ވާހަކަ
ސިލްސިލާ ވާހަކަ
14 އޭޕްރިލް 2019 | އާދީއްތަ 12:10
20 ވަނަ ބައި

ވަރަށް ހިތްވަރުކޮށްފައި، ފަޔަށް ހެރިފައިވާ ތަށީގެ ފުލުގައި ހިފާ ކުއްލިއެއް ޖެހީމެވެ. ވީ ތަދާއެކު އަހަރެން ބާލީގައި އެޅުނު އެއްމެ ބާރަކަށް ދަތް އަޅާ ހަޅޭ ލަވައިގަތީމެވެ. ބާރުކޮށް ފޮތިގަނޑު އައްސާފައި ވާތީ މާ ގިނަ ލެޔެއް ނާދެވެ. ތަދަށް ރަނގަޅަށް ހޭނި ކުޑަކޮށް ތަދު މަޑުވާހެން ހީވުމުން އަހަރެން އަނެއްކާ ވެސް ބެޑްޝީޓުން ފޮތިގަނޑެއް އިރާލީމެވެ. އަދި ބިއްލޫރިގަނޑު ހެރުމުގެ ސަބަބުން ފޭވެފައިވާ މަސްގަނޑު މަތީގައި އެ ފޮތިގަނޑު ރަނގަޅަށް ބަނީމެވެ. ލޭއައުން މައިތިރިކުރުމަށެވެ. ކޮންމެވެސް ވަރަށް ފައި ވަނީ އައްސިވެފައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ގައިގެ އެތައް މިތަނަށް ހެރިފައި ހުރި ބިއްލީރުކޮޅުތައް ނެއްޓުވީމެވެ. އެ ބޮޑު ބިއްލޫރިގަނޑު ދަމާ ނެގުމުން ކުދި ބިއްލޫރިކޮޅުތައް ނަގަން އަހަންނަށް މާ ބޮޑު ކަމަކަށް ނުވިއެވެ. އޭރު މުޅި ކޮޓަރި ތެރެ ވަނީ ލެއިން ތައްތެޅިފައެވެ. އަދި މަޑުމަޑުން ގޮދަޑީގައި އޮށޯވެލީމެވެ. އެ ގޮތުގައި އިރުގަނޑެއް ވަންދެން އަހަރެން އޮތީމެވެ. ކުޑަކުޑަ ނީޝްގެ ޚަބަރެއް ނުވެއެވެ. އާތިފްގެ އަޑެއް ވެސް ނީވެއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ކުޑަކޮށް މަޑުވުމުން ވަރަށް މަސައްކަތުން އަހަރެން ތެދުވީމެވެ. އަދި ކޮރު ޖަހަމުން ފާހަނާ އަށް ވަދެ މާގަނޑު ދޫކޮށްލީމެވެ. ފެން ތިކިތައް ޖެހުމާ އެކު މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ނެގި ދިލައިން އަޑު އަޑުން އަޑު ނަގާ ރޮމުން ހަށިގަނޑު ސާފުކުރަމުން ގެންދިޔައިމެވެ. ލޭ ހިކިފައިހުރި ޒަހަމްތައް ރަނގަޅަށް ސާފުކުރީމެވެ. ނުނެގި ހުރި ބައެއް ބިއްލޫރިކޮޅުތައް ފެންވަރަމުން ދިޔައިރު ވެސް އަހަރެން ނެއްޓުވީމެވެ. މުޅި ފާހާނާ ވެސް ހީވަނީ ލޭގެ ކޯރެއް ހެންނެވެ.

***
ވޭނާ އެކު ފެންވަރައިގެން ނުކުމެ ކޮޓަރީގައި ހުރި އަލަމާރިން ފަސްޓް އެއިޑް ބޮކްސް ނަގައި ޒަހަމްތަކުގައި ބޭސް އެޅީމެވެ. އެންމެ ބޮޑަށް ހަލާކުވެފައިވަ ތަނުގައި ބޭސްގަނޑެއް އަޅައި ވަށައިގެން ގޯސްފޮތި އެއްސީމެވެ. ބޭސް އެޅުމުން އަހަންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އަދި ތަދު ކެނޑުވުމަށް ހާއްސަ ބޭސްގުޅައެއް ކާލީމެވެ.

ބޭސް އެޅުމުން ނިމުނީއަކީ ނޫނެވެ. ކުރިއަށް އޮތީ ވެސް ހަނގުރާމައެކެވެ. އާތިފް ހޭ އަރައިގެން އައިސް ދެން ހަދާނެ ގޮތެއް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ނީޝް މި ގޭގައި ބެހެއްޓުން ރަނގަޅެއް ނޫނެވެ. ނަމަވެސް ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ވަރަށް ހާލުން އަހަރެން ކޮރު ޖަހަމުން ސިޓިން ރޫމަށް ނުކުތީމެވެ.

" ދައްތި ކިހިނެއްވީ؟" ނީޝްގެ އެ ސުވާލު ކުރިމަތިވާނެކަން އަހަންނަށް މާކުރިން ވެސް އެނގެއެވެ.

"ދައްތި ވެއްޓުނީ. އައްދޮވީ،" އަހަރެން ހުރި ހާލު ފެނިފައި ނީޝް ވެސް ހުރި ދެރަވެފައެވެ.

އޭނާ ފުލުފުލުން ސުވާލުތައް ކުރަމުން ގެންދިޔައެވެ. އަހަރެން މާ ބޮޑަށް އެކަމާ އަޅައެއް ނުލަމެވެ. އޭނާ މަޑުމަޑުން އަހަރެންގެ ޒަހަމްތަކުގައި ފިރުމަމުން ގެންދިޔައެވެ. ނީޝްގެ ސުވާލުތައް ހުސްވުމުން ޓީވީ ސޯފާގެ އަރިމަތީގައި ހުރި ފޯނު ނެގީމެވެ.

"ނީލާ އެބަ އުޅޭތަ؟" ފޯނު ކައިރީގައި އޮތް ފޮތުގައި "މަންމަމެންގެ ނަންބަރ" ޖަހާފައި އޮތް ނަންބަރަކަށް އަހަރެން ގުޅީމެވެ. ނީލާ ކޮންމެ އެއްޗެއް ކިޔަސް ކިތަންމެ ވަރަކަށް ބެވިޔަސް އެ ވާހަކަތައް އަޑުއަހާނަމެވެ. ނަމަވެސް މި ދަނޑިވަޅުގައި އިތުރު ގޮތެއް އަހަންނަކަށް ނެތެވެ.

އެއީ ނީލާ މަންމަމެންގެ ނަންބަރެވެ. މަޑުކޮށްލާށޭ ބުނުމަށް ފަހު ހަމަ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. ނަމަވެސް މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ނީލާ ހެލޯ ބުނެލުމާ އެކު އަހަރެން ފެށީމެވެ.

"ނީޝް ބަލިކޮށް އުޅޭތީ. ނުވެސް ކާ. އަބަދު މަންމަ ހޯދަނީ،" ނީޝް ގެއިން ފޮނުވާލުމަށް އޮތް ހަމައެކަނި ގޮތަކީ އެއީ ކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ. އަދި އެ ނޫން ގޮތެއް މިދަނޑިވަޅުގައި ނެތެވެ. އަހަންނަށް ލިބުނު އަނިޔާގެ ވާހަކަ އާއި އާތިފްގެ ވާހަކަ ނީލާ ގާތު ދައްކަން ކިތަންމެ ބޭނުން ވިޔަސް އެ ކަމަށް ފުރުސަތެއް ނުލިބޭނެކަން އަހަންނަށް އެނގެއެވެ. އެކަމުގައި ނީލާގެ ހަމްދަރުދީ ވެސް ނުލިބޭނެކަން އަހަންނަށް ޔަގީނެވެ.

"އަދި މިއުޅެނީ މާ ގިނައިރުތަކެއް ވެސް ނުވެ. އެ ކުއްޖާ ވެސް ކަލެއަކަށް ނުބެލުނު. ދެން ތި ވަރު މީހަކު ކިހިނެއްތަ އާތިފާ އިނދެގެން އުޅޭނީ. ކުޑަކުޑަ ކުއްޖަކު ނުބެލޭ މީހެއް،" ނީލާ ހުރީ އެފަދަ ފުރުސަތަކަށް ފެންބުވައިގެންފައިހެން ހީވެއެވެ.

ނީލާ ރުޅި އައިސްގެން އަހަންނާ ދިމާއަށް ގޮވާނެ ހުރިހާ އެއްޗެއް ގޮވަންދެން އަހަރެން ޗުއްޕު ވެސް ނުބުނަމެވެ. އަހަރެން ނީލާ އަށް ގުޅީ ކޮންމެހެން ނީޝް ނުބެލިގެންނެއް ނޫނެވެ. އަހަރެން މިގެއަށް އައި ދުވަހުން ފެށިގެން ވެސް އެ ކުއްޖާފުޅުގެ ހުރިހާ ކަމެއް މި ކުރަނީ އަހަންނެވެ. ނީލާއާ ނުލައި އެތައް އިރެއް ވިޔަސް މަންމަ ކޮބައިތޯ ވެސް މީގެ ކުރިން ނީޝް ނާހާނެއެވެ. ނަމަވެސް މިއަދު ހާލަތު ތަފާތެވެ. އަހަންނަށް ނީޝް ބެލޭނެއެވެ. ނަމަވެސް އާތިފްގެ ހާލަތު ހުރި ގޮތުން ނީޝްގެ ރައްކާތެރިކުރާނެ ގޮތެއް އަހަންނަކަށް ނުވިސްނެއެވެ. ނީލާ އަށް ގުޅީ އެހެން ވެގެންނެވެ. ނަމަވެސް އެހެން ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

"ހޫން. ދެން އިރުކޮޅަކުން ދާނަން ނީޝް ބަލާ. އޭރުން ދެން ކަލެއާއި އާތިފާ އެކަނި ކުޅޭނެ ނާޗަރަންގީއެއް ކުޅެވޭނެއެއްނު. ތިއެއްނުން ނުވެގެން އުޅޭ ކަމަކީ. ހާދަ ހަޔާތް ވެސް ކުޑަ ކުއްޖެކޭ މިއީ،" ނީލާ އަނެއްކާ ވެސް ފަށައިގަތެވެ.

ތިން ހަތަރު ފަހަރެއްގެ މަތިން އޭނާ އެ ގޮތަށް ހަޑިހުތުރު ބަހުން އެއްޗެހިކިޔުމަށް ފަހު ފޯނު ކަނޑާލިއެވެ. އަހަރެން ރައްދު ނުދިނުމުން ކަމަށް ވެސް ވެދާނެއެވެ.

***

އަހަރެން ވަރަށް މަސައްކަތުން ތެދުވެ ނީޝްއަށް ކާން ތައްޔާރުކުރީމެވެ. ކޮރު ޖަހަމުން ހަށިގަނޑު ދަމަމުން ކަހަލަ ގޮތަކަށް ހުރިހާ ކަމެއް ކޮށް ނިއްމާލުމަށް ފަހު ނީޝް ރީތިކޮށްލީމެވެ. ނީލާ އައުމުގެ ކުރިން އޭނާ ތައްޔާރުކުރީމެވެ.

އާތިފްގެ ޚަބަރެއް ނުވެއެވެ. އަނެއްކާ އޭނާ މަރުވީ ނޫންބާ އެވެ. އޭނާ އާށް ވެފައި އޮތް ގޮތް ބަލަން އެ ކޮޓަރިއަށް ވަންނާކަށް އަހަންނަށް ލާހިކެއް ނޫނެވެ. އަހަރެން ނީލާގެ އިންތިޒާރުގައި އިނނީމެވެ. އެހެން އިން އިރު ހަޔާތުގެ އެކި ސަފުހާތަށް ކުރިމަތީގައި ހުޅިވިގެން ދިޔައެވެ. އިއްޔެ މެންދުރުވީ ކަމެއް ފަދައިން ކޮންމެ ކަމެއް ވަކި ވަކިންނެވެ. މާލެ އަންނަންޖެހުނު ގޮތާއި މާލޭގައި ހިލޭ ބައެއްގެ ކައިރީގައި ހުންނަންޖެހުމުން އުފުލަންޖެހުނު ތަކްލީފްތަކެވެ. ދައްތަގެ ވިހަ ބަސްތަކެވެ. އެކުވެރި ޒުއްބަގެ އެހީތެރިކަމާއި ސްކޫލު ކައިރިން އާތިފްއާ ދިމާވުމެވެ. އޭނާގެ ސަމާސާކުރުންތަކާއި ފޮށުމެވެ. އަދި ރަހުމަތްތެރިއަކަށް އޭނާ ބަދަލުވި ގޮތާއި ފިހާރަތެރެއަށް އެނބުރުން އަރައިގެން އަހަރެން ވެއްޓުނު ދުވަހާއި ފޫހިވާ މީހާ އެކުވެރި ރަހުމަތްތެރިއަކަށް ބަދަލުވި ގޮތެވެ. އޭނާއާ އެކު ވުޑްއެޕަލް އަށް ކާންދިޔަ ދުވަހެވެ. ބޭބެގެ އޯގާތެރި ފިރުމުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ނުބައި ހީލަތްތެރި ރޭވުންތަކާއި އެ ބޭބެގެ ނުބައި، ސުންޕާ ހަޑިމުޑުދާރު އަމަލުތަކެވެ. އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަންނަން ބޭބެ ކުރި މަސައްކަތެވެ. އަދި ގެއިން ނުކުންނަން ޖެހުނު ގޮތާއި އާތިފްމެންގެއަށް އަންނަންޖެހުނު ގޮތެވެ. އެ ގޭގައި ހޭދަކުރި ރޭތަކުގެ ބިރުވެރިކަމާއި އާތިފްގެ ލޯބީގައި އަހަރެން މޮޔަވެގެން ދިޔަ ގޮތެވެ. އެކަންކަމުގެ ތެރޭގައި ކިޔެވުން ގެއްލި ދިޔަ ގޮތެވެ. ޓެސްޓަށް ފިލާވަޅު ދަސްނުކުރެވި ހާސްކަމުގެ ތެރޭގައި ޔުނީފޯމްގެ ދަށުން ލައިގެން ހުރި ޓައިޓްގައި ފިލާވަޅުތައް ލިޔެ ކޮޕީ ކުރަން ކުރި މަސައްކަތް ބޭކާރުވެ ހޯލުން ބޭރަށް ފޮނުވާލި ދުވަހު ގަންނަންޖެހުނު ލަދެވެ. އެކަމުގެ ތެރޭގައި ސްކޫލް ހަޔާތް ނިމިދިޔަ ގޮތެވެ.

ރޭގަނޑު އަހަރެންގެ ކޮޓަރިއަށް ވަންނަ މީހާއެވެ. އޭނާގެ އުނދަގޫތަކެވެ. އެއީ ކާކުކަން އެނގި އޭނާ ދެކެ ވެވުނު ލޯތްބެވެ. ނީލާއާ ވަގަށް އޭނާގެ އެނދުމަތިން، އޭނާގެ ފިރިމީހާގެ ކައިރިން ހޯދަމުން ދިޔަ ލައްޒަތުގެ އުފާތަކެވެ. އެންމެ ފަހުން ނީލާ އަށް ފަޅާއެރި ގޮތާއި އާތިފްގެ ރުޅިގަނޑެވެ. ހަޔާތުގެ އުފަލާއި ހިމާތަކާއި ބިރުވެރިކަމުން ފުރިގެންވާ ސަފުހާތައް ފޮޓޯތަކެއް ފަދައިން ކުރިމަތިގައި އެނބުރިގަތެވެ. ކުއްލިއަކަށް ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. އެންމެ ފަހު ފްރޭމުން ފެނުނު މަންޒަރުތަކުންނެވެ. އާތިފް އަނިޔާކުރާ މަންޒަރު ފެނުމުން ދަތްކުނޑި ވިކާލެވުނެވެ. އަދި އާތިފް މަތިން ކުއްލިއަކަށް ހަނދާވިއެވެ. އޭނާ އަނެއްކާ ދުނިޔޭގައި އެބަ އޮތް ބާއެވެ؟ ވެއްޓި ޖެހުނު ގޮތަށް މަރުވީބާއެވެ؟ އަޑެއް ބަޑެއް ނީވެއެވެ. އަހަރެން ހިތް ބިރުގަންނަން ފެށިއެވެ. ނިއްކުރިން ދާހިލޭ ގޮތްވިއެވެ. އިސާހިތަކު މުޅި މީހާ ތެމި ފޯވެއްޖެއެވެ. ނަމަވެސް އެ ކޮޓަރިއަށް ދެ ވަނަ ފަހަރަށް ވަންނަން އަހަރެން ބޭނުމެއް ނޫނެވެ. އާތިފްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި ނީޝް ގޭގައި އުޅެނިކޮށް އިތުރަށް ކަންކަން ގޯސްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ކަމުން ދެން އެ ކޮޓަރިއަށް އަހަރެން ވަންނާނީ ނީލާ އައިސް ނީޝް ގެންދިއުމުންނެވެ. ނަމަވެސް ހާދައިރެކެވެ.

ނީލާގެ އިންތިޒާރުގައި އިނދެއިނދެ އެތައް އިރެއްވީއިރު ވެސް އޭނާއެއް ނައެވެ. ދެ ވަނަ ފަހަރަށް ގުޅަން ހިތަށް އެރި ނަމަވެސް އޭނާ ގޮވާނެ އެއްޗެހި ހިތަށް އަރާފައި އެކަން ނުކުރީއެވެ. ނީޝް ނުބެލިގެން އޭނާގެ ބޮލަށް ޖަހަނީ ކަމަށް ކުރިން ވެސް އޮތީ ބުނެފައެވެ. ނީޝް ކައިރިއަށް ލައިގެން އިންދައި އިރުކޮޅަކުން ބަލައިލިއިރު އޭނާ އޮތީ ނިދާފައެވެ. ލޯބި ލޯބި މައުސޫމް ކުއްޖެކެވެ. ދުނިޔެ މަތީގައި ހިނގަމުންދާ އަނިޔާވެރިކަމުގެ އެއްވެސް ޚަބަރެއް އޭނާއަށް ނުވާ ކަހަލައެވެ. މަކަރުވެރިކަމާއި މީހުން ކުރަމުންދާ ހިތާމަތަކުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. އަނެކުންގެ އިހުސާސްތައް ދެނެގެންނަށް ވަރަށް ވުރެ އާނާ މާ ކުޑައެވެ. ނީޝް ގެންގޮސް ކޮޓަރިއަށް ލާފައި އަހަރެން އަނެއްކާ ވެސް ސިޓިން ރޫމަށް ނުކުތީމެވެ.

ހަދާނެ ގޮތަކާ މެދު ވިސްނަން އިނނީމެވެ. ނޫނެކެވެ. އަހަރެން އެ ކޮޓަރިއަކަށް ނުދާ ނަމެވެ. ނީލާ އައިސް ނީޝް ގެންދިއުމުން ގޭގައި ތިބޭނީ އަހަންނާއި އާތިފް އެކަނި ނޫން ހެއްޔެވެ؟ އޭރުން ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. އޭރުން ވާހަކަ ދައްކައިގެން އާތިފް ހަމަޔަކަށް އެޅުވިދާނެއެވެ. ނޫނީ ހުސްވެފައި ހުރި ބޭސް ގަންނަން ދާނީއެވެ. ކުރިން ވެސް އަހަރެން އެހެން ހިތަށް އެރިއެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުންދާ ވޭނާއި އަދި ނީޝް އެކަނި ގޭގައި ބަހައްޓާފައި ނުދާން ވެގެން މަޑުކުރީއެވެ. އާތިފަށް ވިސްނައިދޭނީއެވެ. ނަމަވެސް ދެން އަލުން އެންމެ ހިނދުކޮޅަކު ވެސް އޭނާއާ އެކު އުޅެން އަހަރެން ބިރުގަނެއެވެ. ތަނެއް ލިބުނުހާ އަވަހަށް އަހަރެން މިގެއިން ދާނަމެވެ. އާތިފްގެ ހަޔާތުގައި ކެތްކުރެވޭ ވަރަށް ވުރެ އަހަރެން ބަލިކައްޓެވެ. މުޅި އުމުރު ދުވަހު އެ އަނިޔާވެރިކަމުގައި އުޅުމަށް ވުރެ ރަށަށް ގޮސް މަރުވަންދެން ގަނޑަތެޅުން ވެސް މާރަނގަޅެވެ.

ހިޔާލުތަކަށް ގެއްލިފައި އިންދައި ކުއްލިއަކަށް ދޮރު ހުޅުވި އަޑު އިވުނެވެ. އެއަޑާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. މާ ބޮޑަށް ހިޔާލުތަކަށް ގެއްލިފައި އިނދެވުނީއެވެ. ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތީ އާތިފްއެވެ. އޭނާ ހުރީ ފާޑަކަށެވެ. ހޫރެމުން އެއްލެމުން ކަހަލަ ގޮތަކަށް އައިސް އޭނާ އަހަރެންގެ ދެފައި މައްޗަށް ވެއްޓިގަތެވެ. ފަހަތަށް ޖެހޭނެ ފުރުސަތެއް ވެސް ނުދެއެވެ. އޭނާ އަހަންނަށް އަނިޔާކުރާނެ ކަމަށް ބަލައި ފަހަތަށް ދެމިގެންނަން ވެސް މަސައްކަތްކުރީމެވެ. ނަމަވެސް އެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ.

"ރީމާ ތިހުރީ ކިހިނެއް ވެފަ؟" ބިރެއް ފެނިގެން ބަލާފަދަ ގޮތަކަށް އާތިފް އަހަންނަށް ބަލަހައްޓައިގެން ސޯފާގެ ތިރީގައި އަހަރެންގެ ފައި ބުޑުގައި އިށީންނަމުން ބުންޏެވެ.

އެ ސުވާލަށް ދޭނަ ޖަވާބެއް އަހަންކަށް ނޭނގެއެވެ. އެއީ މީގެ އިރުގަނޑެއް ކުރިން ކޮޓަރި ތެރޭގައި އުޅުނު އާތިފެއް ނޫނެވެ. އޭނާގެ މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. އެއީ އަހަރެން ދެކެ ލޯބިވާ އާތިފްއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އޯގާތެރިކަމެވެ. ލޮލުގައި ވަނީ ކަރުނައެވެ.

"ކޮޓަރި ތެރޭގައި ވެސް ހުސް ބިއްލޫރި. ލޭތައް. އަހަރެންގެ ބޯ ވެސް.... ކިހިނެއްތަ އަޅެ ވީ؟ ވެއްޓުނީތަ؟ އެއްޗެއް ތަޅައިގެން ދިޔައީތަ؟" މަސްތުވެފައިވާ މީހެއް ފަދައި ކުރަކި އަޑަކުން، ހުއްޓެމުން ކަހަލަ ގޮތަކަށް އާތިފް ސުވާލުތައް އޮއްސާލިއެވެ. ހަގީގަތުގައި ވެސް ކަންތައް ވީގޮތް އޭނާ އަށް ހަމަ ނޭނގެނީ ހެއްޔެވެ؟

"ރީމާ. ޕްލީސް ބުނެބަލަ. ކިހިނެއްތަ ވީ؟ ކީއްވެ ބޭސް އަޅާފައި މިހުރީ،" އަހަރެންގެ ޒަހަމްތަކުގައި ފިރުމަމުން، ބޮސް ދެމުން އާތިފް ބުންޏެވެ. ބޭސް އަޅާފައިވާ ތަންތަނުގައި އޭނާގެ ތުންފަތް ޖެހުމާ އެކު އަހަރެންގެ ލޮލޮން ކަރުނަ އައެވެ. ކިރިޔާ ބީހިލިޔަސް ހީވަނީ ގައިގަ ވަޅިއަޅާ ހެންނެވެ. ވޭން އަޅައެވެ.

"ހަމަ ނޭނގިގެންތަ ތި އަހަނީ؟ މިއީ އާތިފްގެ ހެޔޮކަން. އަހަރެން އާތިފް ދެކެ ވި ލޯބީގެ އަގު،" އަހަރެން ބަޑިފަޅައިގެން ދިޔައެވެ.

"ނޫން. ނޫން ތިހެން ނުބުނޭ. އަހަރެން ދުވަހަކު ވެސް ރީމާއަކަށް އަނިޔާއެއް ނުދޭނަން. ހިތުގަ ނުޖައްސާނަން،"

އޭނާ ދެކެ އަންނަންވީ ރުޅި ހެއްޔެވެ؟ ނޫނީ އޭނާގެ ބަލި ހާލާ މެދު އަހަރެން ހަމްދަރުދީ ވާންވީ ހެއްޔެވެ؟ އެއީ ގަސްތުގައި އޭނާ ކުރި ކަމެއް ނޫންކަން އަހަންނަށް ވެސް އެނގެއެވެ. ނަމަވެސް އެފަދަ އަނިޔާވެރިއަކަށް އަހަރެންގެ ހަޔާތުން ކުޑަ ހިނދުކޮޅެއް ވެސް ދޭން އަހަރެން ބޭނުމެއް ނޫނެވެ. އެފަދަ ބަލި މީހަކު އަހަރެން ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟

- ނުނިމޭ -