ވާހަކަ
ސިލްސިލާ ވާހަކަ
3 އޭޕްރިލް 2019 | ބުދަ 11:33
17 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

"ހަމަ މިހާރު އެ ނުލަފާ އެތި މިގެއިން ނެރޭ! ބަލާބަލަ ހުންނަ ނުބައިކަން. އަހަރެން ބޮލުގަ ރިއްސާތީ އާތިފަށް ގުޅާގުޅާ ފޯނު ނުނެގީމަ އެންމެ ފަހުން ނުހުރެވިގެން ކާރުގައި މި އައީ. ފޯނު ނުގެނީމާ ވެސް މަށަށް ހީވެއްޖެޔޭ މިހެން ވެދާނެޔޭ. މިހާރު ދުވަސްކޮޅެއް ވެއްޖެއޭ މަގޭ ބޮލިގަ ރިހޭތާ. ޝައްކު ވިޔަސް އަޅާ ނުލާ ހުންނަނީ އާތިފަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުން. މިއީ ދޯ މަ ކުރި އިތުބާރުގެ ބަދަލަކީ،" ރޮމުން ނީލާ ހަޅޭލަވަމުން ގެންދެއެވެ.

ކޮޓަރިން ބޭރަށް އަޑު އަންނަނީ ވަރަށް ބާރަށް ހަޅޭލަވާތީއެވެ. އާތިފްގެ އަޑެއް ބަޑެއް ނީވެއެވެ.

"ކޮބާ އެ ނުބައި އެތިގަނޑު. ހަމަ މިހާރު ނެރޭ!" ނީލާ އަޑުގެ ކޮޅަށް ހަޅާލެވައިގަތެވެ.

"ނީލާ މައިތިރިވޭ. އަދި ތިވަރުވާކަށް ނުޖެހޭ. ނީލާ ވެސް ވަކި ތާހިރެއް ނޫނޭ އުޅޭ ގޮތެއް. ދުވާލުދާ ހަތަރު ދަމު ބޭރުގައި. މަގޭ ހުރިހާ ކަމެއް ރީމާގެ ބޮލަށް ޖަހާފައި.." އާތިފް ރައްދު ދިނެވެ.

"ހެވޭ! މަ ކޮން ކަމެއް ނުކޮށްދެނީ ކަލެއަށް. ގޭގައި ގެންގުޅޭން މީހަކު ގެނައްސަ ހުންނަންޏާ އެ މީހަކު ލައްވާ މަސައްކަތް ކުރުވާނެ ދޯ. އެކަމަކު އާތިފްގެ ކޮން ކަމެއް ނުވެގެންތަ އެ ބަކަ.... ކައިރި އަށް ދާންޖެހުނީ. މަ ކިހިނެއް އުޅެގެން..." ނީލާގެ އަޑު އިހުނަށް ވުރެ ވެސް ގަދަވިއެވެ.

"ކިހިނެއް ނޫޅެނީ. ހަނދާންކޮށްބަލަ! އެ ބޭރު ޑޮކްޓަރު ކައިރިއަށް ދިޔަ ދުވަސްވަރު. މަށަށް ނޭނގެނީކީ ނޫން. ކަލޭގެ ރައްޓެހިން މަގޭ ކައިރީ ހުރިހާ ވާހަކައެއް ދައްކާފައި އޮތީ. ޑޮކްޓަރާ ކަލެޔާ ގަންނަ ގަނޑު މަށަށް އެނގޭ. މައްސަލައަކަށް ހަދަން ބޭނުން ނުވާތީ މަ އެ ވާހަކަ އޭރު މަވެސް ނުދައްކަނީ،" އާތިފް ވެސް ރުޅިގަދަވިއެވެ. ދެ މީހުންގެ ޒުވާބު ގަދަވިއެވެ.

"ކަލެއަކަށް ނުބެހެވޭނެ މަ ކޮންމެ ގޮތަކަށް އުޅުނަސް،" ނީލާގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ނުވެ އުޅެނިކޮށް ވަރަށް ބާރު އަޑުފައްގަނޑެއް އިވުނެވެ.

"އައްދޯން. ދޫކޮށްލާ. އަނިޔާކުރާކަށް ނުޖެހޭ،" ނީލާގެ އާޚްގެ އަޑު އިވުނެވެ.

"ހަމަ މިހާރު ރައްކާވޭ މި ތަނުން. ނުކުމެގެން ދާން އުޅޭ މިގެއިން،" އާތިފް ރުޅި އައިސްގެން ފަޅައިގެން ދިޔައެވެ.

ކުށްކުރީ އާތިވެ. ނަމަވެސް ޒުވާބުގަނޑުގެ ތެރޭގައި ނީލާ ވެސް ވަކި ތާހިރެއް ނުވިތާއެވެ. އާތިފް ވެސް ވަކި ރުޅި މަޑެއް ނޫނެވެ.

"މަ ނޫޅެމޭ ކަލެޔާ އެކު އެންމެ ހިނދުކޮޅަކު ވެސް މިގޭގައި ހުންނާކަށް. މަ ބަލާނަން ކަލެއަށް މަށާނުލައި އުޅެވޭތޯ. މޮޔަ މީހާގަނޑު. ކަލޭ ތީ ހަމަ ފައްކާ މޮޔައެއް. ބޭސްކައިގެން ނޫނީ ކަލެޔަކަށް ނޫޅެވޭނެ. ދެ ދުވަސް ވާ އިރަށް އަންނާނެ ކަލޭ. ދަރިވެސް ކަލޭ ބަލާ" ހެއްދެވި ނުހެއްދެވިއަށް ގޮވުމަށް ފަހު ނީލާ ބޭރަށް ނުކުންނަން އުޅޭހެން ހީވުމުން އަހަރެން ކުއްލިއަކަށް ކޮޓަރި ދޮރުން އެތެރެއަށް ދެމިގަތީމެވެ.

ވަރަށް ބާރަށް ދޮރުޖަހާފައި މީހަކު ގެއިން ނުކުމެގެން ދިޔަ އަޑު އިވުނެވެ. އޭރު ފަތިސް ވަނީއެވެ. އިރުކޮޅަކު ދޮރުގައި ލެނގިގެން ހުރުމަށް ފަހު އަހަރެން އައިސް ގޮދަޑިމަތީގައި ޖައްސާލީމެވެ. އަދި ފާރުގައި ބުރަކަށި ޖައްސާ ހަމަޖެހިލީމެވެ.

ނީލާ ގެއިން ނުކުމެގެން ދިޔައީ ހެއްޔެވެ؟ އާތިފް އޭނާ ގެއިން ނެރެލީ ހެއްޔެވެ؟ އަނެއްކާ އޭނާ ވަރިކުރީ ހެއްޔެވެ؟ ހާދަ ނުލަފާ އަންހެނެކެވެ. އާތިފްގެ ބޮލަށް ދަރިޖަހާފައި މިހާ ދަންވަރު ދާންކެރޭނީ ހާދަ ގޮތްކުޑަވީމައެވެ. އެއީ ނުބައި އަންހެނެކެވެ. ހިލޭ ފިރިހެނުން ވެސް ގެންގުޅޭ މީހެއް ކަމަށް އާތިފް އެ ބުނީއެވެ. ކޫޑި އަންހެނެކެވެ. ހިތާ ހިތުން އަހަރެން ނީލާ އަށް ފަތިވަރު ގޮވީމެވެ.

ލޯބި ލޯބި ނީޝް އޭރު ވެސް އެނދުގައި ނިދާފައި އޮތެވެ. ވަރަށް މައުސޫމް ހިނިތުން ވުމެއްގައެވެ. އޭނާ އެއްލާލަން ނީލާ އަށް ކެރުނީ ކިހެނެއް ހެއްޔެވެ؟ އެ ކުއްޖާ ދެކެ ކުޑަކޮށް ވެސް ނީލާ ލޯބި ނުވޭބާ އެވެ؟ ގެއިން ނުކުމެގެން އެ ދިޔައީ ކުޑަކުޑަ ކުއްޖާ އަށް ބަލާ ވެސް ނުލައެވެ.

އަހަރެން ގެއަށް އައި ފަހުން ނީޝްގެ ހުރިހާ ކަމެއް ވެސް ނީލާ ވަނީ އަހަރެންގެ ބޮލަށް ޖަހާފައެވެ. ކާންދިނުމާއި ފެންވެރުވުމާއި ނިންދެވުމާއި ހުރިހާ ކަމެއް ވެސް ކުރަނީ އަހަންނެވެ. މަދު ފަހަރަކު އޭނާއާ އެކު ކުޅެލަން ސިޓިން ރޫމްގައި މަޑުކޮށްލިޔަސް ނީލާ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ނޫނީ ރައްޓެހިންނާ އެކު ބޭރުގައެވެ. އެއީ ނީލާ ދިރިއުޅޭ ފާޑެވެ.

އާތިފް ބުނީ ހަމަ ރަނގަޅަށެވެ. އޭނާގެ ކަންކަން ވެސް ގިނައިން ކުރަނީ އަހަންނެވެ. އިސްތިރިކުރުމާއި ދޮވުމުން ފެށިގެން ގިނަ ދުވަސް ދުވަހު އާތިފަށް ކާންދެނީ ވެސް އަހަރެންނެވެ. ފަހަކަށް އައިސް އޭނާ އަށް ބަތް މޮޑެދީ އަދި އަނގަޔަށް ލަވައިދެނީ ވެސް އަހަރެންނެވެ. އަނގައިން އަނގަޔަށް ވިޔަސް ޝަކުވާއެއް ނެތިއެވެ.

އަހަރެންގެ އުމުރުން ޅަޔަސް އަދި ކިޔަވާ ކުއްޖަކަށް ވިޔަސް އަތްބެއްގެ ފަރާތުން އާތިފަށް ލިބެންޖެހޭ ހުރިހާ ލޯތްބަކާއި އަޅާލުމެއް އަހަރެން އޭނާ އަށް ދެމެވެ. އޭނާގެ އެދުންތައް ނީލާ އަށް ވުރެ މާ ރަނގަޅަށް ފުރިހަމަ ކޮށްދެމެވެ. ފާއިތު މަދު ދުވަސްކޮޅުގައި އަހަންނަށް އެކަން އިހުސާސްވި އެވެ. އާތިފްގެ ކިބައިން އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވިއެވެ. އޭނާ ބޭނުން ގޮތަކަށް ކަންކަން ކޮށްދިނުމާއި އޭނާ އަށް އަރާމާއި އުފާ ލިބޭހާ ގޮތެއް ހެދުމަކީ އަހަންނަށް ވެސް ލިބޭ އުފަލެކެވެ. އެހެން ކަމުން އޭނާ ވެސް އެކަން ބަލައިގަތެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަނީ އާތިފެވެ. އަހަރެން އެއްޗެއް ބުނުމުގެ ކުރިން އޭނާ އައިސް އަހަރެންގެ އުނގުތެރޭގައި ބޮނޑިވެގަތެވެ.

"އާތިފް ދެން ކިހިނެއް ހަދާނީ؟" އެ ގޮތުގައި އެއްޗެއް ނުބުނެ ގިނައިރުވުމުން އަހަރެން ފެށީމެވެ.

އަހަރެންގެ ސުވާލަށް އާތިފް އެއްވެސް ޖަވާބެއް ނުދެއެވެ. އެ އޮތް ގޮތަށް ގުޑިވެސް ނުލާ އޮތީއެވެ. ހާލަތު ވިސްނޭތީ އަހަރެން ވެސް ކޮންމެހެން އޭނާ އަށް އުދަނގޫ ނުކުރަން ނިންމީމެވެ. އޭނާއަށް އުނދަގޫވެދާނެތީ ގުޑިވެސް ނުލައި އަހަރެން އިރުކޮޅަކު އެހެން އިނނީމެވެ. ނަމަވެސް ފައި އައްސިވެ، ތާއްޔާ ޖެހެން ފެށުމުން އާތިފް ގައިގަ އަހަރެން ކޮއްޓާލީމެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވިއެވެ. އޭނާ އޮތީ ގަދައަށް ނިދާފައެވެ. އަހަރެން ވެސް އާތިފްގެ ހަށިގަނޑުގައި ޖެހި ފިތިގެން ރަނގަޅަށް ހަމަޖެހިލީމެވެ. ލޯބިވާ އަނތްބެއް ފަދައިންނެވެ.

******

ހޭލެވުނީ ނީޝް ރޯ އަޑަށެވެ. ދެ މީހުންނަށް ވެސް ހޭލެވުނީ އެކުއެކީގައެވެ. ކަމަކުދާކަށް ނެތެވެ. ގަޑިން 9 ޖަހަނީއެވެ. އާތިފަށް އޮފީހަށް ވެސް ނުދެވުނީއެވެ. ރޭގެ ހައިޖާނުގަނޑުގެ ތެރޭގައި އުޅެފައި ނިދުނީ ވަރަށް ލަހުންނެވެ. އަހަރެން ތެދުވެ ނީޝް ކައިރީގައި އިށީނނީމެވެ. އާތިފް ވެސް ތެދުވެގެން ނީޝް ކައިރިއަށް އައެވެ. ދެ މީހުންގެ މަސައްކަތުން އިރުކޮޅަކުން ނީޝް މައިތިރިވެއްޖެއެވެ. އެހެން ނޫނަސް މިހާރު އަހަރެން ހުންނަނިކޮށް ނީޝް އަށް އިތުރު މީހަކު ބޭނުމެއް ނުވެއެވެ. ނީލާ ވެސް އެއީ ދުރުމީހެކެވެ. ނީޝް ހުންނަނީ އަހަންނާ ހެދި މޮޔަވެފައެވެ. އޭނާގެ ބައްޕަ ފަދައިންނެވެ. ނީޝް ކައިރީގައި އާތިފް މަޑުކުރުމުން އަހަރެން ފާހާނާ އަށް ވަނީމެވެ. ފެންވަރަން ހުރި އިރު ވަރަށް ގިނަ އެއްޗެހި އަހަރެން ހިތަށް އެރިއެވެ.

ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޯލެވެލް އިމްތިހާނު ބޯމަތިވަނީއެވެ. އެއްވެސް ވަރަކަށް ފިލާވަޅެއް ދަހެއް ނުކުރަމެވެ. ނީލާ ނެތުމުން ގޭގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އަހަރެން އެކަންޏެވެ. ނީޝް ގޮވައިގެން އެކަނި އުޅެމުން ޓެސްޓަށް ދާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ޓެސްޓަށް ދާން އަހަރެން ބޭނުމެވެ. އެންމެ ކުޑަމިނުން އޯލެވެލް ނިންމަން އަހަރެން ބޭނުމެވެ. އިތުރަށް ނުކިޔެވުނަސް މައްސަލައެއް ނެތެވެ. އާތިފްގެ އަނތްބެއްގެ ގޮތުގައި އުމުރު ދުވަހު ވެސް އަހަރެން ގޭގައި ދަރިން ބަލަން އިނދެދާނަމެވެ.

ފެންވަރައިގެން އަހަރެން ނުކުން އިރު އާތިފާއި ނީޝް ކޮޓަރިއަކު ނެތެވެ. ކޮޓަރި ދޮރު ހުރީ ކޮންމެވެސް ވަރަކަށް ހުޅުވާފައެވެ. އެހެން ކަމުން ނީޝްގެ ސަކަރާތުގެ އަޑު އިވެއެވެ. އެ އަޑު އިވުމުން ހިތަށް ފިނިކަމެއް ލިބުނެވެ. އަހަރެންގެ ކުޑަކުޑަ އާއިލާ އަށް، ކުޑަ ވަގުތުކޮޅަކަށް ވިޔަސް ހަމަޖެހުމެއް ލިބުނީމައެވެ. އާތިފަށް އޮފީހަށް ދާން ހޭނުލެވުމުން ދެން އޭނާ ގޭގައި މަޑުކުރާނެ ކަމަށް އަހަރެން ނިންމީމެވެ. ރީތިވެގެން ނުކުމެ އަހަރެން ވަނީ ބަދިގެއަށެވެ. އޭރު ވެސް ނީޝް އޭނާގެ ބައްޕައާ އެކު ކުޅެން އިނނެވެ. ޕާން ޓޯސްޓްކުރުމަށް ފަހު އާތިފަށް ސައި ހެދީމެވެ. އަދި ނީޝް އަށް ބުއްތަށި ތައްޔާރުކޮށްލީމެވެ.

"ބޭބީ ހިނގާ ދޯ މިލްކް ބޯން. ބައްޕި އަންނާނެ ސައިބޮއިގެން،" އަހަރެން ނުސީދާ ގޮތަކަށް އާތިފަށް ދައުވަތު ދިނީމެވެ.

ދަންވަރު ވެދިޔަ ކަންތައްތަކާ ހުރެ އަހަރެން ހުރީ ފިނިވެފައެވެ. ލަދުވެސް ގަނެފައެވެ. ހަޑި ގޮތަކަށް ނީލާއަށް ފަޅާއެރީމައެވެ. އަހަރެމެން ދެ މީހުން އެހާލަތުގައި ތިއްބާ ތިން ވަނަ މީހަކަށް ފެނުނީމައެވެ. އަހަރެންގެ އައުރަ ނީލާ އަށް ކަސްފުވުމުންނެވެ.
އާތިފާ ހަތަރު ކަޅި ހަމަނުކޮށް ދިން ދައުވަތަށް އާތިފް އިޖާބަ ދިނެވެ. އަހަރެން ބުއްތަށި ހިފައިގެން އައުމުން އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާގެ ކޮޓަރިއަށެވެ. ހީވާ ގޮތުން ފްރެޝްވެލަންށެވެ. ނީޝް އަށް ބުއްތަށި ދިނުމުގައި އަހަރެން މަސްއޫލުވީމެވެ. އެއީ ވެސް ކުޑަވަރެއްގެ ހަނގުރާމައެކެވެ. އިރުކޮޅެއް ފަހުން މީހަކު ދޮރުގައި ޓަކި ޖަހާތީ ނީޝް އުރާލައިގެން ގޮސް އަހަރެން ދޮރު ހުޅުވީމެވެ.

"ދައްތަ ބުނަނީ ފޮށި ދެނީ،" ދޮރުމަތީގައި ހުރި މީހާ ބުންޏެވެ.

"ކީކޭ. ކާކު ބުނިއްޔޭ؟" އޭނާ ބުނި އެއްޗެއް ސާފުނުވެގެން އަހަރެން އެހީމެވެ.

"ދައްތަ ހުންނަނީނުން. ހޮސްޕިޓަލް. އެ ދައްތަ ބުނަނީ ފޮށި ދެނީ،" އެއީ ނީލާ ފޮނުވައިގެން އައި މީހެކެވެ.

އޭނާ ލައިގެން ހުރި ގަމީހުގައި އައިޖީއެމްއެޗްގެ ނިޝާން ޖަހާފައި ހުއްޓެވެ. ހީވާ ގޮތުން އެއީ މަސައްކަތު މީހެކެވެ. އޭނާ އެއައީ ނީލާ ފޮނުވައިގެންނެވެ. ނީލާގެ އަންނައުނުތައް ބަލައެވެ. ރޭގެ ރުޅިގަނޑުގައި އޭނާ ގެއިން ނުކުމެގެން ދިޔައީ ހުރި ގޮތަށެވެ. އެހެންވެ އެއްޗެހި ބަލާ ފޮނުވީއެވެ. އޭނާ މަޑުކުރަން ބުނުމަށް ފަހު ދޮރުޖަހާފައި ކުޅެން ސިޓިން ރޫމްގައި ނީޝް ދޫކޮށްލީމެވެ. ދެން އަހަރެން ދިޔައީ އާތިފަށް އެކަން އަންގާށެވެ. ކޮޓަރި ދޮރުގައި ޓަކި ޖެހީމެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވުމުން އަހަރެން ދޮރު ހުޅުވާފައި ވަނީމެވެ. އާތިފް އުޅެނީ ފާހާނާގައެވެ. ދޮރުގައި ކަންފަތް ޖެހުމަށް ފަހަރު އަހަރެން އާތިފަށް ގޮވައިލީމެވެ.

"ނީލާ ފޮނުވައިގެން މީހަކު އައިސް އެބަހުރި. އެއްޗެހި ބަލަޔޯ،" އަހަރެން އިތުރު އެއްޗެއް ބުނަންވާއިރަށް އޭނާ ދޮރު ހުޅުވިއެވެ.

އާތިފް ހުރީ ތުވާލިކޮޅުގައެވެ. އޭނާގެ ތަނަވަސް މޭމަތި ހާމައަށެވެ. ބޮލުން ރަނގަޅަށް ފެން ނުހިއްކާތީ އިސްތަށިތަކުން ފެންތިކި ފައިބަމުން ދިޔައެވެ. އެހެން ހުންނަ އިރު އޭނާގެ ފިރިހެންވަންތަކަން އަދި މާގަދައެވެ. މާ ލޯތްބެވެ. ބައްދާލާ ހިތްވެއެވެ. އާތިފް އެއްޗެއް ނުބުނެ އެ ހުރި ގޮތަށް ނުކުތީ ބޭރަށެވެ. އަހަރެން ވެސް އޭނާގެ ފަސް ފަހަތުން ބޭރަށް ނުކުތީމެވެ. ނަމަވެސް ދޮރާ ހަމައަކަށް ނުދަމެވެ. ނީޝް އަށް ބުއްތަށި ދެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ.

- ނުނިމޭ -