ވާހަކަ
ސިލްސިލާ ވާހަކަ
10 އޭޕްރިލް 2019 | ބުދަ 19:00
19 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އާތިފް މައިތިރިކުރެވޭތޯ އެތައް މަސައްކަތެއް ކުރީމެވެ. ނަމަވެސް އޭނާ މައިތިރިއެއް ނުވިއެވެ. ބާރު ބާރަށް ރޮމުން ނީލާއަށް ގޮވަމުން ދިޔައެވެ. އެ އަޑު ގަދަވުމުން އަހަރެންގެ ބޮލަށް ވެސް އުދަނގޫވިއެވެ. އަދި ނީލާ ދެކެ އާތިފް ލޯބިވާ ވަރު އެނގުމުން ރުޅި ވެސް ގަދަވިއެވެ. އެ ނުބައި އަންހެނާ އަހަރެމެންގެ ދިރިއުޅުމުން ދާނީ ކޮން އިރަކުންބާއޭ ހިތަށް އެރިއެވެ.

ކުޑަކުއްޖެއްހެން އާތިފް ބޮޑާހާކަމުން ދިޔައިރު އަނެއްކޮޅުން ނީޝް ވެސް ރޯ އަޑު އިވުނެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ރުޅިގަދަވިއެވެ. އިސްކަން ދޭނީ ކާކަށް ހެއްޔެވެ؟ އާތިފް އެއީ ބޮޑު މީހެކެވެ. ނަމަވެސް އެ ހާލަތުގައި އޭނާ ވެސް ސިފަވަނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. ވާނެ އެއްޗެއް ވާން ދޫކޮށްލާފައި އަހަރެން ދިޔައީ ނީޝް މަސަލަސްކުރެވޭތޯއެވެ. ކުޑަކުޑަ ނީޝް ވެސް ގޮވަމުން ދިޔައީ އޭނާގެ މަންމައަށެވެ. ނިދާ ހޭލި ގޮތަށް އެނދުމަތީގައި އިނދެ އޭނާ ވެސް ރޮމުން ނީލާ އަށް އެދި ގޮވަނީއެވެ. ފަހަރުގައި އާތިފްގެ އަޑުގަދަވުމުން އޭނާ ބިރުގަތީ ކަމަށް ވެސް ވެދާނެއެވެ.

ކިހާ ބޮޑު ކަމެއް ހެއްޔެވެ؟ ދަރިފުޅާއި ބައްޕަ ވެސް ބޭނުން ވަނީ ނީލާއެވެ. އަހަރެން ދެން މީ ކާކު ހެއްޔެވެ؟ އަހަރެންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިހާރު އަހަރެން މީ މިގޭގެ ނޯކަރެއް ނޫނެވެ. މި ގޭގެ ވެރިމީހާ އަށް ވާން ހުރި މީހެކެވެ. ބޭއިހްތިޔާރުގައި ނަމަވެސް ރުޅި އާދެވުނެވެ. ނަމަވެސް ނީޝް އާއި އާތިފް ދެކެއެއް ނޫނެވެ. އެ ނުލަފާ އަންހެން މީހާ ދެކެއެވެ. އަހަރެންގެ ދިރިއުޅުމުން އޭނާ ދާނީ ކޮން އިރަކުން ހެއްޔެވެ؟
ދަތްކުނޑި ވިކާލާފައި އަހަރެން ރުޅިގަނޑު މައިތިރި ކުރަމުން ނީޝް ނަގާ އުރަށް ޖަހާލައިގެން ގޮސް އާތިފްގެ ކޮޓަރި ދޮރު ލެއްޕީމެވެ. އޭރު ވެސް މޮޔައެއް ފަދައިން އާތިފް ދިޔައީ ނީލާ އަށް ގޮވަމުންނެވެ. ނީޝް އިތުރަށް ބިރުގަނެފާނެތީ އަހަރެން ކޮޓަރި ދޮރުޖެހީ އަޑު މަޑުކުރުމުގެ ގޮތުންނެވެ. އަދި އަވަސް އަވަހަށް އޭނާ ގޮވައިގެން ގޮސް ނީޝްގެ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހީމެވެ. އެ ގޮތް މިގޮތް ހަދައިގެން އޭނާ ހަމައަކަށް އެޅުވުމަށް ފަހު ރީތިކޮށްގެން އޭނާ ގެނެސް ކާޓޫނެއް އެޅުވުމުން މައިތިރިވެފައި އިނނެވެ. ކާޓޫނަށް ގޮސް ގެއްލި ހުސްވެފައެވެ. އޭރު ވެސް ކޮންމެވެސް ވަރަކަށް އާތިފްގެ އަޑު އިވެއެވެ. ހަމަ ކުޑަވެސް ވަރުބަލިކަމެއް ނެތި އޭނާ ނީލާ އަށް ގޮވަމުން ދިޔައެވެ.

އެ އަޑު އިވޭ ކޮންމެ ފަހަރަކު އަހަރެން ރޫރޫ އަޅައިގެން ދެއެވެ. ރުޅި ގަދަވެފައެވެ. ގޮސް އާތިފްގެ އަނގައިގަ ޓޭޕް އަޅަން ވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ. ނީޝް ހަމައަކަށް އެޅުމުން ބަދިގެއިން ފެންތައްޓެއް ހިފައިގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު ވެސް އާތިފް އިނނީ އެނދުމަތީގަ ކުރުގެޅިގެންނެވެ.

އަހަރެން ގޮސް އޭނާއާ އަރާ ހަމަވުމާ އެކު ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. އަހަރެންގެ ކަރުގައި ވަރަށް ބާރަށް ހިފިއެވެ. އަދި ފައި ކުރުކޮށްފައި އަހަރެންގެ ދަށްބަނޑުގައި ޖެއްސެވެ. އަހަރެންގެ އަތުގައި އޮތް ފެންތަށި ވެއްޓި ކުދިކުދިވިއެވެ.

"ހުރިހާ ނުބައެއް ހެދީ ކަލޭ. މަގޭ މުޅި ދިރިއުޅުމުގަ ވިހަލީ ކަލޭ. ހުރި ހަޔާތްކުޑަކަން ބަލާބަލަ،" އާތިފް އަޑުގެ ނެތްތަނަށް ހަޅޭ ލަވައިގަތެވެ.

އާތިފްގެ އެ ހަމަލާއާ އެކު އަހަރެން ދިޔައީ އެއްލިގެންނެވެ. އަލަމާރީގައި ޖައްސައި އެއް އަތުން އަހަރެންގެ ކަރުގައި ހިފައި އަތުކޮޅަށް ދަމާލައިގެން ހުރި އިރު އަހަރެންގެ ހަށިގަނޑު ހުރީ ބިމުން ކަޓައިފައެވެ. އާތިފްގެ ހަށިގަނޑަށް އާދަޔާ ހިލާފް ބާރެއް ވަނީ ވެރިވެފައެވެ. އޭނާގެ އެ ސިފަ އަހަރެން ދުވަހަކު ވެސް ނުދެކެމެވެ. އަހަރެންގެ ނޭވާ ހާސްވެ ދެލޯ ބޮޑުވަމުން ދިޔައެވެ. އަނެއް އަތުން އޭނަ ދިޔައީ އަހަރެންގެ ކަންކަށިމަތީގައި ތަޅަމުންނެވެ. އަތުގެ ހުރި ބާރު މިނަކަށެވެ. އަހަރެންގެ ލޯ މަޑުމަޑުން މެރެމުން ދިޔައެވެ. ދޫ ހުރީ ބޭރަށް ނުކުމެފައެވެ. މަރަށް ތެޅެފޮޅެމުން ދިޔައީމެވެ.

"މާތްކަލާކޯއެވެ. މިއީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އާތިފް މިއީ ހާދަ ނުބައި މީހެކެވެ." އަހަރެން ހިތާ ހިތުން ސަލާމަތަށް އެދި ގޮވަމުން ދިޔައީމެވެ.

އޭނާގެ އެއްވެސް ބާރެއް އޭނާގެ އަމިއްލަ ނަފްސަށް ނުފޯރާ ކަހަލައެވެ. ސަލާމަތްވުމަށްޓަކައި އަހަރެން އަތާއި ފައި ހޫރަމުން ދިޔައިރު އާތިފަށް ވެސް އަނިޔާވަމުން ދިޔައެވެ. އަހަރެންގެ ކޮންމެ ހަމަލާއަކާ އެކު އާތިފްގެ އިނގިލިތަކަށް ދޫކަމެއް އާދެއެވެ. އެއިން ކޮންމެ ފަހަރަކު އަހަރެން ހަށިފުރާ އެތެރެއަށް ނޭވާލަމެވެ. އެއީ އެންމެ ފަހު ނޭވާ ކަމަށް ބަލައިގެންނެވެ. މީހާގެ ގައިން ވަރު ދޫވާން ތަންމިނަށް އަނގަހުޅުވި ދޫ ބޭރަށް ނުކުންނަ ވަރަށް އަހަރެންގެ ކަރަށް އާތިފް ބާރުކޮށްލުމާ އެކު ކުއްލިއަކަށް ފަޔަށް ލެވުނު ބާރެއް ލާފައި އަހަރެން އޭނާގެ ދައްބަނޑު ކޮޅުގައި ފައިން ޖެހީމެވެ. ކުއްލިއަކަށް އޭނާގެ އަތް ދޫވިއެވެ. ރުއްބުޑެއް ވެއްޓޭހެން އަހަރެން ވެއްޓި ތަށިމުށިގަނޑު މައްޗަށް ޖެހުނެވެ. އާތިފް ވެއްޓުނީ އެނދުމައްޗަށެވެ. ވެއްޓެން ދިޔައިރު އޭނާގެ ބޯ ގޮސް ފާރުގައި ވަރަށް ބާރަށް ޖެހުނެ އަޑު އިވުނެވެ.

އަހަރެން ގޮސް ޖެހުނީ ތަޅައިގެން ގޮސްފައި އޮތް ތަށީގެ ބިއްލޫރިތަކުގެ މައްޗަށެވެ. ބިއްލޫރިތައް އަހަރެންގެ ހަށިގަނޑުގެ އެތައް މިތަން ތޮރުފާލިއެވެ. ފައިގެ ފަލަމަސްގަނޑަށް ފުންކޮށް ބިއްލޫރިގަނޑެއް ހެރުނު އިރު އަތުގެ ތިން ހަތަރު ތަނަކުން ކަފައިގެން ދިޔައެވެ. ކުދިކުދި ބިއްލުރިކޮޅުތަކުން ބުރަކަށިން ވެސް ލޭކޮށާލިއެވެ. އާހްގެ އަޑާއެކު ހިކި ކެއްސުންގަނޑެއް އައެވެ. ކޮންމެ ކެއްސުމަކާ އެކު ހަށިގަނޑުގެ އެތައް މިތަނުން ވޭން އަޅަން ފެށިއެވެ. އިސާހިތަކު މުޅިތަން ލޭގެ ކޯރަކަށް ވެއްޖެއެވެ. ހޯސްލާފައި ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ނަމަވެސް ކެއްސުމާ ހުރެ އަޑެއް ބޭރެއް ނުކުރެވުނެވެ. އެހީއަކަށް އެދި ގޮވަން ވެސް މަސައްކަތްކުރީމެވެ.

މޭފުރާ ދެތިން ނޭވާ ލުމަށް ފަހު އެ ތަނުން ތެދުވެގެން ސަލާމަތްވުމަށް އަހަރެން މަސައްކަތް ފެށީމެވެ. ނަމަވެސް އަތުގެ އެތައް މިތަނަށް ހެރިފައިވާ ބިއްލޫރިކޮޅުތަކުގެ ސަބަބުން ގުޑިލާހާ ހިތްވަރު ވެސް އަހަންނަކަށް ނުލިބުނެވެ. އާތިފްގެ އެއްވެސް ހަރަކާތެއް ނެތެވެ. އޭނާ ދެވަނަ ފަހަރަށް ތެދުވެ އަހަންނަށް ހަމަލާ ދީފާނެ ކަމުގެ ބިރު އޮތުމުން ކިތަންމެ ތަދުވިޔަސް ކަރުނަ އަޅަމުން ތެދުވެވޭތޯ ބެލީމެވެ. އަދި ފަޔަށް ހެރިފައިވާ ތަށީގެ ފޫ ދަމައި ގަނެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް ބިއްލޫރިކޮޅުގައި އަތްޖައްސާލުމާ އެކު އަހަރެން ދިޔައީ ބުރާންތިވެގެންނެވެ. އެކަން ކުރަން އުޅެފި ނަމަ އަނެއްކާ ވެސް އާތިފް ތެދުވެދާނެއެވެ. އެހެންކަމުން ތަށިމުށިގަނޑުގައި ދެމެމުން ކަހަލަ ގޮތަކަށް ދޮރާ ހަމައަށް ދެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. ނަމަވެސް ކުރިއަށް ޖެހިލާ ކޮންމެ ތަންކޮޅަކާ އެކު ބިއްލޫރިތަކުން އަހަރެންގެ އެތައް މިތަން ޒަހަމްކުރަމުން ދިޔައެވެ. އެޒަހަމްތަކުން ލޭތައް އޮހޮރެމުން ދިޔައެވެ. މޫނު ދުޅަވެ އަރާފައިވާ އިރު ދޮރު ވެސް ފެންނަނީ ހަތަރު ދޮރުގެ ގޮތުގައެވެ.

ތަންކޮޅަކަށް ދެވުނުތަނާ ފަހަތުން އަހަރެންގެ ފައިގާ އާތިފް ހިފެހެއްޓިއެވެ. އަހަރެން ވަރަށް އުނދަގުލުން ފަހަތަށް އެނބުރި ބަލައިލީމެވެ. އަހަރެންގެ ފައިގަ ހިފެހެއްޓީ އާތިފެއް ނޫނެވެ. އެނދުގައި އަހަރެންގެ ފައި އަޅައިގަތީއެވެ. އާތިފް އޭރުވެސް ވެއްޓި ޖެހުނު ގޮތަށް ގުޑިވެސް ނުލައި އޮތެވެ. އަޅަމުން ދިޔަ ވޭނާ އެކު މަޑުމަޑުން ފިރުކެމުން ބިއްލޫރިތަކުގެ މަތިން ދެމެމުން ގޮސް އަހަރެން ކޮޓަރިން ނުކުތީމެވެ. ފަހަތުން ލޭގެ ކޯރެއް ދެމިފައި އޮތެވެ. ކާޓޫނުގެ ކެރެކްޓާތަކާ އެކު ނީޝް ވެސް މަޖާކުރާ އަޑު އިވެމުން ދިޔައެވެ. އޭނާއާ މެދު ވިސްނާހާ ހިތްވަރެއް އަދި ބާރެއް ވެސް އަހަރެންގެ ނެތެވެ. އާތިފްގެ ކޮޓަރިން ނުކުން ގޮތަށް ޖެހިގެން ހުރި އަހަރެމެންގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ވަރަށް މަސައްކަތުން ހިފާ އަނބުރާލީމެވެ. ނަސީބަމުން ހަށިގަނޑު ކޮންމެވެސް ވަރަކަށް ދަމާލުން ފިޔަވައި މާބޮޑު ކަމެއް ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވުމާ އެކު އަހަރެން ކޮޓަރި ތެރެއަށް ވެއްޓިގަތީމެވެ. އެ ކުރު ރާސްތާ ވެސް ހީވީ އެތައް މޭލެއް ހެންނެވެ. ހައެއްކަ މިނިޓުގެ އެ ވަގުތުކޮޅު އަހަންނަ އިހްސާސްކުރެވުނީ ރެއާ ދުވާލެއް ބަދަލުވެ ދިޔަހެންނެވެ.

ކޮޓަރިއަށް ރަނގަޅަށް ނުވަދެވި އުޅެނޮކޮށް އަހަރެން ބެލީ ގޮދަޑީގައި އަޅާފައި އޮތް ބެޑްޝީޓް ދަމައިގަނެވޭތޯއެވެ. ނީޝްގެ އެނދުގެ ފައިގަ ހިފެހެއްޓުމަށް ފަހު އަހަރެން ހަށިގަނޑު ކޮޓަރި ތެރެއަށް ވެއްދީމެވެ. ފައިކޮޅުގައި އެއްވެސް ވާތްގެއް ނެތް ކަހަލައެވެ. އުނަގަނޑުން ތިރި ވާގި ނެތިފައިވާ މީހެއް ފަދައިންނެވެ. އަހަރެންގެ ވާގި ނެތް ހަށިގަނޑު ދޮރުން އެތެރެވުމާ އެކު އަވަސް އަވަހަށް ގައިގަ ހުރި ބާރެއް ލާފައި ދޮރު ޖެހީމެވެ. އަދި ތަޅަށް ފިތާލީމެވެ. ނީޝްގެ އެނދުގައި ބުރަކަށި ޖައްސާލީމެވެ. އޭރު ވެސް މުޅި ސަރަހައްދު ދިޔައީ ލެއިން ތައްތެޅެމުންނެވެ. ގިނައިން ލޭ ފައިބަމުން ދިޔައި ތަށީގެ ފޫ ހެރިފައިވާ ތަނުންނެވެ. އަހަރެން މަޑުމަޑުން ބެޑްޝީޑް ކައިރި އަށް ދަމާލީމެވެ. އަދި ވަރަށް މަސައްކަތުން ބެޑްޝީޓް ވިދާލުމަށް ފަހު ކުޑަކޮށް ހަމަޖެހިލީމެވެ. ފައި ކައިރިއަށް ދަމާލުމަށް ފަހު ކައިރީގައި އޮތް ބާލިސް ނަގާ ދަތް އެޅީމެވެ. އޭރު ވެސް އަހަރެން ދިޔައީ ގިސްލެމުންނެވެ. ވަމުންދިޔަ ތަދަށް ވުރެ އާތިފްގެ އެ ސޫރަ ފެނިފައި ލިބުނު ހިތާމަ އާއި ބިރުވެރިކަން ބޮޑުވެ.

އެއީ އިންސާނެއް ހެއްޔެވެ؟ އެއްވެސް ރަހުމެއް ނެތެވެ. ހާދަ އަނިޔާވެރިއެވެ. އޭނާގެ އެ އޯގާތެރިކަން ކޮބައި ހެއްޔެވެ؟ އެ ފިރުމުންތައް ކޮބައި ހެއްޔެވެ؟ އެއީ މޮޔައެކެވެ. އޭނާ ހަމަހޭގައި ހުރި ނަމަ އެހެންނެއް ނުހަދާނެއެވެ."

ބިއްލޫރިގަނޑު ހެރިފައިވާ ތަނަށް ވުރެ ތަންކޮޅެއް މަތިން ވީދާލި ފޮތިގަނޑު ބާރުކޮށް އެއްސީމެވެ. އިތުރު ހަރަކާތެއް ނެތި އިރުކޮޅަކު އެހެން އިނނީމެވެ. ކޮންމެ ގޮތެއް ވިޔަސް މި ގޮތުގައި އިންނަން ވެއްޖެ ނަމަ މާދަމާގެ އިރު އަހަންނަކަށް ނުފެންނާނެ އެވެ. މި ގެއިން ނެރެންޖެހޭނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑެވެ. ނިލާއެއް ވެސް ނެތެވެ. އާތިފް އެ އޮތީ މޮޔަވެފައެވެ. ހަމައިން ނެއްޓިފައެވެ. ކުޑަކުޑަ ނީޝް އެކަންޏެވެ. އަހަންނަށް ގޮތެއް ވެއްޖެ ނަމަ އޭނާ އަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އަނެއްކާ މީހަކު ނެތް ނަމަ ނީޝް އަށް ވެސް އާތިފް ހަދާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ހިތަށް އެރި ކަންތައްތަކާ އެކު އަހަންނަށް އާ ހިތްވަރެއް ލިބުނެވެ. ދައްތަގެ ނުރުހުމުގެ ބަސްތަކަށް އާދަވެ އެ ހިތާމައަށް ކެތްކުރުމުގެ ހިތްވަރު ހުރި ނަމަވެސް ހަށިގަނޑުގައި ކޫރުމެއް އެޅުނަސް އަހަންނަކީ ވަރަށް ފިނޑި މީހެކެވެ. ހާލަކުން ފަހަރަކު ނޫނީ ބަލި ނުވި ނަމަވެސް ކިރިޔާ ވެސް ބައްޔެއް ވެއްޖެ ނަމަ އަހަރެން ވަރަށް ހާސްވެއެވެ. އެހެން ކަމުން ކޫރުމެއް އެޅުނަސް އެކަން ވެސް އަހަންނަށް ވަނީ ބޮޑު ކަމަށެވެ. ނަމަވެސް މިއަދު މުޅިން ތަފާތެވެ. ދުނިޔޭގައި މީހަކަށް ލިބޭނެ ހުރިހާ އަނިޔާއެއް އަހަންނަށް މި ވަނީ ލިބިފައެވެ. އިއްފަތްތެރިކަން ގެއްލިއްޖެއެވެ. މީހެއްގެ ކެހިވެރި ލޯބީގައި ހިތްކުދިކުދި ވެއްޖެއެވެ. މަރުގެ އެތިފަހަރަކުން ސަލާމަތްވީ ކިރިޔާއެވެ. ނޫނެކެވެ. އަހަރެން އަދިވެސް މިވަނީ މަރުގެ ތުންފަތް މަތީގައެވެ. ފައިން އޮހޮރެމުންދާ ލޭ މަނާ ނުވެއްޖެ ނަމަ އެ ލޭގެ ކޯރުގައި އަހަރެންގެ ނޭވާ ހުސްވަން، ދެން މާ ގިނައިރެއް ނުވާނެކަން އަހަންނަށް ކަށަވަރެވެ. ނަމަވެސް މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކުޑަކުޑަ ނީޝްއާ މެދު އަހަންނަށް އެތައް ފަހަރަކު ވިސްނުނެވެ.

- ނުނިމޭ -