރިކަމާއި ނާމާންކަމެވެ.

މިލަ ސަފްހާތަކުގައި ކަޅު ދެލިން ލިޔެފައި ވަނީ ކީކޭކަން އެނގޭ ހެއްޔެވެ؟
އެއިން ކޮންމެ ލަފްޒެއް ހަންޖަރެއް ފަދައެވެ.

އެއީ މާޒީގެ ހަނދާންތެކެވެ!

 

ހަޔާތަށް އައި އުފާވެރިކަމާއި ބިކަވެ ނިކަމެތިވި ދުވަސްތަކެވެ.

ކަރުނައިގެ ކޯރުގައި ގެނބި ގެއްލި ދިޔަ ލޯތްބެވެ.

އަނެކުންނަށްޓަކައި ވި ގުރުބާނީއެވެ. އެއީ މާޒީގެ ހަނދާންތެކެވެ!


 

އޯގާތެރި ފިރުމުންތަކާއި އަނިޔާވެރި ވަކިތަކެވެ.

ގާތްތިމާގެ ކަމުގެ ކުލުނުގައި ފޮރުވިފައިވާ ހީލަތްތެރިކަމެވެ.

ތޫނު ހަންޖަރެއް ފަދަ ހިތި ބަސްތަކާއި ރުޅިވެރިން ބެލުންތަކެވެ.އެއީ މާޒީގެ ހަނދާންތެކެވެ!

 

އައި ހަޔާތަށް ބަހާރު ފަދައިން ނިމިދިޔަ މޫސުމެކެވެ.

ފޮޅުނު މާތަކާއި އެޅި މޭވާތައް ގުރުޑުވެ ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ކެހިވެރިކަމާއި ލޯތްބާއި ވަކި ނުވާ އިންސާނަކީމެވެ. އެއީ މާޒީގެ ހަނދާންތެކެވެ!

 

ދުނިޔެއަށް ބޭކާރުވި އެ ހަޔާތުގައި ނުވަނީ ކޮން ކަމެއް ހެއްޔެވެ؟

 ވެގެންވާ ނަމަ އެއިން ކޮންމެ އަކުރެއް އަންދާ އަޅިއަށް ހަދާނަމެވެ.

ނަމަވެސް އެއީ ދެލިން ލިޔެފައިވާ އަކުރުތަކެއް ނޫނެވެ.

އެ އަކުރުތައް ވަނީ އަހަރެންގެ ކޮންމެ ހިމަ ނާރެއްގައެވެ.

 އެއީ މާޒީގެ ހަނދާންތެކެވެ! އެ މާޒީ ވަނީ ތޭރިތަކުގެ ތެރޭގައެވެ.

****

- ނިމުނީ -