އާދީއްތަ 29 ނޮވެންބަރު 2020
03 ދޮށަ
1442 ރަބީޢުލްއާޚިރު 13
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09

ވާހަކަ - ތޭރިތަކުން

އަލީ ޔޫސުފް
AliYooosuf

22 އޭޕްރިލް 2019 | ހޯމަ 15:57 4,196

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ވަރަށް ހިތްވަރުކޮށްފައި ތެދުވަން އުޅެނިކޮށް ސިފައިންގެ ޔުނީފޯމްގައި ހުރި ދެ މީހަކު އައެވެ. އަދި އަހަރެންގެ ނަމުން ގޮވަމުން ގެންދިޔައެވެ. އަހަރެން ޖަވާބު ދިނުމުން އެތަނުން ނުކުންނަށް އެ މީހުން އަހަންނަށް އެނގިއެވެ. ވަރަށް އަމުރުވެރި ރާގަކަށެވެ. ހީވަނީ އަހަރެން މިއީ ވަރަށް ބޮޑު ކުށްވެރިއެއް ހެންނެވެ. އަހަރެން ނުކުތުމާ އެކު އެ މީހުން އަހަރެންގެ ދެ އަތް ކުރިމައްޗަށްވާ ގޮތަށް ބިޑިއެޅުވިއެވެ. އަދި ކުރިން ވެސް ގެންދިޔަ ގޮތަށް ކޮއްޕަމުން ކަހަލަ ގޮތަކަށް އަހަރެން ގެންގޮސް ވެއްދީ ކޮޓަރިއަކަށެވެ.

އެ ތަނުގައި ހުރީ މޭޒަކާއި ތިން ގޮނޑިއެވެ. އެއް ފަރާތެއްގައި ހުރި ކަބަޑުތަކެއްގައި ފައިލްތަކެއް ހުއްޓެވެ. އެކި ވަރުގެ އެކި ކުލަކުލައިގެއެވެ. އަހަރުތަކާއި ތާރީހްތައް ޖަހާ ފާހަގަކޮށްފައެވެ. އެ މީހުން އަހަރެން ގެންގޮސް އެ ގޮނޑީގައި އިށީނުމަށް އެންގިއެވެ. އަހަރެން ގޮނޑީގައި ރަނގަޅަށް ހަމަޖެހިނުލައި އުޅެނިކޮށް އިތުރު ދެ މީހުން އެތަނަށް ވަނެވެ. އޭރު ވެސް އަހަރެން އިނނީ ދާހިއްލާ ފޯވެފައެވެ. ނިތްކުރިން ތިކި ޖަހައެވެ. ކިއްޕަތި އެއްކޮށް ތެމި ފޯވެއްޖެއެވެ. އަހަރެން ފެން ފޮދަކަށް އެދުނީމެވެ. އަހަރެން ގޮވައިގެން އައި ދެ މީހުން އެ ތަނުން ނުކުތެވެ. އަދި ފަހުން އައި ދެ މީހުން އަހަރެންގެ ކުރިމަތީގައި އިށީނދެ ހަމަޖެހިލިއެވެ.

ވާން އުޅެނީ ކިހިނެއްކަން ނޭނގޭތީ އަހަރެން އިނނީ ކުރިއަށް ވުރެ ވެސް ބޮޑަށް ބިރުގަނެފައެވެ. އަނެއްކާ އެ މީހުން ވެސް އަހަންނަށް އަނިޔާކޮށްފާނެތީއެވެ. އަބަދުވެސް އިވެނީ ސިފައިންގެއަށް ގެންދާ މީހުންނަށް އަނިޔާކުރާ ވާހަކައެވެ. އެއީ ވަރަށް ބިރުވެރި އަނިޔާވެރި ބައެއް ކަމަށް ތުންތުން މަތިން އިވޭ އަޑުތަކުން އަހަންނަށް ވެސް އޮތީ އެ ގޮތަށް ގަބޫލުކުރެވިފައެވެ. ހިންދީ ފިލްމްތަކުން ވެސް ފެންނަނީ އެ މަންޒަރުތަކެވެ. އައިސްގަނޑުތައް މަތީގައި ބާއްވައިގެން ލަޓިބުރިއަކުން ދެ ފައިތިލައިގާ ތަޅާ މަންޒަރެވެ. ނޭވާ ހާސްވަންދެން ފެންގަނޑެއްގެ ތެރެއަށް މޫނު ކޮއްޕާލާ މަންޒަރެވެ. ނޫނީ ފައިކޮޅު މައްޗަށް އެލުވައި މީހާ ހަފުސްވަންދެން ތަޅާ މަންޒަރެވެ. ޔާރައްބީ، އަހަންނަށް އެ އަނިޔާ އަށް ކެތެއް ނުވާނެއެވެ.
"ރީމާ! ރީމާގެ އާއިލާ މީހުން ކޮބާ؟" އެމީހާގެ ފުރަތަމަ ވެސް ކުރީ އުނދަގޫ ސުވާލެކެވެ. އެއަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެންގެ އާއިލާއަކީ ކޮބައިކަން ހުދު އަހަންނަށް ވެސް ނޭނގެއެވެ. މައިންބަފައިންގެ ޚަބަރެއް ނުވާތާ އެތައް ދުވަހެކެވެ.

" އާތިފަކީ ރީމާގެ ކާކު؟" އަނެއްކާ ވެސް ހަމަ އެފަދަ ސުވާލެކެވެ. އާތިފާއި އަހަރެންގެ ގުޅުން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އެއީ ދުނިޔެއަށް ކަސްފުވެފައިވާ ގުޅުމެކެވެ. އެ ގުޅުމުގެ ހަގީގަތް އެނގޭނީ އަހަންނާއި އާތިފްގެ އިތުރުން ނީލާ އަށް އެކަންޏެވެ. އެއީ ސިއްރު ގުޅުމެކެވެ. އެ ގުޅުމުގެ ވާހަކަ އަހަރެން ސިފައިންނަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ކިޔައިދީފި ނަމަ ހަމައެކަނި ކުށްވެރިއަކަށް ވާނީ އަހަންނެއް ނޫނެވެ. އާތިފަކީ ވެސް ސިފައިންގެ މީހަކަށް ވެފައި އެފަދަ ކަމެއް ކޮށްފިކަން އެނގިއްޖެ ނަމަ އާތިފް ވެސް ކުށްވެރިވާނެއެވެ. އާތިފަށް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވެ އެ ސުވާލަށް ވެސް އަހަރެން ޖަވާބެއް ނުދެމެވެ.

"ކީއްވެ އާތިފް މަރާލަން އުޅުނީ؟ ކީއްވެ އާތިފް ގައިގަ ރޯކޮށްލީ؟ އޭނާގެ ކަރުގައި ފޮތިގަނޑު ބަނީ ކީއްވެ؟ އޭނާ ބޯ ފަޅާލީ ކޮން އެއްޗަކުން ޖަހައި؟" ދެ ވަނަ މީހާ ކެތްތެރިކަން ކޮޅުންލާފައިވާ ފަދައެވެ. ފުލުފުލުން ސުވާލުތައް އޮއްސާލިއެވެ.

ނޫނެކެވެ. އެއީ ދޮގު އިލްޒާމެކެވެ. އަހަރެން އާތިފަކަށް އެއްވެސް ކަމެއް ނުކުރަމެވެ. އޭނާ ގައިގާ ރޯވީ ކިހިނެއް ކަމެއް އަހަންނަކަށް ވެސް ނޭނގެއެވެ. އާތިފަށް އެވަރުގެ އަނިޔާއެއް ދެވޭ ވަރަށް ވުރެ އަހަރެން މާ ހާލު ދެރައެވެ. މި ޒަހަމްތައް އެ މީހުންނަށް ހަމަ ނުފެންނަނީ ހެއްޔެވެ؟ އެ ވަރުގެ ތުހުމަތެއް އަހަރެންގެ ބޮލުގައި އެ އަޅުވަނީ ކީއްވެ ހެއްޔެވެ؟

އެއްވެސް އެއްޗެއް ބުނާހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ކޮންމެ ސުވާލަކާ އެކު ބޯހޫރާލުމަށް ފަހު ގިސްލާފައި ރުއިން ނޫން ކަމެއް އަހަންނަކަށް ނުކުރެވެއެވެ. ނަމަވެސް އެ މީހުން ހުއްޓައެއް ނުލައެވެ. ފަހަރަކު މީހަކު ފުލުފުލުން ސުވާލު ކުރަމުން ގެންދިޔައެވެ. އެ މީހުންގެ ވާހަކަތައް ހުރި ގޮތުން އަހަރެންގެ މިއީ ބޮޑު ގާތިލެކެވެ. ކުށްވެރިއެކެވެ. މީހަކު މަރަން މަސައްކަތްކުރި މީހެކެވެ. އިތުރު ތަހުގީގެއް ނެތި އެ މީހުންގެ އެ ވާހަކަތުން ވެސް އަހަރެންގެ މައްޗަށް ހުކުމްކޮށްފައިވާ ކަހަލައެވެ. އެ މީހުން ތަކުރާރުކޮށް އެއް ސުވާލުތަކެއް ކުރަމުން ގެންދިޔައެވެ. އަދި އެމީހުން އެ ތުހުމަތުތަކަށް އެއްބަސްވުމަށް އެދެމުން ދިޔައެވެ. ނޫނީ އަހަރެން ދުވަހަކު ވެސް ސަލާމަތް ނުވާނެ ކަމަށާއި ޖަލުގައި އޮވެ މަރުވާނީ ކަމަށް އެ މީހުން ވިސްނައިދެމުން ގެންދިޔައެވެ. ނަމަވެސް ކުރާނީ ކީއްޔެވެ؟ އެއީ މުޅިން ދޮގު ތުހުމަތުތަކެކެވެ. އަހަރެން ނުކުރާ ކަމަކަށް އެއްބަސްވާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ލިބިފައިވާ އަނިޔާތައް އެ މީހުންނަށް ނުފެންނަނީ ހެއްޔެވެ؟ އެއީ އަހަރެން ނުކުރާ ކަންތައްތައް ކަމަށް ތަކުރާރުކޮށް ބުނީމެވެ. އަހަރެންގެ އިންކާރަށް އެ މީހުން ކުޑަކޮށް ވެސް ފަރުވާލެއް ނުބަހައްޓައެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލްތައް އަހަރެން ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އެ ވާހަކަތައް ކިޔައިނުދޭހާ ހިނދަކު އެ މީހުންނަށް ވެސް އެކަން ގަބޫލުކުރަން އުނދަގޫވާނެއެވެ. އެތައް އިރެއް ވަންދެން އެ މީހުން އެ ގޮތުގައި ސުވާލުތައް ކުރަމުން ގެންދިޔައެވެ. ކޮންމެ ސުވާލަކާ އެކު އަހަރެންގެ ނޭވާ ހާސްވަމުން ދިޔައެވެ. ހަށިގަނޑުގައި އަޅާ ވޭން ބޮޑުވެ މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އެންމެ ފަހުން ހުންގަނޑު ގަދަވެ މޫނުމައްޗަށް އަނދިރިވާ ގޮތްވިއެވެ. ނަމަވެސް އެ މީހުން ހުއްޓައެއް ނުލައެވެ. ގިނައިރުވި ވަރަކަށް އެ މީހުންގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެއިން ކޮންމެ ސުވާލަކާ އެކު އަހަންނަށް ވެސް ބޭއިހުތިޔާރުގައި ރޮއިގަނެވެއެވެ. އެންމެ ފަހުން ވާނުވާ ނޭނގޭ ވަރު ވެގެން އަހަރެންގެ ބޯއަނބުރަން ފެށިއެވެ. އަދި މަޑުމަޑުން އެ ދެ މީހުން ފުސްވަމުން ގޮސް އެންމެ ފަހުން އަނދިރިވިއެވެ. އަދި އަޑު ވެސް ކެނޑުނެވެ.

އަހަންނަށް ހޭވެރިކަންވިއިރު އޮތީ ހޮސްޕިޓަލުގައެވެ. މަޑުމަޑުން ލޯހުޅުވާލިއިރު ހަށިގަނޑުގެ އެތައް މިތަނުގައި ބޭސް އަޅާފައިވާ އިރު ބޮލާ ދިމާއިން އަރިމަތީގައި އެލުވާފައި ހުރި އައިވީ ފުޅިން މަޑުމަޑުން ތިކި ޖަހަމުން ގެންދިޔައެވެ. އަހަރެންގެ ކައިރީގައި ސިފައިންގެ ދެ މީހަކު އިށީންދެގެން އޮލަ ވާހަކައިގަ ތިއްބެވެ. އަހަރެން ހޭއެރިކަން އެނގުމުން އެ މީހުންގެ ވާހަކަ ހުއްޓާލިއެވެ. އަދި ސުވާލުކުރާ ރާގަކަށް ބަލައިލިއެވެ.

އަހަރެން ފެން ފޮދަކަށް އެދުމުން އެ ތަނުން އެކަކު އަހަނަށް ފެން ތައްޓެއް ދިއްކޮށްލިއެވެ. ނަމަވެސް އޭގައި ހިފާނެ ވަރު ނެތްކަން އެނގުމުން އޭނާ އަހަންނަށް އެހީތެރިވިއެވެ. އަދި އަހަރެންގެ ހާލު އޮޅުން ފިލުވިއެވެ. ކުރަކި އަޑަކުން ކުޑަކޮށް ރަނގަޅޭ ބުނުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަހަރެން ނުބުނަމެވެ. ދެ ފަރާތުގައި ތިބި މީހުން އޮލަ ވާހަކަތައް ދައްކަމުން ދިޔައެވެ. ނަމަވެސް އަރިމަތީގައި ފަރުދާ ބަހައްޓާފައި ހުރުމުން އެއީ ކޮން ބައެއްކަން ނުވަތަ އެއީ ކިތައް މީހުން ކަމެއް އަހަންނަކަށް ނޭނގެއެވެ. ފެންނަނީ ކުރިމަތީގައި ހުރި އެނދުތަކުގައި ތިބި މީހުންނެވެ. އަހަރެން ކައިރީގައި ތިބި ދެ މީހުންގެ އެކަކު އަހަރެން ހޭއެރުމުން އެ ތަނުން ދިޔައެވެ. ކައިރީގައި އިން މީހާ ވަރަށް ރަނގަޅެވެ. ގަޑިން ގަޑިއަށް ކާން ގެނެއެވެ. މާގިނަ ވާހަކަ ނުދެއްކި ނަމަވެސް ދޭތެރެއަކުން ހާލު އޮޅުން ފިލުވައެވެ. އަދި ޑޮކްޓަރު ދެން އަންނާނީ އަނެއް ދުވަހު ކަމަށް އޭނާ ބުންޏެވެ. ޑޮކްޓަރާ ހަވާލާދީ އޭނާ ބުނީ އަހަރެންގެ ހަށިގަނޑުގައި ހުރި ޒަހަމްތަކުގައި އިންފެކްޝަން ވަރަށް ބޮޑަށް އުފެދުނީ ކަމަށެވެ. އަދި ތިން ހަތަރު ދުވަހަކު އެ ތަނުގައި އަހަރެން އޮންނަންޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އައިވީ ފުޅީގެ ސަބަބުން ކުޑަކޮށް ގައިގަ ވަރުޖެހުމުން އާތިފްގެ ހާލު އޮޅުން ފިލުވުމަށް އަހަރެން މަސައްކަތްކުރީމެވެ. ކައިރީގައި އިން މީހާ ކުރެން ވެސް ނުސީދާ ގޮތަކުން ވިޔަސް އެ ވާހަކަ އަހަރެން ފެށީމެވެ. ނަމަވެސް އޭނާ އަށް ވެސް މާ ބޮޑު އެއްޗެއް ނޭނގެއެވެ. އޭނާއަކީ ޖަލުގައި ބަންދުގައި ތިބޭ މީހުން ކައިރީގައި ޑިއުޓީގައި ހުންނަ މީހަކަށް ވުމުން މާ ބޮޑު މައުލޫމާތެއް އޭނާއަކަށް ނޭނގެއެވެ. ނުވަތަ އަހަންނާ ހިއްސާކުރަން އޭނާ ބޭނުން ނުވަނީއެވެ. ހަވީރުވުމުން މީހުންތައް ގިނަވިއެވެ. ބަލި މީހުން ކައިރިއަށް ޒިޔާރަތްކުރާ މީހުން ގްރޫޕް ގްރޫޕަށް އެތަނަށް ވަންނަމުން ދިޔައެވެ. އުމުރުން ދުވަސްވީ މީހުންނާއި ޒުވާން ފުރައިގެ ކުދިންނެވެ. ކުޑަކުދިންގެ ހަޅޭކުގެ އަޑު ވެސް ކަނޑައިގެން ނުދެއެވެ. ކޮންމެ ބަލި މީހަކު ވެސް އޮންނަނީ އެ މީހެއްގެ އާއިލާ މީހުން ނުވަތަ ރައްޓެހިން ޒިޔާރަތްކުރުމުން ވަރަށް ބޮޑަށް އުފަލުންނެވެ. އެހެން ވަގުތުތަކުގައި ހަމައަށް ނޭވާ ނުލެވި ލޯ ނުހުޅުވިފައި ތިބޭ މީހުން ވެސް ހަވީރު ވަގުތަށް އެޅުމުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ބަލިވެ އުޅޭ ބައެއް ހެން ވެސް ހިއެއް ނުވެއެވެ. ހީވަނީ ވަރުގަދަ ޕާޓީއެއް ބާއްވައިގެން އުޅޭހެންނެވެ.

ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަންނަށް ޒިޔާރަތްކުރާނެ މީހަކު ނެތެވެ. އާއިލާ މީހުންނަށް އަހަންނަކީ މާކުރިން ވެސް ގިނަވެފައިވާ މީހެކެވެ. އަނެއްކޮޅުން ތިމާގެ މީހަކު ވެސް މާލޭގައި ނޫޅެއެވެ. ނުވަތަ އުޅުނަސް އެ މީހުންނާ މާބޮޑު ގުޅުމެއް ނޯވެއެވެ. ކްލާހުގައި އަހަންނަކީ އެހާ މަގުބޫލު މީހަކަށް ނުވާތީ މާ ގިނަ ރައްޓެހިންނެއް ވެސް ނުތިބެއެވެ. ހާއްސަކޮށް ޓެސްޓް ޕޭޕަރު ކޮޕީ ކުރި ކަމަށް ބުނެ ހޯލުން ބޭރަށް ލުމާއި އަދި ސްކޫލް ވެސް ނިމިފައި ވުމުން ރަހުމަތްތެރިން ވީ ހިސާބެއް އަހަންނަކަށް ނޭނގެއެވެ. ނުވަތަ އެ މީހުންނަށް އަހަރެންގެ ހާލު ނޭނގެނީއެވެ.

އެ ގޮތުގައި ތިން ދުވަސް ވެގެން ދިޔައިރު އަހަރެން ވަރަށް ބޮޑަށް ރަނގަޅު ވެއްޖެއެވެ. ހަށިގަނޑު ވަރުޖެހި ތެދުވެ އުޅެވޭ ވަރުވެއެވެ. ފޫހިވާތީ އެ ވޯޑްގައި ތިބި އެހެން މީހުންނާ ކުޑަކޮށް ވާހަކަ ދެއްކޭތޯ އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެން ކައިރީގައި ސިފައިންގެ މީހަކު އިންނާތީ އަހަންނަކީ ވަރަށް ބޮޑު ކުށްވެރިއެއް ކަމަށް އެ މީހުންނަށް ހީވަނީ ކަންނޭނގެއެވެ. އެ މީހުން އަހަންނާ އެހާ ވަރަކަށް ވާހަކައެއް ނުދައްކައެވެ. ތަންކޮޅެއް އަނގަ ގަދަ މީހަކު އެ ތަނަށް ވަދެއްޖެ ނަމަ ބައެއް ފަހަރު އަހަންނާ ސުވާލުކުރެއެވެ. އެންމެ އުނދަގޫ ސުވާލަކަށް ވަނީ އަހަންނަށް ވީ ކިހިނެއްތޯ އާއި އަހަރެން ކުރީ ކޮން ކުށެއްތޯ އޮޅުން ފިލުވުމަށް ކުރާ ސުވާލުތަކެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. އެހެން ކަމުން އިސްދަށަށް ޖަހާލުމުން އެފަދަ މީހުން ވެސް އަހަންނަށް ފުރަގަސް ދެއެވެ. އަހަރެންގެ ހަމަ ހިމޭން ކަމުން އެ މީހުން ބޭނުންވާ ޖަވާބު ލިބެނީ ކަންނޭނގެއެވެ.

" ރީމާ!" ހޮސްޕިޓަލުގައި އޮންނަތާ ތިން ވަނައަށްވީ ދުވަހު އިރު އޮއްސެމުން ދިޔަ ވަގުތު ލޯމެރިފައި އޮއްވާ މީހަކު ވަރަށް އަސަރާއެކު ގޮވާލިއެވެ.

އެއީ ހީވި ގޮތެއް ކަމަށް ބަލައި އަހަރެން ލޮލެއް ނުހުޅުވަމެވެ. ނަމަވެސް އެ އަޑުގެ ވެރިޔާ އަހަންނަށް އެނގެއެވެ. އެއީ އާތިފްގެ ލޯބީގެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިއުމުގެ ކުރިން އަހަރެންގެ ހުރި ހަމައެކަނި މީހާއެވެ. އަހަންނަށް ދިމާވި ކޮންމެ ދައްޗެއްގައި އޭނާ އަހަންނާ އެކު ވިއެވެ. އަހަރެންގެ ހިތުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ވެސް އޭނާ އަށެވެ. ނަމަވެސް ދައްތަމެން ގެއިން ނުކުމެ އާތިފްމެން ގެއަށް ބަދަލުވުމުން މަޑުމަޑުން ދުރުވަމުން ގޮސް ވަރަށް ބޮޑަށް އަހަރެމެން ވަނީ ދުރުވެފައެވެ. އަދި ސްކޫލަށް ދާންނުޖެހޭތީ ވެސް ދިމާވަނީ މަދު ފަހަރަކުއެވެ. ސްކޫލް ނިމުނު ފަހުން އޭނާ ގެއަށް އައީ ދެތިން ދުވަހުއެވެ.

ދެ ވަނަ ފަހަރަށް ގޮވާލުމުން އަހަރެން ލޯ ހުޅުވާ ބަލާލީމެވެ. އެއީ ހަމަ ހަގީގަތެކެވެ. ކައިރީގައި ހުރި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ޒުއްބަ ފެނުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. އަދި ބޭއިހްތިޔާރުގައި އޭނާގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. އަހަރެން ރޯންފެށުމާ އެކު ކައިރީގައި ހުރި ސިފައިންގެ މީހާ އަހަރެން އޮތް އެނދުގެ ވަށައިގެން ފަރުދާ ދަމާލުމަށް ފަހު ބޭރަށް ނުކުމެއްޖެއެވެ. އަހަރެންގެ ހާލު އޭނާއަށް ވިސްނުނީ ކަމަށް ވެސް ވެދާނެއެވެ. އަހަރެމެން ދެ މީހުންނަށް ވަގުތު ދީފައި އޭނާ މަޑުކުރީ ބޭރުގައެވެ.

އަހަރެން މައިތިރިކުރެވޭތޯ ޒުއްބަ ވަރަށް މަސައްކަތްކުރިއެވެ. ރުއިން ހުއްޓާލުމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް ބުނެ ހިތްވަރު ދިނެވެ. އަދި އަހަރެންގެ ބުރަކަށީގައި އޭނާ ފިރުމަމުން ގެންދިޔައެވެ. އޭނާގެ އަޑުގައި ވެސް ވަނީ ކުރަކި ކަމެކެވެ. މަޑުމަޑު ގިސްލުމެއް ފަދައެވެ.

- ނުނިމޭ -

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް