ބުރާސްފަތި 22 އޮކްޓޯބަރ 2020
05 ހެއި
1442 ރަބީއުލް އައްވަލް 05
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
އިރުއޮއްސޭ 17:53
އިޝާ 19:05

ވާހަކަ - ތޭރިތަކުން

އަލީ ޔޫސުފް
AliYooosuf

8 އޭޕްރިލް 2019 | ހޯމަ 17:20 2,641

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

"ރީމާ! އާދެބަލަ. އަލަމާރީގައި ހުރި ނީލާގެ އަންނައުނުތައް މަ މިދޭ ދަބަހަށް އަޅާފައި އޭނާ އަތަށް ދީ!" އަހަރެންގެ ޖަވާބަކަށް ވެސް އިންތިޒާރުނުކޮށް އާތިފް އަނެއްކާ ވެސް ގޮސް ކޮޓަރިއަށް ވަނެވެ.

އޭނާ ހުރީ ރުޅި އައިސްފައި ކަމެއް އަދި ދެރަވެފައި ކަމެއް ވެސް ނޭނގެއެވެ. ނީޝްއަށް ދޭން ގެންގުޅުނު ބުއްތަށި އަދިވެސް ހުރީ ގިރި ގޮތަށެވެ. އޭގައި އޭނާ ދެތިން ފަހަރު ތުންޖެހި ނަމަވެސް ކުރިއަކަށް ނުދެއެވެ. ނަމަވެސް ބުއްތަށި ދީފައި ދާން ވެއްޖެ ނަމަ އެތައް އިރެއް ނަގާނެއެވެ. އެ މީހާ އަށް ވެސް ލަސްވާނެތީ ކާޓޫން އަޅުވާފައި ނީޝް ސިޓިން ރޫމަށް ދޫކޮށްލާފައި އަހަރެން ގޮސް ވަނީ އާތިފްގެ ކޮޓަރިއަށެވެ. ނޫނެކެވެ. މީގެ ފަހުން ދެން އެއީ އަހަރެންގެ ވެސް ކޮޓަރިއެވެ.

އާތިފް ފެންނާކަށް ނެތެވެ. އޭނާ އަނެއްކާ ވެސް ފާހާނާއަށް ވަނީއެވެ. އެނދު ކައިރީގައި އާދައިގެ ވަރެއްގެ ފޮއްޓެއް ހުއްޓެވެ. އެއީ ކުރިން އަލަމާރިމަތީގައި ހުރި ފޮއްޓެކެވެ. ގިނަ ދުވަހު ބޭނުން ނުކޮށް ހުރުމުން ހިރަފުހުން ތަތްތެޅިފައެވެ. ފޮށި ހިފައިގެން ބޭރަށް ނުކުމެ ފޮތިގަނޑަކުން އެ ސާފުކުރުމަށް ފަހު އަނެއްކާ ވެސް އަހަރެން ކޮޓަރިއަށް ވަނީމެވެ. އާތިފް އޭރުވެސް ނުނިކުމެއެވެ. އެއީ ފަސް ދޮރުފަތްލީ ބިޔަ އަލިމާރިއެކެވެ. އަހަރެން ގޮސް އަލަމާރި ހުޅުވާލީމެވެ. އެއްފަރާތެއްގައި އާތިފްގެ ސިފައިންގެ ޔުނޯފޯމްތައް ހުއްޓެވެ. ނަމަވެސް އަލަމާރީގެ ބޮޑުބައި ވަނީ ނީލާގެ ހެދުންތަކުން ފުރިފައެވެ. އެ ހުރިހާ ހެދުމެއް އެ ފޮއްޓަކަށް ނޭޅޭނެއެވެ. އިރުކޮޅަކު ހަދާނެ ގޮތް ހުސްވެފައި އަހަރެން ހުރީމެވެ. ވިސްނަން ހުރެފައި އަހަރެން މަސައްކަތް ފެށީމެވެ. ނީލާ އާންމުކޮށް ލައިއުޅޭ ހެދުންތައް ނަގައި ފަތް ޖެހަން ފެށުމާ އެކު އާތިފް ފާހާނާއިން ނުކުމެއްޖެއެވެ.

މި ހުރިހާ އެއްޗެއް ފޮއްޓަކަށް ނޭޅޭނެ. ކިހިނެއް ހަދަންވީ؟" އަހަރެން ހުރީ އާތިފް ނުކުންނާނެ އިރަކަށް ބަލަބަލައެވެ.

"އެޅުނު ވަރަކަށް އަޅާފައި ދީ. ބާކީ ހުރި އެއްޗެހި ބަލާ ފަހުން އަންނާށޭ ބުނާނީ،" ރުންކުރު ގޮތަކަށް އޭނާ ބުނެލިއެވެ.

އާތިފް އެއްވެސް ވަރަކަށް ހާސްވެފައި ހުރިހެން ހީވެސް ނުވެއެވެ. ނީލާ ކައިރިން ސަލާމަތްވުމަކީ އޭނާ ވެސް ބޭނުންވި ގޮތް ކަމަށް ވެދާނެއެވެ. ދަންވަރުގެ ވަގުތު ތިމާގެ އަނބިމީހާ ހެއްދެވި ނުހެއްދެވިއަށް ގޮވާފައި ގެއިން ނުކުމެގެން ދިޔުމުން އެއްވެސް ހާސްކަމެއް ނެތި ހުންނާނީ ގައިމު ކަމެއް ވީމަތާއެވެ؟

އާތިފް ރީތިވެގެން މަޑުވެސް ކޮށްނުލާ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. އަހަރެން ވެސް އިތުރު ސުވާލެއް ނުކުރަމެވެ.

ފޮއްޓަށް އެއްޗެހި އަޅަމުންދިޔައިރު ކީއްވެ ކަމެއް ނޭނގެއެވެ. ހިތާހިތުން އަހަރެން ދިޔައީ އުފާކުރަމުންނެވެ. ދުރުން ބަލާ މީހަކަށް ފަހަރުގައި އަހަރެންގެ ތުންފަތް މަތިން ހިނިތުންވުމުގެ އަސަރު ވެސް ފެނުން އެކަށީގެންވެއެވެ. ފޮށި ފުރެންދެން ހެދުންތައް އެޅުމަށް ފަހު މޭޒުމަތީގައި ހުރި ނީލާގެ ބައެއް އެހެން ސާމާނު ވެސް ފޮށިތެރެއަށް ގަންބާލީމެވެ. އަލަމާރިން އެއްޗެއް މަދުވިހެން ހީވެސް ނުވެއެވެ. ކޮނޑުގައި އަޅުވާފައި ހުރި ހެދުންތަކުގެ އިތުރުން ފަތްޖަހާފައި ހުރި އެއްޗެހި ވެސް ފުންޏަކަށް ހުއްޓެވެ. ކޮޓަރިތެރެ ކުޑަކޮށް ހަމައަކަށް އަޅުވާލުމަށް ފަހު އަހަރެން އެނދުގައި އިށީނދެލީމެވެ. އަދި ކޮޓަރިތެރެއަށް ނަޒަރު ހިންގާލީމެވެ.

ކުރިއަށް އޮތްތަނުގައި މިއީ އަހަރެންގެ ކޮޓަރިއެވެ. އަލަމާރި ފުރާލާނީ އަހަރެންގެ ހެދުންތަކުންނެވެ. މިހާރު އަހަރެން ބޭނުންކުރާ ދެ ދޮރުފަތް ލީ އަލަމާރި ވެސް ހުރީ ގާތްގަނޑަކަށް ހުހަށޭ ބުންޏަސް ރަނގަޅުވާނެއެވެ. ދައްތަމެން ގެއިން ނުކުމެގެން އައިއިރު ގެނައި ދެގަނޑެތި ފިޔަވައި ދެން ހުރީ ނީލާ ހެޔޮކަމުން ދިން އެއްޗެއްސެވެ. ނޫނެކެވެ. އޭނާ ބާވެގެން އުކާނުލަން އަހަންނަށް ދިން އެއްޗެއްސެވެ. "ހާދައި ނުބައި އަންހެނެކެވާ." އަހަރެން ހިތާ ހިދުން ނީލާ އަށް ފަތިވަރު ގޮވީމެވެ.

އިރުކޮޅަކު އެހެން އިނުމަށް ފަހު އަހަރެން ގޮސް ބިދޭސީ މީހާ އެތެރެއަށް ވައްދައި ފޮށި ހަވާލުކުރީމެވެ. އަދި ބާކީ ހުރި އެއްޗެހި ބަލާ ފަހުން އަންނާށޭ ބުނީމެވެ. ފޮށި ގެންދިޔައިރު ވެސް އާތިފް އިނނީ ނީޝް ކައިރީގައެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. ރީތިވިޔަސް އޭނާ ބޭރަށް ދާހިޔާލެއް ނެތް ކަހަލައެވެ. އޭނާ އިނނީ ސޯޓުބުރި އާއި ޓީޝާޓުގައެވެ.

ސައިތަށި ހިހޫވެފައި ހުރުމުން ކޮފީތައްޓެއް ހަދައިދެންތޯ އަހަރެން އެހީމެވެ. އާތިފް ބޯ ޖަހާލުމުން އެކަމުގައި އަހަރެން މަސްއޫލުވީމެވެ. އާތިފް ސައިބޮން އައުމުން އަހަރެން މަސައްކަތް ފެށީ ނީޝްއަށް ބުއްތަށި ދެވޭތޯއެވެ.
***
ހަވީރު ވަންދެން އާތިފް ގޭގައި މަޑުކުރިއެވެ. މެންދުރު ނީޝް ނިދުމުން އަހަރެމެން ދެ މީހުން އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ލޯބީގެ ކަނޑުގައި ފެތީމެވެ.

މުސްތަގުބަލާ މެދު މަޝްވަރާކުރުމަށާއި އާތިފް ދެން ކަންތައްކުރާނީ ކިހިނެއްތޯ ބަލަން އަހަރެން ހުރީ ކެތް މަދުވެފައެވެ. އެތައް ފަހަރު އަހަން ވެސް އުޅުނީމެވެ. ނަމަވެސް އެ ވާހަކައިގެ ތެރެއިން ނީލާގެ ނަން ކިޔަންޖެހިދާނެތީ، އެ ލޯބިން ފުރިގެންވާ ވަގުތުކޮޅު ހަރާބުކޮށްލަން އަހަރެން ބޭނުން ނުވީއެވެ. އެހެން ކަމުން އާތިފް އިސްވެ އެ ވާހަކަ ދައްކަންދެން އެފަދަ ސުވާލެއް ނުކުރަން އަހަރެން ނިންމީމެވެ. އޭނާގެ މޫޑް ގެއްލިދާނެތީއެވެ. ހަވީރު ވަންދެން ގޭގައި މަޑުކުރުމަށް ފަހު އާތިފް ބޭރަށް ދިއުމުން އަހަރެން ވެސް ގޭގެ ދޮރު ތަޅުލާފައި ކޮޓަރިއަށް ވަދެ ފްރެޝް ވެލީމެވެ. ދެން އަންނަނީ ތަންކޮޅެއް ފަހުން ކަމަށް އާތިފް ގެއިން ނުކުންނަމުން ބުނެފައި އޮތުމުން ރަނގަޅަށް ފެންވަރައިގެން ސޮފާގައި އަރާމުކޮށްލަން ޖައްސާލީމެވެ. އޭރު ވެސް ނީޝް ނުހޭލައެވެ.

އާތިފްގެ ހަށިގަނޑުގެ މީރު ވަސް އަދިވެސް އަހަރެންގެ ހަށިގަނޑުން ނުފިލާ ކަހަލައެވެ. އޭނާ އަހަރެން ދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ ކިރިޔާ ހުސް ވަގުތުކޮޅެއް ލިބުނަސް އަހަރެންގެ އުނގު ލޯބިން ފުރާލަ ދެއެވެ. އޭނާ ފިރުމުންތަކާއި ބީހުންތަކުން އަހަރެން މޮޔަކޮށްލައެވެ. އެއިން ކޮންމެ ފަހަރެއް ނިމިގެންދަނީ ވަރުބަލިކަމުގެ ތެރެއިންނެވެ. ނަމަވެސް އެއީ އަހަރެން އަބަދު ވެސް ބޭނުން ކަމެކެވެ. ވެގެންވާ ނަމަ އަހަރެން އަބަދު ވެސް ބޭނުން ވަނީ އެ ގޮތުގައި ވަރުބަލިވުމެވެ. ފޮނި ހިޔާލުތަކަށް ގެއްލިފައި އިންދާ ކުއްލިއަކަށް މީހަކު ތަޅު ހުޅުވި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދޮރު ހުޅުވާލާފައި ވަނީ އާތިފެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. ގޭތެރެއަށް ވަދެވުމާ އެކު އޭނާ ދޮރު ތަޅުލާފައި ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަހަރެންނަށް ބަލާ ވެސް ނުލައެވެ. ފަހަތުން ދާން ހިތަށް އެރި ނަމަވެސް ތެދުވެފައި ވެސް މަޑުކޮށްލީއެވެ.

އިރުކޮޅަކުން އެއްޗެހިތަކެއް ވެއްޓުނު އަޑު އިވުނެވެ. ހީވާ ގޮތުން އެއީ ބިއްލޫރި އެއްޗެހިތަކެއް ތެޅޭ އަޑެވެ. އަޑު އިވުމާ އެކު އަހަރެން ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަނީމެވެ. ކަމަކުދާކަށް ނެތެވެ. ކޮޓަރި އޮތީ އެ ފުށްމިފުށަށް ޖަހާފައެވެ.

"ކޮބައިތަ މިތާހުރި ބޭސް ފުޅި؟" އާތިފް ހުރީ ދާހިއްލާ ފޯވެފައެވެ.

މުޅި މީހާ ތުރުތުރު އަޅައެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި އެއްޗެހިތައް އެތައް މިތަނަށް އުކާލާފައެވެ. ވެއްޓި ތެޅިފައި އޮތް ސެންޓް ފުޅީގެ ބިއްލޫރިކޮޅުތައް ހީވަނީ ދެންމެ ދެންމެދެންމެ އާތިފްގެ ފައި ޒަހަމްކޮށްލަފާނެހެންނެވެ.

"އާތިފް ހަމަޖެހިބަލަ. ކިހިނެއްތަ ވެގެން ތި އުޅެނީ. ބިއްލޫރިތައް ފަޔަށް ހެދިރާނެ. ކޮން ބޭހެއްތަ؟ މަޑުކުރޭ އަހަރެން ސާފުކުރަންދެން،" އާތިފަށް އެ ހުރީ ކިހިނެއް ވެފައި ހެއްޔެވެ؟

"ނީލާ އަށް ގުޅާފަ އަހާބަލަ ބޭސް ފުޅި ކޮބައިތޯ،" އާތިފްގެ ދުލުން ނީލާގެ ނަން އިވުމާ އެކު އަހަންނަށް ހީވީ މީހަކު ކަންފަތްމަތީގައި ޖެހިހެންނެވެ. އަދިވެސް ކުދިކުދި ކަން ކަމުގައި ވެސް އާތިފް ބޭނުން ވަނީ އެ ނީލާ ހެއްޔެވެ؟ އެ ނުބައި އަންހެނާ ހެއްޔެވެ؟

"އަދި ތިވަރުވާކަށް ނުޖެހޭ ދޯ. ކަމެއްވާ ކޮންމެ ފަހަރަކު އެ ނީލާ އަށް ގޮވާކަށް ނުޖެހޭ،" އަހަރެން ވެސް ރުޅި އަންނަ ގޮތް ވިއެވެ.

އާތިފް ބުނާ އެއްޗެއް ބަލަން މަޑުނުކޮށް އަހަރެން މަސްއޫލުވީ ތެޅިފައިވާ ސެންޓް ފުޅީގެ ބިއްލުރިތައް ނެގުމަށެވެ. އޭރު ވެސް އާތިފް އަތުން އޭނާގެ އަމިއްލަ އިސްތަށިގަނޑަށް ދަމަދަމާ ހުއްޓެވެ. އާތިފް އެ ހޯދަނީ ކުރިން ރެޔަކު ވަޅި ހިފައިގެން އޭނާ އުޅުނު އިރު އޭނާ އަށް ނީލާ ދިން ބޭހެވެ. އެއީ ނަފްސާނީ ބަލީގެ މީހުންނަށް ދީއުޅޭ ބޭހެކެވެ. އެ ބޭސް އަޅާފައި ހުރި އޮރެންޖްކުލައިގެ ޕްލާސްޓިކް ދަޅު އޮތީ، ވެއްޓި ތެޅިފައިވާ ސެންޓްފުޅި ކައިރީގައެވެ. ނަމަވެސް ފެއްސާއި ހުދު ކުލައިގެ ދެބުރި ދެ ކުލައިގެ އެ ބޭސް ގުޅަތަކެއް ނެތެވެ. އެއީ ހުސް ތަޅެކެވެ. ދަޅުގެ ބޭރުގައި "ޕްރޮޒެކް" ޖަހާފައި އޮތެވެ. އާތިފަށް އެ ބޭސް ދޭކަން އެނގިގެން އަހަރެން އެ ބޭހާ ބެހޭ ގޮތުން ވަނީ ކުރިން މައުލޫމާތު ހޯދާފައެވެ. ސްކޫލްގެ ލެބް ރޫމަށް ގޮސް ކުރި މަސައްކަތުން އަހަންނަށް އެނގުނު ގޮތުގައި އެއީ ނަފްސާނީ ބަލި މީހުންނަށް ދޭ ބޭހެކެވެ. އެ ކަމާ ބެހޭ ގޮތުން މީގެ ކުރިން އާތިފްގެ އިތުރުން ނީލާއާ ވެސް ވާހަކަ ދައްކަން މަސައްކަތްކުރީމެވެ. ނަމަވެސް ހިނގައިދިޔަ ހައިޖާނުގެ ތެރޭގައި އެ ފުރުސަތެއް އަހަންނަކަށް ވެސް ނުލިބުނެވެ. އަނެއްކޮޅުން ނީލާ އާއި އާތިފް ވެސް އެ ވާހަކަ ދައްކަން ބޭނުން ނުވާކަން އަހަންނަށް އޮތީ ކުރިން ވެސް އިހްސާސްކުރެވިފައެވެ. އެހާ ވަރަށް އެކަން ސިއްރުކުރަން އުޅެނީ ކީއްވެ ހެއްޔެވެ؟

އާތިފްގެ ނަފްސާނީ މައްސަލައެއް ހުރިކަން ހިތަށް އެރުމާ އެކު އަހަރެންގެ ރުޅިގަނޑު މައިތިރިވިއެވެ. އަދި އެ ހާލަތުގައި އޭނާއާ އެ ގޮތަށް ވާހަކަ ދެއްކުނީތީ އަހަރެން ދެރަވިއެވެ. ކޮންމެވެސް ވަރަކަށް ޖެހިލުން ވެސް ވިއެވެ. އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެޔޭ ހިތަށް އެރިއެވެ. ކުރިން ރޭ ވެސް ވަޅިން އޭނާގެ އަތް ޒަހަމްކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ.

"އާތިފް.... ހަމަޖެހިބަލަ،" އޭނާ މައިތިރިކުރެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. އެތައް ވާހަކައެއް ދައްކައިގެން އޭނާ އެނދުގައި ބޭއްވުމަށް ފަހު އަހަރެން މަސައްކަތްކުރީ ކޮޓަރި ހަމައަކަށް އެޅުވޭތޯ އެވެ.

ފަހަރަކު ވަތްގަނޑެއް ހާވާ ބެލިއިރު ވެސް އެ ބޭހެއް ނުފެނުނެވެ. އަދި ބޭސް ސިޓީއެއް ވެސް ފެންނާކަށް ނެތެވެ. ކޮޓަރި ރަނގަޅަށް ސާފުކޮށް ތަރުތީބު ކުރުމަށް ފަހު އަލަމާރި ވެސް ވަރަށް ރަނގަޅަށް ބެލީމެވެ. ކަބަޑްތައް ވެސް ބެލީމެވެ. ނަމަވެސް އޭގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އާތިފް ކުޑަކޮށް ލޯމެރިފައި އޮތުމުން އަހަރެން ނުކުތީ ބޭރަށެވެ.
ސޯފާގައި ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް އާތިފް ވަރަށް ބާރަށް ނީލާއަށް ގޮވާ އަޑު އިވުނެވެ. ދޮރު ހުޅުވާފައި ހުރުމުން އެ އަޑު ވަރަށް ބާރަށް އިވުނެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އާތިފް އިނނީ އެނދުމަތީގައި އިށީނދެ، ދެ ފައި ކުރުކޮށް ބޮލުގައި އަތް އަޅައިގެންނެވެ. އޭރު ވެސް އޭނާ ނީލާ އަށް ގޮވަމުން އަޑުން އަޑު ނަގާ ރޮނީއެވެ.

- ނުނިމޭ -

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް